ރައީސް ޑރ. މުހައްމަދު މުއިއްޒު ގއ. ކޮނޑެއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވި އެ ރަށުގެ ކައުންސިލަރަކާ އެމަނިކުފާނު ސަލާންކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
21 ފެބުރުއަރީ 2024 - 19:18
ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަށަވަރުކުރުމަށް މި ސަރުކާރުން ގެންގުޅޭ ހާއްސަ ސިޔާސަތުގެ ދަށުން ގއ. ކޮނޑޭ އާއި ބިން ބޮޑެތި އެފަދަ ރަށްތަކުގައި ދަނޑުވެރިކަން ކުރިއެރުވުމުގެ މުހިންމު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދެކުނުގެ ރަށްތަކަށް ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ހަވީރު ކޮނޑޭގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެމަނިކުފާނު ވިދާޅުވީ އެއީ ދަނޑުވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް ކުރިއެރުވިދާނެ ރަށެއް ކަމަށެވެ. އެ ކަމަށްޓަކައި ސަރުކާރުގެ ޕްލޭނެއް ވެސް އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ސަރުކާރުގެ އެންމެ މުހިންމު އިގްތިސާދީ އެއް ސިޔާސަތަކީ ދަނޑުވެރިކަމުގެ ސިނާއަތް ވަރުގަދަކުރުން،" ރައީސް ވިދާޅުވި އެވެ.
ކޮނޑޭ ސްކޫލް ހޯލްގައި ބޭއްވި އެ ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް، ރާއްޖޭގައި އުފެއްދޭ އަދި އުފެއްދިދާނެ ހުރިހާ ބާވަތެއްގެ ތަކެތި އުފެއްދުން އެެއީ ފުޑް ސެކިއުރިޓީ ގާއިމްކުރުމަށްޓަކާ މި ސަރުކާރުން ކަނޑައަޅާފައި އޮތް ވަރަށް ބޮޑު އަދި ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ގއ. ކޮނޑޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ޓޫރިޒަމް އިންޑަސްޓްރީގައި ގިނަ ރިސޯޓަކަށް ކާބޯތަކެތި މިހާރު ގެންނަނީ ރާއްޖެއިން ބޭރުން ކަމަށް ވާތީ، އެ އިންޑަސްޓްރީއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި އުފެއްދިދާނެ ހުރިހާ ބާވަތެއް ކާބޯތަކެތި އުފެއްދުމަކީ ވެސް އެ ސިޔާސަތުގެ ތެރޭގައި ހިމެނޭ އަމާޒެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެންވީމަ، މި މަސައްކަތް ރާއްޖޭގައި ކުރާ ކަމަށް ވަންޏާ، މި ރަށުގެ ބިމުގެ ބޭނުން ވަރަށް ބޮޑަށް ޖެހޭ. ރަށުގެ ރައްޔިތުންގެ މުސްތަގުބަލަށްޓަކާ އެތައް ރައްޔިތުންނެއްގެ އާމްދަނީ އެތައް ގުނައަކުން އިތުރުވެގެންދާނެ ކަމެއް މިއީ،" ރައީސް ވިދާޅުވި އެވެ.
"މިގޮތަށް ދެންހުރި ބިން ބޮޑެތި އަދި މިހާތަނަށް ވެސް ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުން އަންނަ ރަށްތަކުގައި އަޅުގަނޑުމެން ގަސްތުކުރަނީ މި ދެންނެވި ގޮތަށް މުހިންމު އިންވެސްޓްމަންޓް ގެންނަން، އެގްރިކަލްޗާގެ ދާއިރާ އިން."
ކޮނޑޭ އަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ ބިން ބޮޑު އެއް ރަށެވެ. އެއީ 116 ހެކްޓަރުގެ ރަށެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ގއ. ކޮނޑެއަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ނުކުތް އާންމުންގެ ބައެއް މީހުންނާ އެމަނިކުފާނު ސަލާންކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވި ގޮތުގައި، ކޮނޑޭ ކައުންސިލާއި ރަށުގެ ރައްޔިތުން ބައިވެރިވާ ގޮތަށް ދަނޑުވެރިކަމުގެ މުހިންމު މަޝްރޫއެއް އެ ރަށުގައި ވަރަށް އަވަހަށް ހިންގާނެ އެވެ.
