މީހަކު ވޮލެޓަކުން ފައިސާ ނަގަނީ. އެއް އަހަރުން އަނެއް އަހަރަށް ދަރަނި ނަގާ ވަރު އަންނަނީ ބޮޑުވަމުން -- ފޮޓޯ: ނިޝާން އަލީ / މިހާރު
11 ޑިސެމްބަރ 2023 - 07:02
ދިރާގުން އިންސްޓޯލްމަންޓަށް ފޯނެކެވެ. ޝީޝާ އިން ސައިކަލެކެވެ. ޗުއްޓީ ހޭދަކުރަން ބޭރަށް ދާން ހުސްކޮށްލަނީ ކްރެޑިޓް ކާޑު ލިމިޓެވެ. އަނެއްކޮޅުން، ގޭގެ ފަރުނީޗަރު އާ ކޮށްލަން ބޭންކަކުން ލުއި ލޯނެކެވެ. މިއީ ވަރަށް ގިނަ ދިވެހިންގެ ދިރިއުޅުމުގެ ހާލަތެވެ. ލޯނާއި އިންސްޓޯލްމަންޓް ފެސިލިޓީތަކަށް ދިވެހިން ވަރަށް ރައްޓެއްސެވެ.
އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުން ވޭތުވެދިޔަ ހަތް އަހަރު އަމިއްލަ ފަރާތްތަކުން ނެގި ލޯނު ވަނީ 550 މިލިއަން ރުފިޔާ އިން 4.7 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ. ވަކިވަކި ފަރުދުން ލޯނު ނެގުން އިތުރުވާން ޖެހޭ ސަބަބުތައް ވަރަށް ގިނަ އެވެ. އެއް ސަބަބަކީ ލޯނު ފަސޭހައިން ލިބޭ ގޮތް ބޭންކްތަކުން ފަހިކޮށްދީފައި ހުރުމެވެ. ވަޒީފާއެއްގައި އުޅޭ، ކޮންމެ މަހަކު މުސާރަ އެކައުންޓަށް ވަންނަ މީހަކަށް ބީއެމްއެލް އިން އަދި އެމްއައިބީ އިން ލޯނާއި ފައިނޭންސިން ހޯދުމަކީ ވަރަށް ފަސޭހަ ކަމެކެވެ.
މޯބައިލް ބޭންކް މެދުވެރިކޮށް ހިދުމަތް ހޯދަނީ --- ފޮޓޯ: ބީއެމްއެލް
އެމްއައިބީއިން މިދިޔަ އަހަރު "އުޖާލާދިރިއުޅުން" ފައިނޭންސިން ހިދުމަތުގެ ތެރެއިން އެއް ބިލިއަން ރުފިޔާ ހޭދަކުރި އެވެ. އަދި ބީއެމްއެލް އިން ވަނީ ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކަށް ލޯނުގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ މިދިޔަ އަހަރު ދޫކޮށްފަ އެވެ.
އެމްއެމްއޭގެ ރިސާޗް ސްޓަޑީއަކުން ދައްކާ ގޮތުން ބޭންކުތަކުން ދޫކުރާ ލޯނުތަކުގެ ތެރެއިން އެންމެ ބޮޑަށް ފުޅާވި އެއް ދާއިރާއަކީ އަމިއްލަ ފަރާތްތަކަށް ދޫކުރާ ލޯނެވެ. އަމިއްލަ ފަރާތްތަކުން ނަގާ ލޯނުގެ އަދަދު ވަނީ އެވްރެޖުކޮށް އަހަރަކު 40 ޕަސެންޓަށް އިތުރުވެފަ އެވެ. ކޮވިޑާ ގުޅިގެން ލޯނު ނެގުން މަޑު ޖެހުމަށް ފަހު 2021 ވަނަ އަހަރުން ފެށިގެން އަނެއްކާ ވެސް ލޯނު ނެގުން އިތުރުވެ، ކޮވިޑުގެ ކުރިން ނެގި ލޯނުގެ އަދަދު ފަހަނައަޅާ ވަނީ ގޮސްފަ އެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ކޮވިޑަށް ފަހު ހެދި ދިރާސާއިން ދައްކާ ގޮތުން ރާއްޖޭގެ ވަޒީފާ އަދާ ކުރާ އާބާދީގެ 73 ޕަސެންޓް މީހުން އުޅެނީ ވަޒީފާތަކުގަ އެވެ. އަދި 77 ޕަސެންޓު ގޭބީސީތަކުގައި މަދުވެގެން އެކަކު ވަޒީފާއެއްގައި އުޅެ އެވެ. ވަޒީފާތަކުގައި މީހުން އުޅުނެއް ކަމަކު، އެމީހުންނަށް ލިބޭ މުސާރަ އާއި ކުރަން ޖެހޭ ހަރަދާ ނުބައްދަލެވެ.
