މަޖިލީހުގެ ޖަލްސާއަށް ވަނުމުގެ ކުރިން ޕީޕީއެމް/ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭދަފުށީ ދާއިރާގެ މެމްބަރު ސަލީމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
29 ޖެނުއަރީ 2024 - 13:21
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާ ކުރިއަށް ގެންދިޔަ ނުދީ ހުއްޓުވަން ޖެހުނީ، ޕާޓީތަކަށް އައި ބަދަލުތަކާ އެކު ވެސް ސަރުކާރުގެ މެންބަރުން ކޮމިޓީތަކުގައި ނުހިމަނައި ފާސްކުރަން މަސައްކަތް ކުރުމުން ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް) މިއަދު ވިދާޅުވެއްޖެ އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓަށް ސަރުކާރުގެ މެންބަރުން އިއްޔެ ހުރަސް އެޅުމާ ގުޅިގެން ވޯޓު ކުރިއަށް ނުގެންދެވުނެވެ.
އެ ޖަލްސާ މިއަދުގެ މެންދުރު 1:00 އަށް ތާވަލް ކުރުމާ އެކު، ޖަލްސާގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ޕާޓީތަކުގެ މެންބަރުންނަށް އައި ބަދަލާ އެކު، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މަސައްކަތް ކުރެއްވީ ސަރުކާރުގެ މެންބަރުން ކޮމިޓީތަކުން ބޭރުކޮށްފައި ކޮމިޓީތައް ބޭއްވުމަށެވެ.
އެކަން ކުރަން ނިންމީ މެންބަރުންގެ އަދި ޕީޖީ ލީޑަރުންގެ ވެސް އެއްވެސް މަޝްވަރާއެއް ނެތި ކަމަށް އޭނާ ވިދާޅުވި އެވެ.
"ލީޑަރުންނާ ބައްދަލުވެސް ކުރުމެއް ނެތި އެއްވެސް ބަދަލެއް ނުގެނެސް އަޅުގަނޑުމެންގެ މީހުން ކޮމިޓީތަކުން ބޭރުކޮށްލާފައި އަނެއްހެން ބުނާ ނަމަ ހުދުމުހުތާރު ގޮތެއްގައި ކޮމިޓީތައް އެކުލަވާލަން މަސައްކަތް ކުރެއްވީ،" ސަލީމް ވިދާޅުވި އެވެ.
ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން
ކޮމިޓީތައް އަލުން އެކުލަވާލަން ޖެހުނީ އެމްޑީޕީގައި ތިއްބެވި 14 މެންބަރަކު ޕީއެންސީ އަށް ސޮއިކުރުމާ ގުޅިގެންނެވެ. އެ ބަދަލު މަޖިލީހުން ރިޔާސަތުން އިއްޔެ ވަނީ އާންމުކޮށްފަ އެވެ. ކޮމިޓީތަކަށް ބަދަލު އަންނާނެ ކަމަށް ވެސް އަސްލަމް ވިދާޅުވެފައި ވެ އެވެ.
ސަލީމް ވިދާޅުވީ ރޭ ބާއްވަން ހަމަޖެއްސި ޖަލްސާ ހުއްޓުވަން ޖެހުނީ މެންބަރަކު މަޖިލިސް ތެރެއިން ލިބުނު އަނިޔާއަށް ފަރުވާ ހޯދަމުން އަންނަ ދަނޑިވަޅެއްގައި ޖަލްސާ ބާއްވަން ނޭދޭތީ ކަމަށެވެ.
"މަޖުބޫރުވީ މެންބަރަކު މަދުކަމުން އޭނާ ރަނގަޅު ހާލަތެއް އަންނަންދެން ހުއްޓުވަން،" ސަލީމް ވިދާޅުވި އެވެ.
ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅުން ކުރަމުން އަންނަ މަސައްކަތް ބަލައިނުގަނެވޭ ކަމަށާއި އެކަމުގައި އެއްވެސް ހުއްޖަތެއް ވެސް ދެއްކެން ނެތް ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ. ވަޒީރުންގެ މައްސަލައެއް ނެތް ކަމަށް ކޮމިޓީން ފާސްކޮށްފައިވަނީ އިދިކޮޅުގެ ސައްހަ މެޖޯރިޓީ އޮތް ކޮމިޓީއަކުން ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓު މެންދުރު މިހާރު ވަނީ ފަށައިފަ އެވެ. ސަރުކާރު މެންބަރުން އަދިވެސް ގެންދަވަނީ ތަޅުމުގައި އަޑުގަދަކުރައްވަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިލާލް
29 January 2024
ތިހިރީ މޫނު ތަގައްޔަރު ވެ ހަނދު އޮއްސިފައެއްނު....
އަސްލު...
29 January 2024
ލަދުހަޔާތްކުޑަކަމުން އެޕާޓީން 13 މެމްބަރުން ގަނެގެން ގެންދިޔައީ ކީއްވެގެން، ފައިސާމަތީގަ އަބަދަކު ނޫޅެވޭނެ އުމުރަށް ވެސް ވިސްނާނުލާ ތިޔައުޅުއްވަނީ އެކަނި ފައިސާ ހުރީމަ،
ޜެޑޭ
29 January 2024
ކަލޯ ތިޔަހުރީ ރޮވިފައެއްނު
އަލީމު
29 January 2024
ކަލޭ ތީކާކު ވާހަކަ ދައްކަން؟
ހސބސވ
29 January 2024
މީ ޑިމޮކުރަސީ ދޯ. ހުޅަނގުގެ ފައިދަށުގައި
ކިހިނެއް
29 January 2024
ވަކިބަޔަކު ބޭރެއް ނުކުރެވޭނެ ކޮމެޓީތަކުން ގާނޫނު އޮންނަ ގޮތުން
އާއުޒުރެއް
29 January 2024
ބުހުތާނު ދޮގުނޫން އެއްޗެއް ދަންނަބައެއް ނޫން. އިއްޔެ ތިވާހަކަނުދެއްކީ ކީއްވެ؟ މިއަދު އުޒުރެއް އީޖާދުކުރީ. އަބަދުވެސް ވަނީ ތިހެން
ކިހިނެއްދޭނީ
29 January 2024
ދޮގުހެދީ ތިބުނާ ރައްޔިތުން ކުރިމަތީ އިބޫ މިތާ އިންޑިޔާ ސިފައިން ނެތޭ ކިޔާފަ. އެކަމު އިންޑިޔާ އިން އެބަ ބުނޭ ސިފައިން ބާލަން މަޝްވަރާ ކުރާ ވާހަކަ