މޭރީ ގްރޭސްގެ މަރުގެ ދައުވާ ލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލި މައްސަލާގެ އިސްތިއުނާފް ބަލައިނުގަތުމަށް ހައި ކޯޓުން ނިންމައިފި އެވެ.
އޮކްޓޫބަރު 2021 ގައި އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ މޭރީގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށެވެ. ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. މި މަހު ކުރީކޮޅު ކްރިމިނަލް ކޯޓުން ވަނީ ލަމްހާ ބަންދުން ދޫކޮށްލަން އަމުރުކޮށްފަ އެވެ.
އެ މައްސަލަ އިސްތިއުނާފްކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ރަޖިސްޓްރާގެ ނިންމެވި ނިންމުމުގައި ވަނީ ކްރިމިނަލް ކޯޓުގެ ނިންމުމާ މެދު އިސްތިއުނާފީ ކޯޓުން ވަންނަން ޖެހޭ ހާލަތެއް އެ މައްސަލާގައި ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށެވެ.
އެހެންވެ، އެ މައްސަލަ ބަލައިނުގަތުމަށް ނިންމީ ކަމަށް އެ ނިންމުމުގައިވެ އެވެ.
އެ މައްސަލާގައި ލަމްހާ ދޫކޮށްލި ނަމަވެސް މާވިން އަދިވެސް ހުރީ ބަންދުގަ އެވެ.