ބޭންކިން ދާއިރާގެ ބޭފުޅަކު ވިދާޅުވީ، ހަރަދުތައް ހަމަޖައްސަން ލޯނު ނަގާ އެއް ސަބަބަކީ، ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް ބޮޑުވުން ކަމަށެވެ. އޭނާ ވިދާޅުވީ، މާލޭގައި ބޮޑު އާބާދީއެއް ކުލީގައި ދިރިއުޅޭ އިރު ލިބޭ އާމްދަނީގެ 60-70 ޕަސެންޓް ހޭދަކުރަން ޖެހެނީ ކުއްޔަށް ކަމަށެވެ. މިއީ ރާއްޖެއަށް ވުރެ މާ ތަރައްގީ ގައުމުތަކުގައި ވެސް ކުއްޔަށް ހަރަދު ކުރަން ޖެހޭ ވަރަށް ވުރެ މާ ބޮޑު އަދަދެއް ކަމަށެވެ. އެހާ ބޮޑު އެއްޗެއް ކުއްޔަށް ދައްކަން ޖެހުމުން، އެހެން ކަންކަން ކުރުމަށް ލޯނު ނުގަނާ ހަމަޖައްސަން އޮންނަނީ އުނދަގޫވެފަ ކަމަށެވެ.
"މިސާލަކަށް މެލޭޝިއާ ކަހަލަ ގައުމުތަކުގައި ތިން ކޮޓަރީގެ އެޕާޓްމެންޓް، ފަނުރީޗަރާ އެކު ލިބޭނެ 3،000 ރިންގެޓްސްއަށް. އެއީ ރާއްޖޭގެ 10،000ރ. އެކަމަކު ރާއްޖޭގައި ފަރުނީޗަރު ނުލާ ތިން ކޮޓަރީގެ އެޕާޓްމެންޓްގެ އަގު އުޅެނީ 20،000-25،000ރ. ގައި،" އޭނާ ވިދާޅުވި އެވެ.
މިދިޔަ ހަތް އަހަރު އަމިއްލަ ފަރާތްތަކުން ނެގި ލޯނުގެ އަދަދު. މިދިޔަ އަހަރު ވަނީ 4.7 ބިލިއަން ރުފިޔާގެ ލޯނު ނަގާފައި -- ފޮޓޯ: މިހާރު
ކުއްޔަށް އެހާ ބޮޑު އަދަދެއް ހޭދަކުރަން ޖެހޭ އިރު، މިއީ ސިވިލް ސާވިސްގެ އާދައިގެ ވަޒީފާއެއްގައި އުޅޭ މީހަކަށް އެކަނި ހަމަޖެއްސޭ ހަރަދަކަށް ނުވެ އެވެ. އެހެންވެ އަބަދުވެސް ޖެހެނީ ކޮންމެވެސް އެހެން ބަޔަކާ އެކީ، އެ ހަރަދުތައް ހަމަޖައްސާށެވެ. ވޯލްޑް ބޭންކުން މިދިޔަ އަހަރު ނެރުނު "ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު"ގައި ވާ ގޮތުން މާލޭގައި ދިރިއުޅުމަށް 46،000ރ. ގެ އާމްދަނީއެއް ލިބެން ޖެހެ އެވެ. އެވަރު ސިވިލް ސާވިސްގެ ދެ މުވައްޒަފުންގެ މުސާރަ އެއްކޮށްލުމުން ވެސް ނުވެ އެވެ. އެހެންވެ، ދިރިއުޅުން ހަމަޖައްސަން އެކި ގޮތްގޮތުން ފައިސާ ހޯދަން ޖެހެ އެވެ.
