މިއަދުގެ އަޑުއެހުމުގައި ޔާމީން ބައިވެރިވެ ވަޑައިގަންނަވަނީ: އެ މައްސަލާގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ވަނީ ނިންމާލާފައި
21 ނޮވެމްބަރ 2023 - 19:46
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ.
ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވާއިރު، އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ކުށުގައި ތިން އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެ މައްސަލަ ދެ ބޭފުޅުންގެ ފަރާތުން ހައި ކޯޓުގައި ވަނީ އިސްތިއުނާފްކޮށްފަ އެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީންގެ ވަކީލް އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް ވިދާޅުވީ އާރަށް ކުއްޔަށް ދޭން ޔާމީން ފޯނު ގުޅުއްވައި އިރުޝާދު ދެއްވި ކަމަށް ދައުލަތުން ބުންޏަސް، އެކަން ސާބިތުކޮށް ދެވޭނެ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށެވެ. އަދި އިކޮނޮމިކް ކައުންސިލްގެ ލިޔުންތަކާއި ރައީސް އޮފީހުގެ ލިޔުންތަކުގައި ވެސް ޔޫސުފް ނައީމަށް އާރަށް ކުއްޔަށް ދޭން ޔާމީން އެންގެވިކަން އެނގެން ނެތް ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ އެކަމުގައި ޔާމީން ނުފޫޒު ފޯރުވިކަން ސާބިތުކުރަން ދައުލަތުން ހުށަހެޅީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ކަމަށް ވާއިރު، އެ މީހުންގެ ހެކިބަހަށް ބުރަދަން ނުދެވޭނެ ކަމަށެވެ. އަދި އެ މީހުންގެ ބަހަށް ބާރު ދޭނެ އިތުރު ހެއްކެއް ނެތް ކަމަށް ޖަމީލް ވިދާޅުވި އެވެ. އެހެންވެ، އެކަމުގައި ޔާމީން ނުފޫޒު ފޯރުވިކަން ސާބިތު ނުވާ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވި ގޮތުގައި ޔޫސުފް ނައީމްގެ ފަރާތުން ޔާމީނަށް ދެއްވި ފައިސާއަކީ ވިޔަފާރީގެ މުއާމަލާތެކެވެ. އަދި އެކަމަށް ބާރު ދޭނެ ދިފާއީ ހެކިން ތިބިއިރު، އެ މީހުންގެ ހެކިބަސް ނަފީ ކުރެވޭނެ ހެއްކެއް ނެތް ކަމަށް ޖަމީލް ވިދާޅުވި އެވެ. އަދި ދައުލަތުގެ ހެކިތައް ނަފީ ކުރެވޭނެ ހެކި ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައި ވަނިކޮށް އެ ހެކިތަކަށް ބުރަދަން ނުދެވޭނެ ސަބަބެއް ނެތް ކަމަށާއި އަދި ދައުލަތުގެ ދައުވާ ސާބިތުވާނެ ހެއްކެއް ނެތް ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ޔާމީން ބައިވެރިވެ ވަޑައިގަންނަވަނީ
ދައުވާ ސާބިތު ކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ވާއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތަށް ވީތީ ކަމަށް ބުނެ އުސޫލުތަކުން ބޭރުން ޔާމީންގެ މައްޗަށް ކުށް ސާބިތު ކުރަން ފުރުސަތު ދެވިގެން ނުވާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ. އަދި ޖިނާއީ ދައުވާއަކީ ކުރެވޭ ސަމާސާއަކަށް ވެގެން ނުވާނެ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ. އެކަންކަން ފާހަގަކޮށް، އޭނާ އެދިވަޑައިގަތީ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ބާތިލްކޮށް ދިނުމަށެވެ.
ޔޫސުފް ނައީމްގެ ވަކީލުން ވިދާޅުވީ ރަށް ދޫކުރީ އެމްއެމްޕީއާރުސީން ކަމަށް ވާއިރު، އެކަމާ ޔާމީނާ އޮތް ގުޅުމެއް ދައުލަތަށް ބުނެ ނުދެވޭ ކަމަށެވެ. އަދި ރިޝްވަތުގެ ކުށް ފުރިހަމަ ވާނީ ރަސްމީ ހައިސިއްޔަތު އޮތް ފަރާތަކަށް ރިޝްވަތު ދިނުމުން ކަމަށާއި ނަމަވެސް ރަށްތައް ދޫކުރުން ފަދަ ކަންކަމަކީ އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީގެ ޒިންމާއަކަށް ވާތީ އެކަމާ ޔާމީނާ ނުގުޅުވޭނެ ކަމަށް ވަކީލުން ވިދާޅުވި އެވެ.
ރައްދުގައި ދައުލަތުން ބުނީ ޔާމީނަށް ލިބިވަޑައިގަތް ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތުގެ ތެރެއިން ލިބިވަޑައިގަތް ފައިސާ ކަމަށް ބުންޏަސް، އެކަންކަން ތަހުގީގު މަރުހަލާގައި ޔާމީން ފާހަގަ ކުރައްވާފައި ނުވާ ކަމަށެވެ. އަދި ތަހުގީގު މަރުހަލާގައި ޔާމީން ބޭނުން ކުރެއްވީ ހަނު ހުރުމުގެ ހައްގު ކަމަށާއި އެހެންވެ، ޔާމީންގެ ދިފާއުއާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށް ދައުލަތުން ބުންޏެވެ. އަދި ދިފާއީ ހެކިންގެ ވާހަކަތަކުގައި ސުވާލު އުފެދޭ ކަންކަން އެބަހުރި ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނީ ވަޒީރުން ކުރާ ކޮންމެ ކަމަކަށް ރައީސް ޒިންމާ އުފުލަން ނުޖެހުނަސް، ރައީސްގެ ނުފޫޒު އެކަމުގައި ފޯރާފައިވާނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ. އަދި ޔޫސުފް ނައީމްގެ ހިއްސާ އޮތް ކުންފުންޏަކަށް އާރަށް ދޫކުރަން ޓޫރިޒަމް މިނިސްޓަރަށް ޔާމީން އެންގެވި ކަމަށާއި އެހެންވެ، އެއްބަސްވުމުގައި ސޮއިކުރީ އެހެން ފަރާތަކުން ކަމަށް ވިޔަސް އެކަމުގައި ޔާމީންގެ ރަސްމީ ހައިސިއްޔަތެއް އެބައޮތް ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނިގޮތުގައި ޓޫރިޒަމްގެ ބޭނުމަށް އާރަށް ދޫކުރަން ނިންމިއިރު، އެރަށް ޔޫސުފް ނައީމްގެ ހިއްސާ އޮތް ކުންފުންޏަކަށް ދޭން އަދީބަށް ޔާމީން އެންގެވި ކަމަށާއި އޭގެ ސަބަބުން ރަސްމީ ހައިސިއްޔަތެއް އެކަމުގައި އުފަންވެފައިވާ ކަމަށް ދައުލަތުން ބުންޏެވެ. އަދި އާރަށުގެ އެއްބަސްވުމުގައި ސޮއިކުރި ދުވަހު ޔާމީނަށް ފައިސާ ލިބިވަޑައިގަތްއިރު އެ ފައިސާއާ ގުޅޭގޮތުން ދެ ބޭފުޅުން ބޭންކަށް ދެއްވި މައުލޫމާތު ދިމާނުވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނީ އަދީބާއި ޒިޔަތަކީ ޔާމީނާ މެދު ރުޅިވެރިކަމެއް އޮތް ބައެއް ކަމަށް ބުންޏަސް، އެ މީހުންގެ ބަހަށް ބާރު ލިބޭ އެހެން ހެކިތައް އެބަހުރި ކަމަށެވެ. އެހެންވެ، ޔާމީނަށް ލިބިވަޑައިގަތް ފައިސާއަކީ އާރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި ލިބިވަޑައިގަތް ފައިސާ ކަމަށް ބަލަން ޖެހޭނެ ކަމަށް ދައުލަތުން ބުންޏެވެ. އެކަންކަން ފާހަގަކޮށް، ދައުލަތުން އެދުނީ ޔާމީނާއި ޔޫސުފް ނައީމްގެ މައްޗަށް އިއްވާފައިވާ ހުކުމް ދަމަހައްޓައި ދިނުމަށެވެ.
ތިން ގަޑިއެއްހާއިރަށް ދިގުދެމިގެންދިޔަ މިއަދުގެ އަޑުއެހުން ނިންމާލައްވަމުން އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.
ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއު އެވެ.
ޔާމީން މިވަގުތު ހުންނެވީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނުބޭ2
22 November 2023
ރައީސް ޔާމީނަކީ މާތްބަހުން ދަންނަވާނަމަ "ވަގު ފުޅެއް" އެއީ ކޯޓުން އެހެން ކަނޑައެޅީމަ. ޕޮލިހުން ސުވާލު ކުރީމަ ބިރުން ހަނުހުރީ ކީއްކުރަންހޭ؟ އަޅުގަނޑުކައިރީ އަހާބަލަ އޭ ހަސަނާ ކަލޭގެ ބޭންކުގަ އެއީ ކޮން ފައިސާއެއްހޭ. އަޅުގަނޑު ހަމަ ވަގުތުން އަލިފުން ޔާއަށް ކިޔައިދޭނަން. ކޮން ހަނެއް؟ އެހިސާބުންވެސް ޔަޤީން ދޯ؟
ސުންދުސް
22 November 2023
ޑރ. ޖަމީލްމެން ޔާމީން ސަލާމަތްކުރުމަށް ހެކި އުފައްދައިގެން ޔާމީނު ބްލެކް ހޯލަކަށް ލާފަ އެހުރީ. ދެން ސަލާމަތްވާނެ އެއްވެސްގޮތެއް ނެތް. ޔާމީން ވައްކަން ނުކުރިނަމަ ޔާމީނަށް ސަލާމަތްވެވުނީސް.
ސިލްމާ ޒާހިރު
22 November 2023
15 މިލިޔަށް 420 ހާސް ރުފިޔާ އަތުން ގުނެ ނިންމާލިކަމަށް ހެކިވެރިޔާ ނަރީޝް ބުނީ. އޭރު 1،000 ނޫޓް ވެސް ނުނެރޭ. ހެކިވެރިޔާ އަކަށް އޭނާ ދޫވެއްސަށް ދިޔައީ ދުވާލުކަމެއް ރޭގަނޑުކަމެއް، މޫސުން ގޯސް ނުވަތަ މޫސުން ރަނގަޅު ދުވަހެއް ކަމެއް ހަނދާނެއްނެތް. ފައިސާގެ ކިތައް ބޮނޑިކަމެއް ލަފާއަކަށް ވެސް ހަނދާނެއްވެސް ނެތް. ފައިސާ ގުނީ ސިޓިންގރޫމްގައި އިށީނދެ އިނދެގެންތޯ ނުވަތަ ކޮޅަށް ހުރެގެންތޯ އެހުމުން ވެސް ހަނދާނެއްނެތް. ހެކިބަސް ދެވޭނީ ހަނދާން ހުންނަ މީހަކަށް.
ހާމިދު ޝާހިދު
22 November 2023
ޔާމީން އަށް މުއީޒޫގެ އެއްވެސް ނުފޫޒެއް ނެތި މި ނޮހޮރުއްޕާނުން ސަލާމަތް ވެވަޑައިގަންވާންދޭވެ! އާމީން! އެމަނިކުފާނަކީ ހަގީގަތުގައި މި ޤައުމުގެ ތަރައްޤީ ގެ ބާނީ! މުއީޒޫ އާއި ޔާމީން އާ އަޅާ ކިޔައިފިނަމަ އުޑާ ބިމާހާ ތަފާތުވާނެ. މުއީޒޫ އޮޕަރޭޓް ކުރަމުންދަނީ އޭނާ ވަށައިގެން އުޅޭ ކުޑަ ކުދިންތަކެއް ބުނާގޮތަށް!
މޫސާކުއްދާ
22 November 2023
ޔާމީނުގެ ބޭންކް އެކައުންޓް ތަކުގައި ހުރީ ކިހިނެއް، ކޮންތާކުން ހޯދި ފައިސަައެއްކަން ދޮގެއް އޭގައި ނުހިމެނޭގޮތަށް ޚުދް ޔާމީނަށްވެސް ބުނެ ނުދެވޭނެ. އެކިފަހަރު އެކިގޮތަށް އެވާހަކަވެސް ޝަރީއަތުގެ މަޖްލިސްގައި ދައްކާފައިވޭ. މި ދައްކަނީ މަދު ލާރިކޮޅެއްގެ ވާހަކައެއް ނޫންވިއްޔާ! ވެރިކަމަށް ހޮވިއްޖެއްޔާ މުސާރައިގެ ދެބައިކުޅަ އެއްބައި ނުނަގާނެ ވާހަކަ ދައްކާފަ ވެރިކަމަށް އައިސް ލިބޭ އެތިކޮޅުން ދެކޮޅު ނުޖެހޭތީވެ ފުލް މުސާރަ ނަގަން ފެށިކަންވެސް ފާހަގަކޮއްލަން.
އަލީމު
21 November 2023
"ޖަމީލް ވިދާޅުވި ގޮތުގައި ޔޫސުފް ނައީމްގެ ފަރާތުން ޔާމީނަށް ދެއްވި ފައިސާއަކީ ވިޔަފާރީގެ މުއާމަލާތެކެވެ" ބަލަ ޖަމީލުކަލޭތިކިޔަނީކީކޭ؟ ޔާމީނަކީ ވެރިކަންކުރަން ރައްޔިތުން ހަވާލުކޮށްފަހުރި މީހެއް. އަމިއްލަ ވިޔަފާރި ކުރުން އަދި ޑޮލަރު މާރުކުރުމުގެ ވާހަކައެއް ނޯވޭ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ތެރޭގަ!!!
ފޮނިޓައްޕު ހަސަނު
21 November 2023
ކޮންމެ އަކަސް ޔާމީނު މިހާރު އެހެރީ ސިޔާސީ ގޮތުން ނޭވާ ހޮލިއަށް އެޅިފައި، އެކުގައި އުޅުނު މިތުރުން މިހާރު ބަދަލު ވަމުން އެދަނީ ހަތުރުންނަށް. ޖަލުހުކުމުން ސަލާމަތް ވުމާއި ނުވުން އޮތީ 50/50 ޗާންސެއްގެ ގޮތުގައި. ޔާމީނު ރައީސް މައުމޫނަށް ޖެއްސި ހާލު މިހާރު ތިޔަ ޖެހުނީ އަމިއްލައަށް. ތިޔަ ލިބުނީ އިބްރަތެއް މީހާގެ ސިޔާސީ ހަޔާތް ކަފުންވެ ތިޔަ ނިމެނީ.
އޮޅުންސުވާލި
21 November 2023
ދައުލަތަށް ބުނަންއެނގެނީ އަދީބު ބުންޏޭ ޔާމީނު އެންގެވިޔޭ. އިތުރުއެއްޗެއްނެތް. ޔާމީނު ނުބުންޏަސް ބޮލުގައިއަޅުވަން އަދީބު އެކަށްކޮށްފާނެކަމުގެ ސާބިތު ހެއްކަކީ އޭނާއަށް ދިން މާފު.
އެޑްމުންޑޯ
22 November 2023
ދައުލަތުން ކޮންމެ އެއްޗެކޭ ބުންޏަސް އަދި އަދީބު ބްރޯ ގެ ހެކިބަސް ގަބޫލުނުކުރިއަސް ، އެއްވެސް ޝައްކެތްނެތި އެގޭކަމަކީ ޔާމީނުގެ އެކައުންޓަށް ހައްގުނޫން ފައިސާ ވަދެފައިވާކަން ، އެއީ ރިޝްވަތަށްވިއަސް ނުވަތަ ދައުލަތުގެ މުދާ ( ފަޅުރައްތައް) ވިއްކާގެން ލިބުނު ފައިސާ އަށްވިއަސް ، އެފައިސާ ޔާމީން އަށް ލިބިފައިވާކަން ޚުދު ޕީޕީ އެމުގެ މިންބަރުންނާއި ޔާމީނުގެ ގާނޫނީ ޓީމުންވެސް ގަބޫލުކުރޭ ، އެކަމަކު ތިމާމެން ލޯބިވާ ނުވަތަ ސަޕޯޓްކުރާ ތީ ނޫނެކޭ ބުނަނީތާ !
ޒިންދާބާދު
21 November 2023
ރައީސް ޔާމީން ޒިންދާބާދު 2028 ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު 2028 ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު 2028 ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު 2028 ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު 2028 ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު 2028 ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު 2028 ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު 2028 ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު 2028 ޒިންދާބާދު ރައީސް ޔާމީން ޒިންދާބާދު 2028 ޒިންދާބާދު
ބަރުލަމާނީ
22 November 2023
ޔާމީން ދެން މިރާއްޖޭގެ ވެރިކަމަކަށް ނާންނާނެ
ގެދާނޯމޮސް
21 November 2023
އިޒްރޭލުގެ ޔަހޫދީ ދައުލަތެއް ފަލަސްތީނުގަ ގާއިމް ކުރުމުން އުފެދުނު މައްސަލަޔާ އެމްޑީޕީގެ ސަރުކާރުން ކުށްވެރިން ބޭނުންކޮށްގެން ހިންގާފަވާ ޔާމިންގެ މައްސަލައިގެ ކަންކަން ބަލާހޯދުމަކީ ފަސޭހަކަންކަމެއް ނޫނެވެ.