13 ފެބުރުއަރީ 2024 - 06:05
ރޯމް (ފެބްރުއަރީ 13) - ޔުވެންޓަސް، އޭސީ މިލާން، އިންޓަ މިލާން އަދި ރޯމާގެ މައްޗަށް، ޓޮރީނޯގެ ރައީސް އުރުބާނާ ކައިރޯ ތުހުމަތެއް ކޮށްފި އެވެ.
އިއްޔެ ކްލަބްތަކުގެ ބައްދަލުވުމުގައި، އިޓާލިއަން ލީގުގެ ޓީމުތަކުގެ އަދަދު 20 ން 18 އަށް ދަށް ކުރުމަށް ކްލަބްތަކުގެ ވޯޓަށް އެހުމުން، 16 ކްލަބަކުން ވޯޓް ދީގެން ފާސް ކުރީ އަދަދު ދަށް ކުރަން ނުފެންނަ ކަމަށެވެ.
އެކަމާ ދެކޮޅަށް ވޯޓް ދިނީ އެ ހަތަރު ކްލަބެވެ. އެހެންވެ ކައިރޯ ތުހުމަތު ކުރީ އެ ކްލަބްތަކުން މަސައްކަޔް ކުރަނީ މިނީ ސުޕަ ލީގެއް ގެނައުމަށް ކަމަށެވެ.
ސުޕަ ލީގެއް ގެންނަން އުޅޭ ކަމަށް އޭނާ އެ ތުހުމަތު ކުރީ، ޔޫރަޕިއަން ސުޕަ ލީގުގެ ނަމުގައި، އެ ހަތަރު ކްލަބް ވެސް ހިމަނޭ ގޮތަށް 2021 ގައި އެމެރިކާގެ ކުންފުންޏަކާ ގުޅިގެން އިއުލާން ކުރި މުބާރާތަށް އިޝާރާތްކޮށެވެ. އެކަމަކު ލީގުތަކުގެ ދެކޮޅު ހެދުމާ ހެދި އެ މުބާރާތް ކުރިއަކަށް ނުގެންދެވުނެވެ.
އިޓަލިއަން ލީގުގެ އިތުރުން، އިނގިރޭސި ލީގާއި ސްޕެއިންގެ ލީގުގައި ވެސް 20 ޓީމު ވާދަ ކުރެ އެވެ. ޖަރުމަނާއި ފްރާންސް ލީގުގައި ވާދަ ކުރަނީ 18 ކްލަބެވެ.
އިޓަލީގެ ޒަމާންވީ މި ހަތަރު ކްލަބުން، ލީގުގެ ޓީމުތަކުގެ އަދަދު ދަށްކުރަން ބޭނުންވީ ލީގުގެ ވާދަވެރިކަން ބޮޑު ވާނެކަން ފާހަގަ ކުރަމުންނެވެ. އަދި ޑޮމެސްޓިކް ލީގުގައި ކުޅެން ޖެހޭ މެޗުތައް މަދުވުމުން ޔޫރަޕްގެ މުބާރާތްތަކުގައި ވާދަ ކުރާ ޓީމުތަކަށް ވެސް ފައިދާ ކުރާނެ ކަމަށް އެ ހަތަރު ކްލަބުން ވަކާލާތު ކުރި އެވެ.
"އެ މީހުން [އެ ހަތަރު ކްލަބް] ބޭނުންވި މިނީ ސުޕަ ލީގެއް ގެންނަން،" ބައްދަލުވުމަށް ފަހު އިޓަލީގެ މީޑިއާއަކަށް ދެއްވި އިންޓަވިއުގައި ކައިރޯ ވިދާޅުވި އެވެ.
"ބައްދަލުވުމުން ކަށަވަރުވީ ކްލަބުތަކުގެ ގިނަ ބަޔަކު ބޭނުންވަނީ 20 ޓީމު ލީގުގައި ބެހެއްޓަންކަން... އެހެންވީމަ 20 ޓީމުގެ ފޯމެޓް ރަނގަޅަށް މަސައްކަތް ކުރާކަން އެބަ އެނގޭ."
އިޓަލީ ލީގުގައި މީގެ 20 އަހަރު ކުރިން އޮންނަނީ 18 ޓީމެވެ. އެކަމަކު 2004 ވަނަ އަހަރު 20 ޓީމަށް ލީގު ފުޅާ ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލެމް
13 February 2024
18 ޓީމަށް ބަދަލުކުރީމަ ފައިދާ ބޮޑީ. ވާދަވެރިކަން ބޮޑުވެފަ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގަށް ކޮލިފައިވާ އަދަދުގެ އިތުރަށް ޔޫރޮޕާ ކޮންފަރެންސް ލީގު ގްރޫޕް ސްޓޭޖުން 1 ޓިމަށް ޖާގަ އެބަލިބޭ. ރެލިގޭޝަނަށްދާ އަދަދަަށްވެސް ބަދަލެއް ނާންނާނެ. ބަލާ ބުންޑެސް ލީގާ.