ދުނިޔެ

ޣައްޒާގެ ޝިފާ ހޮސްޕިޓަލަށް ޔަހޫދީ ސިފައިން ވަދެގެންފި

ޝިފާ ހޮސްޕިޓަލްތެރޭގައި ބަލި މީހުން އެއްތަނަކަށް ޖަމާކޮށްފައި.

15 ނޮވެމްބަރ 2023 - 10:19

5 comments

ފަލަސްތީނުގެ ޣައްޒާގެ އުތުރުކޮޅުގައި ހުންނަ އައް-ޝިފާ ހޮސްޕިޓަލު ހިސާރުކޮށްގެން ތިބޭތާ ފަސް ދުވަސް ފަހުން، ފުރިހަމަ ހަތިޔާރާ އެކު އިޒްރޭލު ސިފައިން ރޭ އެ ހޮސްޕިޓަލަށް ވަދެގަނެ، ތަންތަން ބަލައި ފާސްކުރަން ފަށައިފި އެވެ.

އިޒްރޭލު ސިފައިން ޝިފާ ހޮސްޕިޓަލަށް މި ވަދެގަތީ، މިހާރު އެ ހޮސްޕިޓަލަކީ ގަބުރުސްތާނެއް ކަމަށާއި ސިއްހީ ޚިދުމަތް ދޭ ތަނެއްގެ އެއްވެސް ސިފައެއް އެ ހޮސްޕިޓަލުން މިހާރު ނުފެންނަ ކަމަށް، މިދިޔަ ހޯމަ ދުވަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފައި ވަނިކޮށެވެ. ޝިފާ ހޮސްޕިޓަލުގެ ހާލަތު އެ ދަރަޖައަށް ދިޔައީ، އިޒްރޭލު ސިފައިން އެތަން ހިސާރުކޮށް، އެތަނަށް ވަދެނުކުތުމާއި އެއްވެސް އެއްޗެއް ވެއްދުން މަނާކުރުމާ ގުޅިގެން، ޖަނަރޭޓަރުތަކުން ތެޔޮ ހުސްވެ ކަރަންޓު ކެނޑުމުން އެ ތަނުގައި އެއްވެސް ޚިދުމަތެއް ދެވޭ ގޮތް ނުވުމުންނެވެ.

ޝިފާ ހޮސްޕިޓަލަށް ވަދެގަންނާނެ ކަން އިޒްރޭލު ސިފައިންގެ ފަރާތުން ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާ އަށް އެންގީ ރޭގެ މެންދަންވި ފަހުންނެވެ. އެކަން އެންގުމަށް ފަހު، ޝިފާ ހޮސްޕިޓަލުގައި ތިބި ޑޮކްޓަރުންނަށް އެންގީ، އެ ތަނުގައި ތިބި ހުރިހާ ބަލިމީހުން މަގުމައްޗަށް ނެރުމަށެވެ.

ނަމަވެސް އެކަމަށް ޑޮކްޓަރުން އެއްބާރުލުން ނުދިނުމުން، ހޮސްޕިޓަލުގެ ގޯތި ތެރެއަށް ކަރުނަގޭސް ޖެހި އެވެ. އަދި ހޮސްޕިޓަލުގެ މައި ދޮރޯށި ތެރެއަށް ދުން ބޮންތަކެއް ގޮއްވައިލުމަށް ފަހު، އިޒްރޭލުގެ ޓޭންކުތަކާއި ބުލްޑޯޒަރުތަކުން ޖައްސައި ހޮސްޕިޓަލުގެ ދޮރޯށި ވައްޓައިލުމާ އެކު އިޒްރޭލު ސިފައިން ހޮސްޕިޓަލުގެ ގޯތި ތެރެއަށް ވަދެގަތީ އެވެ.