އޭނާ ވިދާޅުވި އަނެއް ސަބަބަކީ، ރާއްޖޭގެ ދިރިއުޅުމުގެ ހަރަދުތަކާއި ލިބޭ އާމްދަނީއާ ނުބައްދަލުވުމެވެ. ރާއްޖޭގައި މިނިމަމް ވޭޖެއް ކަނޑައެޅި އިރު އެއީ ވެސް ކުރަން ޖެހޭ ހަރަދުތަކާ ބަލާ އިރު އެކަށީގެންވާ އަދަދެއް ނޫނެވެ. މިސާލަކަށް މަހަކު 8،000ރ. ލިބޭ މީހެއްގެ ގަޑި އިރަކަށް ލިބޭނީ 38ރ. އެވެ. އެ އަދަދުން އެ މީހާއަށް ރެސްޓޯރެންޓަކުން "މީލް" އެއް ވެސް ނުނެގޭނެ އެވެ. އެންމެ އާދައިގެ "ފްރައިޑް ރައިސް" އެއްގެ އަގު ވެސް މިހާރު އެވްރެޖުކޮށް އުޅެނީ 65ރ-90ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.
އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި މިނިމަމް ވޭޖުގެ ގޮތުގައި ގަޑިއިރަކަށް 11 ޕައުންޑް ޖެހޭ އިރު އެއީ އެގައުމުގެ މީހަކަށް ދެ އިރު ކައިގެން ހުރެވޭނެ ވަރެކެވެ.
ވަރަށް ގިނަ ދިވެހިންނަކީ އެއް މަހުގެ މުސާރައިން އަނެއް މަހުގެ މުސާރައަށް ދިރިއުޅޭ މީހުންނެވެ. އެހެން ދިރިއުޅުން ހަމަޖެއްސުމުން ފަހަށް ރައްކާ ކުރާކަށް އެއްވެސް ފައިސާއެއް ނޯވެ އެވެ. އަދި ބޮޑު ކަމެއް ދިމާވާ ހާލަތްތަކުގައި ބޭންކެއް ނޫނީ ރައްޓެއްސެއްގެ އަތުން ޖެހެނީ ލޯނެއް ނަގާށެވެ.
ބޭންކިން ދާއިރާގެ ތަޖުރިބާކާރެއް ވިދާޅުވީ، ލިބޭ އާމްދަނީ މެނޭޖް ކުރުމުގައި 50 ޕަސެންޓް ހޭދަކުރަން ޖެހޭނީ، އާންމުކޮށް ކޮންމެ މަހަކު ކުރަން ޖެހޭ ހަރަދަށެވެ. އަދި 20 ޕަސެންޓް ރައްކާ ކުރުމަށް ފަހު އަނެއް 30 ޕަސެންޓަކީ އެމީހެއްގެ ހިތްހަމަޖެހުމަށް ކުރާ ހަރަދަށް ހެދިދާނެ ކަމަށް ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ، މިހެން ހަރަދުތައް ހަމަޖައްސާނަމަ، ހަމައެއް ލަމައެއް ނެތި ހަރަދު ކުރުމުން ދުރުވާނެ ކަމަށެވެ. އަދި މާލީ ގޮތުން ޒިންމާދާރު މީހަކަށްވެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ލިބޭ އެއްޗެއްގެ ބޮޑު ބައި ކުއްޔާއި އަސާސީ ބޭނުންތަކަށް ކުރުމަށް ފަހު، ފައިސާ މެނޭޖު ކުރަން ގިނަ ބަޔަކަށް ނޭންގޭ ކަމަށެވެ. އޭނާ ވިދާޅުވީ، ފައިސާ ގެންގުޅެން ނޭންގުމުން، އަބަދުވެސް ވިސްނަނީ ކުރު މުއްދަތުގެ ހަރަދުތަކާ މެދު އެކަނި ކަމަށެވެ.
"މިވެސް ކޮންމެހެން މުހިއްމު ނޫން ކަންކަމުގައި ކުދި ކުދި ލޯނު ނަގަން ޖެހޭ ކަމެއް. ދިވެހިންގެ ވަރަށް ގިނަ މީހުން ވިސްނާނީ ކޮންމެ މަހެއްގެ ހަރަދަށް އެކަނި. ފަހަށް ރައްކާކޮށް، އާމްދަނީ ބޮޑު ކުރުމުގެ ވިސްނުން ގެންގުޅެނީ އަދިވެސް މަދު ބައެއް،" އޭނާ ވިދާޅުވި އެވެ.
ބޭންކް މުވައްޒަފެއް ފައިސާ ގުނަނީ. މިދިޔަ އަހަރު އެކަނި އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނުގެ އަދަދު 4.7 ބިލިއަން ރުފިޔާއަށް ވަނީ އަރާފައި--ފޮޓޯ:މިހާރު
އޭނާ ވިދާޅުވީ، ދަރަނި ނެގުމަކީ ކޮންމެހެން މައްސަލައެއް ވެސް ނޫން ކަމަށާއި، މައްސަލައަކީ، ހަރަދުތައް ހަމަޖައްސާނެ ގޮތެއް ނޭންގުން ކަމަށެވެ.
"ކިތަންމެ ކުޑަ އާމްދަނީއެއް ވެސް ނުވަތަ ބޮޑު އާމްދަނީއެއް ލިބުނަސް، އެމީހަކަށް ހަރަދު ހަމަޖައްސަން އެނގިއްޖެ ނަމަ، އެކަންވާނެ. މިހެން ބުންޏަސް އެބަ ހުރި، ނުބައްދަލު ބޮޑެތި ހަރަދުތައް ވެސް. އެކަމަކު ފައިސާ ގެންގުޅުމުގައި ދިވެހިން ޑިސިޕްލީނު ނޫން ކަން ވެސް އެބަ ފާހަގަކުރެވޭ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ހަރަދުތައް ހަމަޖެއްސުމަށް މުސާރައަށް އެކަނި ބަރޯސާ ނުވެ، އިތުުރު ގޮތްތައް ވެސް ހޯދަން ޖެހޭ ކަމަށެވެ.
މިކަމާ ގުޅޭ ސީދާ ދިރާސާއެއް ނެތް ނަމަވެސް، ސިވިލް ކޯޓުގައި ކޮންމެ ދުވަހަކު ތާވަލް ކުރާ މައްސަލަތަކުން ވެސް ދިވެހިން ހަރަދުތައް ހަމަޖެއްސުމުގައި ޒިންމާދާރުކަން ކުޑަކަން ކޮންމެވެސް ވަރަކަށް ސާފުވާނެ އެވެ. ކޮންމެ ދުވަހެއްގެ ތިން ހަތަރު މައްސަލަ އޮންނާނީ ކޮންމެވެސް ބޭންކެއްގެ ލޯނެއްގެ މައްސަލައަކާ ގުޅިގެންނެވެ. އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު އެކަނި 1.4 ބިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި ސާބިތުވެފައިވެ އެވެ. އޭގެ ތެރޭގައި ވިޔަފާރިތަކުގެ ދަރަނީގެ މައްސަލަތަކާއި ބޭންކްތަކުން ހުށަހަޅާފައިވާ ލޯނާއި ކްރެޑިޓް ކާޑުތަކުގެ މައްސަލަތައް ވެސް ހިމެނެ އެވެ.
