ލޯކަލް މާރުކޭޓުގައި މީހަކު ކަރާ ގަންނަނީ. ކަރާގެ އަގު މިހާރު ވަނީ މަޑުމަޑުން ދާން ފަށާފައި-. ފޮޓޯ:ނިޝާން އަލީ/ މިހާރު
11 ޖޫން 2016 - 18:56
ރޯދަ ވިއްލާ ވަގުތު ކަރާފަނި ތައްޓެއް ނެތް ނަމަ ބައެއް މީހުން ހިތްހަމައެއް ނުޖެހެ އެވެ. ރޯދަ ވީއްލޭ ކަމަށް ގަބޫލެއް ވެސް ނުކެރެވެ އެވެ. އެހާ ވެސް ދިވެހިން ރޯދަ ވީއްލާ ވަގުތު ކަރާފަނި ބޯން ބޭނުންވެ އެވެ. ނަމަވެސް މިފަހަރު ރޯދަ މަސް ފެށުނުއިރު ކަރާގެ އަގު ހުރީ އަތް ނުފޯރާ ހިސާބުގަ އެވެ.
ރޯދަ މަސް ފެށުނުއިރު މޫސުމް ގޯސްވުމުން ރާއްޖޭގެ އެކި ރަށްރަށުންނާއި ބޭރުން ކަރާ ގެނައުން ލަސްވުމުން ކަރާ ކިލޯއެއްގެ އަގު 50ރ. އަށް ވުރެ މައްޗަށް ދިޔަ އެވެ. އެކަމަކު ދަތުރުވެރިންގެ މާރުކޭޓުގެ ބައެއް ގޮޅިތަކުން ވަނީ އިއްޔެ އިން ފެށިގެން ކަރާ ކިލޯއެއްގެ އަގު 30ރ. އަށް ތިރިކޮށްފަ އެވެ.
"މިހާރު ތޮއްޑޫންނާއި އެނޫން ވެސް ތަންތަނުން ކަރާ ފުދޭ ވަރަކަށް ގިނައިން އެބަ ގެނޭ. އެހެންވެ ކަރާގެ އަގު މިދަނީ މަޑުމަޑުން ދަށަށް،" ގޮޅިއެއްގައި ކަރާ ވިއްކަން ހުރި މުހައްމަދު ސޯދިގު ބުންޏެވެ.
މާރުކޭޓުގައި ވިޔަފާރި ކުރާ މީހުން ބުނީ ކަރާގެ އަގު ކުރިއަށް އޮތް ދުވަސްތަކުގައި އަދި އިތުރަށް ދަށަށް ދާނެ ކަމަށެވެ. ނަމަވެސް ކަރާގެ އަގު މިދިޔަ އަހަރަށް ވުރެ ހެޔޮ ނުވާނެ ކަމަށް އެ މީހުން ބުންޏެވެ.
"ތޮއްޑޫ ކަހަލަ ރަށްރަށުން މިދިޔަ އަހަރު ހެއްދި މިންވަރަށް މި އަހަރު ކަރައެއް ނުހައްދާ. އަނެއްކާ އެ މީހުން ގެންނަ ކަރާކޮޅު ވެސް ވިއްކާލަނީ ހޯސޭލްކޮށް ބޮޑު އަދަދުން ގަންނަ މީހުންނަށް،" މާރުކޭޓު ގޮޅިއެއްގައި ހުރި ހަމީދު ކިޔާ މީހަކު ބުންޏެވެ.
އޭނާ ބުނީ މިފަހަރު ކަރާގެ އަގު ހެޔޮވާން އޮތީ ރާއްޖެ އިން ބޭރުން ގެންނަ އަދަދު އިތުރުވެގެން ކަމަށެވެ. އަދި ކަރާގެ އަގު މިހާރު މަޑުމަޑުން ދަށަށް ދާން ފެށީ ވެސް ބޭރުން ގެންނަ އަދަދު އިތުރުވާން ފެށުމުން ކަމަށް ހަމީދު ބުންޏެވެ.
"މިހާރު ކޮންމެ ދުވަހަކު ވެސް އެކި ރަށްރަށުންނާއި ބޭރުން ކަރާ އެބަ ގެނޭ. އެހެންވީމަ ކުރިއަށް އޮތް ތަނުގައި ކަރާގެ އަގު މިއަށް ވުރެ ވެސް ދަށް ވާނެ ކަމަށް ބެލެވޭ،" އޭނާ ބުންޏެވެ.