ޣައްޒާގެ ހޮސްޕިޓަލުތައް ބަލަހައްޓާ އިދާރާގެ ޖެނެރަލް ޑިރެކްޓަރު ޑރ. މުނީރުލް ބަރްޝް ވިދާޅުވި ގޮތުގައި އިޒްރޭލު ސިފައިން ވަދެގަތުމަށް ފަހު އެންމެ ފުރަތަމަ ވެސް ބަލައި ފާސްކުރީ އެ ހޮސްޕިޓަލުގައި ވަކިވަކިން ހުންނަ ހަ އިމާރާތުގެ ބޭސްމަންޓުތަކެވެ. ނަމަވެސް ހޮސްޕިޓަލުގެ ތެރޭގައި ހަމަލާ ބަދަލުކުރާ އަޑެއް މިހާތަނަށް ނުއިވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު މުހައްމަދު އަބޫ ސަލްމިއްޔާ ވިދާޅުވި ގޮތުގައި ޓޭންކުތަކާއި ބުލްޑޯޒަރުތައް ހޮސްޕިޓަލުގެ ގޯތި ތެރެއަށް ވަނުމަށް ފަހު، ހޮސްޕިޓަލުގެ ތެރޭގައި ތިބި އެންމެން ދޮރުތަކާއި ކުޑަދޮރުތަކާއި ފެންލައިޓްތަކާ ދުރުގައި ތިބުމަށް، އަޑުގަދަކުރާ އިން ގޮވި އެވެ. އެއަށް ފަހު، ހަމާސްގެ ހަނގުރާމަވެރިން ތިބި ތަންތަން ބަލައި ފާސްކުރު ހޮސްޕިޓަލުގެ ވަކި ތަންތަނަށް ވަންނާނެ ކަން އެންގުމަށް ފަހު، ފުރިހަމަ ހަތިޔާރާއެކު އިޒްރޭލު ސިފައިން ވަދެ ތަންތަން ބަލައި ފާސްކުރަން ފެށި އެވެ.

އިޒްރޭލު ސިފައިން ބުނި ގޮތުގައި އެމީހުން ޝިފާ ހޮސްޕިޓަލަށް ވަނީ، އެ ތަނުގެ ތެރޭގައި ހަމާސްގެ ހަނގުރާމަވެރިންނާއި އިސްލާމިކް ޖިހާދު ޖަމާއަތުގެ ހަނގުރާމަވެރިން ފިލައި ތިބިކަން ޖާސޫސީ މައުލޫމާތުން ކަށަވަރުވާތީ އެވެ. އަދި އެ ހޮސްޕިޓަލުގެ ބިމު އަޑީގައި ހަނގުރާމަވެރިންގެ ބިންގަރާސްތައް ހުރުމުން ކަމަށް ވެސް އިޒްރޭލުން ބުނެ އެވެ.

ޝިފާ ހޮސްޕިޓަލަށް އިޒްރޭލު ސިފައިން ވަދެގަތީ، އެ ހޮސްޕިޓަލުގެ އަޑީގައި ހަމާސްގެ ހަނގުރާމަވެރިންގެ ބިންގަރާސްތަކެއް ހުރި ކަމުގެ ޖާސޫސީ މައުލޫމާތު ލިބިފައިވާ ކަމަށް އެމެރިކާ ސަރުކާރުން ވެސް ބުނެފައިވަނިކޮށެވެ. ނަމަވެސް އެމެރިކާ އާއި އިޒްރޭލުގެ އެ ތުހުމަތުތައް، ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތުން ވެސް ދޮގު ކުރެ އެވެ.

ހަމާސް އިން ބުނި ގޮތުގައި އެމެރިކާ އިން އެފަދަ ވާހަކަތަކެއް އެ ފެތުރީ، އިޒްރޭލު ސިފައިން ރާވާފައިވާ ގޮތަށް އެ ހޮސްޕިޓަލު ތެރެއަށް ވަދެ ބޭނުން ގޮތަކަށް ކަންތައް ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. އެހެންކަމުން ޝިފާ ހޮސްޕިޓަލަށް ވަދެގަނެ އިޒްރޭލު ސިފައިން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކުގެ ފުރިހަމަ މަސްއޫލިއްޔަތު އެމެރިކާ އިން އުފުލަންޖެހޭނެ ކަމަށް ހަމާސް އިން ބުންޏެވެ.

އެ ހޮސްޕިޓަލުގައި ތިބި ޑޮކްޓަރުންނާ ހަވާލާދީ ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އިޒްރޭލު ސިފައިން ވަދެ ތަންތަން ބަލައި ފާސްކުރަމުން ދާއިރު، އެ ހޮސްޕިޓަލުގައި މިހާރު ވެސް 650 އަށް ވުރެ ގިނަ ބަލިމީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިންނާއި، އަލަށް އުފަންވި ތުއްތު ކުދިން ވެސް ހިމެނެ އެވެ.

އޭގެ އިތުރުން، ގެދޮރު ގެއްލުމުގެ ސަބަބުން ޣައްޒާގެ އެކި ހިސާބުތަކުން، ވަގުތީ ބޯހިޔާވަހިކަމެއް ހޯދުމަށް ވަދެ ތިބި 5000 އާއި 7000 އާ ދެމެދުގެ އަދަދެއްގެ އާންމު ރައްޔިތުން ވެސް އެ ހޮސްޕިޓަލުގައި އެބަ ތިއްބެވެ. އަދި ސިއްހީ ޚިދުމަތްތެރިންގެ 1000 އަށް ވުރެ ގިނަ މީހުން ވެސް އެ ހޮސްޕިޓަލުގައި އެބަތިއްބެވެ.

