ވެމްކޯ އިން ލީގުގައި އާބަންކޯ ބަލިކުރި މެޗުގައި މޮޅު ކުޅުންތެރިއަކަށް ހޮވުނު ވެމްކޯ ޓީމުގެ ނައްބަ ސެޓްފިކެޓާ ހަވާލުވަނީ.-- ފޮޓޯ: ވީއޭއެމް
03 ޖެނުއަރީ 2024 - 10:23
މިހާރު ކުރިއަށްދާ ގައުމީ ވޮލީބޯޅަ ލީގު 2023 ގައި ކްލަބް އާބަންކޯ އާއި ކްލަބް ވެމްކޯ ބައްދަލުކުރި މެޗު، ވާދަވެރި ކުޅުމަކަށް ފަހު 3-2 ސެޓުން ވެމްކޯ ކާމިޔާބު ކޮށްފި އެވެ.
ވާދަވެރި މި މެޗުގެ ފުރަތަމަ ސެޓު އާބަންކޯ ގެންދިޔައީ 31-19 އިންނެވެ. ދެވަނަ ސެޓު 25-18 އިން ގެންދިޔައީ ވެސް އާބަންކޯ އެވެ. ނަމަވެސް ވެމްކޯ ވަނީ ދެން ކުޅުނު ސެޓްތައް 25-18، 25-20 އަދި 15-13 އިން ކާމިޔާބު ކޮށް، މެޗުން މޮޅުވެފަ އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ލިބަރޯ އަހުމަދު ނަބީލް (ނައްބަ) އެވެ.
ނިމިދިޔަ އެސޯސިއޭޝަން ކަޕްގައި ވެމްކޯ އާއި އާބަންކޯ ވަނީ ދެ ފަހަރެއްގެ މަތިން ބައްދަލު ކޮށްފަ އެވެ. ގުރޫޕް ސްޓޭޖުގެ މެޗާއި، ސެމީ ފައިނަލްގައި ކުޅުނު މެޗު ވެސް ވެމްކޯ ކާމިޔާބު ކޮށްފައި ވަނީ ފަސް ސެޓު ކުޅެގެންނެވެ.
މިދިޔަ ސީޒަން (2022 ގައި) ފިރިހެން ޑިވިޝަނުގައި ވާދަކުރަން ފެށި ވެމްކޯ ވަނީ އެ އަހަރުގެ އެސޯސިއޭޝަން ކަޕްގެ ފައިނަލްގައި ކުޅެ، ގައުމީ ލީގުގެ ތިންވަނަ ހޯދައި، ގައުމީ މުބާރާތުގައި ވެސް ކުޅެފަ އެވެ. މި ސީޒަންގައި އެސޯސިއޭޝަން ކަޕްގެ ޕްރިލިމިނަރީ ކޮލިފައިން ބުރުން ފެށިގެން ކުޅެމުން އަންނަ އާބަންކޯ ވަނީ އެ މުބާރާތުގެ ތިންވަނަ ހޯދައިފަ އެވެ.
މިދިޔަ ސީޒަންގައި ތިން ތަށި ވެސް ކާމިޔާބު ކުރި ސްޕޯޓްސް ކްލަބް ސިޓީ ވަނީ ރޭ ޕޮލިސް ކްލަބާ ވާދަކޮށް ލީގުގައި ފުރަތަމަ މޮޅު ހޯދައިފަ އެވެ.
ސިޓީން މެޗުގެ ސެޓްތައް ގެންދިޔައީ 25-23، 25-14 އަދި 27-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ސިޓީގެ ސަޖިތު ކަލުމަރަތުނަ ޕުއްބަރޭ މުދިޔަންސީލަގޭ އެވެ.
ޕޮލިހާއި ސްޕޯޓްސް ކްލަބް ސިޓީ އަދި ވެމްކޯ އާއި އާބަންކޯ އަށް ވެސް ލީގުގައި ބާކީ އޮތީ އެންމެ މެޗެކެވެ.
އެއްވަނައިގައި އޮތީ ތިން މެޗުން ވެސް މޮޅުވެގެން ނުވަ ޕޮއިންޓް ހޯދާފައިވާ ދިވެހި ސިފައިންގެ ކްލަބެވެ. ވެމްކޯ ހަތަރު މެޗުން އަށް ޕޮއިންޓް ހޯދައި ދެވަނައަށް ޖެހިލިއިރު އާބަންކޯ ތިންވަނައިގައި އޮތީ ހަތް ޕޮއިންޓް ހޯދައިގެންނެވެ.
ހަތަރުވަނައިގައި އޮތީ ތިން މެޗުން ފަސް ޕޮއިންޓް ހޯދާފައިވާ، މުޅިން އަލަށް ވާދަކުރާ ސިޓީ ސްޕޯޓްސް ކްލަބެވެ.
ޗެމްޕިއަން ސްޕޯޓްސް ކްލަބް ސިޓީ އަށް ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ފަސްވަނައިގައި އޮތް އިރު، ފުލުގައި އޮތީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް ޕޮއިންޓެއް ނުލިބި އޮތް ޕޮލިސް ކްލަބެވެ.
ލީގުގެ ގަދަ ހަތަރު ޓީމު، ގައުމީ މުބާރާތަށް ކޮލިފައި ވާއިރު، ބާކީ ދެ ޓީމު ޖެހޭނީ ކުރިއަށް އޮތް ސީޒަންގައި އެސޯސިއޭޝަން ކަޕްގެ ޕްރިލިމިނަރީ ބުރުން ފަށާށެވެ.
• 4 ޖެނުއަރީ 2024 - 16:15 : ސިޓީ ސްޕޯޓްސް ކްލަބް / ދިވެހި ސިފައިންގެ ކްލަބް
• 4 ޖެނުއަރީ 2024 - 20:15 : ކްލަބް އާބަންކޯ / ސްޕޯޓްސް ކްލަބް ސިޓީ
• 5 ޖެނުއަރީ 2024 - 16:15 : ދިވެހި ސިފައިންގެ ކްލަބް / ޕޮލިސް ކްލަބް
• 5 ޖެނުއަރީ 2024 - 20:15 : ސިޓީ ސްޕޯޓްސް ކްލަބް / ކްލަބް ވެމްކޯ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަތިގަނޑު
03 January 2024
އާބަންކޯ އަކީ ކަމެއް ކުރާ ބެެއެއް ނޫން. ކައިކައިގެން ފިނިކޮޓަރީގަ ދުންއެރުވުން ނޫން ކަމެއް ނުކުރާނެ. ވެމްކޯ އެށް މަރުހަބާ.