މުވައްޒަފުންތަކެއް ހަޅުތާލު ކުރަނީ: ހަޅުތާޅު ކުރުމުގެ ހައްގު ހަނިކޮށް ހަދާފައިވާ ގަވާއިދަކީ ގާނޫނު އަސާސީއާ ހިލާފް ގަވާއިދެއް ކަމަށް ހައި ކޯޓުން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
06 ޑިސެމްބަރ 2023 - 14:53
މުވައްޒަފުން ހަޅުތާލު ކުރުމުގެ ހައްގު ހަނިކޮށް ހަދާފައިވާ ގަވާއިދަކީ ގާނޫނުއަސާސީއާ ހިލާފު ގަވާއިދެއް ކަމަށާއި ނަމަވެސް ހަ މަސް ދުވަހަށް އެ ގަވާއިދަށް އަމަލު ކުރެވޭނެ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މީގެ 12 އަހަރު ކުރިން ސަރުކާރުން ހަދާފައިވާ، ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުންތައް ހައްލުކުރުމުގެ ގަވާއިދު އޮންނަ ގޮތުން މުވައްޒަފުންނަށް ހަޅުތާލު ކުރެވޭނީ ސުލްހަވެރިކަމާ އެކު މަޝްވަރާ ކުރުމަށް ފަހު އަދި ލޭބާ ރިލޭޝަންސް އޮތޯރިޓީ މެދުވެރިކޮށްގެން ވެސް ހައްލެއް ނުލިބިއްޖެ ނަމަ އެވެ. އެހެންވެ، އެ ގަވާއިދު ބާތިލްކުރަން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އާއި މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަންގެ ފަރާތުންނެވެ.
ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގެއް ހަނި ކުރެވޭނީ ގާނޫނެއްގެ ދަށުން ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާތީ، ގާނޫނަށް ވުރެ ފުޅާކޮށް ގަވާއިދެއްގެ ދަށުން އަސާސީ ހައްގުތައް ހަނި ކުރުމަކީ ގާނޫނު އަސާސީ ހިލާފް ކަމެއް ކަމަށެވެ. އަދި ހަޅުތާލު ކުރުމަކީ އަސާސީ ހައްގެއް ކަމަށް ވާއިރު، އެ ގަވާއިދުގެ ދަށުން އެ ހައްގު ހަނިކޮށްފައި އޮތީ ވަޒީފާއާބެހޭ ގާނޫނުގައި އެފަދަ ހަނި ކުރުމެއް އޮވެގެން ނޫން ކަަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލް ފާސްކުރެވެންދެން އެ ގަވާއިދަށް އަމަލު ކުރެވޭނެ ކަމަށް ނިންމައިދޭން ދައުލަތުން އެދިފައިވާއިރު، އެފަދަ އަމުރުތައް ނެރުމުގެ ބާރު ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ނެރެވިދާނެ ކަމަށެވެ.
އެހެންވެ، އެ ގަވާއިދަކީ ގާނޫނު އަސާސީއާ ހިލާފް ގަވާއިދެއް ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައެޅީ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެ ހުކުމަށް އަމަލު ކުރުން މިއަދުން ފެށިގެން ހަ މަސް ދުވަހަށް ފަސްކުރީ ކަމަށް ހުކުމުގައިވެ އެވެ.
އެގޮތަށް ނިންމެވީ އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހަސަން މަޒީދާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ.
އެ މައްސަލާގައި ރައުޔު ތަފާތުވީ އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ. އެ ދެ ފަނޑިޔާރުންގެ ރައުޔުގައިވަނީ އެ ގަވާއިދަކީ ގާނޫނު އަސާސީއާ ހިލާފް ގަވާއިދެއް ނަމަވެސް އެ ހުކުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދޭން ނުޖެހޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޯކު ކޯޓު
06 December 2023
އެހެންވީމާ ހަމަސްވަންދެން ގާނޫނު އަސާސީއާއި ހިލާފަށް ހުރިހާ ރައްޔިތުން ވެސް އަމަލުކުރުމުގެ ހުއްދަ ލިބުނީ. މިގަވާއިދު ސުޕްރީމް ކޯޓުން ވަގުތުން ބާތިލްކުރަން ޖެހޭނެ
ލަބްޔާ
06 December 2023
ހާދަ ހެއްވާ ހުކުމެއް. ޤާނޫނުއަސާސީއާ ޚިލާފު ގަވާއިދެއް، އެކަމަކު، ބޭނުމިއްޔާ ޣައިރު ޤާނޫނީ ގަވާއިދުގެ ބޭނުންކޮށްގެން މީހުންގެ އަސާސީ ހައްގުތައް 6 މަސް ދުވަހަށް ހިފަހައްޓާލަނީ؟؟ މީ ކޮން ވައްތަރެއްގެ ގާޒީންނެއް! ވަޓް އަ ޖޯކް! ( ހައިކޯޓުގެ ގާޒީންނަށް ނޭނގޭ ކަންނޭނގެ ހުކުމް ތަންފީޒުކުރުން ފަސްކުރުން އޮންނަނީ ކޮން ކަހަލަ މައްސަލަތަކެއްގައި ކަމެއް)