މާލެ މަގުމަތިން ފެނުނު ކަންޒުކަހަނބު، އެ ފެނުނު މީހާގެ އަތްމަތީގައި.-- ފޮޓޯ: އީޕީއޭ
07 ނޮވެމްބަރ 2023 - 10:43
މާލޭ މަގުމަތިން ފެނުނު ކަންޒުކަހަނބެއް، އޭގެ އާބާދީ ބޮޑު ކ. ކާށިދު އަށް ގެންގޮސް ދޫކޮށްލައިފަ އެވެ.
ކަންޒުކަހަނބަކީ ނެތިގެން ހިނގައިދާނެ ކަމުގެ ބިރަށްޓަކައި 1993 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރުމެކެވެ. އެ ވަނީ ރާއްޖޭގެ ރެޑް ލިސްޓުގައި ވެސް ހިމަނައިފަ އެވެ.
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި ކަންޒުކަހަނބު މާލެ މަގުމަތިން ފެނުނީ މި ހަފުތާގެ ކުރީކޮޅުގައި ކަމަށެވެ. ބަޔަކަށް އެ ފެނިގެން ހިމާޔަތްދީ، އީޕީއޭ އަށް ރިޕޯޓް ކުރީ ކަމަށް އެ އެޖެންސީން ބުންޏެވެ.
"މި ކަންޒުކަހަނބު ފެނުމުން މިއަށް ރައްކާތެރިކަން ދިން އާއިލާ އަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން،" އީޕީއޭ އިން ބުންޏެވެ.
މާލެ މަގުމަތިން ފެނުނު ކަންޒުކަހަނބު: އެ މިހާރު ވަނީ ކަށިދު އަށް ގެންގޮސް އޭގެ މާހައުލަށް ދޫކޮށްލައިފައި.-- ފޮޓޯ: އީޕީއޭ
އެނގިފައިވާ ގޮތުގައި، އެ ކަންޒުކަހަނބު ފެނުނީ ހެންވޭރު އާޓިފިޝަލް ބީޗު ސަރަހައްދާ ދިމާލުން މަގުމަތިންނެވެ.
އީޕީއޭ އިން މިހާރު ވަނީ އެ ކަންޒުކަހަނބު ގެންގޮސް، ކާށިދޫގެ ޗަސްބިމުގެ ސަރަހައްދަށް ދޫކޮށްލައިފަ އެވެ.
ކާށިދު އަށް މި ކަންޒުކަހަނބު ގެންދިއުމުގައި އެ ރަށަށް ދަތުރުކުރާ ސްޕީޑް ލޯންޗު، ވެލާ އެކްސްޕްރެސް އާއި ކާށިދޫ ކައުންސިލް އިދާރާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށް އީޕީއޭ އިން ބުންޏެވެ.
މާލެ މަގުމަތިން ފެނުނު ކަންޒުކަހަނބު ކާށިދުއަށް ގެންދިއުމަށް ފޮއްޓަކަށް ލައިފައި.-- ފޮޓޯ: އީޕީއޭ
އީޕީއޭ އިން ވަނީ ގޭގޭގައި ކަންޒުކަހަނބު ގެންގުޅޭ ނަމަ، އެ އިދާރާ އަށް ރިޕޯޓްކުރަން ވެސް އެދިފަ އެވެ. އަދި މިގޮތަށް އިތުރު ކަންޒުކަހަނބު ފެނިފައިވާ ނަމަ ވެސް ރިޕޯޓްކުރުމަށް އެދުނެވެ.
ކާށިދޫގެ ޗަސްބިމުގެ ސަރަހައްދަކީ ރާއްޖޭގައި ކަންޒުކަހަނބު އެންމެ ގިނައިން ފެންނަ ތަނެވެ. ކަންޒުކަހަނބަކީ މިހާރު ވަރަށް މަދުން ނޫނީ ރާއްޖެއިން ނުފެންނަ ދިރުމެކެވެ. ސަރުކާރުން ވަނީ 2021 ވަނަ އަހަރު ކާށިދޫގެ ކަނޑޫފަލާއި ކުއްޅަވައްފަލާއި ކަށިކޭލާއި ރުކުގެ މުއްސަނދިކަން ލިބިފައިވާ އެ ސަރަހައްދު ހިމާޔަތްކޮށްފަ އެވެ.
ގިނަ އަދަދެއްގެ ކަނބިލި ވެސް ދިރިއުޅޭ އެ ސަރަހައްދަކީ ކަންޒުކަހަނބުގެ މައިގަނޑު ކާނާ ކަމަށްވާ ކަށިކޭލާއި ބޯކޭލާއި ކުއްޅަވަކާއި މާރުނަ ވިނައިން މުއްސަނދި ސަރަހައްދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިނާރާ
07 November 2023
އިއްޔެ ނެރުނު ގަވައިދުގައޮތީ ތިކަހަލަ އެއްޗިއްސާ ކާރިނުވާށޭ ކާރިވެވޭ ވަކިދުރުމިންތަކެއްދީފަހުރީ. މިއަދު އެއޮތީ ގަވައިދާހިލާފަށް މީހަކު އޭތި އަތަށް ނަގައިގެންހުރި ފޮޓޯއެއް ޖަހާފަ.
އުފާވާނެ
07 November 2023
ކަހަނބު ކާށިދޫއަށް ގެންދިއައީ ވެލާ އެކްސްޕްރެސްގަ..
