މާލެ އަށް އިއްޔެ ބޯކޮށް ވާރޭ ވެހުނު ގަޑީގައި މަގެއްގައި ފެންބޮޑުވެފައި---ފޮޓޯ: ނިޝާން އަލީ| މިހާރު
01 ޖެނުއަރީ 2024 - 07:56
އިއްޔެ ރެއިން ފެށިގެން މާލެ އަށް ވެހެމުން ދިޔަ ބޯ ވާރެއާ ގުޅިގެން ލިބުނު ގެއްލުންތަކުގައި 11 ގެ އަކުން 54 މީހަކު ވަގުތީ ތަންތަނަށް ބަދަލު ކޮށްފައިވާ ކަމަށް އެމްއެންޑީއެމްއޭ އިން ރޭ ބުނެފި އެވެ.
ވިއްސާރައިގެ ގެއްލުންތަކުގެ މައުލޫމާތު ދިނުމަށް ބޭއްވި މީޑިއާ ބްރީފިންގައި އެ އިދާރާގެ ސީއީއޯ ހިސާން ހަސަން ވިދާޅުވީ، ހާލުގައި ޖެހުނު 54 މީހުން ރައްކާތެރި ތަންތަަނަށް ބަދަލުކުރުމުގެ މަސައްކަތް ރޭ ފަށާފައިވާ ކަމަށެވެ.
އެ މީހުންނަށް އެހީތެރިކަން ދެނީ އިއްޔެ އިން ފެށިގެން ތިން ދުވަހުގެ މުއްދަތަށެވެ. އެ ތިން ދުވަހަށް އެ މީހުންގެ ކެއުންބުއިމުގެ ހުރިހާ ކަމަކާއި ގެސްޓް ހައުސްތަކުގައި ބޭތިއްބުމުގެ ހުރިހާ ހަރަދެއް ކުރާނީ އެމްޑީއެމްއޭ އިން ކަމަށް ހިސާން ވިދާޅުވި އެވެ.
"އަދި މި މުއްދަތު އިތުރު ކުރަންޖެހޭ ހާލަތެއް އަދިވެސް އޮތް ކަމުގައިވާ ނަމަ ކެއުންބުއިމުގެ އިންތިޒާމާއި ހުރުމުގެ އިންތިޒާމު އަޅުގަނޑުމެން އިތުރު ކުރުމުގެ މަސައްކަތް ކުރާނަން،" އޭނާ ވިދާޅުވި އެވެ.
ހިސާން ވިދާޅުވި ގޮތުގައި ވިއްސާރައިގައި ލިބުނު ގެއްލުންތަކުގެ އެސެސްމަންޓެއް މިހާރު ވެސް ވަނީ ހަދައިފަ އެވެ. އެކަމަކު، ކުރިއަށް އޮތް 2-3 ދުވަހުގެ ތެރޭގައި ތަފުސީލީ އެސެސްމަންޓެއް ހެދުމަށް ފާހަގަވާ 140 ގެ އަށް ޓީމުތައް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެސެސްމަންޓްގައި ބަލާނީ ހިސާން ވިދާޅުވި ގޮތުގައި ހިފައިގެންގުޅޭ ސާމާނުތަކަށް ލިބިފައިވާ ގެއްލުމާއި އިމާރާތަށް ވެފައިވާ ގެއްލުމެވެ.
މާލެ އަށް އިއްޔެ ވެހުނު ބޯ ވާރޭގައި ފިހާރައަކަށް ވަދެފައިވާ ފެންތައް ހިންދުމުގެ މަސައްކަތް މީހަކު ކުރަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
އޭނާ ވިދާޅުވީ، އެސެސްމަންޓް ހެދުމަށް ފަހު މާލީ ގޮތުން ދޭން ޖެހޭ އެހީތެރިކަން ސަރުކާރުން ދޭނެ ކަމަށެވެ. ހިސާން ވިދާޅުވީ، ގެއްލުންތަކުން އަރައިގަނެ، ކުރީގެ ދިރިއުޅުމަށް އެ އާއިލާތަކަށް ރުޖޫއަ ވެވެންދެން އެމްޑީއެމްއޭ އެ މީހުންނާ އެކު ތިބޭނެ ކަމަށެވެ.