ފުޑް ސެކިއުރިޓީ ގާއިމްކުރުމަށް މުޅި ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ރާއްޖޭގައި އުފެއްދުމަކީ ރައީސްގެ ރިޔާސީ ކެމްޕެއިންގައި ވަރަށް ގިނައިން ދެއްކެވި ވާހަކައެކެވެ. އަދި އެމަނިކުފާނުގެ މެނިފެސްޓޯގައި ވެސް އެކަން ހިމަނާފައިވެ އެވެ.
އެމަނިކުފާނު ވަނީ ކޮނޑެއަށް މި ވަގުތު ދިމާވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެ ރަށުގެ ބަނދަރު ބޮޑުކުރުމާއި ސްކޫލް މާރާމާތުކުރުމާއި ސިއްހީ މަރުކަޒު ތަރައްގީކޮށްދިނުމާއި ކަރަންޓުގެ މައްސަލަ ހައްލުކޮށްދިނުމާއި ހައުސިން މަޝްރޫއެއް ހިންގުމާ އަދި އެ ރަށުގައި އޭޓީއެމްގެ ހިދުމަތް ފެށުން ކަހަލަ ކަންކަން އޭގެ ތެރޭގައި ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބލމ
23 February 2024
ބޮޑުންނަށް ބިންރަޖިސްޓްރީވެފައި ދަނޑުވެރިމީހާ އެތަންކުއްޔަށްނަގައިގެން ފުޑުސެކިޔުރިޓީ ކަށަވަރުކުރަންވެއްޖެނަމަ، ނަތީޖާ ރަނގަޅުވެދާނެއެކޭ ނުބުނެވޭނެ. ކަންއެހެންނުވީވިއްޔާ ކިތަންމެހައިވެސްރަނގަޅު.
ފެންނަގޮތް
22 February 2024
އެމްޑީޕީގެ ވެރިަމުގަ...ކަނޑުން 45،000 ކިލޯ މީޓަރު ދިވެހިން އަތުން ގެއްލިއްޖެ، 120 ބިލިަޔަން ދަރާފި، ކުންފުނިތަށް ދަރާފި، ކަނޑުގެ ޗާޓު އެހެން ބަޔަކަށް ލިބިއްޖެ، 8 ބިލިޔަން ޗާޕްކޮށްފި، ވަގު ހިފާ ކޯރަޕްޝަން ލާރި ހޯދަން އައިސް އެމީހުން މިނިވަންކޮށްފި އެކަމަކު..ބުރިޖެއް ނޭޅުނު،.ފުލެޓެއް ނޭޅުނު،.ބިން ހިއްކާ ގޯތި ނުދެވުނު،.އަމީނީ މަގު ތާރެއް ނޭޅުނު،.އެމްއެމްޕީއާރްސީ އިން ގެއްލުނު އެންމެ ރުފިޔާ އެއްވެސް ނުޙޯދުނު،،ގެއްލުނު މީހުންނަށް އިންސާފެއް ނުދެވުނު
ސީތާ
22 February 2024
ދަނޑުވެރިކަން ކުރަން ބޭނުންކުރާ ގަސްކާނާ ގެރިގުއިފަދަ ތަކެތި ގެންނާނީ ޑުބާއިން ދޯ!!
އަހުސަންް
22 February 2024
ރައީސް މުއިއްޒަކީ މިހާތަނަށް ފެނުނު ލާމަރުކަޒީ ނިޒާޟް އެންމެ ފުރިހަމަ ކުރަން މަސައްކަތް ކުރައްވާ ލީޑަރް.
އަސްމާާ
22 February 2024
ކޮނޑޭ ފަދަ އާބާދީ މަދު ރަށަކާއަޅާ ބަލާއިރު އެރަށުގެ ބިން އެތަށް ގުނަޔަކުން ބޮޑު. މި ބިންތަކުގެ ފުރިހަމަ ބޭނުން ކުރުމަކީ އޭގެ އެންމެ ރަނގަޅު ގޮތް.
