އައްމަޓީ ފުރަން ހުއްދަ ދިން މައްސަލާގައި ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުން: ކޯޓުން ހުއްދަ ދިނަސް، އައްމަޓީއަށް ސްރީލަންކާއަށް ނުދެވުނު ކަމަށް އޭނާގެ ވަކީލް ވިދާޅުވި
18 ޑިސެމްބަރ 2023 - 15:46
ސީލައިފްގެ މައްސަލާގައި ހިޔާނާތުގެ ދައުވާ ލިބޭ އަހުމަދު މޫސާ (އައްމަޓީ) ރާއްޖެ އިން ބޭރަށް ދާން ކޯޓުން ހުއްދަ ދިނަސް، ދައުލަތުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އޭނާ އަށް ސްރީ ލަންކާއަށް އެތެރެ ނުވެވުނު ކަމަށް އައްމަޓީގެ ވަކީލް ހައި ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ސީލައިފް ކުންފުނިން ފްލެޓް އިމާރާތް ކޮށްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލާގައި އެ ކުންފުނީގެ ވެރިޔާ އައްމަޓީގެ މައްޗަށް ކުރާ ހިޔާނާތުގެ ދައުވާތަކާ ގުޅިގެން އޭނާ ފުރުން މަނާކޮށްފައި ވަނިކޮށް، ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ އޭނާގެ ބޭސްފަރުވާއަކަށް 20 ދުވަހުގެ މުއްދަތަށެވެ.
އެކަމަކު، އެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
އެހެންވެ، ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އައްމަޓީގެ ވަކީލް މަރިޔަމް ނިހާޔަތު ވިދާޅުވީ، އައްމަޓީ ފުރަން ކޯޓުން ހުއްދަ ދިނަސް، ދައުލަތުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އައްމަޓީ އަށް ސްރީ ލަންކާ އަށް ދިއުމުގެ ފުރުސަތު ނުލިބުނު ކަމަށެވެ. އިންޑިއާ މަގުން ލަންކާ އަށް ދާން މަސައްކަތް ކުރުމުން އެ ފުރުސަތު ނުލިބި އޭނާ އެނބުރި ރާއްޖެ އައިސްފައިވާ ކަމަށް ނިހާޔަތު ވިދާޅުވި އެވެ. އަދި އައްމަޓީ އިންޑިއާ އަށް ދިއުން ދައުލަތަށް މައްސަލައަކަށް ނުވާއިރު، ސްރީ ލަންކާ އަށް ދާން އުޅުމުން އެކަން މައްސަލައަކަށް ވަނީ ކީއްވެގެންތޯ ނިހާޔަތު ސުވާލު އުފެއްދެވި އެވެ.
ނިހާޔަތު ވިދާޅުވީ އައްމަޓީގެ ސިއްހީ ހާލަތު ހުރި ގޮތުން އޭނާގެ ހާލަތު ގޯސްވުމުގެ ފުރުސަތު އޮތް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. ބޭސްފަރުވާ އަށް ބޭރަށް ދެވޭނީ ހާލަތު ގޯސްވުމުން ކަމަށް ބެލުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އައްމަޓީ ރާއްޖެ އިން ބޭރަށް ދާން ހުއްދައަށް އެދުނީ އޭނާގެ އާއިލާ ދިރިއުޅެނީ ސްރީ ލަންކާގައި ކަމަށް ވާތީ އާއިލާ ކައިރީގައި ހުރެގެން ފަރުވާ ހޯދުމަށް ކަމަށް ނިހާޔަތު ވިދާޅުވި އެވެ.
ނިހާޔަތު ވިދާޅުވީ އައްމަޓީއަކީ ކޯޓަށް ފިލައިގެން އުޅޭ މީހެއް ނޫން ކަމަށާއި އޭނާއަކީ ބަންދުގައި ހުންނަންޖެހޭ މީހެއް ކަމަށް ދައުލަތުން ސިފަ ކުރަމުންދާ ކަމަށެވެ. ނަމަވެސް އައްމަޓީއަކީ ޖަލު ބަންދުގައި ހުރި މީހަކަށް ނުވާތީ މީހުން ބަންދު ކުރުމާ ގުޅޭ އުސޫލުތަކުގެ ވާހަކަ އެ މައްސަލައިގެ ތެރޭގައި ނުދެއްކޭނެ ކަމަށް ނިހާޔަތު ވިދާޅުވި އެވެ. ދަށު ކޯޓުގައި ފާހަގަ ނުކުރާ އާ ކަންތައްތަކެއް ދައުލަތުން ހައި ކޯޓުގައި ފާހަގަ ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނިހާޔަތު ވިދާޅުވި ގޮތުގައި ފިލަން އުޅޭނަމަ އައްމަޓީ ދަތުރު ކުރާނީ އާއިލާ ކައިރިއަށް ސްރީލަންކާއަކަށް ނޫނެވެ. އެކަންކަން ފާހަގަކޮށް، ނިހާޔަތު އެދިވަޑައިގަތީ ބޭސްފަރުވާއަށް އައްމަޓީ ފުރުމުގެ ހުއްދަ ދޭން ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ތާއީދު ކުރުމަށެވެ. އަދި އައްމަޓީއަށް ސްރީލަންކާއަށް ލަންކާއަށް ނުދެވޭ ގޮތަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ދިވެހި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ބާތިލްކޮށްދޭން އޭނާ އެދިވަޑައިގަތެވެ.
