މާލޭގެ އާ މޭޔަރު އާދަމް އާޒިމާ އާ ތިން ކައުންސިލަރުން މަގާމުގެ ހުވާކުރައްވަން ރޭ ބޭއްވި ދަރުބާރުގައި ރައީސް ޑރ. މުއިއްޒާއި ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފާއި ޑެޕިއުޓީ މޭޔަރު ނަރީޝް.---ފޮޓޯ: ނިޝާން އަލީ| މިހާރު
23 ޖެނުއަރީ 2024 - 15:21
މި ސަރުކާރުން އައްޑޫ، ހިތަދޫ-ހުޅުމީދޫ ބްރިޖު އަޅާނީ އަނގަބަހުން ނޫން ކަމަށާއި އެކަން އަމަލީ ގޮތުން ކުރައްވައި ދައްކަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
މާލޭގެ އާ މޭޔަރު އާދަމް އާޒިމާއި އާ ތިން ކައުންސިލް މެމްބަރުން ހުވާ ކުރެއްވުމަށް ބޭއްވި ދަރުބާރުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އައްޑޫ ބްރިޖު މި ސަރުކާރުން އަޅައި ދައްކަވާނެ ކަމަށެވެ.
ހުޅުމީދޫ އަކީ އައްޑޫ އަތޮޅުގައި ވަކިން އޮންނަ ހަމައެކަނި ރަށް.--
މިހާރު އެ ބްރިޖުގެ ފީސިބިލިޓީ މަސައްކަތް ފަށާފައިވާ ކަމަށާއި މާ ލަސްތަކެއް ނުވެ ކޮންޓްރެކްޓަރަކާ ހަވާލުކުރެވޭ ވަރަށް ހުރިހާ ތަފުސީލެއް ނިންމާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ބްރިޖުގެ މަސައްކަތް ހިނގާނެ. އައްޑޫ ސިޓީގައި އަޅުގަނޑުމެން ހަމައެކަނި އަނގަ ބަހަކުން ނޫން ބްރިޖު އަޅާނީ. އަމަލީ ގޮތުން ބްރިޖު އަޅާފައި ދައްކާނަން،" ވަރަށް ޔަގީންކަމާ އެކު ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"ކުރެހުމާއި އިންޖިނިއަރިން އާއި ހުރިހާ ޑިޒައިނިން ނިންމާފައި އެ ބްރިޖުގެ މަސައްކަތް އިރާދަކުރެވިއްޔާ އަޅުގަނޑުމެން މި ދައުރުގެ ތެރޭގައި ނިންމާނަން."
މި އަހަރުގެ ބަޖެޓުގައި ހިތަދޫ-ހުޅުމީދޫ ބްރިޖުގެ ސާވޭ ހެދުމަށް ވަނީ 30 މިލިއަން ރުފިޔާހިމަނާފަ އެވެ.
އައްޑޫ ބްރިޖުގެ މަސައްކަތް ކުރުމަށް މިސްރުގެ ބޮޑު ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށް، އެކަމަށް ބޭނުންވާ ސާވޭ ހިލޭކޮށްދިނުމަށް ސަރުކާރަށް ހުށަހަޅާފައިވާ ކަމަށް ރައީސް އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މި ފަހުން ޗައިނާ އަށް ކުރެއްވި ދަތުރުގައި ޗައިނާގެ އިންވެސްޓަރުންނަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި މަޝްރޫއުތަކުގެ ތެރޭގައި ވެސް އައްޑޫ ބްރިޖު ހިމެނެ އެވެ. ޗައިނާގެ ކުންފުންޏަކުން އެކަމަށް ޝައުގުވެރިކަން ފާޅުކުރި ކަމަށް ވެސް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުالله މުއްތަލިބު ވިދާޅުވެފައިވެ އެވެ.
