އަންހެނަކު، ކުއްޖަކު ގޮވައިގެން މޫދުގައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
05 ފެބުރުއަރީ 2024 - 10:32
އެކަނިވެރި މައިންގެ އިނާޔަތް އަންނަ އަހަރު ބޮޑުކުރާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް "ރައީސްގެ ޖަވާބު" ނަމުގައި ސަރުކާރުން ފަށާފައިވާ ސީރީޒްގެ ދަށުން، ފުވައްމުލަކު އަންހެނަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެކަނިވެރި މައިންގެ އިނާޔަތް ބޮޑުކުރުމަކީ އެ މަނިކުފާނުގެ ވައުދެއް ކަމަށެވެ.
އެ ވައުދު ފުއްދާނެ ކަމަށާއި އެކަމަކު އިގުތިސޯދު ރަނގަޅުކުރުމަށް ކަންކަން ހުރުމުން މި އަހަރުގެ ބަޖެޓުގެ ތެރެއިން އެކަން ކުރުމަކީ ހަމަޖެހިފައިވާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. ނަމަވެސް، އަންނަ އަހަރު އެ މަސައްކަތްތައް ކުރާނެ ކަމަށް ވިދާޅުވި އެވެ.
"މި އަންނަ އަހަރަކީ އެކަނިވެރި މައިންގެ އިނާޔަތް ބޮޑުކުރެވިގެންދާނެ އަހަރަކަށް ހަދާނަން. މި އަހަރު ވެސް މަސައްކަތްކުރެވިގެން ދަނީ. ވަރަށް އިސްކަންދޭ ކަމެއް އަޅުގަނޑުމެން." ރައީސް ވިދާޅުވި އެވެ.
އޭނާގެ ސުވާލާ ގުޅިގެން ރައީސް ވިދާޅުވީ ޔަތީމު ކުދިން އަދި މުޖުތަމައުގައި ހަވާސާ ވެފައިވާ ކުދިންނަށް ކުރިއަށްވުރެ ބޮޑަށް ސަމާލުކަންދީ، އަޅާލުން ދޭނެ ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދޭން ފެށި އެ އެލަވަންސަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ގައި ވެސް ބަދަލުތަކެއް ގެނަ އެވެ. އެގޮތުން ތިބި ކުދިންގެ މައްޗަށް ބިނާކޮށް، ކޮންމެ ކުއްޖަކަށް 1،000ރ.ގެ މަގުން މަހެއްގެ މައްޗަށް އެފަދަ އާއިލާއަކަށް ގިނަވެގެން 3،000ރ. ލިބެ އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ އަދަދު 10،000ރ. އަށް އިތުރުކުރި އެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ވަނީ މިހާރު ދޭ ޖުމްލަ އަދަދު 12،000ރ. އާ ހަމައަށް އިތުރުކޮށްދިނުމަށް ވައުދުވެވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރިޔާޒް
06 February 2024
މަށަށް ދެރައީ މިކަމަށްވެސް ފާޑު ކިޔާ މީހުން އުޅޭތީް
ހައިދަރުު
06 February 2024
އެކަނި ވެރި މައިންނަށް އެލަވަންސް ބޮޑުކޮށްގެން ވާނެ އެއްވެސް ދެރައެއް ނޯންނާނެ
ޖިޔާމްް
06 February 2024
ރައީސް މުޢިއްޒަކީ ހިތްހެޔޮ ރައީސެއް.
ނޫސަންގު
05 February 2024
ކަން ގޯހެއް ނޫން. ކުރަންވީ ކަމަކީ އާމްދަނީ އާ މުދަލަށް ބަލާފައި (ނިކަމެތިން ކަމަށް ބެލެވޭ މިންގަޑަށް ރިޢާޔަތް ކޮށް) 18 އަހަރު ނުވާ ކުދިންތިބި ޢާއިލާ ތަކުގެ ކޮންމެ ކުއްޖަކަށް ވަކިވަރެއް ސަރުކާރުން ދޭންވީ. އެކަނިވެރިވެދާނެ ދޯ ވަރަށް މުއްސަނދި މީހުންވެސް.
ނޯނަން
05 February 2024
އެކަނި ވެރި މައެއް ނޫނަސް، ވަރިކޮށްފަ، ކައިވެނި ނުކޮށް، ބަފައިން އަދި އާއިލާއިން އަޅާނުލާ އަންހެނުންވެސް ވަރަށްގިނަ. ( އެ ފެންވަރަށް ކިޔެވިފަ އާމްދަނީ ލިބޭނެ އިތުރު ގޮތެއްނެތް) ބައިތުލް މާލުން ޚަރަދު ކުރަންޔާ، ވަލިއްޔުލް އަމުރަށް ބަދަލު އަރާ އެންމެނަށް ޚަރަދުކުރުން މުހިއްމު. އެހެން ނޫނީ އެއްބަޔަކު އިތުރަށް ދާނީ ނިކަމެތިވަމުން.
ޑެސްޕަރޭޓް ވައިފް
05 February 2024
ދެން އަހަރެމެން މީހުންނާ ނުއިދެ ބޯއީފުރެންޑު ގެންގުޅޭނީ...
ބސ877
05 February 2024
އެލާރިކޮޅުގެ ބޭނުމުގަ އެބަތިބެޔޭ ބައެއްއަންހެނުން ކައިވެނިނުކޮށް، ވަރިވުމައްފަހު. ޖޯކެއްނޫންމީ.
ފަގުޑި
05 February 2024
ތި އިނާޔަތްތަކަކާ ހެދީ މިހާ ވަރި ގިނަވެގެން މިއުޅެނީ...
އެކަނިވެރި މައި
05 February 2024
ތި ވީގޮތުން އެކަނިވެރި މައިން ވެސް އަންނަ އަހަރު ގިނަ ވާނެ. ރައްޔިތުން ތިބެނީ އަތާ އަނގަޔާ ދިމާނުވެ.
މރ. ބުއްކޮ
05 February 2024
އަންހެނުންނާ ފިރިހެނުން ހަމަހަމަ ޒަމާނެއްގާ ފިރިހެނަކަށް ހަމަ އެކައްޗެއްވެސް ނެތީތޯ؟
1828
05 February 2024
ކިހާ ހަމަ ހަމަ ތޯ؟
ޝަދު
05 February 2024
އެކަނި ކުދިންބަލާ ފިރިހެނުންނައް މިހާރުވެސް ލިބޭ