ބާޒާރުގައި މިވަގުތު ކަރާގެ އަގު ހުރީ 30ރ. އާއި 50ރ. އާ ދެމެދުގެ އަގެއްގަ އެވެ. މިއީ ރޯދަ ވީއްލާއިރު ކަރާފަނި ބޯން ބޭނުންވާ މީހުންނަށް ލިބޭ އުފާވެރި ޚަބަރަކަށް ވެސް ވެދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިޚް
12 June 2016
ކަރާ ކިލޯއެއް 10.00-ރުފިޔާއަށް ވީމަ ގަންނާނީ، އެހެންނޫނީ ސޮރީ.111
ސަމާހު
12 June 2016
30 ރުފިޔާ އަށް ކަރާކިލޯ އެކޭ ބުނަން ފަސޭހަ ދޯ!!! އެންމެ ކަރާކިލޯއެއް ގަނެގެން ފަރުޖެއްސޭނަމަ ރަނގަޅު. ރޯދަމަސް އަންނަ އިރަށް މި ހީވަނީ އެހެން ފަދަ ކަމެއްހެން. މީ އަޅެ ވިޔަފާރީގެ މައްސަރެއްތަ؟ އެހެން މަސްތަކުގަ ކަރައާ އެހެނިހެން ކާބޯތަކެތި ނުއުފައްދަނީތަ؟ ނޫނީ ރޯދައަށް ވަކިގޮތަކަށް ވަކިކޮލިޓިއެއްގަ އެއްޗިހި އުފައްދަނީތަ؟ އެކި ފަންތީގެ އެކި ގިންތީގެ މީހުން މުޖުތަމައުގަ އުޅޭއިރު ނިކަމެތި މީހާއަށް ވެސް ތިބުނާ މީރުކަރާފަނިކޮޅެއް ބޯލެވޭ ވަރަށް ތި އެއްޗިހި ވިއްކަން ވީނުން. ރޯދަމަހު އެކަނި ކަރާވިއްކައިގެން އަހަރު ބާކީ އޮންނަ ދުވަސްތަކުގަ މަސައްކަތެއްނުކޮށް ދެފައި ދަމާލައިގެން އޮވެވޭތީ ދޯ ރަންއަގުގަ ތި ވިއްކަނީ.....
ސޯޓު
12 June 2016
ކަރާ އަގުބޮޑުވެގެން މީހުންތައް އެނުގަންނަންފެށީމައި ރަށްރަށުގައި ރައްކާކޮށްފައި ހުރިއެއްޗެހި މާލެގެނެސް ކުޑަތަންކޮޅެއް އަގުހެޔޮކުރީ .. ޑިމާންޑު ދަށްވެގެން ދިޔައީ ކަރާކަހަލަ އަގުހެޔޮވާންޖެހޭ އެއްޗެއް ކުއްލިއަކަށް މީހުންގެ އަތްނުފޯރާފަށަށް މައްޗަށް ޖެހުމުން ، އަވަހަށް މުއްސަދިވާންވެގެން އަގުބޮޑުކުރުމުން އެދަނީ ހުރިހާކަމެއް ތޮޅިއަކަށްނޫންތަ... ފާވެގެން އުކަންޖެހޭ އެއްޗެހިވެސް މަދެއްނުވާނެ... ލަނޑުލިބުނީމައި މިހާރު ކޮންމެވެސް އެއްޗެކޭ ކިޔަނީ.. އަދިވެސް ތިއަގު ތިރިކުރަން މަޖުބޫރުވާނެ... ބިޒިނަސް އަކީ ކަސްޓަމަރުން ތަކެތި ގިނައިން ގަތުމުން ފައިދާލިބޭކަމެއްކަން ނޭގޭ މީހުންނަށް ތިކަހަލަ ލަނޑުލިބޭނެ ... ތިލިބެނީވެސް ފިލާވަޅުތަކެއް ވިސްނާބަޔަކަށް...
މޫސަ
12 June 2016
ނުގަންނާނަން. ފާވެގެން އެއްލާލަންޖެހޭނީ...
އިބުރާހިމް
12 June 2016
ކަރާ ކިލޯއެއް -/30ރ. ޢަގުހެވެއްނޫނޭ އިނގޭތޯ؟
ޖިން
11 June 2016
ކަރާ ނުގަންނަން ފެށީމަ އަގު ހެޔޮކުރަން މަޖުބޫރުވީ!
އިތުބާރު
12 June 2016
އެއީ ތެދެއް