ހަރަދު ބޮޑު ދިރިއުޅެއް އުޅުމުގެ ގޮންޖެހުމުގެ ތެރެއިން ހަރަދުތައް މެނޭޖްކުރަން އެބަ ދަސްކުރަން ޖެހެ އެވެ. ކިރިޔާ ކަމެއްވާ އިރަށް ކުދި ލޯނުތައް ނެގުމުގެ ބަދަލުގައި ދުރު ރާސްތާ ޕްލޭނެއްގެ ތެރެއިން ފަހަށް ރައްކާ ކުރަން އެބަ ދަސްކުރަން ޖެހެ އެވެ.
ދައުލަތުގެ ދަރަނި މިވަގުތު 100 ބިލިއަން ރުފިޔާގައި ހުރި އިރު މިވަގުތު ވަކި ވަކި ފަރުދުންގެ ދަރަނި ވެސް އޮތީ ފަސް ބިލިއަނަށް އަރައިފަ އެވެ. މިކަން ހައްލުކުރުމަށް ސިޔާސަތު އެކުލަވައިލުމުގައި އެޅޭނެ ފިޔަވަޅުތައް އެބަހުއްޓެވެ. އެކަމަކު މި ހާލަތުން އަރައިގަތުމަށް ފަރުދީ ޒިންމާ ވެސް އެބަ އޮތެވެ. ހަރަދު ބޮޑު ދިރިއުޅެއް އުޅުމުގެ ގޮންޖެހުމުގެ ތެރެއިން ހަރަދުތައް މެނޭޖްކުރަން އެބަ ދަސްކުރަން ޖެހެ އެވެ. ކިރިޔާ ކަމެއްވާ އިރަށް ކުދި ލޯނުތައް ނެގުމުގެ ބަދަލުގައި ދުރު ރާސްތާ ޕްލޭނެއްގެ ތެރެއިން ފަހަށް ރައްކާކުރަން އިސްކަންދިނުން މުހިއްމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުރަނަ
13 December 2023
ބޭންކަކީ ސަޅިތަނެއް. ލޯނެއްނަގަން 12% އިން 11% އަށް އިންޓަރެއްޓް ދަށްކުރީމާ ލޯނު ލިބުނުއިރު ދަށްކުރި 1% އަށްބުރެ ބޮޑުއެއްޗެއް ލޯނުންދައްކަށްޖެހުނު. ޢެއީ ލޯނު އެކްސަސް ކުރަން ނަގާ އަދަދެއްކޯ. ބޮލުން ދިޔަތަރި ބުރައިގެން. ދެތިން ކަމަކަށް ނަންކިޔައިދިން ފައިސާ ދައްކަން ޖެހޭކަމަށް. ލޯނު ޖަމާވާނީ ލޯނުން އެއަދަދު ކަނޑާފަޔޯ. އަވަހށް އަނބުރާލާފަ އަތުވެއްޖައިން. ކުޅަދާނަ ވަވަރުނުވިމާ.
ގެވެހިން
13 December 2023
ދިރިއުޅުމުގެނފެންވަރު މިހާ މައްޗަށްދާއިރު އެކަމާ ވިސްނަނީ ކޮސް ސަރުކަރަކުންބާ. ރައްޔިތުންގެ ދިރިއުޅުމުހެ ފެންވަރު ދެނެގަނެ ހާލަތު ރަނގަލުކުރުމަށް ބަދަލެއް ގެނެސްދޭން ވިސްނަނީ. ކާކުތޯ. ކަންކަން ތަނގަޅުކުރުމަށް ދިރިއުޅުން ކުރިއެރުބުމަށް ފަސޭހަކޮށްދެން ކުރާކަމަކީ ލޯނު ދިނުން. ލޯނުންކުރާކަމަކީ ބޭންތަކަށް ވިޔަފާރި ކޮށްދިނުން. %18 %12 ފައިދާގައި ލޯނު ދޫކުރަނީ. ލޯނުގެ ވެރިޔާ ކުޑައަގެއްގައި ދިރިއުޅެވިދާނެތަ. ދަރަނިން ދަރަންޏަށް
ޖާނޭ
12 December 2023
ޝާނާއަށް ވާނެވަރު ތިކުރަނީ. އެކަމަކު ދިވެއްސެއްގެ ވިސްނުމަށް ބަދަލު އަންނާނެއެކޭ ނުބުނާނަން. މިހާރު މިއޮއް އަންނަނީ މަދަރުސާ ޗުއްޓީ. މިހިސާބުގަނޑުގެ ގައުމުތަކުގެ ހޮޓާތައް ފުރިފަ ދިވެހިން ބުކްކޮށްފަ. ޑޮލަރު ގަންނަން ދުވެނަގަނީ. ލޯނުވެސް ނަގަނީ. މީހުންއަތުން ދަރަންޏަށްވެސް ނަގަނީ. ގޭކުލިވެސް 6 މަހަށް ނަގަނީ. މަދުބަޔަކު ބޭހަށްވެސް ދޭ ނަމުގަ. ކޮންމެހެންވެސް ބޭރަށް ދާންޖެހޭތަ މިވަރުންވެސް.
