ކުޅިވަރު / އިނގިރޭސި އެފްއޭ ކަޕް

އެސްޓަން ވިލާ، އަށް އަހަރުތެރޭ އެފްއޭ ކަޕްގައި ފުރަތަމަ މޮޅު

މެޓީ ކޭޝް ވިލާ މޮޅުކޮށްދޭން ފަހުވަގުތު ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

07 ޖެނުއަރީ 2024 - 10:55

މިޑްލްސްބަރާ (ޖެނުއަރީ 7) - މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ކުރީގައި އުޅޭ ލިވަޕޫލާއި މެންޗެސްޓާ ސިޓީ އަދި އާސެނަލްއާ ވާދަކުރަމުން އަންނަ އެސްޓަން ވިލާ، އަށް އަހަރު ތެރޭ ފުރަތަމަ ފަހަރަށް އެފްއޭ ކަޕް މުބާރާތުގައި މޮޅުވެއްޖެ އެވެ.

ލީގުގެ ދެވަނައިގައި މިވަގުތު އޮތް އެސްޓަން ވިލާ، އެފްއޭ ކަޕްގައި މޮޅުވީ ރޭ ރަށުން ބޭރުގައި، މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް މައިކަލް ކެރިކް ކޯޗު ކޮށްދޭ މިޑްލްސްބަރާއާ ވާދަކުރި މެޗުން 1-0 އިންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައި ވަނިކޮށް އެޓީމަށް ގޯލު ޖަހައިދިނީ ޑިފެންޑަރު މެޓީ ކޭޝް އެވެ.

"މެޗުގެ ކުރިން އަހަރެމެން އެފްއޭ ކަޕްގެ ވާހަކަ ދެއްކިން، މިއީ ވަރަށް ތާރީހީ މުބާރާތެއް. ބުނެވިދާނެ މިއީ ދުނިޔޭގެ އެންމެ ބެސްޓް ކަޕް މުބާރާތޭ ވެސް،" ވިލާގެ ކޯޗު އުނެއި އެމެރީ މެޗަށް ފަހު ބުންޏެވެ.

"މި ދައްކަނީ ކުޅުންތެރިންގެ ވާހަކަ، އަހަރެމެންގެ މާ ގިނަ ކުޅުންތެރިންނެއް ނޫން. ހަމައެކަނި އެމިލިއާނޯ މާޓިނޭޒް އާއި ކެލަމް ޗެމްބާސް އަހަރެމެންނާ އެކު ތިބީ އެއީ އާސެނަލް އާއެކު ތަށި ހޯދައިފަ. މީގެ މާ ކުރިން ވިލާ އަކީ މުބާރާތުގައި ކާމިޔާބު ޓީމެއް، ހަތް ފަހަރު ޗެމްޕިއަންކަން ހޯދި. އަހަރެމެން މި މަސައްކަތް ކުރަނީ މި ކްލަބަށް ކުރިއެރުން ހޯދަން."

އެސްޓަން ވިލާ އެންމެ ފަހުން މުބާރާތުގެ މެޗަކިުން މޮޅުވީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. އެފަހަރު މުބާރާތުގެ ތިންވަނަ ބުރުގެ މެޗުގައި ރަށުން ބޭރުގައި ކުޅެގެން އޭރު ހަތަރުވަނަ ޑިވިޝަން ކުޅޭ ވައިކޮމްބޭ ވޮންޑަރާސްއާ ދެކޮޅަށް ކުޅެ އެއްވަރު ވުމުން މޮޅުވީ އަމިއްލަ ދަނޑުގައި ކުޅުނު "ރީޕްލޭ" މެޗުންނެވެ.

އެ މެޗު ކާމިޔާބު ކޮށްގެން އެއަހަރުގެ މުބާރާތުގެ ހަތަރުވަނަ ބުރުގައި އެސްޓަން ވިލާ ބަލިވީ މެންޗެސްޓާ ސިޓީ އަތުންނެވެ. އެއަށް ފަހު ފާއިތުވި ހަތް ސީޒަންގައި ވެސް ވިލާ ވަނީ ފުރަތަމަ މެޗުން ބަލިވެގެން މުބާރާތުން ކަޓައިފަ އެވެ.

އެފްއޭ ކަޕްގެ އިތުރު މެޗުތަކަށް ބަލައިލާއިރު، ޗެލްސީ އާއި ނިއުކާސަލް ޔުނައިޓެޑް އަދި ޓޮޓެންހަމް ހޮޓްސްޕާ ވެސް ވަނީ ތިންވަނަ ބުރުގެ މެޗުތައް ކާމިޔާބުކޮށްގެން ހަތަރުވަނަ ބުރަށް ދަތުރުކޮށްފަ އެވެ.

ޗެލްސީގެ ބްރޯޖާ، ރޭގެ މެޗުގެ ފުރަތަމަ ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ޗެލްސީން ރޭ އަމިއްލަ ދަނޑުގައި ޕްރެސްޓޮން ނޯތު އެންޑް ބަލިކުރީ ދެވަނަ ހާފުގެ ގޯލުތަކުން 4-0 އިންނެވެ. ޗެލްސީގެ ގޯލުތައް ޖަހައިދިނީ އާމަންޑޯ ބްރޯޖާ އާއި ތިއާގޯ ސިލްވާ އަދި ރަހީމް ސްޓާލިން އާއި އެންޒޯ ފެނާންޑޭޒް އެވެ.

ނިއުކާސަލް އިން ރަށުން ބޭރުގައި ސަންޑަލެންޑު ބަލިކުރީ 3-0 އިންނެވެ. ފުރަތަމަ ހާފުގައި ސަންޑަލެންޑު ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލަކުން ލީޑު ހޯދިއިރު، ދެވަނަ ހާފުގައި ގޯލުތައް ޖަހައިދިނީ އެލެކްސެންޑާ އީސާކް އެވެ.

ޓޮޓެންހަމް ވަނީ ހުކުރު ދުވަހުގެ ރޭ ދަންވަރު، ބާންލީއާ ދެކޮޅަށް ކުޅުނު މެޗު ނިމެން 11 މިނިޓަށް ވެފައި ވަނިކޮށް ޕެޑްރޯ ޕޯރޯ ޖަހައިދިން ގޯލުން 1-0 އިން މޮޅުވެފަ އެވެ.

އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި އަދިވެސް ފޯރިގަދަ މެޗުތައް އެބަ ހުއްޓެވެ. ވެސްޓް ހޭމް ޔުނައިޓެޑާއި ބްރިސްޓަލް ސިޓީ ބައްދަލުކުރާ މެޗާއި މެންޗެސްޓާ ސިޓީ އަމިއްލަ ދަނޑުގައި ހަޑާސްފީލްޑް ޓައުންއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ 7 ޖަހާއިރެވެ. އެއަށް ފަހު މިރޭ 9.30 ގައި އޮތީ އެމިރޭޓްސް ސްޓޭޑިއަމްގައި އާސެނަލް އާއި ލިވަޕޫލް ބައްދަލުކުރާ މެޗެވެ.

މެންޗެސްޓާ ޔުނައިޓެޑް ރަށުން ބޭރުގައި ވިގަން އެތުލެޓިކާ ދެކޮޅަށް ކުޅޭ މެޗު އޮތީ މާދަމާ ރޭ ރާއްޖެ ގަޑިން ދަންވަރު 1:15 ގަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454