މިގްދާޑްް
22 February 2024
ޝުކުރިއްޔާ ރައީސް. މި ރަށުގެ މީހެއްގެ ހައިސިއްޔަތުން މި ރަށުގެ ދަނޑުވެރިކަމަށް ގިނަ ގުނަ އެހީ ވެދެއްވާނެކަމަށް ރައީސް ދެއްކިވާހަކަތަކުން ވަރަށް އުންމީދު އާވެގެން ގޮއްސި.
މަޖީދްް
22 February 2024
މިހާރުވެސް އާންމު ރައްޔިތުންގެ އޮތް އެންމެ ބޮޑު ނުތަނަވަސްކަމަކީ ރާއްޖެ ބަނޑަށް ޖެހިދާނެތީ ވާ ކަންބޮޑުވުން. އެކަމަކު ކޮންޑޭ ފަދަ ރައްތަކުގައި ދަނޑުވެރިކަން ކުރިއަރުވާ ރާއްޖެއިން ރާއްޖެއަށްވާވަރަށް ކާބޯތަކެތީގެ ބަޔެއް ބާވަތްތަށް އުފައްދަންވީ.
ފައިނޭޝަލް ހަބް
22 February 2024
ދަނޑުވެރިކަން ކުރި އަރުވާނީ ފަހެ ކިހިނަކުންތޯއެވެ. މިނިސްޓްރީއިން ހިންގާ ހާއްސަ ޕްރޮޖެކްޓްތައް ހިނގަން ފަށާފަ މިނިސްޓްރީގެ ބެކްއަޕް ލިބެނީއެއް ނޫނެވެ. ކޮންމެ ފަންޑަކުންވެސް ހަރަކާތްތަކެއް ހިންގާފަ ދޫކޮށްލަނީއެވެ. ފެށުމުގެ ކުރިން ލިބިދޭނެ މާލީ މަންފާތަށް ޕްރޮޖެކްޓް ނިމޭއިރު ލިބެނީއެއް ނޫނެވެ.
ގުދުގުދާބެއްޔާ
22 February 2024
ކަން ކުރަން ނޭގޭ ބަޔަކު އަބަދުވެސް ގައުމުގެ ވެރިކަމަށް މިއަންނަނީ! ކުރަންވީ ކަމެކީ ބޮޑު ބިޔަ ފަޅެއް ހިއްކާފައި އެރުގައި ސަރުކާރުން ދަނޑުވެރިކަން ކުރަންވީ! ފިޔާވެސް ހައްދަންވީ! ބޭރު ގައުމު ތަކަށް ބަރޯސާ ނުވެ ހަޑޫ ވެސް ހައްދަންވީ ތަރުކާރީ އާ މޭވާވެސް ހައްދަން ވީ ކުރިއަށް އޮތް 100 އަހަރަށް ޕުލޭން ކޮއްލަން ވީ އޭރުން އިންޑިޔާއަށް ބަރޯސާ ވާން ނުޖެހޭނެ! 50000 މީހުން ހަމަ ނުވާ އާބާދީ ގައުމެއް މިއުޅެން ޖެހިފައި މިވަނީ އަޅުންގެ ގޮތުގައި..
މުޅިންހިލޭ
22 February 2024
ރައީސުލް ޖުމްހޫރިއްޔާގެ ވައުދުތައް މިދާ ރޭޓުން ދާނަމަ ދަނޑުވެރިކަން ކުރާނެ ބިން ބޮޑެތި ރައްތަކެއް ދިވެހިންނަށް ހުންނާނެހެން ހިއެއްނުވޭ/ އަރާ ކޮންމެެ ރަށެއްގައި އެއަރޕޯޓް އެޅުމަށް ނުވަތަ ބުރިޖް އެޅުމަށް އެތަށް ފަޅަކާއި ފަޅުރަށެއް އެ މަސައްކަތް ކުރާ ކުންފުނިތަކަށް ދޭންވެއްޖެނަމަ ވައުދުތައް ހުސްވުމުގެ ކުރިން ރަށްތައް ހުސްވެދާނެހެން ހީވަނީ