ދުނިޔެ / އިޒްރޭލު-ހަމާސް ހަނގުރާމަ (2023)

އެމެރިކާ އާއި އިޒްރޭލު ނުރުހުނަސް، ގާޒާގައި އޮންނާނީ ހަމާސްގެ ބާރު

08 ނޮވެމްބަރ 2023 - 13:30

4 comments

ގާޒާ (ނޮވެމްބަރު 8) - އެމެރިކާ އާއި އިޒްރޭލުން ބޭނުންވިޔަސް އަދި ނުވިޔަސް، ކުރިމަގުގައި ވެސް ޣައްޒާގައި އޮންނާނީ ހަމާސްގެ ބާރު ކަމަށް އެ ޖަމާއަތުން އިއްޔެ ބުނެފި އެވެ.

ހަމާސް އިން މި މޭރުމުން އެމެރިކާ އާއި އިޒްރޭލަށް ރައްދު ދިނީ، ޣައްޒާގައި އިޒްރޭލު ސިފައިން މިހާރު ކުރަމުންދާ ހަނގުރާމަ ނިމޭއިރު، ޣައްޒާގައި ހަމާސްގެ އަސްކަރީ އަދި ސިޔާސީ އެއްވެސް ބާރެއް ނޯންނާނެ ކަމަށް އިޒްރޭލުން ބުނުމާ ގުޅިގެންނެވެ. އޭގެ އިތުރުން، ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި މިހާރު އޮތް، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްގެ ސަރުކާރު އޮތީ، ޣައްޒާގެ އިދާރީ ހިންގުމާ ހަވާލުވާން ތައްޔާރަށް ކަމަށް އެމެރިކާ އިން ބުނެފައި ވަނިކޮށެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި، ހަމާސްގެ ސިޔާސީ ގޮފީގެ މެންބަރު ޣާޒީ ހަމަދު ވިދާޅުވީ ޣައްޒާގެ ކުރިމަގުގައި ހަމާސް އަށް އެއްވެސްގެ ޖާގައެއް ނޯންނާނެ ކަމަށް އެމެރިކާ އާއި އިޒްރޭލުން ވާހަކަ ދެއްކުމުން އެނގެނީ، ޣައްޒާގައި މިހާރު ކުރަމުންދާ ހަނގުރާމައިގައި އިޒްރޭލަށް ކާމިޔާބު ނުލިބޭ ކަމެވެ. އަދި އެވާހަކަތަކަކީ، ހަމާސްގެ ސިޔާސީ އަދި އަސްކަރީ ގާބިލުކަމަށް އެމެރިކާ އާއި އިޒްރޭލު އިއުތިރާފްވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިޒްރޭލުން ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިން އެއްވެސް ކުރިއެރުމެއް އިޒްރޭލަށް ނުލިބޭކަން މުޅި ދުނިޔެ އަށް މިހާރު ސާބިތުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އާންމު ރައްޔިތުން ގަތުލުކޮށް ހޮސްޕިޓަލުތަކާއި މަދަނީ އިމާރާތްތައް ސުންނާފަތިކުރުން ފިޔަވައި އިތުރު ކަމެއް އިޒްރޭލަށް ހާސިލު ނުވުމުން މިހާރު އެ ދިމާކުރީ ޣައްޒާގެ ކުރިމަގު ބައްޓަންކުރާނެ ގޮތެއް ރާވަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމެރިކާ އާއި އިޒްރޭލަށް ލިބިފައިވާ ކަމަށް ބުނާ ރީތި ނަމާއި އެމީހުންގެ ސިފައިންނާއި އެމީހުންގެ އަސްކަރީ އާލާތްތައް، ޣައްޒާގައި ކޮންމެ ދުވަހަކު އެދަނީ ނެތެމުން ހަލާކުވަމުން. އިޒްރޭލުން އަމިއްލަ އަށް ލިބިގަނެގެން އެ އުޅޭ ހައިބަތު މިހާރު އެއޮތީ އަބަދަށްޓަކައި ފުނޑުފުނޑުވެފައި، އެ ހައިބަތެއް ދެން ދުވަހަކު ވެސް އަނބުރާ ނުލިބޭނެ،" ޣާޒީ ހަމަދު ވިދާޅުވި އެވެ.

