ގިމަރޭސް، ރޭގެ މެޗަށް ފަހު މުބާރާތުން ކެޓުމުން މާޔޫސް ވެފައި.-- ފޮޓޯ: އޭއެފްޕީ
14 ޑިސެމްބަރ 2023 - 10:28
ޔޫއެފާ ޗެމްޕިއަންސް ލީގުގެ މަރުގެ ގުރޫޕުގައި ވާދަކުރި އިނގްލެންޑުގެ ނިއުކާސަލް ޔުނައިޓެޑް އެންމެ މޮޅަކާ އެކު ސަރަހައްދީ މުބާރާތް ނިންމާލައިފި އެވެ.
ޗެމްޕިއަންސް ލީގުން 20 އަހަރަށް ފަހު ޖާގަ ހޯދި ނިއުކާސަލް އާއެކު ގުރޫޕް އެފްގައި ހިމެނެނީ ޖަރުމަންގެ ބޮރޫޝިއާ ޑޯޓްނަމްޑާއި ފްރާންސްގެ ޕީއެސްޖީ އަދި އިޓަލީގެ އޭސީ މިލާނެވެ.
ފަހު މެޗުގައި ރޭ އޭސީ މިލާން ބަލިކޮށްގެން ނިއުކާސަލް އަށް ކުރިއަށް ދެވެން އޮތް ނަމަވެސް، ނިއުކާސަލްގެ ދަނޑުގައި މިލާނުން މެޗު ކާމިޔާބު ކުރީ ފަހަތުން އަރައި 2-1 އިންނެވެ.
ޖޮއެލިންޓަން ފުރަތަމަ ހާފުގައި ނިއުކާސަލް އަށް ލީޑު ނަގައިދީފައި ވަނިކޮށް ދެވަނަ ހާފުގައި މިލާނުން އެއްވަރުކުރީ ކްރިސްޓިއަން ޕުލިސިޗްގެ ގޯލުންނެވެ. އަދި މެޗު ނިމެނިކޮށް މިލާނުން ލީޑު ނެގި ގޯލު ޖަހައިދިނީ ސެމިއުލް ޗުކުވެޒޭ އެވެ.
ޕުލިސިކް މިލާނަށް ގޯލު ޖަހައިދިނުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ
މި ގުރޫޕްގައި ހިމެނުނު ޑޯޓްމަންޑާއި ޕީއެސްޖީ ރޭ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ކަރީމް އަޑެޔެމީ ޑޯޓްމަންޑަށް ލީޑު ނަގައިދީފައި ވަނިކޮށް މާ ގިނައިރެއް ނުވެ ޕީއެސްޖީން އެއްވަރުކުރީ ވަރޭން ޒައިރޭ އެމެރީ ޖަހައިދިން ގޯލުންނެވެ.
ޑޯޓްމަންޑުން 11 ޕޮއިންޓާ އެކު ގުރޫޕްގެ އެއްވަނަ ހޯދި އިރު، ޕީއެސްޖީ އާއި މިލާނުން ވަނީ އަށް ޕޮއިންޓް ހޯދައިފަ އެވެ. ނަމަވެސް ގޯލުގެ ތަފާތުން ކުރި ހޯދައި ޑޯޓްމަންޑާ އެކު ޗެމްޕިއަންސް ލީގު ނޮކައުޓް ބުރަށް ދިޔައީ ޕީއެސްޖީ އެވެ. މިލާން ކުޅޭނީ ޔޫރޮޕާ ލީގު ނޮކައުޓް ބުރުގެ ޕްލޭއޮފެވެ. ނިއުކާސަލް ނިންމާލަން ޖެހުނީ ފަސް ޕޮއިންޓާ އެކު އެވެ.
ނިއުކާސަލް އިން ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ރަށުން ބޭރުގައި މިލާނާ ދެކޮޅަށް ކުޅެ ލަނޑެއް ނުޖެހި ޕޮއިންޓެއް ހޯދިއިރު، ދެވަނަ މެޗުގައި ވަނީ އަމިއްލަ ދަނޑަށް ޕީއެސްޖީ ގެނެސް ފުރިހަމަ މޮޅެއް ހޯދި އެވެ. ނަމަވެސް ދެން ކުޅުނު ދެ މެޗުގައި ވެސް ޑޯޓްމަންޑް ބައްޔެއް ނުކުރެވުނެވެ. އަދި ފްރާންސްގައި ޕީއެސްޖީއާ ދެކޮޅަށް ކުޅެ އެއްވަރުނީ އެންމެ ފަހު ވަގުތު އެވެ.
އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ގުރޫޕް ސްޓޭޖް ނިންމާލީ ކުޅުނު ހަ މެޗު ވެސް ކާމިޔާބު ކޮށްގެން ފުރިހަމަ ރެކޯޑަކާ އެކު އެވެ.
ފަހު މެޗުގައި މެންޗެސްޓާ ސިޓީން ވަނީ 3-2 އިން ރަށުން ބޭރުގައި ސާބިއާގެ ރެޑް ސްޓާ ބެލްގްރޭޑް ބަލިކޮށްފަ އެވެ.
