11 ޖެނުއަރީ 2024 - 06:12
އެޕަލްގެ ޑިވައިސްތަކުގައި އިންޓަނެޓް ކަނެކްޝަނަކާ ނުލައި އެންކްރިޕްޓެޑް މެސެޖު ފޮނުވާ "އެއާޑްރޮޕް" ބޭނުންކުރާ މީހުން ދެނެގަންނާނެ ގޮތެއް ޗައިނާ ސަރުކާރުގެ ތަޖުރިބާކާރުން ހޯދާފައިވާ ކަމަށް ބުނެފި އެވެ.
އެއާޑްރޮޕަކީ ކައިރީގައި ތިބެގެން އެކަކު އަނެކަކަށް ކޮންޓެންޓް ފޮނުވޭ ވަސީލަތެކެވެ. އެގޮތަށް ފޮނުވާ ކޮންޓެންޓް ހުންނަނީ އެންރިޕްޓްކޮށްފައި ކަމަށް ވާތީ އެހެން މީހުންނަށް މި މެސެޖެއް ނުފެންނާނެ އެވެ. މިއީ 2019 ވަނަ އަހަރު ހޮންކޮންގުގައި ޑިމޮކްރަސީއަށް ގޮވާލައި ބޭއްވި މުޒާހަރާތަކުގެ ބައިވެރިން ވަރަށް އާންމުކޮށް ބޭނުންކުރި ވަސީލަތެކެވެ.
މިގޮތަށް ފޮނުވާ މެސެޖު ނުބެލެތީ ޗައިނާއިން ޝަކުވާކުރުމުން އެޕަލް އިން 2022 ވަނަ އަހަރު ވަނީ ޗައިނާގައި އައިފޯން ބޭނުންކުރާ މީހުންނަށް ފައިލް-ޝެއާރިންގެ ހިދުމަތް ލިމިޓް ވެސް ކޮށްފަ އެވެ.
ބެއިޖިންގެ މުނިސިޕަލް ގަވަމެންޓުން ބުނީ ބެއިޖިން ވަންގްޝެން ޑޮންޖިއަން ޖަސްޓިސް އެޕަރެއިސަލް އިންސްޓްޓިއުޓުން ވަނީ އެއާޑްރޮޕް ބޭނުންކުރާ މީހުންގެ ފޯން ނަންބަރާއި އީމެއިލް އެކައުންޓް ހޯދޭނެ ގޮތެއް ދެނެގެންފައި ކަމަށެވެ. އެތަނުން ނެރުނު ބަޔާނެއްގައި ބުނީ އެކަށީގެންނުވާ މައުލޫމާތު، ކާކުކަން ނޭނގޭ ގޮތަށް ސިއްރުން ފޮނުވާ ގޮތް ހޯދުމަކީ ޓެކްނޮލޮޖީގެ ގޮތުން ހޯދުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
މި ޓެކްނިކް ބޭނުންކޮށްގެން މިހާތަނަށް ޗައިނާގައި އެއްވެސް މީހަކު ހައްޔަރުކޮށް ނުވަތަ ތަހުގީގެއް ހިންގި ކަމުގެ ރިޕޯޓެއް އަދި ނެތެވެ.
މިކަމާ ބެހޭ ގޮތުން އެޕަލް އިން އަދި ވާހަކައެއް ނުދައްކަ އެވެ. --އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
15 January 2024
އަބަދު ރައްޔިތުނައް ފާރަލުމާ ރައްޔިތުން ފަހާދުއުމުގަ ޗައިނާ ކޮމިއުނިސްޓު ސަރުކާރު އުޅެނީ މީހަކައް ފާހާނަވެސް ނުކުރެވޭ ފާރަ ނުލާ ގޮތަކައް!