ޚަބަރު / ވިލާ އެއާ

ކާޑެއްދޫ އެއާޕޯޓް އަތުލުން ހުއްޓުވުމަކީ ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް: ދައުލަތް

ކާޑެއްދޫ އެއާޕޯޓު: އެތަން ސަރުކާރުން އަތުލީ ސަލާމަތީ މިންގަނޑުތަކާ ޚިލާފްވުމުން ކަމަށް ބުނެ-- ފޮޓޯ: ފްލައިޓް ފޯރަމް

ގދ. ކާޑެއްދޫ އެއާޕޯޓް ހިންގި ވިލާ ކުންފުނި ދައުލަތަށް ނެގުން މަޑުޖައްސާލަން ނެރުނު ވަގުތީ އަމުރަކީ އެއާޕޯޓް ބޭނުންކުރާ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ދައުލަތުން މިއަދު ހައި ކޯޓުގައި ބުނެފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ އެއާއަށް ކާޑެއްދޫ އެއާޕޯޓް ހިންގަން 50 އަހަރަށް ދީފައި އޮއްވައި މިދިޔަ މަހު ސަރުކާރުން ވަނީ އެތަނުގެ އެއްބަސްވުން ބާތިލްކޮށްފަ އެވެ. އެ މައްސަލަ ވިލާއިން ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން ވަނީ މައްސަލަ ނިމެންދެން، އެތަން އަތުލުން މަޑުޖައްސާލަން ވަގުތީ އަމުރެއް ނެރެފަ އެވެ.

ވަގުތީ އަމުރު ދައުލަތުން އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވިދާޅުވީ އެއާޕޯޓް އަތުލަން ސަރުކާރުން ނިންމީ އެތަން ސަލާމަތީ މިންގަނޑުތަކަށް ނުފެތޭތީ ކަމަށާއި އެކަންކަމަކީ އެއާޕޯޓް ބޭނުންކުރާ އާންމުންގެ ސަލާމަތާ ގުޅުންހުރި ކަންކަން ކަމަށެވެ. އަދި އެތަނަކީ އާންމު ވައިގެ ދަތުރުފަތުރުގައި ބޭނުންކުރާ ތަނެއްކަން ވަކީލް ފާހަގަކުރި އެވެ.

އެ އެއާޕޯޓްގައި ސަލާމަތީ މައްސަލަތަކެއް ހުރިކަން ސިވިލް އޭވިއޭޝަން އޮތޯރިޓީން ފާހަގަކުރި ކަމަށް ވަކީލް ވިދާޅުވި އެވެ. އަދި އެކަންކަން އެގޮތަށް ހުއްޓާ އެތަން އަތުލުން މަޑުޖައްސާލަން އެންގުމަކީ އާންމުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއްގެ ގޮތުގައި ވަކީލް ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ނުރައްކާތެެރި ހާދިސާއެއް ހިނގައިފި ނަމަ އެއީ އިއާދަ ނުކުރެވޭނެ ގެއްލުމަކަށް ވާނެ ކަމަށެވެ.

ވަކީލް ވިދާޅުވީ ކޯޓުން މައްސަލަ ނިމޭ ގޮތަކުން ވިލާއަށް ގެއްލުމެއް ލިބުނަސް ލިބޭނީ މާލީ ގެއްލުންތަކެއް ކަމަށާއި އެއީ އަގުކޮށްގެން ބަދަލު ދެވިދާނެ ގެއްލުންތަކެއް ކަމަށެވެ. އެކަމަކު ހާދިސާއެއް ހިނގައިގެން އާންމުންގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެ ނަމަ އެއީ އިއާދަ ނުކުރެވޭނެ ގެއްލުންތަކަކަށް ވާނެ ކަމަށާއި އެފަދަ ހާދިސާއެއް ހިނގައިފި ނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ދައުލަތުން ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

އެއާޕޯޓުގައި ސަލާމަތީ މައްސަލަތަކެއް ހުރި ކަމަށް ސިވިލް އޭވިއޭޝަނަށް ފާހަގަ ކުރެވުނުއިރު އެކަންކަން އިސްލާހު ކުރަން ކުރިން ފިޔަވަޅު އެޅުމެއް ނެތި، މުޅި އެއްބަސްވުން ބާތިލްކުރީ ކީއްވެގެންތޯ ފަނޑިޔާރުންގެ ބެންޗުން ދައުލަތާ ސުވާލު ކުރިމަތި ކުރެއްވި

ވަގުތީ އަމުރެއް ނެރޭ ނަމަ އަމުރު ރައްދުވާ ފަރާތުގެ މަސްލަހަތަށް ވެސް ބަލަންޖެހޭނެ ކަމަށް ހައި ކޯޓުން ނިންމާފައިވާ ކަން ފާހަގަ ކުރައްވައި، ވަކީލް ވިދާޅުވި ގޮތުގައި އެ އަމުރު ނުނެރުނު ނަމަ ވިލާއަށް ލިބޭނެ ގެއްލުމަށް ވުރެ، އެ އަމުރު ނެރެގެން ދައުލަތަށް ލިބޭ ގެއްލުން މާ ބޮޑު ކަމަށެވެ. އެއީ އެތައް ބައެއްގެ ފުރާނަ އާއި ސަލާމަތާ ގުޅުންހުރި ކަމަކަށް ވުމުން ކަމަށް ވަކީލް ވިދާޅުވި އެވެ.

ދައުލަތުގެ އެ ވާހަކަތަކަށް ރައްދު ދެއްވައި، ވިލާގެ ވަކީލް މަސްތޫރު ހުސްނީ ވިދާޅުވީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ފާހަގަކޮށްފައިވަނީ އެއާޕޯޓް ހިންގުން ހުއްޓާލަންޖެހޭ ފަދަ ސީރިއަސް މައްސަލަތަކެއް ނޫން ކަމަށެވެ. އެއީ އެވަރުގެ ސީރިއަސް މައްސަލަތަކެއް ނަމަ މިދިޔަ ނޮވެމްބަރު މަހު އެ އޮތޯރިޓީން ހެދި އިންސްޕެކްޝަނަށް ފަހު، އެއާޕޯޓް ބަންދުކުރަން އެ އޮތޯރިޓީން އެންގީސް ކަމަށް ހުސްނީ ވިދާޅުވި އެވެ.

އެ އޮތޯރިޓީން އެންގި ކަންކަން ވިލާ އިން ދިޔައީ އިސްލާހު ކުރަމުން ކަމަށާއި އޭގެފަހުން އެތަނުގެ ލައިސަންސް ވެސް އެ އޮތޯރިޓީން އާކޮށްދީފައިވާ ކަމަށް ހުސްނީ ވިދާޅުވި އެވެ. ވައިގެ ދަތުރު ފަތުރުގެ ސަލާމަތީ ކަންކަން ރެގިއުލޭޓްކުރާ ސިވިލް އޭވިއޭޝަން އޮތޯރިޓީން، އެ އެއާޕޯޓް ހުއްޓާލަން ޖެހޭ ފަދަ ސީރިއަސް މައްސަލައެއް އެތަނުގައި ނެތް ކަމަށް ނިންމާފައި ވަނިކޮށް ޓޫރިޒަމް މިނިސްޓްރީން އެތަނުގެ އެއްބަސްވުން ބާތިލް ކުރި ސަބަބާ މެދު އޭނާ ސުވާލު އުފެއްދި އެވެ.

