ބޮލީވުޑްގެ ތަރި ވިދްޔާ ބާލަން.
23 ފެބުރުއަރީ 2024 - 06:21
ބޮލީވުޑްގެ ތަރި ވިދްޔާ ބާލަންގެ ނަމުގައި ފޭކް އިންސްޓަގްރާމް އެކައުންޓެއް ހަދައިގެން އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ނަގަމުންދާ މައްސަލައެއް އޭނާ ފުލުހުންނަށް ރިޕޯޓްކޮށްފި އެވެ.
އިންޑިއާގެ ނޫސްތަކުގައި ބުނި ގޮތުގައި، ވިދްޔާ ވަނީ އެ މައްސަލަ ބަލައިދިނުމަށް ބޮންބޭގެ ޕޮލިސް ސްޓޭޝަނަކަށް ހުށަހަޅައިފަ އެވެ.
ވިދްޔާގެ ނަމުގައި ހަދާފައިވާ ފޭކް އިންސްޓަގްރާމް އެކައުންޓުން މީހުންގެ އަތުން ފައިސާ ހޯދަމުން ދަނީ ވަޒީފާ ދޭނެ ކަމަށް ބުނެ ކަމަށް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ބޮންބޭގެ ފުލުހުންނާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނި ގޮތުގައި ވިދްޔާގެ ނަމުގައި ފޭކް ޖީމެއިލް އެކައުންޓެއް ވެސް ވަނީ ހަދައިފަ އެވެ. އަދި އެ އެކައުންޓް ބޭނުންކޮށްގެން ވެސް އެކި މީހުންނަށް މެއިލްކޮށް ވަޒީފާ ދޭނެ ކަމަށް ބުނެ ފައިސާ ފޭރިފައިވެ އެވެ.
މި މައްސަލާގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.
އިންޑިއާގެ އައިޓީ ގާނޫނުގައިވާ ގޮތުގައި، އެހެން މީހެއްގެ އިލެކްޓްރޯނިކް ސޮޔާއި ޕާސްވޯޑުތަކާއި އެ މީހެއްގެ އެހެން ވެސް އައިޑެންޓިފިކޭޝަން ފީޗާއެއް ބޭނުންކޮށްގެން އޭގެ ނާޖާއިޒު ބޭނުމެއް ކުރިކަން ސާބިތުވެއްޖެ ނަމަ، އެ މީހެއްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި އެ މީހަކު 100،000 ރުޕީސް އިން ޖޫރިމަނާކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy