ދުނިޔެ / އަގްސާ ތޫފާން

ޣައްޒާގެ ގަތުލުއާންމު ހުއްޓައިލަން ދުނިޔެ ގޮވާލައިފި

13 ޑިސެމްބަރ 2023 - 13:04

3 comments

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލު ސިފައިން ހިންގަމުންދާ ގަތުލުއާންމުތައް ވަގުތުން ހުއްޓައިލުމަށް ގޮވާލައި، ދުނިޔޭގެ 153 ގައުމުގެ ތާއީދާ އެކު، އދ.ގެ އާންމު މަޖިލީހުން އިއްޔެ ގަރާރެއް ފާސްކޮށްފި އެވެ.

މިސްރުން މި ގަރާރު ހުށަހެޅީ ތުރުކީ ވިލާތާ އެކު ގާތްގަނޑަކަށް 100 ވަރަކަށް ގައުމުގެ ތާއީދު ލިބިގެންނެވެ. އދ.ގައި ހިމެނޭ ޖުމްލަ 193 މެންބަރު ގައުމުގެ ތެރެއިން، މިސްރުގެ މިގަރާރާ އެއްކޮޅަށް ވޯޓު ދިނީ 153 ގައުމެވެ. ޖުމްލަ 23 ގައުމެއް މި ވޯޓުގައި ބައިވެރިނުވާ އިރު، 10 ގައުމެއް މި ގަރާރާ ދެކޮޅަށް ވޯޓު ދިނެވެ.

ޣައްޒާގެ ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލާ ގަރާރާ ދެކޮޅަށް ވޯޓުދިން 10 ގައުމުގެ ތެރޭގައި ހިމެނެނީ އެމެރިކާ، އިޒްރޭލު، ޕަޕުއާ ނިއު ގިނީ، ޕެރަގުއޭ، އޮސްޓްރިއާ، ޗެކް ރިޕަބްލިކް، ގުއަޓެމާލާ، ލައިބީރިއާ، މައިކްރޮނޭޝިޔާ އަދި ނައުރޫ އެވެ. މި ވޯޓުގައި ބައިވެރި ނުވާ 23 ގައުމުގެ ތެރޭގައި އިނގިރޭސި ވިލާތާއި ޔޫކްރޭނާއި ނެދަލޭންޑާއި ރޮމޭނިއާ އާއި ލިތުއޭނިޔާ އާއި އިޓަލީ އާއި ޖަރުމަނާއި ޖޯޖިއާ އަދި ބަލްގޭރިއާ އާއި އާޖެންޓީނާ ވެސް ހިމެނެ އެވެ.

މިސްރުގެ މި ގަރާރު ފާސްކުރުމަށް އިއްޔެ ބޭއްވި ބައްދަލުވުމަކީ، ޣައްޒާގެ ހަނގުރާމައާ ބެހޭ ގޮތުން ބަހުސްކުރުމަށް އދ.ގެ އާންމު މަޖިލީހުން ބޭއްވި ޚާއްސަ ބައްދަލުވުމެކެވެ. މި ގަރާރުގައި، ހަމަލާތައް ވަގުތުން ހުއްޓައިލުމަށް ގޮވައިލުމުގެ އިތުރުން، އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ މުސީބާތުގެ ބޮޑުކަމާ މެދު ކަންބޮޑުވާކަން ފާހަގަކޮށްފައިވެ އެވެ.

މި ގަރާރުގައި ބުނެފައިވާ ގޮތުން ފަލަސްތީނާއި އިޒްރޭލުގެ ރައްޔިތުން ވެސް، ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިމާޔަތް ކުރެވެންޖެހޭނެ އެވެ. އެހެންކަމުން ޣައްޒާގައި ހަނގުރާމަ ކުރަމުންދާ ދެ ފަރާތުން ވެސް ބައިނަލްއަގުވާމީ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތައި، މަދަނީން ހިމާޔަތް ކުރުމަށް ގޮވާލާފައިވެ އެވެ.