ހުސްނީ ވިދާޅުވި ގޮތުގައި ވަގުތީ އަމުރު ނުނެރެފި ނަމަ ވިލާއަށް ލިބޭނީ ހަމައެކަނި މާލީ ގެއްލުންތަކެއް ނޫން ކަމަށާއި ވިޔަފާރީގެ އިތުބާރު ގެއްލި، ވިލާ ކުންފުންޏަށް އިއާދަ ނުކުރެވޭ ގެއްލުންތަކެއް ލިބޭނެ ކަމަށެވެ. އަދި އެއާޕޯޓްގައި މަސައްކަތްކުރާ 100 އެއްހާ މުވައްޒަފުންގެ ވަޒީފާއަށް އެކަމުން ހުރަސް އެޅިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލާގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ބަންޑާރަ ނައިބު އަބްދުﷲ މުއިއްޒު ވިދާޅުވީ ސިވިލް އޭވިއޭޝަނުން ފާހަގަކުރި ކަންކަން ރަނގަޅު ކުރާނެ ގޮތުގެ ޓައިމްލައިނެއް ވިލާ އިން ސަރުކާރަށް ފޮނުވި ކަމަށާއި ކަންކަން އިސްލާހު ކުރަމުން އައިސްފައިވާ ކަމަށެވެ. ސަލާމަތީ ގޮތުން ކުދި މައްސަލަތަކެއް ހުއްޓާ މުޅި އެއްބަސްވުން ބާތިލް ނުކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެއާޕޯޓުގައި ސަލާމަތީ މައްސަލަތަކެއް ހުރި ކަމަށް ސިވިލް އޭވިއޭޝަނަށް ފާހަގަ ކުރެވުނުއިރު އެކަންކަން އިސްލާހު ކުރަން ކުރިން ފިޔަވަޅު އެޅުމެއް ނެތި، މުޅި އެއްބަސްވުން ބާތިލްކުރީ ކީއްވެގެންތޯ ފަނޑިޔާރުންގެ ބެންޗުން ދައުލަތާ ސުވާލު ކުރިމަތި ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ ސިވިލް އޭވިއޭޝަނުން ފިޔަވަޅު ނޭޅީ ކީއްވެގެން ކަން ސާފުނުވާ ކަމަށާއި އެކަމަކު އެތަނުން ފިޔަވަޅު ނާޅައި، އޮތުމަކީ އެ އެއްބަސްވުން ބާތިލްކުރަން ޓޫރިޒަމް މިނިސްޓްރީ އަށް އޮތް ހުރަހެއް ނޫން ކަމަށެވެ. އަދި އެއްބަސްވުން ހަދާފައި އޮތީ ޓޫރިޒަމް މިނިސްޓްރީއާ އެކު ކަން ދައުލަތުން ފާހަގަކުރި އެވެ.

އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ހިމެނިވަޑައިގަންނަވާ ބެންޗުން ބައްލަވާ އެ މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފަ އެވެ. އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށް ފަނޑިޔާރުން އިއުލާން ކުރެއްވި އެވެ.

ވިލާގެ ޗެއާމަން ގާސިމް ވިދާޅުވެފައިވާ ގޮތުން އެއާޕޯޓް އަތުލީ ބޮޑު އިންވެސްޓްމަންޓަކާ ދިމާލަށް ދަނިކޮށެވެ.

15 ކޮމެންޓް, 42 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 10%
icon angry icon angry 79%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުރިހާ މީހުންނަށް

08 February 2017

މިދައުރުގަ ކުރާ ނުވަތަ ވެވޭ އެއްބަސްވުމުގަ އެއްވެސް ގެރެންޓީ އެއް ނެއްކަމާމެދު އަދިވެސް ޝައްކު ކުރަނީ ދޯ ނިކަން ހޭލަ ބަލަ ހުރިހާ މީހުން

The name is already taken The name is available. Register?

ނަތާ

07 February 2017

މޯލްޑިވިއަން އެއާލައިނުގެ ހާލަތު ތިޔައްވުރެ މާދައް. ޢެކަމައް ފިޔަވަޅެއް ނޭޅިގެން މިއުލެނީ ކީއްވެބާ

The name is already taken The name is available. Register?