ބަރުލޯނު
12 December 2023
މީތި ލުއި އޭކިޔާނީ އޮޅުވާލަން. އިންޓަރެސްޓު ބޮޑުކަމުން ދައްކާ ދައްކާ ހަލާސްނުކުރެވޭ. މީ ބޮޑު ޖަރީމާއެއް. ވަރުގަދަ ޑިސެޕްޝަން އެއް.. މި އޮޅުވާލުން ހުއްޓުވަން ޖެހޭ!!!
ރާއްޖެތެރޭ ރެފިއުޖީ
11 December 2023
ހުރިހާ ވަސީލަތެއް މާލެއަށް ޖަމާކުރުމުގެ ސަގާފަތް ނައްތާލައިގެން ނޫނީ އާދައިގެ މީހާއަށް އުފަލެއް ނެތް. ޖަޒީރާ ރާއްޖެ، އެޖެންޑާ 19 އަށް ވެސް ހުރިހާ މޮޅެއް ހޯދައިދެވުނީ މާލޭ މީހުނަށް. އަތޮޅުތެރޭ އުޅޭ މީހުންނަށް ފާހަނާ ކޮށްލާނެ ގޮތެއް ހޯދައިދިން އިރު، ކޮންމެ މާލޭ މީހަކަށް 10މިލިއަން ރުފިޔާ (ބިން) ދެވުނު. ރާއްޖެތެރޭ މީހާގެ ބިން 3ލައްކައަށް ގަންނާނެ މީހެއްވެސް ނެތް. ކުއްޔަށް ހިފާނެ މީހެއްވެސް ނެތް. ނަންވާނީ ޔަހޫދީ ޒަޔަނިސްޓުން.
މާލޭ މީހުން
12 December 2023
ބަލަ ރާއްޖެތެރޭ ރަށްރަށުގައި ފެނާއި ނަރުދަމާ އަދި ކަރަންޓްގެ ޚިދުމަތް އެބަދެވޭ... ހުރިހާ އަސާސީ ޚިދުމަތް އެބައޮތް.، ތިމާގެ ގައިގަ ނެތް ފެންވަރުން ކޮންމެހެން އައިސް މާލެގައި އުޅޭކަށް ނުޖެހޭ. ލިބޭ އެއްޗަކުން ފުއްދާލައިގެން އަމިއްލަ ރަށުގައި ހުރީމަ ނިމުނީ. އަހަރެމެންގެ މައްސަލައަކީ ހުރިހާ އެންމެން ހުރިހާ ގޮތަކުން ހަމަހަމަވާން ޖެހޭތީ.