"ފެންބޮޑުވުމުގެ ހާލަތާ ގުޅިގެން އެންމެ ބޮޑަށް ގެއްލުން މި ލިބުނީ ހިފައި ގެންގުޅޭ ތަކެއްޗަށް. ކައްކައި ކެވޭނެ ގޮތްތަކަށް ބުރޫ އެރުމުގެ ސަބަބުން ދަތިތައް ކުރިމަތިވި،" ހިސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން މާލޭގެ އިތުރުން އެހެން ފަސް ރަށަކުން ރިޕޯޓު ލިބުނު ކަމަށެވެ. އެއްވެސް ރަށެއް ތަފާތު ކުރުމެއް ނެތި، އެ ރަށްރަށުގެ ކައުންސިލްތަކާއި އެހެނިހެން އިދާރާތަކާ ގުޅިގެން ދޭން ޖެހޭ އެހީތެރިކަން ދޭނެ ކަމުގެ ޔަގީންކަން ހިސާން ދެއްވި އެވެ.
- ކ. ގުރައިދޫގެ 20 ގެއަކަށް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ވި. (އެ 20 ގޭގެ ތެރެއިން ތިން ގެއެއްގެ މީހުން ވަގުތީ ގޮތުން އެހެން ތަންތަނަށް ބަދަލުކުރަން ޖެހުނު)
- ކ. ހުރާގެ 20 ގެއެއްގައި ފެންބޮޑުވި.
- ކ. ހިންމަފުއްޓާއި ބ. ގޮއިދޫގެ ބައެއް ގެތަކަށް ވެސް ފެން ވަދެފައިވޭ.
- ލ. ފޮނަދޫގެ 11 ގެއެއްގައި ފެންބޮޑުވެގެން ވެލިބަސްތާ ޖެހި.
- ފ. ނިލަންދޫގެ ދެ ގެއްގައި ފެންބޮޑުވެގެން ވެލިބަސްތާ ޖެހި.
- ލ. ގަމުގެ އެއް ގެއަކަށް ފެން ވަން.
ހިސާން ވިދާޅުވީ، އެ ރަށްރަށުގެ އިތުރުން ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ވީ މާލެ އަށް ކަމަށެވެ. އެކިއެކި ގެއްލުންތައް ލިބިގެން މާލޭގެ 140 ގެއަކުން ރިޕޯޓް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ހިސާން ވިދާޅުވި ގޮތުގައި ގޭގެ އަށް ފެން ވަންނަ ކަމުގެ ރިޕޯޓު ލިބުމުން އެންޑީއެމްއޭ އިން ފުރަތަމަ މަސައްކަތްކުރީ ފެން ނުވަންނާނެ ގޮތްތައް ހަމަޖައްސައިދިނުމަށެވެ. ރެޑް ކްރެސެންޑާއި ފުލުހުންނާއި އެމްއެންޑީއެފާއި މާލެ އޭރިއާ ކޮމާންޑާއި އެމްއެންޑީއެފް ފަޔަރާއި މާލެ ސިޓީ ކައުންސިލް އަދި އެޗްޕީއޭ ގުޅިގެން މަސައްކަތްތައް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކިއެކި ކުންފުނިތަކުގެ އެހީތެރިކަން ވެސް ލިބުނު ކަމަށް ވިދާޅުވި އެވެ.
ވިއްސާރައިގައި ގެއްލުން ލިބުނު ބައެއް ގެތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އިއްޔެގެ އިރުއޮއްސުނު ވަގުތު ވަނީ ވަޑައިގެން އެ ތަންތަނާއި މީހުންގެ ހާލަތު ބައްލަވާލައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލިމްބެ
02 January 2024
އުންމީދުކުރަން ދާއިމީ ހައްލެއް ރައީސް މުޢިއްޒު ހާލުގަ ޖެހުނު ފަރާތްތަކަށް ހޯދައިދޭނެކަމަށް.
