މާވިން އާއި ލަމްހާ: ލަމްހާގެ ފައިގައި ޓެގް އެޅުވުމަށްފަހު ބަންދުން ދޫކުރަން ވަނީ އެދިފައި
14 ނޮވެމްބަރ 2023 - 14:03
އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާގެ ފައިގައި ޓެގް އެޅުވުމަށް ފަހު އޭނާ ބަންދުން ދޫކޮށްދޭން އޭނާގެ ފަރާތުން ކްރިމިނަލް ކޯޓުގައި މިއަދު އެދެފި އެވެ.
އޮކްޓޫބަރު، 2021 ގައި އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އަދި އިންޖެކްޝަންތަކެއް ގެންގުޅުނު ކަމަށް ބުނެ އިތުރު ދެ ދައުވާއެއް ވެސް އޭނާގެ މައްޗަށް ކުރެ އެވެ.
އެ މައްސަލާގައި އެ ދެ މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ މާވިން އާއި ލަމްހާގެ ބަންދުކުރި ހާލަތަށް ބަދަލެއް އައިސްފައި ނުވާތީ ބަންދަށް ލުޔެއް ދޭން ނުޖެހޭނެ ކަމަށެވެ.
ނަމަވެސް ލަމްހާގެ ވަކީލް ވިދާޅުވީ މުޖްތަމައުގެ ހައްގުގެ އިތުރުން ފަރުދީ ހައްގުތަކެއް ވެސް ހިމާޔަތް ކުރަން ޖެހޭ ކަމަށެވެ. އަދި ލަމްހާގެ ސިއްހީ މައްސަލަތަކެއް ވެސް އެބަހުރި ކަމަށާއި އަދި ޖަލުގައި މިހާރު ފަރުވާ ހޯދަމުންދާ ކަމަށް ވަކީލް ވިދާޅުވި އެވެ.
ވަކީލް ވިދާޅުވީ މުޖްތަމައުއަށް ނުރައްކާ ކުޑަވާނެ ގޮތަށް ލަމްހާ ބަންދުން ދޫކުރެވިދާނެ ކަމަށެވެ. އެގޮތުން ވަކީލް އެދިވަޑައިގަތީ ލަމްހާގެ ފައިގައި ޓެގް އެޅުވުމަށްފަހު ޝަރުތުތަކާ އެކު ބަންދުން ދޫކޮށްދިނުމަށެވެ.
ނަމަވެސް ދައުލަތުން ބުނީ ޓެގް އެޅުވުމަށްފަހު ބަންދުން ދޫކުރުމަކީ ޖިނާއީ އިޖްރައާތުގެ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ.
ރައްދުގައި ލަމްހާގެ ވަކީލް ވިދާޅުވީ މަރުގެ މައްސަލައެއްގައި ދައުވާލިބޭ ބަޔަކު ޓެގް އެޅުވުމަށްފަހު ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމުމުން އެ މައްސަލަ އިސްތިއުނާފް ވެސް ކޮށްފައިނުވާ ކަމަށެވެ. އެހެންވެ، ޓެގް އެޅުވުމަށްފަހު ދޫކޮށްލުމުގެ ފުރުސަތު އޮތް ކަމަށް ވަކީލް ވިދާޅުވި އެވެ.
މާވިންގެ ވަކީލުން ވިދާޅުވީ ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބުނާގޮތަށް ކޮންމެ 30 ދުވަހަކުން އެއް ފަހަރު ބަންދު މުރާޖާ ކޮށްފައިނުވާ ކަމަށެވެ. އަދި މީގެކުރިން އެގޮތަށް އަމަލު ނުކޮށް ތިބީ ގާނޫނާ ހިލާފަށް ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.
ދައުލަތުން ބުނީ ބަންދަށް ބަދަލު ގެންނަން ޖެހޭތޯ ބެލުމުގައި ކުރިން އަމަލުކުރީ ޕީޖީ އޮފީހުން އަމިއްލައަށް ކަމަށް މުރާޖާކުރާ އުސޫލުން ކަމަށެވެ. ނަމަވެސް މިހާރު ބަންދު މުރާޖާ ކުރަނީ ލިޔުމުން ކޯޓަށް ފޮނުވައިގެން ކަމަށް ދައުލަތުން ބުންޏެވެ.
އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ ބަންދަށް ލުޔެއް ދިނުމާ މެދު ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ތިން ހެއްކެއްގެ ހެކިބަސް ނަގާފައިވެ އެވެ. އެއީ އައިޖީއެމްއެޗްގެ ނަރުހެއްގެ ހެކިބަހާއި ދެ ފުލުހެއްގެ ހެކިބަހެވެ. އަދި އިތުރު ހެކިންގެ ހެކިބަސް ނަގަން ހަމަޖައްސާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުން
15 November 2023
ޒިޔަތާއި އަދީބުވެސް ދޫކޮށްލީނުން ..ދޫކޮށްލާ މީނަވެސް.ޗޯރު.