އޭގެ އިތުރުން، އޮކްޓޫބަރު 7 ގައި ރަހީނުކޮށްފައިވާ އެންމެން، އެއްވެސް ޝަރުތަކާ ނުލައި ވަގުތުން މިނިވަން ކުރުމަށާއި، ޣައްޒާގެ އާންމު ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަމުގެ ސާމާނު އެތެރެކުރެވޭނެ މަގު ފަހިކޮށްދިނުމަށް ވެސް ގޮވާލާފައިވެ އެވެ. މިސްރުން ހުށަހެޅި މި ގަރާރުގައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމާ މެދު އުފެދިފައިވާ ސުވާލާ ބެހޭ ގޮތުން، އދ.ގެ އާންމު ޗާޓަރުގެ މަގްސަދުތަކާއި ހަމަތައް ވެސް ފާހަގަކޮށްފައިވެ އެވެ.

މިސްރުގެ މި ގަރާރުގައި، ފަލަސްތީނުގެ މައްސަލައާ ބެހޭ ގޮތުން، އދ.ގެ ސަލާމަތީ މަޖިލީހުން މީގެ ކުރިން ފާސްކޮށްފައިވާ ހުރިހާ ގަރާރުތަކެއްގެ ހަނދާން އައުކުރުމާ އެކު، އެ ޗާޓަރުގެ 99 ވަނަ މާއްދާގެ ދަށުން ސެކްރެޓަރީ ޖެނެރަލަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ސަލާމަތީ މަޖިލީހަށް ޣައްޒާގެ މައްސަލަ ހުށަހަޅާފައިވާ ކަން ވެސް ފާހަގަކޮށްފައިވެ އެވެ.

އިއްޔެ ފާސްކުރި ގަރާރަށް ވޯޓަށް އެހުމުގެ ކުރިން އެ ގަރާރަށް އެމެރިކާ އާއި އޮސްޓްރިއާ އިން ދެ އިސްލާހެއް ހުށަހެޅި އެވެ. އެމެރިކާ އިން ހުށަހެޅީ، އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ހަމަލާ ކުށްވެރިކޮށް ޖުމްލައެއް އިތުރު ކުރުމަށެވެ. އޮސްޓްރިއާ އިން ހުށަހެޅީ މި ގަރާރުގައި ބުނެފައިވާ ރަހީނުންނަކީ ހަމާސް އާއި ފަލަސްތީނުގެ އެހެން ޖަމާއަތްތަކުން ހިފަހައްޓާފައިވާ އިޒްރޭލުގެ ރައްޔިތުންކަން، ގަރާރުގައި ބަޔާން ކުރުމަށެވެ.

ނަމަވެސް މިއިން އެއްވެސް އިބާރާތެއް އެ ގަރާރުގައި ހިމެނުމަށް އާންމު މަޖިލީހުގެ ތާއީދެއް ނުލިބުނެވެ. އދ.ގެ އާންމު މަޖިލީހުން މި ގަރާރު ފާސްކުރީ، އދ.ގެ ޗާޓަރުގެ 99 ވަނަ މާއްދާގެ ދަށުން އދ.ގެ ސެކްރެޓަރީ ޖެނެރަލް، ސަލާމަތީ މަޖިލީހަށް ހުށަހެޅުއްވި މައްސަލައަށް ތާއީދުކޮށް، އެމިރޭޓްސް އިން ހުށަހެޅި ގަރާރު އެމެރިކާ އިން މިދިޔަ ހުކުރު ދުވަހު ވީޓޯކޮށް ބާތިލުކޮށްލާފައި ވަނިކޮށެވެ.

އދ.ގެ އާންމު މަޖިލީހުން ފާސްކުރާ ގަރާރަކީ، މެމްބަރު ގައުމުތައް އެއަށް އަމަލު ކުރުން ލާޒިމު ނޫން ނިންމުމެއް ކަމަށް ވިޔަސް، އެކަމެއްގައި ދުނިޔޭގެ ވިސްނުން ހުރި ގޮތް ހާމަކޮށްދޭ ނިންމުމެކެވެ.