ގުރާ
07 November 2023
މަގުމަތީގަ އުޅޭ ބުޅާތައްވެސް ގެންދެބަލަ ހެޔޮނުވާނެ!
އީޕީއޭ
07 November 2023
މާހިރުގެ ނަންބަރު އެންމެންނަށް އެނގުނީ ތި!
ރަދީފުލް ކުމާރު
07 November 2023
މީ ކަންޒުކަހަބަކާ މުސަޅެއް ރޭސްޖަހާތަން ކުޑަކުދިންނަށް ދައްކާލަން ރަނގަޅު ފުރުސަތެއް.
ފުހި
07 November 2023
މިއަދު ދުނިޔޭގެ ހާލަތުމީ އިންސާނުން އިންސާނުންނައް ކުރާ ގަދަރައްވުރެން އިންސާނުން ޖަނަވާރުންނައްކުރާ ގަދަރު ހާސްތަނުން އިތުރެވެ.
ބައްޕީލެހެރީ
07 November 2023
ތީވަރަށް ބޮޑުވެއްޖެކަމެއް. މާލޭގަ މިހާރު ވަރަށް ފާޑުގެ ފަނިފަޚުޒު ގެންގުޅޭ. ހުކުރުގަޑީ ނަމާދުގައި ތިބޭއިރު ފާޑުފާޑުގެ ދޫނި ގޮވާއަޑުވެސް ވަރަށް އިވޭ. ބިރުވެސް ގަނޭ. އެއްދުވަހު ހެނދުނު ބާދުގަދަ ބިރުވެރި އަޑަކަށް ހޭލެވިގެން ދޮރުގެ ޕީޕްހޯލްއިން ބަލާއިރު ދޮރުމަތީ ބޮޑު ސިންގާއެ ރުޅިގަދަވެސްގެން ދެކޮޅަ ދެކޮޅަށް ހިގާލަހިގަލަ ނެތިއްޔާ ކިތަންމެހާ ރަގަޅު.
ޕަންޖާސަރާ
07 November 2023
މާލޭގެ މަގުމަތީވީމަ. ވެމްކޯއިން ކުނިނަގާ ގަޑި އެހެން ގަޑިއަކަށް ބަދަލްކުރަންވީނުން. މީހާރު ކުނިނަގަން އެމީހން ނުކުންނަނީ އެންމެ ޕީކުގަޑިގަ، ސުކޫލްތަކާ އޮފީސްތަކުން މީހުން ނިމޭގަޑިއަށް. އެއީ މަގުމަތި އެންމެ ބާރުބޮޑުއިރު. މުޅިމާލެ ކުނިވަހުން އެއްވަސްވެފަ. ޓްއަރިސްޓްވެސް ތިބެނީ ބޯސަކަރާތްވެފައި. ކުނިލޮރިގެ އަޑު އެހާގަދަ. ދުވަހަކު ތެޔޮކޮޅެއްވެސް ޖަހާނުލަނީ ކަންނޭގެ. ހަވީރުގަޑި އޮލިންޕަސްކައިރި އަދި ފޯރިއޮންނަނީ، ހީވަނީ ސަލާމަތްނުވެގެން އުޅޭހެން.
ޕެނިކުފަރީދާ
07 November 2023
މާލޭ މަގުމައްޗެއް ބުނީމަ ބިރުގަނޭ. ހިގަފައިދާއިރު ބައެއްފަހަރު ސިއްސުމެއްގައި ބުރައިގެން އެބަދޭ ދިހަވަރަކަށް ފޫޓްދުރަށް. ހަމައިން ނެއްޓިފައި އޮތްގަލެއްގައި ފައިވިދިގެންގޮސް. އަޑިގުޑަން އެހާބޮޑު. ހުސް ފެންކޯރު. ކުނިއުކާފަ. ކުނިވަސް އެތަންމިތަނުން. ވަކިގޮތަކަށް ނެތީމަ ވެމްކޯގެ މޭންޑޭޓުން ބޭރުވީމަ އެމީހުން އަޅައެއްނުލާ. އަލިފާން ފޮއްޓެއްވަރުވާ ކަޑަ ހުޅުވައިގެން ހުންނަ މީހާވެސް ޕެެލެޓްއަޅައިގެން ޕާކިން ޒޯނަށް ވެރިވެގެން. ހުސް މައްސަލަ.
ވަކުންޖު
07 November 2023
އަހަރެން ކަންބޮޑުވަނީ ގޯޅިތަކުންދާއިރު ގައިގަ ބޮލުގަ ޖެހޭ ފެންތިކިތަކާހެދި. މައްޗައް ބަލާއިރު އެއްވެސް އޭސީއެއްގެ އައުޓްޑޯ ޑްރެއިނޭޖު ހޮޅިއެއްނުހުރޭ، އޭގެން އަންނަފެން ދަނީ ދާނެތަނަކަށް. ބައެއްފަަހަރު ބެލްކަނިންވެސް އާދޭ އޮލަކޮށް ހުންނައެއްޗެއް ކުޅުކަންނޭގެ. އެކަމަކު ކުޅު އެގޮތައްޖަހައިގެން ނުވާނެދޯ. ޓީބީވެސް ހުރެދާނެދޯ. މިކަން ހައްލުވެއްޖެއްޔާ ހިގާބިގާވެ އުޅޭމީހުންނަށް ފަސޭހަވަނެކަންނޭގެ.