އެއިން އެއްވެސް މީހަކު ހޮސްޕިޓަލުން ނުކުތަނުދީ، އިޒްރޭލު ސިފައިން އެ ހޮސްޕިޓަލު ހިސާރުކޮށްގެން ތިބޭތާ ފަސް ދުވަސް ވެފައިވާ އިރު، ކަރަންޓު ކެނޑި ބޭހާއި ސިއްހީ ސާމާނު ނެތުމުން ޚިދުމަތް ދެވޭނެ ގޮތެއް ނެތެވެ.

މިދިޔަ ފަސް ދުވަހުގެ ތެރޭގައި ޝިފާ ހޮސްޕިޓަލަށް އިޒްރޭލު ސިފައިން އެކި ފަހަރުމަތިން ދިން ހަމަލާތަކުގައި މަރުވި އެތައް ބައެއްގެ ހަށިގަނޑުތައް، ހޮސްޕިޓަލުގެ ގޯތިތެރޭގަ އާއި ހޮސްޕިޓަލުގެ ވަށައިގެންވާ މަގުތަކުގައި ހުރެ ކުނިވަމުން ދާއިރު ވެސް އެ ހަށިގަނޑުތައް ނަގައި ވަޅުލުމުގެ ފުރުސަތެއް އިޒްރޭލު ސިފައިން ނުދެ އެވެ.

ނަމަވެސް އޭގެ ތެރެއިން 179 މީހެއްގެ ހަށިގަނޑު އިއްޔެ ހަވީރު ވަނީ ހޮސްޕިޓަލުގެ ގޯތިތެރޭގައި ބޮޑު ވަޅުގަނޑެއް ކޮނެ ވަޅުލައިފަ އެވެ. ޝިފާ ހޮސްޕިޓަލުން ބުނި ގޮތުގައި އެ ތަނުގެ ގޯތިތެރޭގައި މީހުންތައް ވަޅުލާން މަޖުބޫރުވީ، އެ ހަށިގަނޑުތައް ގަބުރުސްތާނަށް ގެންދިއުމަށް އިޒްރޭލު ސިފައިން ފުރުސަތު ނުދިނުމުން، އެހަށިގަނޑުތައް ކުނިވެ މުޅި ހޮސްޕިޓަލުގެ ތެރެއަށް ކުނިވަސް ފެތުރެމުން ދާތީ އާއި ކުއްތާތައް އައިސް އެ ހަށިގަނޑުތައް ވީދައިގެން ކާތީ އެވެ.

ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް ދިން ހަމަލާތަކުގެ ގާތްގަނޑަކަށް 95 އިންސައްތަ ހަމަލާއަކީ، އާންމުން ދިރިއުޅޭ އިމާރާތްތަކަށް ދިން ހަމަލާތަކެވެ. އެ ހަމަލާތަކުގައި ޣައްޒާގެ 42000 ހައުސިން ޔުނިޓް ބިމާ ހަމަކޮށްލާފައިވާއިރު، އިތުރު 223000 އަށް ވުރެ ގިނަ ހައުސިން ޔުނިޓް ވަނީ، ބޮޑު މަރާމާތަކަށް ފަހުގައި ނޫނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލައިފަ އެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާގެ ޖުމްލަ ގެދޮރުގެ ގާތްގަނޑަކަށް 60 އިންސައްތަ އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، އޭގެ ތެރެއިން ބައެއް އިމާރާތްތައް ވަނީ، އަލުން އިމާރާތްކޮށްގެން ނޫނީ ބޭނުން ނުކުރެވޭ ވަރުވެފަ އެވެ. އަދި ގިނަ އިމާރާތްތައް މިހާރު ހުރީ ބޮޑެތި މަރާމާތުތަކަކަށް ބޭނުންވެފަ އެވެ.

އާންމުން ދިރިއުޅޭ ގެދޮރު ސުންނާފަތިކޮށް ޣައްޒާގެ އާންމުން މެރުމަށް އިޒްރޭލު ސިފައިން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކުގެ ސަބަބުން، ޣައްޒާގެ ޖުމްލަ އާބާދީގެ ދެ ބައިކުޅަ އެއްބަޔަށް ވުރެ ގިނަ (1.5 މިލިއަން މީހުން) މިހާރު ތިބީ ވަންނާނެ ގެދޮރެއް ނެތި މަގުމަތިވެފަ އެވެ. ޣައްޒާގައި 2.2 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިރު، އިޒްރޭލުން ވަނީ ކަރަންޓާއި ބޯފެނުގެ ޚިދުމަތް ކަނޑާލައި، ޣައްޒާ އަށް ކާބޯތަކެތި އެތެރެކުރުން މަނާކޮށްފަ އެވެ.

ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލު ސިފައިން ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި، މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.

އިޒްރޭލުން ޣައްޒާގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ 39 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 11500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 29300 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޒަޚަމްވި މީހުންގެ 70 އިންސައްތަ އަށް ވުރެ މަތީ ނިސްބަތަކީ އަންހެނުންނާއި ކުޑަކުދިންނެވެ. ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 3600 އަށް ވުރެ މަތިވެފަ އެވެ.

އިޒްރޭލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ޒުވާނުން ހަރަކާތްތެރިވާން ފެށުމުން، އިޒްރޭލު ސިފައިން ހުޅަނގު އައްސޭރި އަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ 190 އަށް ވުރެ ގިނަ މީހުން ޝަހީދުވެ އިތުރު 2570 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. އަދި 2400 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްގެން ޖަލަށް ގެންގޮސްފަ އެވެ.

5 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 67%
icon angry icon angry 22%
icon wow icon wow 11%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަބބީހު

16 November 2023

އިޒުރޭލްގެ އައިޑީއެފް އަކީ ދުނިޔޭގެ އެއްމެ ވަރުގަދަ އަށް ޓުރެއިން ވެފަ އޮންނަ ފައިޓިންގ ފޯސް. ހަގުރާމަ ކާމިޔާބު ވުމާ ނުވުން ބިނާވަނީ ލަޝްކަރުތަކުގެ ގާބިލު ކަމާއި ރޭވުންތެރި ކަމުގެ މައްޗައް. އިޒުރޭލު ކުރިމަތި ލި ހުރިހައި ހަގުރާމަ އަކުން އަރަބިން ބަލި ކުރި. ހަގުރާމައިގައި ހިފޭ ބިންތައް ކާމިޔާބު ވާބަޔަކު އަމިއްލަ ކުރޭ. އަހަރުމެން މުސްލިމުންނަށް ކާމިޔާބު ވެފަ ހުރި ހަގުރާމަ ތަކުގަ ވެސް ބިންތަށް ވެރި ކުރީ މުސްލިމުން.

The name is already taken The name is available. Register?

ސައިފު

16 November 2023

މަށަށް ހީވަނީ ދިވެހިންނަށް މިއަދުގެ ރިއަލިޓީ އެގެން އެބަޖެހޭހެން. ޖަޒުބާތުގަ ޖެހި މިންވަރަށް އީމާންވުމަށް ވެސް ދެކޮޅު ހެދޭހެން އެބަހީވޭ.

The name is already taken The name is available. Register?

އަލްމުދިޝް

15 November 2023

މީގެ ކުރިން ގާޒާއަށް ނޭރޭނެ ކަމަށް އަރަބި ލީޑަރުން ހަރުއަޑުން ގޮވަމުން ދިއައިރު މިހާރު މުޅި ގައުމުތެރޭ ގައި އަތްފުނާ އަޅަމުން ދާއިރު ކޮބާހެއްޔެވެ؟ 1947 ކާއި މިފަހުގެ ޒަމާނާ އަޅާކިޔޭވަރެއް ނޫނެވެ . އެއިރުވެސް 70000 ހާހުން 12000 ހުން މުސްލިމުން ވަނީ މަރާފައެވެ. މީ ބާރުއޮވެ ސައުދީ ޖާހިލުން ގެ ނާތަހުޒީބު ކަމުން މެދުއިރުމަތި ފަނާވާން ދިނުމެވެ.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

15 November 2023

ނަތަންޔާހޫ ކަލޭ ވިސްނައިގެން އުޅެއްޗޭ.އަހަރެން ކޮންމެވެސް ދުވަހަކުން ކަލޭ ހުރިތަނަކުން ހޯދާނަން. އޭގެ ފަހުން ކަލޭގެ މައްޗަށް ހުކުމް ތަންފީޒުކުރާނީ އަހަރުމެން ދިވެހިން.

The name is already taken The name is available. Register?

ހާކާލިބުރުވާލި

15 November 2023

ރަދީފޫ..އެނުލަފާ ޖައްބާރު ކަލޭގެ ކިބައިން ބަދަލު ހިތްޕަވާނީ މާތްﷲ..އެވެސް މުޅި ދުނިޔެއަށް އިބުރަތަކަށް ވާފަދަ ގޮތަކަށް..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454