ރޭގެ މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް،.-- ފޮޓޯ: އޭއެފްޕީ
21 ޑިސެމްބަރ 2023 - 10:28
ލިވަޕޫލް (ނޮވެމްބަރު 21) - ކުއާޓާ ފައިނަލްގައި ފަސޭހަކަމާ އެކު 5-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް ލިވަޕޫލް، އިނގިރޭސި ލީގް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
މެޗުގެ ފުރަތަމަ ހާފުގައި އެންމެ ގޯލެއް ފެނުނަސް ފަހު ހާފުގައި ފެނުނީ މުޅިން ތަފާތުކޮށެވެ. ފުރަތަމަ ހާފުގައި ޖެހި ހަމައެކަނި ގޯލު 28 ވަނަ މިނިޓުގައި ލިވަޕޫލަށް ޖަހައިދިނީ ޑޮމިނިކް ސޮބޮޒްލައި އެވެ.
ދެވަނަ ހާފު ފެށިގެން 11 ވަނަ މިނިޓުގައި ކާޓިސް ޖޯންސް ލިވަޕޫލަށް ލީޑޫ ފުޅާ ކޮށްދިން އިރު، 71 ވަނަ މިނިޓުގައި ތިންވަނަ ގޯލު ޖަހައިދިނީ ކޯޑީ ގަކްޕޯ އެވެ. އޭގެ ހަ މިނިޓު ފަހުން ޖަރޯޑް ބޯވެން ވެސްޓް ހޭމަށް ގޯލެއް ޖަހައިދީފައި ވަނިކޮށް 82 ވަނަ މިނިޓުގައި ލިވަޕޫލަށް އަލުން ތިން ގޯލުގެ ލީޑު ހޯދައިދިނީ މުހައްމަދު ސަލާހެވެ. ފަސްވަނަ ގޯލު އޭގެ ދެ މިނިޓު ފަހުން ޖަހައިދިނީ ކާޓިސް ޖޯންސް އެވެ.
ގަކްޕޯ، ލިވަޕޫލަށް ގޯލު ޖަހައިދިނުމަށް ފަހު ޓީމާ އެކު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ
ޖެނުއަރީ މަހު ކުޅޭ ސެމީ ފައިނަލްގެ މެޗުތައް ކުރިއަށް ދާނީ ދެ ލެގަށެވެ. ސެމީގައި ލިވަޕޫލް ނުކުންނާނީ ފުލަމްއާ ދެކޮޅަށެވެ. އަނެއް ސެމީގައި ބައްދަލުކުރާނީ ޗެލްސީ އާއި މިޑްލްސްބަރާ އެވެ.
ލިވަޕޫލަށް ފަސޭހަ މޮޅެއް ލިބުނަސް، ކޯޗު ޔާގެން ކްލޮޕް ވަނީ ސަޕޯޓަރުންގެ ފޯރި ކުޑަވުމުން، މެޗަށް ފަހު އެކަމާ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.
"ފުރަތަމަ ހާފުގައި އަހަރެމެންގެ ކުޅުންތެރިން ވަރަށް މޮޅަށް ކުޅޫނު، އެކަމު ވަށައިގެންވާ މާހައުލުން އަހަރެންނަށް އުފާވެރިކަމެއް ނުގެނެސްދިން،" ލިވަޕޫލްގެ ސަޕޯޓަރުންގެ ފޯރި ކުޑަ ކަން ހާމަކޮށް ކްލޮޕް ބުންޏެވެ.
"އަހަރެން އަހަން ބޭނުން؛ ކޮން ކަމެއް [ސަޕޯޓަރުން] ބޭނުމީ؟ އަހަރެމެން ބައިވަރު ކަންކަން ބަދަލު ކޮށްގެން މިރޭ ވެސްޓް ހޭމްގެ މައްޗަށް ޑޮމިނޭޓް ކޮށްގެން ކުޅުނީ. އަހަރެން ސަޕޯޓަރަކަށް ހުރި ނަމަ ފޯރީގައި ހިމޭނުން ނުހުރެވޭނެ، 1000 ޕަސެންޓް."
ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި އެޓީމުގެ ސަޕޯޓަރުން ނަގާ ފޯރިއަކީ، ގިނަ ކުޅުންތެރިންނާއި ކޯޗުން ވެސް އިދިކޮޅުން ކުޅޭއިރު އެންމެ ޖެހިލުންވާ އެއް ކަމެވެ. އެންމެ ފަހުން ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް އެންފީލްޑްގައި ކުޅުނު މެޗުގައި ވެސް ސަޕޯޓަރުންގެ ފޯރި އާދަޔާ ހިލާފަށް ދަށް ކަމަށް ބުނެ އިނގިރޭސި ގިނަ އެނަލިސްޓުން ވަނީ ވާހަކަ ދައްކައިފަ އެވެ.
ލިވަޕޫލަށް ކުރިއަށް އޮތީ ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުގައި އެންމެ ރަނގަޅަށް ޓީމަށް ސަޕޯޓް ނުކުރެވޭނެ ކަމަށް ގަބޫލު ކުރާ ނަމަ ގަނެފައި އޮތް ޓިކެޓް އެހެން މީހަކަށް ދޭން ކްލޮޕް ވަނީ ލިވަޕޫލްގެ ސަޕޯޓަރުންނަށް ގޮވާލައިފަ އެވެ.
"ޑިސެމްބަރުގައި ބައިވަރު މެޗު ކުޅޭ. އެހެންވެ [ސަޕޯޓަރުން] ސަޕޯޓް ކުރަން އެންމެ ފިޓް ނޫނިއްޔާ، ކޮންމެވެސް އެހެން މީހަކަށް ޓިކެޓް ހަވާލް ކުރޭ،" ކްލޮޕް ބުންޏެވެ،
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިވަރޕޫލްގެ ފޭން އެއް
22 December 2023
މަށަށް ދީ ، ކްލޮޕް އެދޭހާ ވަރަކަށް ސަޕޯރޓް ކޮށްދޭނަން ކަމުގެ ފުރިހަމަ ޔަޤީންކަން ދެން!!