މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ (މަޖޫރީންގެ) ކުންފުނިތަކުގެ ވެރިންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިފި އެވެ. 

ރައީސް އޮފީހުން ބުނީ އެ އޮފީހުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި، މާލޭ ވިޔަފާރި ބަނދަރުން މުދާ ހުސްކޮށް ބޭރުކުރުމުގައި އެ ކުންފުނިތަކަށް ދިމާވާ ހުރިހާ ދަތިތަކެއް ހުށަހެޅުމުގެ ފުރުސަތު ދިން ކަމަށެވެ.

މުދާ އުފުލާ ގަޑި އާއި ވަސީލަތްތަކާއި އިދާރީ ނިޒާމް ހަރުދަނާކުރުމާ ގުޅޭ ގޮތުން އެ ބޭފުޅުންގެ ހުރި ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިން ހުށަހެޅުއްވި ކަންކަމަށް ރަނގަޅު ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. 

އެކި ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނާ ވަކިވަކިން ބައްދަލުކުރައްވައި، އެ ދާއިރާއެއްގައި މަސައްކަތްކުރާ މީހުންގެ ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ރައީސް މުއިއްޒު ގެންދަވަނީ ސިލްސިލާ ބައްދަލުވުންތައް ބާއްވަމުންނެވެ. 

ރައީސް ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް މިދިޔަ މަހު ބައްދަލުވުމެއް ބާއްވައިފަ އެވެ. އަދި އާންމުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމުގެ ގޮތުން މާލޭގެ ހުރިހާ އަވަށެއްގެ މީހުންނާ މިދިޔަ އަހަރު ފަހުކޮޅު ބައްދަލުކުރެއްވި އެވެ.