ހިތަދު އާއި ހުޅުމީދޫ ބްރިޖަކުން ގުޅާލުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް އައްޑު އަށް ވެވަޑައިގެންނެވި ވައުދެކެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު، އެ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މުއިއްޒު އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ޔާމީންގެ އެ ވައުދު ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަން އިއުލާންކުރައްވައިފަ އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ލޭންޑް ޔޫސް ޕްލޭން ހަދައި ނިމޭއިރު، އެއްގަމުން ގުޅުވައިލަން ބޭނުންވާ ރަށްތައް ވެސް ހުންނާނެ ކަމަށާއި އޭގެ ފަންނީ މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރޭގެ ވާހަކަފުޅުގައި ރައީސް ވަނީ މާލެ އާއި ރަސްމާލެ ގުޅުވައިލާނީ އަންޑަ ވޯޓަ ޓަނަލަކުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޒުވީ
25 January 2024
ބުރިޖުން ގުޅަނީ ހަމައެކަނި ހުޅުމީދޫގެ އާބާދީ އަކާ ނޫނެވެ. އާބާދީ އަށް ބަލާ އިރު ގުޅުވަނީ މުޅި އަތޮޅުގެ އާބާދީއެވެ. އެއިގެ އިތުރުން ހުޅުމީދޫގެ 330 ހެކްޓަރގެ ބިމާއެވެ. އަދި ހުޅުމީދޫ ބިތުގައި އޮތް 1000 ހެކްޓަރުގެ ފަޅާއެވެ. އެއީ މުސްތަގުބަލުގައި ރަސް އައްޑޫ ހަދާނެ ބިން އުފެއްދޭނެ ޖާގައެވެ.
ރޯޒަސް
24 January 2024
އެންމެ 3000 މީހުން ފިނިބުރުޖަހަން 2 ބިލިއަން ރުފިޔާގެ ޚަރަދު ކުރުމަކީ ވަރަށް ބޮޑު އިސްރާފެއް. ނުވިތާކަށް ރިސޯޓެއްގެ ދުވަސް ދުއްވާލާ، ބާކީ ހުރި ޑައިވް ސައިޓްތަކާ ސްނޯކްލިންގ ސައިޓްތައް ފުނޑާލައިގެން ކުރަން ހެޔޮވާވަރުކަމެއް ނޫން.
އައްޒުވީ
25 January 2024
ރޯޒް އަށް ބޮޑު މަންޒަރު ނުފެންނާތީ ނޫނީ ނޭގުމަކީ އައްޑޫ ބުރިޖެއް ނާޅަންވީ ކަމެއް ނޫނެވެ. އެންމެ 3000 މީހުންނޭ ތި ބުނަނީ އެއީ ކޮން ބަޔަކަށް ނިސްބަތްކޮށް ހެއްޔެވެ. މުޅި އައްޑޫ އެއް ފަޅިން އަނެއް ފަޅިއަށް ގުޅުވާލުމަށް އަޅާ ބުރިޖަކުން ދަތުރުކުރާނީ ހަމައެކަނި އެއްބަޔަކު އެއްކޮޅަށް ހެއްޔެވެ. އައްޑޫ އަތޮޅުގެ އާބާދީ އަކީ 35 ހާސް އެވެ. ތިން ހާސް މީހުން ކަމަށް ތި ބުނީ ހުޅުދޫ މީދޫ ގެ ވާހަކަ ކަމަށް ވެދާނެއެވެ. އެކަމަކު އެ ދެ ރަށުގެ އާބާދީ އަކީ ހަތް ހާހެވެ.
ކޮސް
24 January 2024
މުއިއްޒު ކިތަންމެ ވަރަކަށް ވައުދު ފުއްދެވިއަސް ރައީސް ޔާމީން މިނިވަންވެއްޖިއްޔާ މުއިއްޒުގެ ކަންތައް އެނިމުނީ. މިކަން ޕީ.އެން.ސީ މީހުންނަށްވެސް އެނގޭނެ. އެހެންވީމަ ޔާމީނު މިނިވަން ނުވަނީ. ޔާމީނާ އެމް.ޑީ.ޕީ އާއި ނުގުޅޭނެ ފޯމިއުލާއެެއްވެސް ނެތް.
ބުލޫ ބާރޑް
24 January 2024
ހުޅުދޫ/މީދޫ ބަޔޯ ރިޞާރވް އަކަށް ހައްދާވާފަ އެބޭފުޅުންނަށް ބުރިޖަށް ހޭދަވާ ފައިސާ ބައްސާވަލައްވާ. އޭރުން އެބޭފުޅުން އަނބި ދަރިން ގޮވައިގެން ރަސްމާލެއަށް ހިޖުރަކޮށް ވިޔަފާރި ކުރަން އިސާހިތަކު ފައްޓަވާނެއެވެ.
ރާމާ މަންކީ.
24 January 2024
ރާއްޖޭގައި ތިބި އެންމެ ތައުލީމީ މީހުން ނަކީ އައްޑޫ މީހުން. އެމީހުން ނޫޅޭ އަތުން ފައިން މަސައްކަތެއް ނުކޮށް ގެދޮރު ކުއްޔަސްދީގެން ދިރިއުޅޭކަށް. ތިރަށު މީހުން އެކަމަށް ފަރިތަވާނީ. ތިރަސް ބަޔޯސްފިއަރ ރިޒާވަކަށް ހަދާފަ ތިރަށު މީހުން ލަންކާ އަށް ސިންގަޕޫރަށް ބަދަލުކޮށްލާ.
އިކޮނޮމިސްޓު
25 January 2024
އައްޑޫ ސިޓީ ކުރި ނާރައިގެން އުޅެނީ ސަރުކާރުން ކަންކަން ނުކޮށްދީގެންނޭ ތިކިޔަނީ ހަމަ ބަހަނާއެއް ދައްްކަން. ހަގީގަތަކީ ލޮކޭޝަންގެ ގޮތުންނާއި ރިސޯސަސްގެ ގޮތުން އައްޑޫ ބަލިކަށީ. ބޭސިކް އިކޮނޮމިކް ކޮންޑިޝަންތައްވެސް ނެތީ. ސަރުކާރުން ކިތަންމެ ވަރަށް ލާރިއެޅިޔަސް ތިތަނެއް ނުހިނގާނެ. އައްޑޫގެ ނަސީބަކީ އިނގިރޭސިން ބޭސް އަޅަން ނިންމިކަން. އެހެން ނޫންނަމަ ވަރަަށް ފަހަތުގައި އުޅުނީހީ. އަތޮޅު ރައްޔިތުންގެ ހިތްވަރެއް ހުރިނަމަ ސަރުކާރޭ ކިޔާލަ ކިޔާލާ ނުތިބޭނެ.
ޖައިބެެ
24 January 2024
ބުރިޖު އެޅުމުގެ ހިތްވަރު އެމްޑީޕީގަ ނެތަސް ޕީޕީއެމް ޕީއެންސީ ނިކަން ފަރިތަވާނެ
އާބިދާ
24 January 2024
ޝައްކެއްވެސް ނެތް. ކުރިންވެސް އެކަން ސާބިތު ކޮށްދިނީ ރައީސް މުއިއްޒުމެން
އާދަންބެެ
24 January 2024
ޔަގީނެއްނު. އަހަރެމެންގެ ފުރިހަމަ އިތުބާރު ރ. މުއިއްޒަށް އެބައޮތް.
ވިފާގް
24 January 2024
އައްޑޫ ރައްޔިތުންގެ އެންމެ ބޮޑު އުންމީދަކީ ތި ބްރިޖް. ރައީސް ޑރ މުއިއްޒު ވެފައިވާ ވައުދެއްވިއްޔާ ފުއްދަވައިދެއްވާނެ.
އައިލަމް
24 January 2024
މިހާރުވެސް މިސްރުގެ ކުންފުންޔަކުން ވަނީ އައްޑޫގެ ބްރިޖް އެޅުމަށް ޝައުގުވެރިކަމް ފާޅުކޮއްފަ. ދެން އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެނިގެންދާނެ.
މާއިޝާ
24 January 2024
2018 ވަނަ އަހަރު އައްޑޫ އަށް ވެފައިވާ ބްރިޖްގެ ވައުދު މިފަހަރު ރައީސް ފުއްދަވައިދެއްވާނެ ކަން ޔަގީން.