ހަމީދުު
02 January 2024
މިނޫނީ ނުދެކެން ރައީސަކު ކާރިސާއަކާ ޖެހުނީމަ ގަރައުންޑަށް ފައިބައިގެން މަސައްކަތް ހައްލު ކުރަމުންދާ ރައީސަކު.
ނިޔާޒްް
02 January 2024
ރައީސް މުޢިއްޒު ދަނީ ރައްޔިތުންގެ ހާލަތު ވަރަށް ގާތުން ބަލަމުން
ވިއްސާރަ
01 January 2024
ވިއްސާރައިގެ ސަބަބުން ފެން ބޮޑުވެގެން ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ގެއްލުން ލިބުނު ގެތަކަށް ދާ ފުލުހުންނާ ދޭތެރޭ މި ގޭތަކުގަ އުޅޭ މީހުން ދެކޭގޮތް ބަދަލުވާން އެބަޖެހޭ، ފުލުހުން އެތަންތަނަށް ދަނީ އަމިއްލަ އަށް ފެނިގެން ރައްޔިތުންނަށް ޚިދުމަތެއް ފޯރުކޮށްދިނުމަށް. އެންމެ ކުޑަމިނުން ޝުކުރުގެ ބަހެއް ބުނެލާނަމަވެސް ރަނގަޅު
ސަޖޯ
01 January 2024
މުއިއްޒުގެ މޭޔަރު ކަމުގެ އިމްތިހާނުންވީ ފެއިލް. މީހެއްގެ ވަރު އެނގޭނީ ކަމަކާ ޖެހުނީމާތާ. މިހާރު ހިތައް އަރަނީ މުއިއްޒު މާލޭގެ މޭޔަރަކަށް ހުރެގެން މާލޭ ރައްޔިތުންނަށް ކޮށްދިނީ ކޮންކަމެއްބާއޭ. މަށަށް އެނގޭހާވެސް ކަމަކީ މާލެޔަށް ކުޑަވެސް ވާރޭކޮޅެއް ވެހިއްޖެނަމަ ފަލާހު ޕްރީ ސްކޫލަށް ދާ ކުދިން ފެންގަޑުގައި ބަކަ ނުތަޅާ ސްކޫލަށް ނުދެވޭކަން. ވޭތުވެދިޔަ 10 އަހަރުގެވެސް ހާލަތު އެއީ. ހައުސިންގެ ތަޒުރިބާކާރު ޑޮކްޓަރަކު މޭޔަރަކަށް ހުރުމުން ތަފާތެއް ނުފެނުނު.
ވަކިވެގަންނަން އުޅޭ ހަސަދަވެރި އަފީފު
01 January 2024
ޑރ މުއިއްޒުގެ verikamuga ދަށުގައިވާ ހާލުޖެހި ދަތީގަ އުޅޭ މިސްކީނުންނަށް މި 5އ އެހީތެރިވެ ﷲގެ ހަޒްރަތުން ސަވާބު ހޯއްދަވާ. ވިއްސާރަޔާ ކާރިސާ ތަކުގައި Gina ބަޔަކަށް އަސަރުކުރާނެ. ނަމަވެސް ލާރިވެރިންނަށް އެކަމުން އަރައިގަނެ އަމިއްލަ ފައިމައްޗަށް ތެދުވަން އެހީ ނުދިނަސް ޔަތީމު މިސްކީން Gina ކުޑަކުދިންނާ އަންހެނުން ހާލުގަ އުޅޭ ގެތަކުގެ މީހުންނަށް އެހީވުމަކީ އެންމެ ރަނގަޅުގޮތް.ބުރުމާގެ ގެޔަށް ވި ގެއްލުމަށް ދައުލަތުން ބަލަދުނުދިނަސް ފާފަވެރިނުވާނެ.
