30 ނޮވެމްބަރ 2023 - 10:11
އިސްތަންބޫލް (ނޮވެމްބަރު 30) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި، ރޭ ތުރުކިޔޭގެ ރަމްސް ޕާކު ސްޓޭޑިއަމްގައި، މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް، ގަލަތަސަރާއީގެ ސަޕޯޓަރުން ދެމި ބެނާތަކުގެ ތެރެއިން، ބެނައެއްގައި ލިޔެފައި ވަނީ "ކަލޭމެންގެ ބިރުވެރި ހުވަފެން އަނެއްކާ ވެސް އެނބުރި އަތުވެއްޖެ" ކަމަށެވެ.
ޗެމްޕިއަންސް ލީގުގެ މެޗުތަކުގައި ގޯސްތަކެއް ހެދުމަށް އާދަވެފައިވާ ކީޕަރު އަންޑްރޭ އޮނާނާގެ ސަބަބުން، ބެނާގައި ލިޔެފައިވަނީ ހަގީގަތެއް ކަމަށް ބެލެވެ އެވެ.
ކުރިން ބެޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ކެމެރޫންގެ ގޯލްކީޕަރު ވަނީ ފީކަޅާ ދެ ގޯހެއް ހަދައިފަ އެވެ. ރޭގެ މެޗުގައި ތުރުކީގެ ޗެމްޕިއަނުންނަށް 3-3 އިން މެޗު އެއްވަރުކުރަން ފުރުސަތު ލިބުނީ އޮނާނާ ހެދި ފީކަޅާ ގޯހަކުންނެވެ. ނަތީޖާ އާއެކު ޔުނައިޓެޑް އޮތީ މަރުގެ ތުންފަތްމަތީގަ އެވެ. ބެޔާނާއި ގަލަތަސާރާއީ އަދި ކޯޕަންހޭގަންގެ ފަހަތުން ޔުނައިޓެޑް އޮތީ ތާވަލުގެ ފުލުގަ އެވެ. އެ ޓީމަށް ބާކީ އޮތީ ދެން އެންމެ މެޗެކެވެ.
ރޭގެ މެޗުގައި ވެސް އެރިކް ޓެން ހަގްގެ ޓީމަށް ދެ ފަހަރެއްގެ މަތިން ދެ ލަނޑުގެ ލީޑެއް ލިބުނެވެ. ރަށުން ބޭރުގައި ކުޅުނު ތިން މެޗުގައި ނުވަ ގޯލު ބައިކޮޅަށް ވަނެވެ. އެއިން އެއްވެސް މެޗަކުން މޮޅެއް ނުވެވުނެވެ.
ޗެމްޕިއަންސް ލީގުގައި އެ ޓީމު ކުޅުނު ފަސް މެޗުގައި 14 ގޯލު އެ ޓީމު ކޮޅަށް ވަނެވެ. އެއަށްވުރެ ގިނައިން ބައިކޮޅަށް ގޯލް ވަން ޓީމަކީ ކުޅުނު ހުރިހާ މެޗަކުން ވެސް ބަލިވި ރޯޔަލް އެންޓްވާޕް އެވެ.
އެކަމަކު ޓެން ހަގް ވަނީ އޮނާނާގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ ޔުނައިޓެޑް މޮޅުވަނީ ވެސް އަދި ބަލިވަނީ ވެސް ޓީމެއްގެ ގޮތުގައި ކަމަށެވެ.
"ފެންނާނެ މި ޓީމުގައި ކުރިއެރުން. މި މެޗުން ވަރަށް ގިނަ ޕޮޒިޓިވް ކަންތައްތަކެއް ނަގާނީ. ބައެއް މިސްޓޭކްތައް ފެނުނު. އެކަމަކު އަހަރެން ބޭނުންވާ ގޭމް އަހަރެމެން ކުޅުނީ. އަހަރެންގެ ޓީމު ކުޅެން، އެއީ އުފާވެރި ކަމެއް،" ޓެންހަގް ބުންޏެވެ.
"ޔަގީނުން ވެސް އަހަރެން މިހުރީ މާޔޫސްވެފައި، ސަބަބަކީ މެޗު ރަނގަޅަށް މެނޭޖް ނުކުރެވުނީ. އެކަމުން ފިލާވަޅު ހޯދާނަން."
ގުރޫޕްގެ އެއްވަނައިގައި އޮތް ބެޔާނުން، ކޯޕަންހޭގަންއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ ލަނޑެއް ނުޖެހި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
30 November 2023
ޔޫސީއެލްގަ އެންމެ ޝަރަފުވެރި މާޒީއެއް އޮތް 04 ކްލަބްތަކުގެ ތެރޭގަ ހިމެނޭ މެންޔޫ މިސީޒަނުގަ އޮތް ހާލަތުން އަހަރެން ހިތާމަކުރަން.