ނައީމާގެ މަރުގައި ހައްޔަރުކުރި ތިން މީހުން ކަމަށްވާ އަހްޒަމް (ވ) އާއި ރިފާސް (މ) ގެ އިތުރުން ފަވާޒް: އެ ތިން މީހުންނަށް މިހާރު ވަނީ ދައުވާކޮށްފައި.
30 ނޮވެމްބަރ 2023 - 13:23
ނ. މަނަދޫގައި މިދިޔަ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހު މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލާގައި ތުހުމަތުވާ ތިން މީހަކަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާކޮށްފި އެވެ.
އެ މީހުންގެ މައްޗަށް ދައުވާކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ މިހާރު ކުރިއަށް ގެންދާ އެ އޮފީހުގެ ޕްރެސް ކޮންފަރެންސްގަ އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ މަނަދޫގެ ތިން ޒުވާނެއް ކަމަށްވާ އަހްޒަމް އަބްދުއްޝަކޫރު، 23، އާއި އަބްދުލްވާހިދު ރިފާސް، 20، އަދި ހަސަން ފަވާޒް، 21، އެވެ.
ޕީޖީ ޝަމީމް ވިދާޅުވީ، އެ ތިން މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމާއި އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމާއި އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާ ކަމަށެވެ.
ފްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕީޖީ ހުސެއިން ޝަމީމް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
"[އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅުން] އެ ދައުވާކުރަނީ ނައީމާ މޫސާ މަރާލުމަށް ފަހު، ނ. މަނަދޫ ނާމަގު ސަރަހައްދަށް ގޮސް އެ ތަނުގައި ވަޅެއް ކޮނެ، އެ އަމަލު ހިންގުމަށް ބޭނުންކުރި ވަޅި އާއި އެހެން އެއްޗެހި ނައްތާލަން އަންދާލާފައި ވާތީ، އެ ހެކި ނައްތާލުމުގެ ބައިގައި،" ޝަމީމް ވިދާޅުވި އެވެ.
"[މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުން] އެ ދައުވާ މި ކުރަނީ އެ ގޭގެ ދޮރު ތަޅުލާފައި ދިޔައީ، އެހެންވެ 40 ގަޑިއިރު ފަހުން އާއިލާ އަށް އެ ހާދިސާ ހިނގައިގެން އުޅޭކަން އެނގުނީ."
އަޒްހަމް އަބްދުއްޝުކޫރާއި އަބްދުލް ވާހިދު ރިފާސް އަކީ ނައީމާ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ދެ މީހުން ކަމަށް ޝަމީމް ވިދާޅުވި އެވެ.
ނ. މަނަދޫގައި މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާ.
އޭނާ ވިދާޅުވި ގޮތުގައި ނައީމާގެ މަރާ ގުޅޭ ސައިންޓިފިކް ހެކި ނުވަތަ ޑީއެންއޭ ހެއްކާއި އިތުރު ހެކި ވަނީ ލިބިފަ އެވެ. އެ ހެކިތަކަށް ބަލައި އެ ތިން މީހުންގެ މައްޗަށް ވެސް ދައުވާތައް ސާބިތުކުރެވޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ވިދާޅުވި އެވެ.
އެ ތިން މީހުންގެ ތެރެއިން އެކަކު ކުށަށް އެއްބަސްވެފައިވާ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ. ނަމަވެސް އެއީ ކާކު ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ނައީމާ މަރާލަން ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ ދެ ވަޅި އާއި އެ މީހުން ހަމަލާދިން އިރު ލައިގެން ތިބި ކަމަށް ބެލެވޭ އަންނައުނު ވެސް މަނަދޫގެ އަތިރިމަތީގައި ވަޅުލާފައި ހުއްޓާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ކުރިން ބުނެފައިވެ އެވެ.
ނައީމާ މަރާލި ކަމަށް ބެލެވެނީ ނިދާފައި އޮއްވައި ގޭތެރެއަށް ވަދެ އެވެ. ކަރަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީ މަރާލާފައި އޮއްވާ އޭނާ ފެނުނީ ޚަބަރެއް ނުވާތާ ދެ ދުވަސް ފަހުން ބަޔަކު ފުލުހުންނާ އެކު، އެ ގެއަށް ގޮސް ކޮޓަރި ދޮރު ހަލާކުކޮށްލައިގެން ވަދެ ބެލި އިރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހށނ
30 November 2023
ޖަންގަލީގެ ގާނޫނު ނޫނީ ގުދުރަތީ ގާނޫނުގަ މަދުފަހަރަކު ނޫނީ މޮޅުވާނީ ހުރިހާގޮތަކުންވެސް ބާރުގަދަމީހާ، ފައިސާ، ހުނަރު، ގަބީލާ ނުވަތަ ނަސްލުގެ ނިސްބަތުން ބެލިކަމުގައިވިޔަސް އެދުވަސް ވަރެއްގަ ކުރީގަ އުޅޭމީހާ ނުވަތަ ބައެކެވެ. ބައެއްކަހަލަ ހާމަކަން ބޮޑު މައްސަލަތައް ގިނަފަހަރަށް ދިގުލައިގެން ދަނީވެސް މިއިން ބާވަތެއްގެ ނުފޫޒެއް ވަންނާތީއެވެ. ހދާން ބަހައްޓަންޖެހެނީ މޮޅަކަށް ދެރަކަސް އެއްޗެއް ވަގުތު ހަމަވީމަ މޮލެކުލަރ ފޯމަށް ބަދަލު ވާނެކަމެވެ.