އުމަރު

07 February 2017

ކޮން ނުރައްކަލެއްތޯ؟ ދައުލަތް ހިންގީމަތޯ ނުރައްކަލަކަށްނުވަނީ؟

The name is already taken The name is available. Register?

ޢަލީ

07 February 2017

ދައުލަތުގެ އިހުލާސްތެރިކަމެއްނެތް ކަން ނޫސްކިޔާލުމުން އެނގިގެންދޭ ސިވިލްއޭވިއޭޝަނުން ކަމެއްއިސްލާހު ކުރަންބޭނުން ނަމަ އެކަން ކުރާނީ ސިވިލްއޭވިއޭޝަނުން ދައުލަތުން ވަކިމީހަކައް ގެއްލުންދޭގޮތައް ކަންކޮއްގެން ނުވާނެ ސިވިލްއޭވިއޭޝަނުން ހުރިހާ ވައިގެ ބަނދަރުތަކެއް މޮނިޓަކުރަމުން ދަނީ އެކަށީގެންވާގޮތައް މީގެތެރެޔައް ސިޔާސީ ވެރިންވަދެ ރަެްޔިތުންގެ ހިތްތަކުގަ ބިރުވެރިކަން އުފައްދަނީ ފެބުރުއަރީ 7 ގަ ގާސިމު ވަރެއްނެތް މިސަރުކާރަކައް މިހާރު އެބޭފުޅާގެ ވިޔަފާރިވެސް މުދަލެއްވެސް ބުނާބަސްވެސް މިސަރުކާރަކައް ކަމަކު ނުދޭ ދެންވެސް ޖޭޕީގެ މީހުން މިފަދަ ސަރުކާރެއް ފަހަތުން ނުދުވާނީ

The name is already taken The name is available. Register?

ފިތުނައާއި ހަސަދަ

07 February 2017

މަށަށް ހީވަނީ ވިލާއާ ހަވާލުވި ފަހުން ކާޑެއްދޫ އެއާރޕޯޓްގެ މުވައްޒަފުންގެ މުސާރަ ބޮޑުވުމާއި، އެތަނުގެ ވުވައްޒަފުން އަރާމު ފެރީ ދޯނީގައި ދަތުރުކޮށް ހަދާތީ އާއި، އަދި އެ ތަނަކީ ސިޔާސީ ޖަގަހަ އަކަށް ނުހަދާ އޮންނާތީ ހަސަދަވެރިވާ ބަޔަކު އަޑީގަ ތިބެގެން ކުރާ ކަމެއްހެންމީ....ވަރަށް ސަލާން.

The name is already taken The name is available. Register?

ސުހޭލު

07 February 2017

އަޅުގަނޑަކީ ތިނަދޫ މީހެކެވެ. އަޅުގަނޑުގެ މައުލޫމާތު ކުށް ކަމުގާ ނުވާނަމަ ވިލާއިން ކާޑެއްދޫ އެއާރޕޯޓް ހިންގަންފެށީ 2014 ގައެވެ. އަޅުގަނޑަށް ފާހަގަ ކުރެވޭ ގޮތުގަ އެއާރޕޯޓުގެ ހިދުމަތްތަށް ކުރިއަށްވުރެ މިހާރު މާފުރިހަމައެވެ. އެކަން އެނގެނީ މާލެދާން ކާޑެއްދުއަށް އެރީމައެވެ. ކުރިން ނެތް ލަގޭޖް ސްކްރީނިން މެޝިންވެސް މިހާރު އެބަހުއްޓެވެ. ކުރިން ނުހުންނަ ރަންވޭގެ ވަށާ ފެންސް ވެސް މިހާރު ފެނެއެވެ. އެކި އެކި ސްޓާފުންގެ ފަރާތުން ކުރިން އަޑުއިވޭ ގޮތުގަ އެއާރޕޯޓުން ވަރަށް ގިނައިން ކަރަށްޓު ކެޑެއެވެ. އިންޖީނުތަކުގެ ކެޕޭސިޓީ ދަށްކަމުން. އެކަމު މިހާރު އެ އަޑެއްވެސް ނީވެއެވެ. ހީވަނީ ވިލާއިން އެކަން ހައްލުކުރީ ހެނެވެ. ދެން ދައުލަތުގެ ވަކީލު މި ދައްކަނީ ކޮން ސަލާމަތީ ކަމެއްގެ ވާހަކައެއްކަމެއް ނޭންގެއެވެ.