މިއަދުގެ އަޑުއެހުމުގައި އައްމަޓީ ބުނީ އޭނާ ކުރަންޖެހޭ މައިބަދައިގެ އޮޕަރޭޝަނަކީ ވަރަށް ނާޒުކު އޮޕަރޭޝަނެއް ކަމަށާއި އަދި އޭގެ ނުރައްކާތެރިކަން ޑޮކްޓަރު ކިޔައިދީފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަން ކުރުމަށްޓަކައި ސްރީލަންކާއަށް ދާން އެދުނީ އޮޕަރޭޝަންގެ ތެރޭގައި މައްސަލައެއް ދިމާވެއްޖެނަމަ ނުހިނގިދާނެ ކަމުގެ ބިރު އޮތް ކަމަށް ޑޮކްޓަރު ބުނެފައިވާތީ ކަމަށް އައްމަޓީ ބުންޏެވެ. އަދި އެކަމަކީ ކުރިން ވެސް އޭނާ ފަރުވާ ހޯދަމުންދިޔަ ކަމެއް ކަމަށް އައްމަޓީ ބުންޏެވެ.
އައްމަޓީ ބުނިގޮތުގައި ހައި ކޯޓުގައި ދައުލަތުން އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓަށް ދޭންޖެހޭ އެއްބާރުލުން ވެސް ދިޔައީ ދެމުންނެވެ. އަދި ކްރިމިނަލް ކޯޓުގެ އަމުރާ ގުޅިގެން މިމަހުގެ ފަހުކޮޅާ ހަމައަށް ރާއްޖެއިން ބޭރުގައި ހުރުމުގެ ފުރުސަތު އޮތަސް، ހައި ކޯޓަށް ދޭންޖެހޭ އެއްބާރުލުން ދިޔައީ ކަމަށް އައްމަޓީ ބުންޏެވެ. އަދި ދަށު ކޯޓުގައި މައްސަލަ ހިނގިއިރު ވެސް ކޯޓަށް އެއްބާރުލުން ދެމުންދާ ކަމަށް އައްމަޓީ ބުންޏެވެ.
އެކަމަކު ދައުލަތުން ބުނިގޮތުގައި އައްމަޓީ ސްރީ ލަންކާ އަށް އެތެރެވާން އެ ގައުމުން ހުއްދަ ނުދިން މައްސަލައަކީ އެ މައްސަލާގެ ތެރެއިން ގޮތް ނިންމޭނެ ކަމެއް ނޫން ކަމެއް ކަމަށެވެ. އަދި އައްމަޓީއަށް ރާއްޖޭގައި ވެސް ފަރުވާ ހޯދުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެހެންވެ، ރާއްޖެއިން ބޭރަށް ދާން ހުއްދަ ދޭންޖެހޭ ސަބަބެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ. އަދި ކުރިން ފުރުން މަނާކުރީ ފިލާފާނެ ކަމަށް ބެލެވޭތީ ކަމަށާއި އެ ހާލަތު އަދިވެސް އެބައޮތް ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނިގޮތުގައި އައްމަޓީ ބޭރަށް ދާން ޖެހޭ އެކަށީގެންވާ ސަބަބެއް އޮތަސް، އޭނާއަށް ދޭން ޖެހޭނީ ވަގުތީ ޓްރެވަލް ޑޮކިއުމެންޓެކެވެ. އޭގެ ބަދަލުގައި ޕާސްޕޯޓް އެއްކޮށް ދޫކޮށްލުމުން ރާއްޖެއިން ބޭރުގައި ފިލައިގެން އުޅުމުގެ ފުރުސަތު ލިބޭ ކަމަށް ދައުލަތުން ބުންޏެވެ. އެކަންކަން ފާހަގަކޮށް، ދައުލަތުން ހައި ކޯޓުގައި އެދުނީ އައްމަޓީ ރާއްޖެއިން ބޭރަށް ދާން ހުއްދަ ދޭން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާތިލްކޮށް ދިނުމަށެވެ.
އެ މައްސަލަ ހައި ކޯޓުން ނިމެންދެން އައްމަޓީ ފުރުން މަނާކުރުމުގެ ވަގުތީ އަމުރަކަށް ދައުލަތުން ހައި ކޯޓުގައި އެދުނެވެ. ނަމަވެސް އައްމަޓީގެ ވަކީލް ވިދާޅުވި ގޮތުގައި އެފަދަ އަމުރެއް ނެރެންޖެހޭ ސަބަބެއް މިވަގުތު ނެތެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ވަނީ ނިންމާލައިފަ އެވެ.
އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު ހަސަން މަޒީދާއި ފަނޑިޔާރު އަބްދުﷲ ޝަނީޒެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ފަރުހީޒާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުނޭޝާ
18 December 2023
ކޯޓަކީ ބޮޑެތި ކުށްވެރިން ހިމާޔަތްކޮށް އެމީހުން ފިލުވާ ތަނަކަށް ވެއްޖެ.
ވަކުންޖު
18 December 2023
އައްމަޓީ ބުރަކަށީ ފިޔަގަޑެއްޖަހާ އުދުއްސާލަ، އޭނަ ބެނުންވަނީ މިނިވަންކަން.
ނަގިއްޔާ
18 December 2023
ކުއްވެރިވިމާ މައިބަދަ ހަލާކުވަނީތަ ނޫނީ މައިބަދަ ހަލާކުވީމަ ކުށްކުރަނީތަ؟ މިވެސް އަަޖައިބުވެއްޖެ ކަމެއް، ބޮޑުކަމެއްގައި ބެދޭއިރަށް މައިބަދަ އޮންނަނީ އޮޕަރޭޝަން ކުރަން ޖެހިފައި!
އަސްލު...
18 December 2023
ފައިސާލިބިގަނެ ވަކާލާތުކުރާމީހުން ދިފާއުކުރާނީ ކުއްކުރިކަމަށް ޝައްކުކުރާފަރާތް، އައްމަޓީއޭ ތިކިޔާ މީހާ އަކީ ދިވެހިއެތަށް ބައެއްގެ ބުރަމަސައްކަތުން ހޯއްދަވައި ރައްކާކުރި އެތަށްމިލިއަން ރުފިޔާއެއް އެޕާރޓްމެންޓްއެއް ދޭނެކަމަށް ބުނެ މަކަރާއިހީލަތުން ހޯދައިގެން އެފައިސާއިން ދިރިއުޅެމުން އާއިލާ ރާއްޖެއިން ބޭރުގައި ބައިތިއްބައިގެން އުޅޭފަރާތެއް، ބައްޔެއް ޖެހިދާނެކަމަށް ބައްލަވާ އޭނަގެއަބިދަރިން ކައިރިއަށް ނުފޮނުވައިގެން ނިހާޔަތު އެއުޅުއްވަނީ ރަގަޅުތާ ދޯ
ފޮނިޓައްޕު ހަސަނު
18 December 2023
ފެން ފޮދަކާއި ނުލައި އެތަކެއް ބަޔެއްްގެ އެތަކެއް މިލިއަން ރުފިޔާ ދިރުވާލީމަ ސިއްޚީ މައްސަލަ ނިކުންނާނެ ނުން.
kurIma
18 December 2023
މި ވާހަކައެއް އަޑު އަހާތާ 10 އަހަރު ވަނީ. ވަގުން ގެ އަތްދަށު ނުވާނެކަމަށް އުންމީދުކުރަން މި ސަރުކާރު. ގިނައީ ވަގުންނެއް ނޫން. ވޯޓު ލާ ދުވަސް އަނެއްކާ މިއޮތީ.
އޭޓީ
18 December 2023
އޭނަ އައި ގަޑީގައި ޖެޓެއް މާލެ އުތުރު ފަރާތުން ވަރަށް ތިރި ތިރީން ދިޔަކަމަށް ރެކޯޑު ކުރެވުނު
ކޮމެންޓޭ1
18 December 2023
ބޮޑެތި ކުއްވެރިންގެ ލޯޔަރުންނަށް އުޅެފަ ދެން މިފެންނަނީ ބޮޑެތި މަގާމުތަކުން.
އޮނަރަބްލް އަފީފު ދީދީ
18 December 2023
ދުނިޔޭގެ ޤައުމުތަކުގެ އިމިޤްރޭޝަންއަކީ ރާއްޖޭގެ އިމިޤްރޭޝަންހިންގާގޮތަށް ހިންގާ ތަންތަނެއްނޫން. އައްމަޓީ ލަންކާއަށްދިޔައީ އިންޑިޔާމަގުންނެއްނޫން. އޭނާ މާލޭ އެއަރޕޯޓުން ފުރައިގެން ލަންކާއަށްދިއުމުން ލަންކާ އިމިޤްރޭޝަނުން އެންގީ އައްމަޓީއަކީ ލަންކާ އިމިޤްރޭޝަންގެ ބްލެކްލިސްޓްގައި އޮތް މީހެއްކަމަށާއި އައްމަޓީއަށް ލަންކާއަށްއެތެރެނުވެވޭގޮތް ހަދާފައިވާކަމަށް. ދެން އޭނާ އިންޑިޔާއަށްދާން މަގުފަހިވީ އިންޑިޔާއިން ދިވެހިންނަށް އޮންއެރައިވް ވީސާ ލިބޭތީ.
ސަލީމް14
18 December 2023
ނިހާޔަތު ވެސް މިއުޅެނީ ލާރި ލިބޭތޯ މި އައްމަޓީ ސަލާމަތްކުރަން. ލަދު ކޮބާ!!