ފެންވަރުނެތީއޭ
01 January 2024
މާލޭގެ 11 ގެއަކުން 54 މީހަކު ވަގުތީ ތަންތަންނަށް ބަދަލު ކުރާއިރު އެއީ ބޮޑުއަގުގައި މީސްމީހުންގެ ގެސްޓް ހައުސް ކުއްޔަށް ހިފައިގެން އެކަން ކުރަން ޖެހެނީ އެއީ ކިއެއްވެތޭ އެއީ ސީދާ ކޮރަޕްޝަނާއި ފަސާދައޭ ބަދަލުގައި ލަންކާގެ ވާނުވާ ކުންފުންނަކަށް ހުޅުމާލޭން 100 ހެކްޓަރުގެ ބިން ހިލޭ ދިނުމުގެ ބަދަލުގައި އެތަނުން 1 ހެކްޓަރުގެ ބިމުގައި އިމަޖެންސީ ހާލަތް ތަކުގައި މީހުން ބައިތިއްބާނެ އިމާރާތެއް 150 ބުރިއަށް ނެހެދެންވީ އެއީ ކިއެއްވެތޭ ސަރުކާރުގައިގައި
ގަމާރުން
01 January 2024
މާލެއަކީ ވަށައިގެން ކަނޑު އޮންނަ އަނެއްހެން ބަލާއިރު މާ ބޮޑު ރަށެއް ނޫން. ކޮންމެ ވެރިކަމެއްގަ އެތަށް މިލޔަނެއް ޚަރަދުކޮށްގެން މަގު ހަދާ ތަނެއް. މިވެރިންނަށް ހަމަ ނޭންގެނީބާ ފެން ހިންދޭނެ ރަނގަޅު ގޮތެއް ހޯދަން. ނޫނީ އިރުއިރު ކޮޅާ އެކަމުން ނާޖާއިޒު ފައިދާ ނެގުމުގެ ވިސްނުމުގަ ދާއިމީ ހައްލެއް ގެނައުމަށް ބޭނުން ނުވަނީބާ.
އޮނަރަބްލް އަފީފު ދީދީ
01 January 2024
އިއްޔެގެ ވިއްސާރަ އެއީ އަހަރުމެން އިންސާނުންނަށް ބާރުވެރިކަން ފޯރުވޭނެ ކަމެއްނޫންކަން ޤަބޫލު ކުރަން. އެހެން ނަމަވެސް އެވިއްސާރައިގެ ނަތީޖާ ނުވަތަ "ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުން ތަކަކީ" އަހަރުމެން އިންސާނުން އަމިއްލައަށް ކުރި ކަންކަމުގެ ނަތީޖާ ނޫން ކަމަކަށް ނުބުނެވޭނެ. # ކ.އަތޮޅު މާލެއަށްވުރެން ބިންބޮޑު އެތައްރަށެއް ހުރިއިރު "މާލޭސަރުކާރުގެ އެއްރަށްދައުލަތް ސިޔާސަތުގެދަށުން"'ތުރާކުނުން އައްޑުއަށްހިމެނޭ ރައްޔިތުން ތިރަށަށްޖަމާކުރީ ކީއްވެ!؟
އޮނަރަބްލް އަފީފު ދީދީ
01 January 2024
ބަޔަކަށް އިންސާނީ އެހީ ފޯރުވުމަކީ ރަނގަޅު އަދިބކުރާންޖެހޭ ކަމެއް. އެހެން ނަމަވެސް ދިވެހިރާއްޖެއަކީ ކ.އަތޮޅު މާލެ ކަމަށް ބަލައިގެން ރާއްޖޭގެ އެހެން ހުރިހާ ރަށްތަކުގެ މައްޗަށް އިހްމާލުވަމުން ސަރުކާރުން ގެންގުޅޭ "އެއްރަށް ދައުލަތް ސިޔާސަތު ދޫކޮށް" ދިވެހި ރާއްޖެއަކީ ތުރާކުނުން އައްޑުއަށް ހިމެނޭ ރަށްތައްކަން ޤަބޫލުކޮށް ރާއްޖޭގެ އުތުރާއި ދެކުނުގައި ފެންވަރު ރަނގަޅު އާބަން ސިޓީތަކެއް ތަރައްޤީކޮށް "ޤައުމު" ބިނާކުރަން އަދިވެސް ވިސްނާކަށް ނުވޭތޯ!؟