The name is already taken The name is available. Register?

ކޮމެންޓޭ

07 February 2017

ކޯޓުގެ ރިމޯތު އޮތް މީހެއްވެސް މިފަހަރު އިނގިދާނެ

The name is already taken The name is available. Register?

މޮޔަ މީހާ

07 February 2017

މީގެން މި އެނގެނީ މީހަކު އަތުން އެއްޗެއް އަތުލާން ބޭނުންވެއްޖެ ނަމަ މޮޔަވާހަކަވެސް ދައްކަފާނެކަމެވެ. ބަލަ ސިވިލް އޭވިއޭޝަނުން އޯޑިޓްކޮށްފަ އަބަދުވެސް ރަނގަޅުކުރަން ހުރި ކަންކަން އިސްލާހުކުރަން ފޮނުވާނެއެވެ. ދެން އެއާރޕޯޓްތަކުން ޖެހޭނީ އެ ބުނާ ޓައިމްލައިނެއްގަ އެކަންކަން އިސްލާހުކުރާށެވެ. ނުވަތަ ސަލާމަތީ ގޮތުން އިސްލާހު ކުރަންޖެހޭ ކަމަކީ ވަރަށް ސީރިއަސްކަމެއްނަމަ ވަގުތުން އެއާރޕޯޓް ބަންދުކުރާނެއެވެ. އެކަހަލަ އެއްވެސް ކަމެއް ނުހިނގަނީސް ކުއްލިއަކަށް ޓޫރިޒަމުން މި ބުނަނީ އެއްބަސްވުން ބާތީލް ކުރީއޭ. އެކަމު ސިވިލް އޭވިއޭޝަންގެ ބޮލުގަ އަޅުވާފަ. މީ ހާދަ މަޖާ ކަމެކެވެ.

The name is already taken The name is available. Register?

ކުޑަ ހަސަނު

07 February 2017

ކޯޓުތަކުގައި ކުޑަކުޑަ ކުދީން ވަކީލުންނަށް ފުނުވައިގެން ތިޔަކަހަލަ ހަމަނުޖެހޭ ވާހަކަ ދެއްކީމާ ރައްޔިތުންގެ މެދުގައި ރައީސް ޔާމީންގެ އަގު ވެއްޓޭނީއެވެ. އޭވިއޭޝަން ދާއިރާގެ މީހުން މިކަހަލަ ކަންތަކަށް ވަރަށް ޖޯކުޖަހާ މަލާމާތްކުރާނެއެވެ. ދައުލަތުގެ ވަކީލު ތި ދެއްކި ވާހަކައަށް ގދ. އަތޮޅު މީހުންވެސް ޖޯކު ޖަހާނެއެވެ.

The name is already taken The name is available. Register?

ރަޓުމީހާ

07 February 2017

ވިލާއަށް ތިތަން ލިބުމުގެ ކުރިން ރައީސް ވަހީދުގެ ސަރުކާރުގައި ތި އެއާރޕޯޓް އޮތީ ވަރަށް ހަޑިވެފައެވެ. ބޮޑު ވަލަކަށް ވެފައެވެ. ނަމަވެސް މިހާރު ބޯޓުން ފައިބައިގެން ދޯންޏަށް އަރަށް ދާއިރު ވަރަށް ސާފުވެފައި ހިތްގައިމެވެ. ކުރިން ނަޖިސްފެފަވާ ފާހާނާތަށްވެސް ސާފުވެފައި ބޭނުން ކުރަށް ހިތްފަސޭހައެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454