10 ޑިސެމްބަރ 2023 - 10:14
ބާމިންހަމް (ޑިސެމްބަރު 10) - އެސްޓަން ވިލާ އަށް މިހާރު ތަށީގެ ވާހަކައާ ޑީލް ކުރެވޭނެ ކަމަށް، ރޭ އާސެނަލްގެ މައްޗަށް 1-0 މޮޅުވި މެޗަށް ފަހު، ވިލާގެ ކޯޗު އުނައި އެމެރީ ބުނެފި އެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ، ވިލާއިން ވަނީ މެންޗެސްޓާ ސިޓީ ވެސް ބަލިކޮށްފަ އެވެ. މެޗުގައި އާސެނަލް ކޮޅަށް ލަނޑު ޖެހީ ޖޯން މެގިން އެވެ.
މެޗަށް ފަހު އާސެނަލްގެ ކޯޗު މިކަލް އާޓެޓާ ބުނީ ތައްޓަށް ވާދަ ކުރުމުގެ ފެންވަރު ވިލާގެ ކިބައިގައި އެބަ ހުރި ކަމަށެވެ. ކުރިން ކުޅުނު މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ބުނީ އެހެންނެވެ.
އެހެންނަމަވެސް އޭރު އެމެރީ ބުނީ އެ ވާހަކަ ދައްކަން އަދި ވަގުތު ނުޖެހޭ ކަމަށެވެ. ރޭގެ މެޗަށް ފަހު އޭނާގެ ވާހަކަ ވަނީ ބަދަލު ވެފަ އެވެ.
އޭނާ ބުނީ ތައްޓާ ގުޅުވައި ވިލާގެ ކުޅުންތެރިންނާ ބެހޭ ވާހަކަ ދެއްކުމަކީ ޓީމަށް ރަނގަޅެއް ކަމަށެވެ.
ޖޯން މެގިން: މެޗުގެ ހަމައެކަނި ލަނޑު ވިލާ އަށް ޖަހައި ދިނީ އޭނާ --- ފޮޓޯ: އޭއެފްޕީ
"އާނ، (އެ ވާހަކަ ދެއްކީމަ) އަހަންނަށް މާ ރަނގަޅު. އަހަރެމެން އެ ހިސާބުގައި މިތިބީ އެކަން ހައްގުވާތީ. އެމީހުން އަހަރެމެންނާ ބެހޭގޮތުން އިތުރަށް ވާހަކަ ދައްކާނެ. އަދިވެސް އަހަރެން އެ މީހުންނަށް އަދި ކަލޭމެންނަށް [މީޑިއާ އަށް ] މި ފޮނުވަނީ ހަމަ އެއް މެސެޖެއް. ހިތްހަމަޖެހިގެން އަހަރެމެން ތިބެން ޖެހެނީ. މޯޓިވޭޓްވާން ޖެހޭ،" މެޗަށް ފަހު އެމެރީ ބުންޏެވެ.
"މިހާރު އަހަރެމެން ތިން ވަނައިގައި އޮތް ނަމަވެސް ގަދަ ހަތެއްގައި ހިމެނުމަށް އަހަރެމެންނަށް ވުރެ ބޮޑު ވާދަވެރި ހަތް ޓީމެއް އަދިވެސް އެބަ އޮތް. ސީޒަންގެ 30 ވަނަ ނުވަތަ 32 ވަނަ މެޗަށް ދާއިރު ހަމަ އެ މަގާމުގައި އޮވެވިއްޖެނަމަ އެހެން މެސެޖެއް ދެވިދާނެ."
އާސަނަލް ބަލިވުމުން، އެ ޓީމު ވަނީ ދެވަނަ އަށް ވެއްޓިފަ އެވެ. މިހާރު އެއްވަނައިގައި އޮތީ ރޭ ފަހަތުން އަރައި ކްރިސްޓަލް ޕެލަސްގެ މައްޗަށް 2-1 އިން ކުރިހޯދި ލިވަޕޫލެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
10 December 2023
މަރުހަބާ ލިވަލޫޕް އަދި ވިލާ. ރޭގެ މެޗުން އާސެނަލް ބަލިވުން އެއީ ލިބުނު ވަރަށް ބޮޑު ހިތާމައެއް. އަދިވެސް މިއިނީ އެކަމުގެ ހިތާމައިގަ.އިރާދަކުރެއްވިޔާ އަދި ރަނގަޅުވާނެކަމަށް އުއްމީދުކުރަނީ.