ސަރުކާރުން ބޭސްފަރުވާކޮށްދޭ އިންޝުއަރެންސް ސްކީމް، އާސަންދަ މެދުވެރިކޮށް ސިއްހީ ފަރުވާދޭ ތަންތަނަށް ދައްކަން ޖެހޭ ބިލްތައް މި ފެށޭ ޖެނުއަރީ މަސް ނިމުމުގެ ކުރިން ދައްކައި ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެންސްޕާ އިން ރޭ ބުނެފި އެވެ.
ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންނާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު މިފަހުން ބޭއްވެވި އެކިއެކި ބައްދަލުވުންތަކުގައި ބައެއް ރައްޔިތުން ވަނީ އާސަންދައިން ހިދުމަތް ދިނުމަށް ފަހު އަމިއްލަ ފަރާތްތަކަށް ސަރުކާރުން ދައްކަން ޖެހޭ ފައިސާ ނުލިބޭ ކަމުގެ ޝަކުވާ ކޮށްފަ އެވެ.
އެންސްޕާ އިން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ބައިވެރިވެވަޑައިގަތް އެކި ފޯރަމްތަކާއި ރައްޔިތުން ހިޔާލު ހުށަހެޅުއްވި ކަންކަމަށް ހައްލެއްގެ ގޮތުން، އާސަންދަ މެދުވެރިކޮށް ސިއްހީ ފަރުވާދޭ ތަންތަނަށް ދައްކަން ޖެހޭ ބިލްތައް ދެއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފިނޭންސް މިނިސްޓްރީއާ ގުޅިގެން ކުރަމުން އަންނަ މަސައްކަތުގައި އެ ފައިސާތައް ޖެނުއަރީ 31ގެ ކުރިން ދައްކައި ނިންމުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އެންސްޕާ އިން ބުންޏެވެ.
އެންސްޕާ އިން ބުނީ އާއްމުންގެ ޝަކުވާ ލިބުނު ބޭސްފަރުވާގެ ނިޒާމާއި އާސަންދައިގެ މައްސަލަތަކަށް ވެސް އަންނަނީ ހައްލުތަކެއް ހޯދައިދެމުން ކަމަށެވެ.
އެއް ކަމަކަށް، އާސަންދައިގެ ހިދުމަތް ބޭނުންވާ ކްލިނިކްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އިއްޔެ ވަނީ ހުޅުވާލައިފަ އެވެ. އާސަންދައިގެ ހިދުމަތް އަންނަ މަހުގެ 31 ގެ ކުރިން ލިބޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް ވެސް އެންސްޕާ އިން ބުންޏެވެ.