"ބެނި ކޮޖީ ކޮލެސްޓޭ ހެލްޕު" އަދި ރެޑް ޔީސްޓް ރައިސް
28 މާޗް 2024 - 08:19
ޖަޕާނުގައި ވަރަށް ބޮޑަށް އާންމުވެފައިވާ، ކޮލެސްޓްރޯލް ދަށްކޮށްދޭ ކަމަށް ބުނާ ސަޕްލިމެންޓްތަކެއް ކައިގެން ދިމާވި މައްސަލަތަކުގައި މިހާތަނަށް ހަތަރު މީހަކު މަރުވެ 100 އަށް ވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހިފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ޖަޕާނުގެ ބޭސް ކުންފުންޏެއް ކަމަށްވާ ކޮބަޔާޝީ އިން އުފައްދައި، ބޭސް ސިޓީއަކާނުލައި ގަންނަން ލިބޭ މި ބޭސްތަކުގެ ސަބަބުން ކިޑްނީގެ މައްސަލަތައް ދިމާވާ ކަމުގެ ޝަކުވާއާ އެކު އެ މައްސަލަ އަންނަނީ ތަހުގީގު ވެސް ކުރަމުންނެވެ. އަދި މިހާރު ވަނީ އެ ވިއްކުން ހުއްޓާލައިފަ އެވެ.
ބޭސް ކުންފުނިން އުފައްދާ އެއް ބްރޭންޑް ކަމަށްވާ "ބެނި ކޮޖީ ކޮލެސްޓޭ ހެލްޕު" އާއި އެހެން ދެ އުފެއްދުމެއް އެ ކުންފުނިން ވެސް މިހާރު ވަނީ ފިހާރަތަކުން ނަގައިފަ އެވެ. މިއީ ސްޓީމްކޮށްފައި ހުންނަ ހަނޑޫ ފަންގަސްއާ އެކު ފާމެންޓްކޮށްގެން ހަދާ ރެޑް ޔީސްޓް ރައިސް [ބެނި ކޮޖީ] ހިމެނޭ އުފެއްދުންތަކެކެވެ.
މެޑިކަލް އެކި ދިރާސާތަކުން އެނގޭ ގޮތުގައި ރެޑް ޔީސްޓް ރައިސް އިން ކޮލެސްޓްރޯލް ދަށްކޮށްދެ އެވެ. އެކަމަކު އޭގައި ހުންނަ ބައެއް ކެމިކަލްތަކުގެ ސަބަބުން އެތެރެހަށީގެ ގުނަވަންތައް ފެއިލްވުމުގެ ނުރައްކާ ވެސް އޮވެ އެވެ. މި ނުރައްކާ ބިނާވަނީ އޭގައި ކެމިކަލް ހުންނަ ވަރެއްގެ މައްޗަށެވެ.
"މިކަމާ ގުޅުން ހުރި ކަމަށް ބެލެވޭ މަރުގެ އަދަދު މިހާރު ވަނީ ދެ އަކަށް އަރާފައި. އަދި މިކަމާ ގުޅުން ހުރި ކަމަށް ބެލެވޭ 106 ކޭސްއެއް ހޮސްޕިޓަލްތަކުން ވަނީ ފާހަގަވެފައި،" ޖަޕާން ސަރުކާރުގެ ތަރުޖަމާނު ޔޮޝިމާސާ ހަޔާޝީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.
މީގެ ފަހުން ވަނީ އިތުރު ދެ މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ.
މައްސަލަ ދިމާވެގެން އުޅޭ ސަޕްލިމެންޓްތައް އުފައްދާ ކުންފުންޏަކީ އެކި ކަންކަމަށް ހާއްސަކޮށް ސަޕްލިމެންޓް އުފެއްދުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ބައެކެވެ. އެ ކުންފުނީގެ އުފެއްދުންތައް ޓީވީ އިސްތިހާރުތަކުން ވަރަށް ބޮޑަށް ޕްރޮމޯޓްކުރެ އެވެ. އެކަމަކު އެ އުފެއްދުންތަކުގެ ސިއްހީ ނުރައްކަލާ މެދު ޔަގީންކަމާ އެކު އެއްޗެއް ބުނަން ނޭނގޭ ކަމަށް ވަނީ ބުނެފަ އެވެ.
މިއީ ރެޑް ޔީސްޓް ރައިސް ޖަޕާނުގެ ފަންސާހަކަށް ކުންފުންޏަށް މިހާރު ވެސް ސަޕްލައިކުރާ ކުންފުންޏެކެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހާރަދުން
30 March 2024
ރާއްޖޭގަ ގަިއން ގައިން ނާރާ ބޮޑެތި ބަލި ތަކުގެ އެތައްބަޔަކު މަރުވޭ އެބަ...ކޮންމެ އިންތިހާބކާ ދިމާކޮށް އޭރު އޮންނަ ސަރުކާރަކުން ބުނޭ އެއާ ބެހޭ ދިރާސާއެއް އެބަ ހަދަމޭ!!!