ލ. ލިންކު ރޯޑުގައި މިދިޔަ ހުކުރު ދުވަހު ހިނގި އެކްސިޑެންޓްގައި ހޮޅިދަނޑިއެއް ވެއްޓިފައި. މި އެކްސިޑެންޓުގައި އެކަކު މަރުވެ، އިތުރު މީހަކަށް ބޮޑެތި ޒަހަމްތަކެއް ލިބުނު. -- ފޮޓޯ: ސޯޝަލް މީޑިއާ
12 ފެބުރުއަރީ 2017 - 11:57
ލާމު ލިންކް ރޯޑްގައި މިދިޔަ ހުކުރު ދުވަހުގެ ހަވީރު ދެ ސައިކަލް ޖެހިގެން މީހަކު މަރުވި އެކްސިޑެންޓުގައި ޒަހަމްވި މީހާގެ ހާލު ރަނގަޅު ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެކްސިޑެންޓްގައި ޒަހަމްވި 27 އަހަރުގެ ފިރިހެން މީހާ އަށް އެމެޖަންސީގައި ފަރުވާ ދިނުމަށްފަހު، ވޯޑަށް ވަނީ ބަދަލުކޮށްފަ އެވެ. އަދި އޭނާގެ ހާލު ކުރިއަށް ވުރެ ވަރަށް ބޮޑަށް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ ޒަހަމްވި ޒުވާނާގެ އަތް ބިނދި، ހަށިގަނޑުގެ ބައެއް ތަންތަނަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.
ލ. ގަމާއި ފޮނަދުއާ ދެމެދު އޮންނަ ލިންކް ރޯޑުގައި ދެ ސައިކަލް ޖެހި، ހިނގި މި އެކްސިޑެންޓުގައި އުމުރުން 27 އަހަރުގެ މުހައްމަދު ރިފްޝާން ނަމަކަށް ކިޔާ ޒުވާނަކު ވަނީ މަރުވެފަ އެވެ.
މިއީ ލާމު ލިންކް ރޯޑުގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހެދުމަށް ފަހު، މިދިޔަ ޖުލައި މަހު ހިސާބުގައި ބޭނުންކުރަން ފެށި ފަހުން ހިނގި އެކްސިޑެންޓުގައި މަރުވި ފުރަތަމަ މީހާ އެވެ.
ލާމު ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ޒުވާނާގެ ހާލު ރަނގަޅުއިރު، އއ. ތޮއްޑޫގައި އެ ދުވަހު ހިނގި އެކްސިޑެންޓުގައި ޒަހަމްވި 34 އަހަރުގެ މީހަކަށް އައިޖީއެމްއެޗް އައިސީޔޫގައި އަންނަނީ ފަރުވާދެމުންނެވެ. އައިޖީއެމްއެޗުން ބުނި ގޮތުގައި އޭނާ އަދިވެސް ނޭވާލަމުން ދަނީ ވެންޓިލޭޓަރެއްގެ އެހީގަ އެވެ. މި އެކްސިޑެންޓް ހިނގީ ތިން މީހަކު އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލް ނުކުރެވި ގޮސް ރުކެއްގައި ޖެހިގެންނެވެ.
ލާމު ލިންކް ރޯޑް ބޭނުންކުރަން ފެށި ފަހުން މިހާތަނަށް ވަނީ ނުރައްކާތެރި ތިން އެކްސިޑެންޓެއް ހިނގައިފަ އެވެ. ހުކުރު ދުވަހު ހިނގި އެކްސިޑެންޓުގެ އިތުރުން މިދިޔަ އަހަރުގެ ޖުލައި 26ގެ ބަންދުގެ ތެރޭގައި ބޭނުންކުރަން ފެށިތަނާ ކަހަލަ ގޮތަކަށް ފުރަތަމަ އެކްސިޑެންޓް ހިނގީ ކައްދޫން ފޮނަދު އަށް އުމުރުން 18 އަހަރާއި 19 އަހަރުގެ ދެ ކުއްޖަކު ދިޔަ ސައިކަލެއް، ކޯޒްވޭ އެއް ފަރާތުގައި ހުރި ގާތަކެއްގައި ޖެހިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
12 February 2017
ދިވެހިރާއްޖޭގެ ވެރިރަށް ނޫން އެހެން ހުރިހާ ރަށެއްގަ ބޭނުންކުރާ ސައިކަލް ރޯޑްދާދިނަސް ސެޓްފިކެޓް ދޭއިރު 25 ކމ އަށް ވުރެން މައްޗަށް ނުދުއްވޭގޮތަށް ސެޓިންހަދާފަ ދޫކުރުމަށް ގާނޫނަށް އިސްލާހެއް ހުށަހަޅަން އިއްޒަތްތެރި މެމްބަރުންނަށް ގޮވާލަން. ވ.ވެދުން
މޯ
12 February 2017
ރަދީފު ތިކަމާ ގުޅަންޖެހޭނީ ވެހިކަލް އުފައްދާ ކުންފުނިތަކާދޯ. މިހާރުވެސް އޮވޭ ގަވައިދުގަ 25 ވުރެން މައްޗަށް ދުއްވުމަކީ މަނާ ކަމެކޭ، އެކަމަކު ބަޔަކު ގަވައިދަށް ބަލައިގެންތާ