ސްޓެލްކޯގެ އާ ޗެއާމަން ލަތީފު އެ ކުންފުނީގެ މުވައްޒަފުންނާ މިދިޔަ މަހުގެ 27 ގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: ސްޓެލްކޯ
08 ޑިސެމްބަރ 2023 - 17:11
ސްޓެލްކޯގެ އާ ޗެއާމަނަކަށް އެ ކުންފުނީގައި 34 އަހަރު ވަންދެން މަސައްކަތް ކުރެއްވި އަދި އެންމެ ފަހުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) ގެ މަގާމު ފުރުއްވި މުހައްމަދު ލަތީފު އިއްޔެ އައްޔަންކޮށްފި އެވެ.
މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑު ހިންގި ދުވަސްވަރު އެ ތަނުގެ އިނގިރޭސި ސެކްރެޓަރީއެއްގެ ވަޒީފާ އިން ހިދުމަތް ފެއްޓެވި ލަތީފު ވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަން 8 މަސް ވަންދެން އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަން 10 އަހަރު ވަންދެން ކުރައްވައިފަ އެވެ.
އޭނާގެ އުމުރުން 65 އަހަރު ވުމުން ހިދުމަތުން ރިޓަޔާ ކުރެއްވީ މިދިޔަ ނޮވެމްބަރު 27 ގަ އެވެ.
ލަތީފު ވަނީ ރާއްޖޭގެ ކަރަންޓު ހިދުމަތުގައި އެކި މަރުހަލާތަކުގައި އެކި މަގާމުތައް ފުރުއްވައި ބޮޑެތި ތަޖުރިބާތަކެއް ހޯއްދަވައިފަ އެވެ.
ސްޓެލްކޯގެ ޗެއާމަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އަދި ސިފައިންގެ އަށް ބޮޑެތި ހިދުމަތްތަކެއް ކުރެއްވި އިބްރާހިމް މުހައްމަދު ދީދީ އެވެ. ލަތީފަށް އެ ކުންފުނީގެ ޗެއާމަންކަން ދިނީ މިދިޔަ ހޯމަ ދުވަހު ދީދީ އިސްތިއުފާ ދެއްވުމުންނެވެ.
މި ސަރުކާރުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވީ އެ ކުންފުނީގައި މިހާތަނަށް 25 އަހަރު ހޭދަކުރައްވައި ބޮޑެތި ތަޖުރިބާތަކެއް ހޯއްދަވާފައިވާ ހުސައިން ފަހުމީއަށެވެ. އަދި އޭނާގެ ދަށުން އެންމެ އިސްކޮށް މަސައްކަތްކުރަން ދެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ވެސް އައްޔަން ކުރެއްވީ ސްޓެލްކޯގެ ތެރެއިންނެވެ.
އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވެގެން ޕީސީބީން އިއްޔެ ވަނީ ސްޓެލްކޯގެ ޗެއާމަންކަމަށް ލަތީފު ހަމަޖެއްސެވުމުގެ އިތުރުން ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑުން ކުރީގެ މެމްބަރުން ވަކިކޮށް، އާ މެމްބަރުން އިއްޔެ އައްޔަން ކޮށްފަ އެވެ.
އެއީ:
1- އާރިފް އަބްދުއްސަމަދު (ދަފްތަރު ނަމްބަރު ރސ9241)
2- މުހައްމަދު ވިޝާމް (ވ. ވަސްމީރުފިޔަ)
3- އުލާ މުހައްމަދު ރަޝީދު (ގ. ގަސްކަރަ)
4- އިބްރާހިމް ޔޫސުފްފުޅު (އަތިރީގެ، ނ. ވެލިދޫ)
5- އަޒްހަރު އަބްދުﷲ ސައީދު (ސީނާޒް، ގދ. މަޑަވެލި)
6- މުހައްމަދު ވަހީދު (މަބުސްތާނުގެ، ހއ. ފިއްލަދޫ)
މި ހަ ބޭފުޅުންގެ ތެރެއިން އިބްރާހިމް ޔޫސުފްފުޅަކީ ޓޫރިޒަމް މިނިސްޓަރުގެ ނައިބެވެ. އަދި ވިޝާމަކީ ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ ބޭބެ އެވެ.
މި ބޭބޭފުޅުންގެ އިތުރުން ސްޓެލްކޯގެ ޗެއާމަނަކަށް މަޝްހޫރު ވިޔަފާރިވެރިޔާ އާމިރު މަންސޫރު އަދި އާސަންދަ ކުންފުނީގެ ބޯޑަށް ގދ. ފިޔޯރީ މަލަމަތި، ފައިސަލް އިބްރާހިމް ވެސް ވަނީ އިއްޔެ އައްޔަންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުބާދު
09 December 2023
ސްޓެލްކޯގަ ޗެއަރމަންގެ ޒިންމާއަކީ ކޮބައިތޯ؟. ނަމާ އެއްގޮތައް ގޮނޑިހޫނުކުރުންތޯ؟.
ހައިދާ
09 December 2023
މަރުހަބާ... ލަތީފުގެ ނުހުންނާނެ އިނޮވޭޓިވް އައިޑިއާސްތަކެއް.... ހަމަ މީހެއް ތިޔައީ.. އެއްވެސް ކުރިއެރުމަށް ލިބިދާނެކަމަކަށް ނުފެނޭ...
އޮނަރަބްލް އަފީފު ދީދީ
08 December 2023
ސްޓެލްކޯއަކީ ދައުލަތުގެ ކުންފުނިތަކުގެތެރެއިން ޑރ މުއިއްޒުގެސަރުކާރުން އެންމެއުއްމީދީ މެނޭޖިންގ ޑިރެކްޓަރަކާއި، ޑިޕިއުޓީން އަދި ޗެއާމަނަކު އައްޔަންކުރެއްވި ކުންފުނި. ސްޓެލްކޯ ޓީމަކީ މިސްރާބަށްދަތުރުކުރާ ބަޔަކަށްވުމަށް އެދެން. # އިބްރާހިމްގެދައުރުގައި "ފެނަކަ ކޯޕަރޭޝަން ދަރަނިކޮށް ވައްޓާލާފައިވާ ވަޅުގަނޑުގެފުންމިން ލަފާކުރަންވެސް ނެގޭތީ" ހުރިހާސިޓީތަކެއްގެ ކަރަންޓް ސްޓެލްކޯގެދަށަށް ބަދަލުކޮށްގެންނޫނީ މިސަރުކާރަށް ސަލާމަތުގެއައްސޭރިއެއް ނުލިބޭނެ.
ސޭމް ނަޓްސް
09 December 2023
އަހަރެން ދެކޭގޮތުގަ އެއްމެ ކަމުނުދާމީހުން އައްޔަން ކުރި ތަން ތިޔައީ.. މާ ނުބުނާނަން ޑްރާމާ ކުޅުއްވުން ނޫން ކަމެއް ތިޔަ ތަނުން ފެންނާނެހެންނެއް
ސަރިކާރު
09 December 2023
ޢެންނެ ފަހުން ލެވުނު 2 ޑީއެމްޑީންނަކި ތި ތަނުގައި ތިބި ގާބިލް މީހުންގެ މޫނުމަތީގައި ޖެހުން ކަހަލަ ކަމެއް. ޢެއްވެސް ހައިސިއްޔަތަކުން ގާބިލް ދެމީހުންނެއް ނޫން