މަރުޖާނު
15 November 2023
ދިވެހިދައުލަތުން ބިލިޔަނުން ވައްކަން ކުރުން ސާބިތުވެ 33 އަހަރަށް ޖަލުހުކުމެއްގައި ހުރި މީހަކަށް ރައީސް މާފުދިނުން ކުއްވެރި ކުރި އެއްވެސް މަޖްލިހުގެ މެމްބަރެއް ނެތް. އެއްވެސް ޕާޓީއެއްނެތް. އަދިވެސް ގައުމިއްޔަތޭ އަދުލުއިންސާފޭ އެއްބައިވަންތަ ކަމޭ ގޮވާނަގާ.
ަސޭޑް
15 November 2023
ބޮޑެތި މުޖުރިމުން (ހާއްސަކޮށް މަރުގެ މައްސަލައެއްގައި) މުޖުތަމައަށް ދޫކޮށްގެންނުވާނނެ.
މިވަރުކަމެއް
14 November 2023
ތަޙްޤީޤަށް ހައްރުކޮށް މައްސަލަ ޝަރީއަތަށް ނުފޮނުވާ ޖަލުގައި ބެހެއްޓމަކީ އަނިޔާއެއް. މިފެންނަނީ ސަރުކާރެއްގެ ނުކުޅެދުންރެރިކަން. ޕޮލިސް ކޮމިޝަނަރގެ އިހުމާލުން ތަޙްޤީޤު ނުނިމެނީ. ބޮޑެތި މުސާރަދީފައި ބޭތިއްބުނުގެ ބޭނުނެއް ކޮބާ.
ނަތަންޔާހޫ
14 November 2023
ތިކަންތައް ތި ނިމުނީ. މަރުވި ކުއްޖާ އަކީ ދިވެއްސެއް ނޫން. މައްސަލަ އަވަސްކުރާކަށް އާއިލާގެ ޕުރެޝާއެއް ވެސް ނޯންނާނެތާދޯ؟
ބޮޑުމީހާ
14 November 2023
ލަމްހާވެސް ބަހައްޓާނެކަމެއް ނެތް. ޖަލުގައި ތިބެންޖެހޭނީ ރިހާކުރުފުޅި ނެގި ކަހަލަ ނިކަމެތިން. މީހުން މަރާ މީހުންނާއި، ބިލިއަނުން ވައްކަންކުރާ މީހުން ޖަލުގައި ބޭތިއްބުމަކީ ގައުމަށް ވެވޭ ޚިޔާނާތެއް. ޖަލުގައި ތިބެގެން މިފަދަ މީހުންގެ ހިދުމަތް ދިވެހިންނަަކަށް ނުލިބޭނެ
ލަމްހާ މާވިން
14 November 2023
ދޫކޮށްލާ! ހުރިހައި ކުށްވެރިން ދޫކޮށްލާފައި ވެރިކަމުން ފައިބާތި އިބުރާހިމު! މީހުން މަރާ މީހުންނާ، ވައްކަން ކުރާ މީހުންނާ، ރޭޕްކުރާ މީހުންނާ، މަސްތުވާތަކެތި ބޭނުން ކުރާ މީހުން ދޫކޮށްލާފައި ކުށެއް ނުކޮށް ތިބި އެންމެން ޖަލަށްލާންވެސް ހުކުމް ކޮށްލާތި!
އަލްމުދިޝް
14 November 2023
ވެރިންގެ ވަދާއީ ގާނޫނު ތަންދޭ ހުރިޙާކަމެއް ހާސިލްކުރަން ކޯޓްތަކަށް އަންގަނީ އެވެ. ޓެގް އަޅުވާނީ ނަމަކަށް އޮންނާނީ ދަބަހުގައެވެ. މިލިނަރުން ކެމްޕެއިނަށް އެހީވީތީ ހައްޔަރު ކުރި މީހުން ނަށް މަތީކޯޓްގެ އެންމެ މަތީ ފަރާތުން އެވަނީ ލުއިދީދީނުން މިނިވަން ކޮށްފައެވެ . މީތި ހަމަޔަކަށް ނާޅުވާ ކޮރަޕްޝަނާއި މަރުގެ ކުށްތަށް އިސްލާހެއް ނުވާނެވެ.
ިއިމާން
14 November 2023
ޓެގް އަޅުވާފަ ތަޅާ ރޯނާގަންނަވާލަން ވީ، އޭރުން ދެން ތިބި ބަޔަކަށް ވެސް އިބްރަތަކަށް ވާނީ
ާއެޗް އެމް
14 November 2023
މާވިން އާ ދިމާނުވިނަމަ ލަމްހާ މިއަދު ބަންދުގަ ނުހުރީސް. ލަމްހާ ކްރުމިނަލަކަށް ތިޔަވީ އެކަން އެގޮތަށްވާން މާހައުލާ ވަގުތު މަޖުބޫރު ކުރުވީމަ. އަދިވެސް ކަން ދިމާވާ ގޮތަކުން މިނިވަންވެދާނެ. އަދީބު ވެސް މިހާރު އެވަނީ ދީބުގަ މިނިވަނަކަށްވެފަ.