ގުރޫޕްގެ އެއްވަނަ ޔަގީން ވެފައި ވުމާ އެކު ގިނަ ރިޒާވް ކުޅުންތެރިންތަކެއް ހިމަނައިގެން ނުކުތް ސިޓީ އިން ވަނީ މެޗުގެ 19 ވަނަ މިނިޓުގައި ލީޑު ނަގައިފަ އެވެ. ސީނިއާ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި މި ގޯލު ޖަހައިދިނީ މައިކާ ހެމިލްޓަން އެވެ. މި ސީޒަންގައި ސީނިއާ ޓީމުން ފުރުސަތު ހޯދި އޮސްކާ ބޮބް، ދެވަނަ ހާފުގައި ސިޓީ އަށް ލީޑު ފުޅާ ކޮށްދީފައި ވަނިކޮށް ބެލްގްރޭޑުން ފަރަގު ކުޑަ ކުރި އެވެ.
ބެލްގްރޭޑުން ފަރަގު ކުޑަކުރި ގޯލު ޖަހައިދިނީ ހްވަންގް އިން-ބިއޯމް އެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކެލްވިން ފިލިޕްސް ވަނީ ސިޓީގެ ތިންވަނަ ގޯލު ޖަހައިދީފަ އެވެ. މެލްގްރޭޑުގެ ދެވަނަ ގޯލު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ އަލެކްސެންޑާ ކަޓާއި އެވެ.
ގުރޫޕްގެ ދެވަނަ ހޯދީ 2-1 އިން ޔަންގް ބޯއީޒް ބަލިކުރި އާރުބީ ލައިޕްޒިގެވެ. ސިޓީ އާއި ލައިޕްޒިގް މުބާރާތުގެ އަނެއް ބުރަށް ދަތުރު ކުރިއިރު، ޔަންގް ބޯއީޒް ކުޅޭނީ ޔޫރޮޕާ ލީގުގަ އެވެ.
ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް ވެސް ގުރޫޕް ސްޓޭޖް ނިންމާލީ ބައްޔެއް ނުވެ އެވެ. ފަހު މެޗުގައި ރޭ އެޓީމުން ވަނީ 2-0 އިން ލާޒިއޯ ބަލިކޮށްފަ އެވެ.
އެތުލެޓިކޯ އިން ބައްޔެއް ނުވެ ގުރޫޕްގައި ކުޅުނު ހަ މެޗުން 14 ޕޮއިންޓް ހޯދިއިރު، ދެވަނައިގައި ނިންމި ލާޒިއޯ ވަނީ 10 ޕޮއިންޓް ހޯދައިފަ އެވެ.
ގުރޫޕްގެ ތިންވަނައިގައި ނިންމައިގެން ޔޫރޮޕާ ލީގު ކުޅޭނީ ނެދަލެންޑްސްގެ ފެއިނޫޑެވެ. ފެއިނޫޑް ވަނީ ރޭ ކުޅުނު ފަހު މެޗުގައި 2-1 އިން ސެލްޓިކް އަތުން ބަލިވެފަ އެވެ.
ގުރޫޕް ސްޓޭޖް ފަހު މެޗުން ބާސެލޯނާ ބަލިވި ނަމަވެސް އެޓީމު ވަނީ މާ ކުރިން ގުރޫޕްގެ އެއްވަނަ ޔަގީން ކޮށްފަ އެވެ. ރަށުން ބޭރުގައި ރޭ އެޓީމު ބަލިވީ އެންމެ ފަހު ވަގުތުކޮޅުތެރޭގައި 3-2 އިންނެވެ.
މެޗު ފެށިގޮތަށް އާތޫރު ވާމީރެންގެ ގޯލުން ބެލްޖިއަމްގެ އޭންޓްވާޕް ލީޑު ނެގި އެވެ. މި ހާފު ނިމުމުގެ ކުރިން ފެރާން ޓޮރޭޒްގެ ގޯލަކުން ބާސާ ނަތީޖާ އެއްވަރު ކުރި އެވެ. ދެވަނަ ހާފުގެ ކުރީކޮޅު ވިންސެންޓް ޖަންސެން، އޭންޓްވާޕަށް ދެވަނަ ފަހަރަށް މެޗުގައި ލީޑު ނަގައިދީފައި ވަނިކޮށް ބާސާ އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ ތެރޭގަ އެވެ. މި ގޯލު ޖަހައިދިނީ މާކް ގިއޫ އެވެ. ނަމަވެސް މިނިޓެއް ނުވަނީސް އޭންޓްވާޕުން މެޗު ކާމިޔާބު ކުރީ ޖޯޖް އިލެނިކޭނާ ޖަހައިދިން ގޯލުންނެވެ.
ބާސާ އާއެކު މި ގުރޫޕުން އަނެއް ބުރަށް ދިޔައީ 5-3 އިން ޝަކްތާ ޑޮނެސްކް ބަލިކުރި ޕޯޓޯ އެވެ. ޝަކްތާ ކުޅޭނީ ޔޫރޮޕާ ލީގެވެ. ރޭ ބާސާ ބަލިކުރި އޭންޓްވާޕް ނިންމާލީ ގުރޫޕްގެ ފުލުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy