އަންހެނަކު، ކުޑަކުދިންތަކަކާއެކު ރަސްފަންނު ސަރަހައްދުގައި މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
05 ޑިސެމްބަރ 2023 - 19:42
އައިވީއެފް ހެދުމުގެ ހަރަދު އާސަންދައިގެ ތެރެއިން ލިބޭނެ ގޮތް ހަމަޖައްސައި، ފާޓިލިޓީ ކެއާއަށް ހާއްސަ ފަންޑެއް ގާއިމްކުރަން ސަރުކާރުން ނިންމައިފި އެވެ.
ވަޒީރުންގެ ބައްދަލުވުންތަކަށްފަހު މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ސަރުކާރުން ނިންމި ބޮޑެތި ކަންތައްތަކެއް ހާމަކުރައްވައިފަ އެވެ. އޭގެ ތެރޭގައި، ސިއްހީ ދާއިރާއާ ގުޅޭ މުހިއްމު ކަންތައްތަކެއް ހިމެނެ އެވެ.
އޭގެ ތެރެއިން އެއް ކަމަކީ، އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ، އައިވީއެފަށް އަދި ދަރިމައިވުމުގެ މައްސަލަތަކަށް އާސަންދައިގެ ތެރެއިން ފަރުވާ ލިބޭނެ ގޮތް ހަމަޖެއްސުމެވެ. އެ މަނިކުފާނު ވިދާޅުވީ އާސަންދަ ސްކީމްގެ ގަވައިދު އިސްލާހުކޮށް، ގެޒެޓުކުރާނެ ކަމަށާއި އައިވީއެފަށް ހާއްސަކޮށް އުސޫލެއް ހަދާނެ ކަމަށެވެ.
"އައިވީއެފް، އައިޔޫއައި ހިދުމަތް ދެވޭގޮތް އިއުލާންކުރެވިގެންދާނެ. ރާއްޖޭގައި މި ހިދުމަތް ފޯރުކޮށްދޭ އަމިއްލަ ހޮސްޕިޓަލްތަކުން ވެސް މި ހިދުމަތް ދެވޭނެ ގޮތް ހަމަޖައްސައިދެވިގެންދާނެ." ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް ވިދާޅުވި އެވެ.
ދަރިމައިވުމުގެ ފަރުވާތައް ހަރުދަނާކުރަން އައިޖީއެމްއެޗްގައި ހުރި ފާޓިލިޓީ ކެއާސެންޓަރު ފުޅާކުރާނެ ކަމަށާއި އަދި އެކަމަށް ހާއްސަ ސެންޓަރެއް ގާއިމްކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އޭގެ އިތުރުން، ރާއްޖެއިން ބޭރުގައި އާސަންދައިގެ ދަށުން އައިވީއެފް ހެދޭނެ ސެންޓަރުތައް ހަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ.
އެ މަނިކުފާނު ވަނީ ފާޓިލިޓީ ކެއާ އަށް ގާތްގަނޑަކަށް 30 މިލިއަން ރުފިޔާގެ ފަންޑެއް އަންނަ އަހަރު ގާއިމްކުރަން ނިންމާފައިވާކަމަށް އިއުލާންކުރައްވައިފަ އެވެ.
ގުދުރަތީ ގޮތުން ދަރިން ނުލިބޭ ނަމަ އެކަމަށް ދެން އޮތް ހައްލަކީ އައިޔޫއައި އަދި އައިވީއެފް މެދުވެރިކޮށް ދަރިން ހޯދުމެވެ. މި ފަހަކާ ޖެހެންދެން ވެސް ރާއްޖޭގައި ތިބެގެން އައިވީއެފް ނުހެދޭތީ އެ ފަރުވާއަށް ގިނަ މީހުން ދަނީ އިންޑިއާއަށެވެ. ނަމަވެސް، އަމިއްލަ އަތުން ކިތަންމެ ބޮޑު ހަރަދެއް ހިނގިޔަސް އެއިން އެއްވެސް ފަރުވާއަކަށް އާސަންދައެއް ނުލިބެ އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެހެންވެ، އެ ނިޒާމު ބަދަލުކުރުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ. ސިއްހީ ދާއިރާއާ ގުޅޭގޮތުން ނިންމި އަނެއް ނިންމުމަކީ އާސަންދައިގެ ތެރެއިން މެޑިކަލް ޗެކަޕް ހެދޭނެ ގޮތް ހަމަޖެއްސުމެވެ.
ރައީސް ވިދާޅުވީ އެކި އުމުރުތަކަށް ބަހާލައިގެން މެޑިކަލް ޗެކަޕް ޕެކޭޖުތައް ހަދާނެ ކަމަށެވެ. އަދި ޑޮކްޓަރުން ލަފާ ދީފިނަމަ އާސަންދައިގެ ތެރެއިން އަހަރަކު ދެ ފަހަރު އެކި ޓެސްޓުތައް ހެދޭނެ ގޮތްތައް ހަމަޖައްސާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ސަރުކާރުގެ ހޮސްޕިޓަލްތަކާއި މަރުކަޒުތައް މެދުވެރިކޮށް މެޑިކަލް ޗެކަޕް ހަދަން ޕްލޭންތައް ކުރާއިރު، އެ ހިދުމަތް ނެތް ނަމަ އާސަންދަ ސްކީމްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ތަންތަނުން ވެސް އެ ޓެސްޓުތައް ހެދޭނެ ގޮތްތައް ހަމަޖެހިގެންދާނެކަން ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންގެ މައިގަނޑު އެއް ސިޔާސަތު މިއީ ބަލި ޖެހުމުގެ ކުރީގައި ބަލިން ރައްކާތެރިކުރުވުން. ޕްރިވެންޓިވް ހެލްތު ކެއާއަށް ވަރަށް ބޮޑު އިސްކަމެއް ދޭން ނިންމާފައިވަނީ." ރައީސް ވިދާޅުވި އެވެ.
ދިވެހީންގެ ތެރޭގައި ގައިންގަޔަށް ނާރާ ބޮޑެތި ބަލިތައް ފެތުރެމުންދާއިރު މެޑިކަލް ޗެކަޕް ހެދުމަކީ، ރައީސް ވިދާޅުވި ގޮތުގައި، ދުރާލާ ރައްކާތެރިވެގެންދާނެ ކަމެކެވެ.
އާސަންދައިގެ ތެރެއިން ރާއްޖެއިން ބޭރުގައި ފަރުވާ ހޯދާއިރު، ހޮސްޕިޓަލް ބަދަލުކުރާނަމަ ބަލި މީހާ އަމިއްލައަށް ދައްކަންޖެހޭ ފީ ވެސް މިހާރު ވަނީ އެ ނިޒާމުގެ ތެރެއިން ދެއްކޭ ގޮތް ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔަމާލް
06 December 2023
ދަރިން ނުލިބޭ މީހުންނަށް އުފާވެރި ހަބަރެއް.
ފާތުމާ އަނީސް
06 December 2023
ދަރިން ނުލިބި ތިބި ގިނަ ބަޔަކަށް އުއްމީދީ ކަމެއް ތިކޮށްދިނީ.
މޫސާ ޔައިޝް
06 December 2023
ވަރަށް އުފާވެރި ހަބަރެއް.
ނަލަހައްޖަ
06 December 2023
އައިވީ އެފް ޕާޓިލިޓީ ކެއަރ މީ ކޯއްޗެއް އައިވީ އެފެެއް ހަމަޖެހިއްޖެއޭ ދެން އެވާހަކައިގެ އަޑު ނޫސްތަކުގަޔާ އެކި މަންސަ ތަކުގަ ވަރަށް ގަދައެެވެ. މަ މިއުޅެނީ އެކޯއްޗެއްތޯ އަހަންވެސް ނުކރެިގެންނެވެ.
ވޯލް
06 December 2023
އަނެއެްކާ އަނެތް ބޭކާރު ޚަރަދު ދައުލަތުން. ރާއްޖޭގެ ބަޖެޓް އޮތީ ވެންޓިލޭޓަރުގައި. ރައްޔިތުންނަށް ތިޔަ ފަދަ ޚިދުމަތެއް ހިލޭ ދިނުމަކީ ދައުލަތުގެ ކެރިފޯރުން ހުރި ވަރަކުން ކުރަންވާނެ ކަންކަން. އައިވީއެފް އަކީ ޒަރޫރީ ބޭސްފައރުވާއެއް ނޫން. މިވުތުވެސް ޒަރޫރީ ކޮންމެހެން ދިރިހުރުމަށް ބޭނުންވާ ބައެއް ބޭސްފަރުވާވެސް ފުރިހަމަ ގޮތުގައި އާސަންދައިން ނުދެވޭ.