ސަލީމު އިދުރީސް
11 December 2023
ޔޫރަފުގަ ކުރި ދިރާސާއަކުން ދައްކަނީ ސިޓީތަކުގަ އުޅޭ އާދައިގެ މީހުނައް ވުރެ ވިލެޖު ތަކުގަ އުޅޭ އާދާގެ މީހުން މާފުއްދުންތެރި ކަމައް! ރާއްޖޭގަ މިކަހަލަ ދިރާސާއެއް ކޮއްފިއާ ނަތީޖާ ކިހެން ވާނެބާ؟ މައިގަޑު ސަބަކީ ކުލި އަދި ދިތިއުމުގެ ވައްޓަފާޅި ކޭފޭތަކުން ކެއުމުގެ މައްޗައް ބިނާވެ ގަނެގެން ނޫންގޮތަކައް އެއްވެސް އެއްޗެއް ނުލިބޭތި! ހަމަ ގައިމުވެސް ފިނިމޫސުން ނާންނަ ގައުމެއްގަ ހަރަދު ކުޑަކޮއް ރައްފުށުގަ ދިރި އުޅެވޭނެ ވަސީލަތް ތައްވަރައް ގިނަ
ވަކަރިމަސްތާ
12 December 2023
ރާއްޖޭގެ މީހުން މި އުޅެނީ ފުދުންތެރިކަން ނެތިގެންނޫން. ގައިނެތް ފެންވަރަށް ދެއްކެންވެގެން. ތިންއިރު ކާނެ ފައިސާ ނުލިބުނަސް ލޯނުނަގައިގެންވެސް އެންމެ ފަހުގެ އައިފޯނަކާއި ސައިކަލަކާއި ސްޓާލިންކް ޑިޝްއަކާއި ދެންވެސް ހުރިއްޔާ ބޭކާރުވިޔަސް އަގުބޮޑު މުދަލެއް އަތުގައި ހުންނަންޖެހޭ. އެއްވެސް މީހަކީ އުފާވެރި ދިރިއުޅުމެއް އުޅެން ވިސްނާ މީހެއްނޫން. ކޮންމެ މީހަކުވެސް ބޭނުންވަނީ ކޮންމެ ހާލެއްގައިވެސް ސިޓީ ލައިފްގަ ދިރިއުޅެން
މަގޭ ބޭންކް
11 December 2023
ސަޅި އާޓިކަލްއެއް ބީއެމްއެލް ހޯމްލޯނު ދޫކުރާގޮތުގެ އާޓިކަލްއެއް ޖަހާލަބަލަ %11އިންޓްރެސްޓް ނަގާގޮތުގެ ލޯނު ނިމެންދެން ކޮންމެ ދުވަހަކު އިންޓްރެސްޓްއަރާ. ބަލަބަލަތިއްބާ ފެލާލަނީހަމަ.
ބޮޑުދިދަ
14 December 2023
ބޭންކިންގް ދާއިރާގެ ބޭފުޅުންގެ ހިޔާލު ހޯދިއިރު ، ލުއި ކިޔާފަ 12% ، 18% ގެ އިންޓްރަސްޓެއް ނަގަންޖެހެނީ ކީއްވެތޯ އޮޅުންފިލުވައި ނުދެވުނީމަ ވަރަށް ދެރަ. މަޖުބޫރު ވެގެން މިކަހަލަ ލުއި އެއްޗެހީގައި ޖެހެން ޖެހޭ މީހުން މަދުން ނަމަވެސް އެބަތިބި، މީ އެކަހަލަ މީހުންނަށް ކުރި ފުރައްސާރައެއް ކަމަށްވެސް ބެލެވިދާނެ. ރައްޔިތުންނަށް ހެޔޮއެދިގެން ކަމެއްކޮށްދޭނެ އެއްވެސް ބަޔަކު މިޤައުމަކު ނެތް، ކޮންމެ ވެރިޔަކުވެސް މަސައްކަތް ކުރަނީ އަމިއްލަ ޖީބަށް ބަރުކުރަން.