އިޒްރޭލު ސިފައިން ޣައްޒާއާ ދެކޮޅަށް މިހާރު ކުރަމުން ދާ ހަނގުރާމަ ފެށީ، އޮކްޓޫބަރު 7، 2023 ގައި ހަމާސް ޖަމާއަތުން އިޒްރޭލުގެ ޔަހޫދީ އާބާދީތަކަށް އަރައިގަނެ ދިން ހަމަލާތަކުގައި 1147 މީހުން މަރާލައި 240 އަށް ވުރެ ގިނަ މީހުން ރަހީނުކުރުމާ ވިދިގެން ބަދަލު ހިފުމުގެ ގޮތުންނެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލު ސިފައިން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމަ އަށް މިއަދަށް 68 ދުވަސް ވީއިރު، އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 18500 އަށް ވުރެ މަތިވެފަ އެވެ. އޭގެ ތެރޭގައި 8000 އަށް ވުރެ ގިނަ ކުޑަކުދިންނާއި 5600 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.

އަދި ޒަޚަމްވި މީހުންގެ އަދަދު 50100 އަށް ވުރެ މަތިވެފައިވާ އިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެ ނުވަތަ ހަމަލާތަކުގައި ހަށިގަނޑު ކުދިކުދިވުމުގެ ސަބަބުން، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ 8900 އަށް ވުރެ މަތިވެފަ އެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލުގެ ޔަހޫދީ އާބާދީތަކަށް އަރައިގަނެ ދިން ހަމަލާތަކުގައި ރަހީނުކުރި 240 އަށް ވުރެ ގިނަ މީހުންގެ ތެރޭގައި ހިމެނޭ އިޒްރޭލު ސިފައިންނާއި ސިފައިންގެ ތެރޭގައި ޚިދުމަތް ކުރުމަށް ފަހު ރިޒާވް ލަޝްކަރާ ގުޅިފައިވާ 137 މީހުން އަދިވެސް ތިބީ ހަމާސްގެ ބެލުމުގެ ދަށުގަ އެވެ.

3 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލާމަސީލު

13 December 2023

ގާޒާގެ ކުޑަކުދިން މަރަން ހަތިޔާރާއި ފައިސާ ދެނީ އެމެރިކާއިން. ވީމާ ބުއްދީގެ ގޮތުންބަލާއިރު މިގަތުލުޢާއްމުގެ ހަގީގީ ގާތިލަކީ އެމެރިކާ ކަމުގައި ބުނުމުގެ ޖާގައެބައޮތް. ޔާ ﷲ އެމެރިކާގެ ވެރިންގެ ހިތުގައި މުސްލިމުންގެ މައްޗަށް ރަހުމާއި ކުލުނު ލައްވަވާފާނދޭވެ.

The name is already taken The name is available. Register?

ބޭކާރު

13 December 2023

ހަމަ ބޭކާރު ޖަމްއިއްޔާއެއްތީ. ވަކިބަޔަކު ދުނިޔެ ކޮންޓްރޯލްކުރަން ހަދާފަ އޮތް ތަނެއްތޯ.

The name is already taken The name is available. Register?

ނަނާ241

13 December 2023

ގަރާރެއް މުހިއްމެއްނޫން ، ބޭނުންވަނީ ކަންކުރަން. ނިކަން ތި ހުރިހާގައުމަކުން އިޒްރާއީލާ ސިޔާސީ ގުޅުން ކަނޑާބަލަ ، އެއިރުން ނަތީޖާ ފެށެން ފަށާނެ. މިވަރުވެސް ނޭގޭ ކަމަށް ހަދައިގެން ދުނިޔޭގެ ދަހިވެތިކަމުގައިތިބި ހުސް ބޯ ތަކެއް ތީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454