އެގޮތް
06 December 2023
މިހާރުވެސް ޑޮކްޓަރުގެ ލިޔުން ހިފައިގެން ދިޔުމުން ހުރިހާ ޓެސްޓެއް ހިލޭ ސަރުކާރުގެ ހޮސްޕިޓަލުތަކުން ހެދޭ. މީގައި އޮތްގޮތަކީ އުމުރު ފުރާތަކަށް ބަހާލާފަ ދައުލަތުން ކަނޑައަޅާ ޕެކޭޖްތަކެއް (ޓެސްޓްތަކެއް) ރާއްޖޭގެ ކޮންމެ ހޮސްޕިޓަލަކުންވެސް ހިލޭ ހެދޭގޮތް ހެދުމެވެ. މިޕެކޭޖްތެރޭގައި (ޓެސްޓްގެ ނަތީޖާއާ ތަކާއެކު) ހޮސްޕިޓަލުން ކަނޑަޅާ ޑޮކްޓަރުގެ ކޮންސަލްޓޭޝަންވެސް ހިމެނެންޖެހެއެވެ. މެޑިކަލް ޓެސްޓް ހެދުމަށް ހޮސްޕިޓަލްގަ ރަޖިސްޓްރީ ކުރުމުން ކުރިޔަށް ދާގޮތަށެވެ
ރަމަ
06 December 2023
ތިކަމަކީ ނިމިދިޔަ ރައީސް ޞޯލިހުގެ ސަރުކާރުން ކުރަން ނިންމާ މަޖްލީހަށްވެސް ހުށހެޅި ގާތްގަޑަކަށް ހުރިހާކަމެއް ނިމިފައިއޮތް ކަމެއް ނަމަވެސް ސުވާލަކީ ތިފަދަ ބޮޑެތި ހޭދަތައް ކުރުމަށް އާސަންދައިން ހަމަޖައްސާއިރު ރާއްޖެއިން ބޭރަށް އާސަންދައިން ބޭސްފަރުވާއަށްގޮސް ތިބޭ މީހުންގެ ކެއުމާއި ތިބުމަށް ކޮންމެވެސް ވަރެއްގެ އެހީއެއް ހަމަޖެހިގެން ދާކަހަލަ ގޮތެއްވުން. ބޭސް ފަރުވާއަށްގޮސް ގިނަމީހުން އުޅޭނީ ވަރަށް ހާލުގަ. ދަރަނިވެރިވެގެން ތިބެކައިބޮއި ހަދަން ޖެހެނީ!
ބޮޅު
06 December 2023
ފުރަތަމައި އައިވީއެފްގެ ވާހަކަ މީޑިޔާ މެދުވެރިކޮށް ވައިގަ ހިއްޕީއެވެ. ދެން އެކަމުގެ މެޝިނަރީތައް ގެނެސް އިންސްޓޯލްކޮށް ކާމިޔާބު ކަމުގެ ވާހަކަތައް ގެނައީއެވެ. ދެން ދައުލަތުން އެ ޚިދުމަތަށް ޚަރަދު ކުރަން ފެށީއެވެ. މި ތަރުތީބުގެ ފަހަތުގައިވަނީ ކޮންކަމެއް ހެއްޔެވެ. ޗަންޕާއަށް ފައިސާ ހޯދާދިނުންތޯއެވެ؟
ބަހީ
06 December 2023
ހާދަ ރަނގަޅޭ…އާބާދީ އިތުރުކޮށް އިގުތިސާދު ފުޅާކުރަން ލިބޭ ފުރުޞަތެއް ތިޔާ
ޔާނިއު
06 December 2023
އެންމެ ހަރަދު ހިނގާ އެއްކަންތަކުގެ ހައްލު މި ލިބުނީ. ޝުކުރިއްޔާ ރައީސް