މީހަކަށް ތޫނު އެއްޗެހިން ހަމަލާ ދިން ސަރަހައްދެއް: މާލޭގައި ޒުވާނަކު މަރާލި މައްސަލާގެ ދައުވާލިބޭ މީހާ ބަންދު ނުކުރަން ހައި ކޯޓުން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
31 މާޗް 2024 - 14:31
މާލޭގައި ޒުވާނަކަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ކުށް ސާބިތުނުވެ، ސަލާމަތްވި މީހާގެ ޝަރީއަތް ހައި ކޯޓުން ނިމެންދެން ބަންދު ނުކުރަން ހައި ކޯޓުން ނިންމައިފި އެވެ.
ސެޕްޓެމްބަރު، 2017 ވ. ކެޔޮދޫ ދޭލިއާގޭ މޫސާ އަހުމަދު މަނިކަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ އދ. މާމިގިލީ ސޭޑީގްރޯވް އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށެވެ.
އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މިދިޔަ ޖެނުއަރީ މަހު ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން އެ މައްސަލަ ދައުލަތުން އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އަދި އިސްތިއުނާފް ނިމެންދެން އޭނާ ބަންދުކުރަން ދައުލަތުން އެދުނެވެ.
ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުން ނިންމި ނިންމުމުގައިވަނީ އޭނާގެ ފަރާތުން މުޖްތަމައުއަށް އިތުރު ނުރައްކަލެއް އޮތް ސަބަބެއް ބުނެދެވިފައިނުވާ ކަމަށާއި އަދި އޭނާގެ ކުށުގެ އިތުރު ރެކޯޑެއް ނެތުމުގެ އިތުރުން އޭނާއަކީ ޒިންމާދާރު ވަޒީފާއެއް އަދާކުރަމުންދާ ކަމަށް މީހެއްގެ ކަމަށް ލިޔުންތައް ހުށަހަޅާފައިވާ ކަމަށެވެ. އަދި ކުރިން އޭނާ ބަންދުން ދޫވެފައި ހުރި ދުވަސްތަކުގައި ވެސް އޭނާގެ ފަރާތުން ނުރައްކަލެއް ކުރިމަތިވެފައި ނެތުމުން އޭނާ ބަންދު ކުރަން އަމުރު ނުކުރެވޭނެ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި ނިންމުމުގައިވެ އެވެ.
ހައި ކޯޓުން އެގޮތަށް ނިންމެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު އަބްދުލްމާނިއު ހުސައިންގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ފަރުހީޒާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެޑްމުންޑޯ
01 April 2024
މީހަކު މެރުން އެއީ ބިޑުކަމަކަށް ނުވަނީތާ
ބަކަރިބޯ
02 April 2024
ތިކިޔަނީ ސުރުޚީގެ ވެސް އެއްބައި. މެރިކަމަށް ތުހުމަތުކުރެވި ޝަރީއަތުން ސާބިތުނުވާ ވާހަކަ އެއޮތީ. އެހެންވީމާ އޭނާގެބޮލުގައި ތިކަން އަޅުވާ ކޮމެންޓް ނުކުރެވޭނެނު؟