ކުޅިވަރު / ބޮރޫޝިޔާ ޑޯޓްމަންޑް

އަހަރެމެންގެ ވާދަވެރިޔަކީ ރެއާލް މެޑްރިޑެއް ނޫން، ނެޓްފްލިކްސް: ޑޯޓްމަންޑްގެ ސީއީއޯ

28 ނޮވެމްބަރ 2023 - 11:09

ޒިޔުރިކް (ނޮވެމްބަރު 28) - ބޮރޫޝިއާ ޑޯޓްމަންޑްގެ ވާދަވެރިޔަކީ ޔޫރަޕްގެ ފުޓްބޯޅައިގެ ގަދަ ބާރު ރެއާލް މެޑްރިޑް ނޫން ކަމަށާއި ނަމަވެސް ވާދަވެރިޔަކީ ނެޓްފްލިކްސް ކަމަށް، އެ ކްލަބްގެ ސީއީއޯ ކާސްޓަން ކްރޭމާ ވިދާޅުވެއްޖެ އެވެ.

ސްވިޒަލެންޑްގައި ޖަރުމަނު ބަހުން ނެރޭ، "އެންޒެޑްޒެޑް" ނޫހަށް ދިން އިންޓަވިއުގައި ކްރޭމާ ވަނީ ޑޯޓްމަންޑްގެ ސަޕޯޓަރުން، އެ ކްލަބަށް ކުރިމަތިކުރާ ފާޑުކިޔުންތަކަށް ރައްދު ދީފަ އެވެ.

ސަޕޯޓަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ޓީމުގައި ތިބި ސްޓާ ޕޭލޭޔަރުން ހިފަހައްޓަން މަސައްކަތްނުކޮށް ވިއްކާލާތީ އެވެ. އާލިންގް ހާލަންޑާއި ޖޫޑެ ބެލިންހަމް މެންޗެސްޓާ ސިޓީ އަދި ރެއާލް މެޑްރިޑަށް ވިއްކާލުމުން ސަޕޯޓަރުން ރުޅި ގަދަވި އެވެ.

ކްރޭމާ ވިދާޅުވީ ކޮންމެ އަހަރަކު ޗެމްޕިއަންސް ލީގަށް ކޮލިފައިވެ ގަދަ 16 އާ ހަމައަށް ދެވުމަކުން އެކަންޏެއް ޑޯޓްމަންޑްގެ ޓާގެޓް ހާސިލު ނުވާ ކަމަށެވެ.

"އަހަރެމެންގެ ސީދާ ވާދަވެރި ކްލަބަކަށް އެ ދެ ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިޔަކު ވިއްކައެއް ނުލަން. އެ ފުރުސަތު ވާދަވެރި ކްލަބަކަށް ދޭން ބޭނުން ނުވީ. ކޮންމެ އަހަރަކު ޗެމްޕިއަންސް ލީގަށް ކޮލިފައިވެ ގަދަ 16 އާ ހަމައަށް ދެވުނީމަ އަހަރެމެންގެ ޓާގެޓް ހާސިލުވީކީ ނޫން،" ކްރޭމާ ވިދާޅުވި އެވެ.

"އަހަރެމެން އެބަޖެހޭ އިކޮނޮމިކްލީ ވެސް ވަރުގަދަ ކްލަބަކަށްވާން. އަހަރެމެންނަށް އިތުބާރު ކުރޭ. މި މަސައްކަތަށް އިތުބާރު ކުރޭ."

އޭނާ ވިދާޅުވީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފޯމެޓް ބަދަލުކުރަން ނިންމި ނިންމުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އޭގެ ސަބަވުން ޔޫރަޕިއަން ސުޕަ ލީގަށް ހުރަސް އެޅުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ސްޓޭޑިއަމް އަށް އަންނަން ޕަބްލިކް ޓްރާންސްޕޯޓްގައި ދަތުރުކުރާ އެ ޓީމުގެ ސަޕޯޓަރުންނަށް ހިލޭ ދަތުރު ކުރެވޭނެ އިންތިޒާމު ވެސް ޑޯޓްމަންޑުން ވަނީ ހަމަޖައްސައިފަ އެވެ.

އޭނާ ވިދާޅުވީ، ޒުވާން ޖީލުގެ މެދުގައި ފުޓްބޯޅަ މަގުބޫލު ކުޅިވަރެއްގެ ގޮތުގައި ބޭއްވުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. ސްޓްރީމިން އާއި ވީޑިއޯ އޮން ޑިމާންޑް ޕްލެޓްފޯމްތަކަށް ޒުވާނުން ގޮސް ފުޓްބޯޅަ އަށް އޮންނަ ޝައުގުވެރިކަން ދަށް ވެދާނެ ކަމުގެ ބިރު އޭނާ އަށް އެބައޮތެވެ.

"ފުޓްބޯޅައަކީ ސަގާފަތާއި އާދަކާދައާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް. އާދަކާދަ އާއި ތާރީހާ އެކުވާ އެއްޗެއް. ފޯމިއުލާ 1 ގައި ފަހަތަށް އެނބުރި ބަލާލުން ގެންނަން ޖެހޭ ބަދަލުތައް މަދުވާނެ. ކާރުތަކަށް ބަދަލުތައް ގެންނަން ޖެހޭނީ ހަމަޖެހިލައިގެންތިބެ. ފުޓުބޯޅަ އެއާ އަޅާކިޔަންޏާ ތަފާތު ވާނެ," ކްރޭމާ ވިދާޅުވި އެވެ.

"އެހެންނަމަވެސް، އަޅުގަނޑުމެން އެބަޖެހޭ ކުރިއަށް ދާން. ބަދަލުތައް ގެންނަން. އާހިރުގައި އަހަރެމެންގެ ވާދަވެރިއަކީ ރެއާލް މެޑްރިޑް ނޫން، ނެޓްފްލިކްސް. ނުވަތަ އަރާމުކޮށް ފަސޭހައިން ކުރެވޭ ކަމެއް. އާ ޖީލުގެ ޝައުގުވެރިކަން ފުޓްބޯޅަ އަށް އޮތްކަން ކަށަވަރު ކުރަން އެބަޖެހޭ."

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 25%
icon inlove icon inlove 50%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454