ސައުދާގަރު
11 December 2023
ދިވެހި ކޮންމެ ފަރުދަކު ދުނިޔެ ދޫކޮއްދަނީ ލޯނުދަންތުރައެއްގާޖެހި ލޯނުނުދެއްކި އޮވެ ގިނައީ ބޯހިޔާވަހިކަން ހޯދާ އިންޓްރެސްޓް ބޮޑުލޯނުތައް ރިސޯޓެއް ހަދަންވިއްޔާ 6އަހަރުން ހެދިޔަސް ގެންނަ ކޮންމެ އެއްޗެއްގެ އިންޓްރެސްޓް މާފްކޮއްދޭ މިރާއްޖޭގަ އުޅެންވީ ރިސޯޓް އޯނަރުން
ޣަލޯ
12 December 2023
މިޤައުމުގައި ރިޒޯޓް އޯނަރުންނާއި ވިޔަފާރިވެރިން ސިޔާސަތު ހަދާށާއި އެ ތަަންފީޒު ކުރަން އެބައިމީހުންގެ ސުލޮޓްގައި ތިބޭ އަޅުވަޒީރުން ތިބިހާ ހިނދަކު ކަންކަންދާނީ ތިޔަމަގުން. ކުލި ކުޑަކުރަން ސިޔާސަތު ހަދަން އަދި އެ ތަންފީޒުކުރަން މިތިބެނީ ގެދޮރުގެެ ވިޔަފާރިވެރިން. ޜިޒޯޓްވެސް ހަމަ އެފަދަ. މީގަ އަސްލުގޯހީ ރައްޔިތުން.
ސަމަރޭ
11 December 2023
ރާއްޖޭގެ ހާލަތަކީ ކަރަންޓު ބިލް, ފެން ބިލް, ފޯނު ބިލް, ކޭބަލް ޓީވީ ބިލް, އިންޓަރނެޓް ބިލް ދައްކާފަ, އެ މަހުގަ އަނބިދަރިންނަށް ކުރަން ޖެހޭ ހުރިހާ ހަރަދަކަށް ކަނޑާފަ, ގޭގެ ކޮއްތު ހަމަޖައްސާފަ ކުލި ދައްކައިގެން އުޅެވޭނީ ހަމަ އެކަނި އިއްޒަތްތެރި މެމްބަރުންނާ ސިޔާސީ މީހުންގެ ތައްޕާހުގަ އުޅޭ މީހުނަށް އެކަނި. ކިތަންމެ ސޭވް ކުރަން ބޭނުން ވިޔަސް ފަހަށް ދިމާވެދާނެ ހާލަތަކަށް ފައިސާ ރައްކާ ކުރަން ވެސް އިތުރު އެއްޗެއް އާދައިގެ މީހެއް އަތަކު ނޯވޭ.. ފަހުގެ ސައިކަލާ, އައިފޯނާ, ރީތި ހެދުމާ ނުގަތަސް އަސްލު އާދއިގެ މީހެއްގެ ދިރިއުޅުމުގެ ހަރަދަކީ މި ލިބޭ މުސާރަ ކޮޅުން ވާނެ ވަރުގެ ކަމެއްނޫން.. ދެއްކުންތެރި ކަމާ މޮޅު ލަގްޒަރީ ދިރިއުޅުން ނޫޅުނަސް މިފަދަ އެއްބަޔަކަށް ހުރިހާ ފައިދާއެއް ލިބޭ ގައުމެއްގައި ނިކަމެތިމީހާ ވަނީ އިތުރަށް ނިކަމެތި. އެވްރެޖް މުސާރަ އަކީ 10000-12000 ރުފިޔާ ގިނަ މީހުންގެ...
ހަސީނު
11 December 2023
ގޭގެ ކުލި ނުދައްކާތާ އެތައް މަހެއް ވެއްޖެ. އެކަމަކު ސްކޫލު ބަންދުގަ މިނައްޓާލަނީ ތުރުކީއަށް ހޮލިޑޭ ހަދާލަން!
ނިދަންތިބެ
11 December 2023
ތިޔަބުނާ ކުލި ދައްކާފަ ކާނެއެއްޗެއް ގަނެވޭވަރުވެސް ނުވޭ. މީހުނަށް ދެއްކޭވަރު އެއްޗަކަށް ތިޔަ ހަދާބަލަ.