މިދިޔަ އަހަރުގެ އިޓާލިއަން ސުޕަ ކަޕް ކާމިޔާބުކުރި އިންޓަ މިލާން ތައްޓާ އެކު އުފާފާޅު ކުރަނީ.--
02 ޖެނުއަރީ 2024 - 10:55
ރިޔާދް (ޖެނުއަރީ 2) - އިޓާލިއަން ސުޕަ ކަޕް މިއަހަރު ވެސް ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ބާއްވަން ތައްޔާރު ވެއްޖެ އެވެ.
ދެ ޓީމު ވާދަކުރާ މުބާރާތް މި އަހަރުން ފެށިގެން ބާއްވަން ނަންމާފައި ވަނީ ހަތަރު ޓީމާ އެކު އެވެ. މިއަހަރުގެ މުބާރާތުގައި މިދިޔަ ސީޒަންގައި އިޓަލީ ލީގު ޗެމްޕިއަން ނަޕޯލީ އާއި ރަނަރަޕް ލާޒިއޯގެ އިތުރުން އިޓާލިއަން ކަޕްގެ ޗެމްޕިއިން އިންޓަ މިލާނާއި ރަނަރަޕް ފިއޮރެންޓީނާ ވާދަ ކުރާނެ އެވެ.
ޖެނުއަރީ 18 ވަނަ ދުވަހުގެ ރޭ ނަޕޯލީ އާއި ފިއޮރެންޓީނާ ބައްދަލުކުރާ ފުރަތަމަ ސެމީ ފައިނަލް މެޗަށް ފަހު، ޖެހިގެން އަންނަ ރޭ ދެވަނަ ސެމީގައި ވާދަކުރާނީ އިންޓަ މިލާނާއި ލާޒިއޯ އެވެ. އަދި ފައިނަލް މެޗު ކުޅޭނީ މިމަހުގެ 22 ވަނަ ދުވަހުގެ ރެއެވެ.
މިއީ މި މުބާރާތް ސައުދީ އަރަބިއްޔާގައި ބާއްވާ ހަތަރުވަނަ ފަހަރެވެ. އެންމެ ފުރަތަމަ 2018 ވަނަ އަހަރު ޖިއްދާގައި ބޭއްވި މުބާރާތުގެ ފައިނަލްގައި ޔުވެންޓަސް އިން ވަނީ އޭސީ މިލާން ބަލިކޮށްފަ އެވެ.
އެއަށް ފަހު 2019 ވަނަ އަހަރު ފުރަތަމަ ފަހަރަށް ރިޔާދުގައި ބޭއްވި މުބާރާތުގައި ލާޒިއޯ އިން ޔުވެންޓަސް ބަލިކުރި އިރު، މިދިޔަ އަހަރު ޖިއްދާގައި ކުޅުނު ފައިނަލްގައި އިންޓަ މިލާނުން ވަނީ އޭސީ މިލާން ބަލިކޮށްފަ އެވެ.
މި މުބާރާތް ސައުދީގައި ބާއްވަނީ، އެގައުމުގެ "ވިޝަން 2030" ގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެގައުމުގެ ސްޕޯޓްސް މިނިސްޓްރީން އިންތިޒާމް ކުރާ ބައިނަލްއަގްވާމީ ޗެމްޕިއަންޝިޕްތަކާއި އިވެންޓްތަކުގެ ތެރޭގައި ހިމަނައިގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައުދީއަށްވެދާނެ
02 January 2024
ސައުދީއަށް ކުޅިވަރުގެ ބާރަކަށް ވެވިދާނެ. ބޭރުގެ ލީގުތައް ބާއްވަން އެ އަންނަނީ ބޮޑެތި ލީގުތަކުން. ކުރިއަށް އޮތް ވޯލްޑްކަޕެއްވެސް. ދުނިޔޭގެ މޮޅެތި ކުޅުންތެރިން ރިޓަޔަރމަންޓަށް އެއަންނަނީ. އެހެނެކޭ ކިޔާފަ އަހަރެމެން މިއުޅެނީ ކިހިނެއް. ރަގަޅަށް މުބާރާތެއް އިންތިޒާމުނުކުރެވޭތާ މިއުޅެނީ ކުލަބުތަކަށް ހިންދެމިނުލެވިގެން.