"ޣައްޒާގެ ކުރިމަގު ބައްޓަން ކުރުމާއި ކަނޑައެޅުމަކީ ހަމައެކަނި ފަލަސްތީނު ރައްޔިތުންނަށް އޮތް ހައްގެއް. އިޒްރޭލާއި އެމެރިކާ ރުހުނަސް ނުރުހުނަސް ޣައްޒާގެ ކަންކަމުގައި ބަސް ބުނާ ބައެއްގެ ގޮތުގައި ހަމާސް އަބަދުވެސް ދެމިއޮންނާނެ. ހަމާސް އަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ ހައްގު ހޯދުމަށް، އަދި އަޅުވެތިކަމާ ދެކޮޅަށް ފަލަސްތީނުގެ މިނިވަން ހަރަކާތުން ކުރާ ވަތަނީ މަސައްކަތުގެ އެއްބައި."

އޭނާ ވިދާޅުވި ގޮތުގައި ޣައްޒާގެ ކުރިމަގު ބައްޓަންކުރުމަށް އިޒްރޭލާއި އެމެރިކާ ކުރާ މަސައްކަތުގައި ބައިވެރިވާނެ ބަޔަކު ފަލަސްތީނުގައި ނުއުޅޭނެ އެވެ. އަދި ފަލަސްތީނުގައި އުޅޭ އާރެއް ބާރެއް ނެތް ބަޔަކު، އެކަމުގައި އެމެރިކާއާ ބައިވެރިވިޔަސް، މީގެ ކުރިން ވެސް އެމެރިކާ އިން ރޭވި އެފަދަ ރޭވުންތައް ފަނުފުލުން ދުއްވައިލި ފަދައިން، ފަލަސްތީނު ރައްޔިތުން މިފަހަރު ވެސް އެކަން އެ ގޮތަށް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޣާޒީ ހަމަދު ވިދާޅުވި ގޮތުގައި އެމެރިކާ މަސައްކަތް ކުރަނީ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ނޫން ކަމަށާއި އެމެރިކާގެ އަމާޒަކީ އިޒްރޭލުގެ މަސްލަހަތު ހިމާޔަތް ކުރުން ކަން، ފަލަސްތީނުގެ އެންމެ ތުއްތު ކުއްޖާ ވެސް ދަނެ އެވެ. އަދި އެމެރިކާ އާއި އިޒްރޭލުން މަސައްކަތް ކުރަނީ، ޣައްޒާ އިން ފަލަސްތީނު މީހުން ނެރެ ހުސްކޮށްލައިގެން އިޒްރޭލުގެ ސަލާމަތީ ރައްކާތެރިކަން ކަށަވަރުކުރަން ކަން ވެސް ފަލަސްތީނު ރައްޔިތުން ދަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޣައްޒާ އަބަދުވެސް އޮންނާނީ އިޒްރޭލަށް ބޯނުލަނބާ ތަނެއްގެ ގޮތުގައި. ޣައްޒާގެ ރައްޔިތުން މަސައްކަތް ކުރާނީ އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް. ޣައްޒާ އަބަދުވެސް އޮންނާނީ އެމެރިކާ އާއި އިޒްރޭކުގެ ކަރުގައި ތާށިވެފައިވާ ކައްޓެއްގެ ގޮތުގައި."

އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލުގެ އަޅުވެތިކަމުގެ ދަށުގައި ޣައްޒާ ބޭއްވުމަކީ މުސްތަހީލު ކަމެއް ކަން، އޮކްޓޫބަރު 7 ވަނަ ދުވަހު ހިނގައި ދިޔަ ކަންތަކަށް ފަހުގައި މުޅި ދުނިޔެ ވެސް ގަބޫލު ކުރެ އެވެ. އަދި އެ ދުވަހު ޣައްޒާއާ ދެކޮޅަށް އިޒްރޭލު ސިފައިން ފެށި ހަނގުރާމައިގައި އާންމު ރައްޔިތުން ގަތުލުކުރުން ފިޔަވައި އިޒްރޭލަށް ހޯދުނު ކުރިއެރުމެއް، ނުދެއްކެވޭނެ ކަމަށް ވިދާޅުވެ އޭނާ ވަނީ ބޮޑުވަޒީރު ނަތަންޔާހޫ އަށް ގޮން ޖައްސަވައިފަ އެވެ.

ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލު ސިފައިން ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި، މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.

އިޒްރޭލުން ޣައްޒާގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ 33 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 10300 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 26800 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 5000 އަށް ވުރެ ގިނަ ކުޑަކުދިންނާއި 2900 އަށް ވުރެ ގިނަ އަންހެނުން ހިމެނޭ އިރު، ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 2300 އަށް ވުރެ މަތިވެފަ އެވެ.

އިޒްރޭލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ޒުވާނުން ހަރަކާތްތެރިވާން ފެށުމުން، އިޒްރޭލު ސިފައިން ހުޅަނގު އައްސޭރި އަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ 160 އަށް ވުރެ ގިނަ މީހުން ޝަހީދުވެ އިތުރު 2350 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.

އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1700 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 7200 އަށް ވުރެ މަތިވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންގެ 348 މީހަކާއި ފުލުހުންގެ 69 މީހަކު ވެސް ހިމެނެ އެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހާލު ސީރިއަސްވެފައިވާ 200 އަށް ވުރެ ގިނަ މީހުން ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ތެރެއިން ހައްޔަރުކޮށްފައިވާ 242 މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.

4 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިރާސާ

08 November 2023

ފަލަސްތީނުގެ އެތެރޭ ހަމަޖެހުން ރަނގަޅުނަމަ ތިވަރަށް އާންމުން ހަނގުރާމައިގައި ޝަހީދު ނުވާނެ. ހަމާސް އާއި ފަތަހައިގެ ކޯޅުން ހުއްޓެން އެބަޖެހޭ. ހަމާސް ޖަމާއަތުން ފަލަސްތީނުގެ އާންމުން ބިންގަރާސްތަކަށް ލައި ، ނޫނީ އެހީވާ ގައުމުތަކުގެ އެއްބާރުލުމާއި އެކީ އެހެންގައުމުތަކުން ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ފަހު ހަމަލާތައް ބަދަލު ކުރަން ފެށި ނަމަ ގެއްލޭ މައުސޫމު ފުރާނަތައް މަދުވާނެ. އިޒުރޭލު ކިބައިން ފަލަސްތީން މިނިވަން ކުރައްވާށި އާމީން...

The name is already taken The name is available. Register?

ނަޒީރ

08 November 2023

ހަނގުރާމައަކަށްވުރެ ބޮޑަށް ތިޔައީ ގައްޒާގެ ރައްޔިތުން މެރުމަށް ހިންގާ ލާއިންސާނީ ބޮޑުޖަރީމާއެކެވެ. ގަތުލުއާއްމެކެވެ. އުޅެވުނު ހާލެއްގައި އުޅުނު މައުސޫމު ތުއްތު އެތައް ކުދިންނެއް ޝަހީދުކޮށްލައިފިއެވެ. އެތައް މައިންނާ މުސްކުޅިންނާ އެތައް ބައެކެވެ.

The name is already taken The name is available. Register?

ޔހދދުނިޔެ

10 November 2023

ދުނިޔެ އޮތީ ހެވިފައި ބަލާށެވެ. ޖަމިއްޔާ ހެވިފަ އަތްޖަހާށެވެ. ސަރުކާރުތައް ނޫސް ބަޔާންތައް ނެރޭށެވެ. އެކަން ހުއްޓުވާނެ އަދި ހުއްޓުވޭނެ ބަޔަކު ނެތެވެ.. ކިތަންމެހާވެސް ދެރައެވެ.

The name is already taken The name is available. Register?

އީޖާޒް އެންޑް ހާފިޒް

08 November 2023

ސާބަހޭ ދަރިންނޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454