ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި އުމުރަށް ޖަލަށްލި ދެ މީހުން ޖަލު ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށް، އެ ދެ މީހުންނާއި އެ މައްސަލާގައި ކުށް ސާބިތު ނުވެ ސަލާމަތްވި އިތުރު ދެ މީހެއްގެ މައްސަލަ އަލުން ބެލުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ޔާމީން ދިރިއުޅުނު ގޭގެ ސިޑި ގޮޅި ތެރޭގައި އޭޕްރީލް، 2017 ގައި ތޫނު އެއްޗެހިން އޭނާއަށް ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި ހުޅުމާލޭ ނަމްބަރު 11399 އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.

އެ މައްސަލާގައި ޖެނުއަރީ 2022 ގައި ކްރިމިނަލް ކޯޓުގައި ކުށް ސާބިތުވީ ހައިޝަމާއި ޒިހާންގެ މައްޗަށެވެ. އެ ދެ މީހުން އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރި ނަމަވެސް ދެން ތިބި މީހުންގެ މައްޗަށް ކުށް ސާބިތުނުވެ ވަނީ ސަލާމަތްވެފަ އެވެ.

ކުށް ސާބިތުނުވި މީހުންގެ ތެރެއިން އިސްމާއިލް ރަޝީދާއި ދިފްރާންގެ ބައި ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރިއިރު، ކްރިމިނަލް ކޯޓުގައި ކުށް ސާބިތުވި ހައިޝަމާއި ޒިހާންގެ ފަރާތުން ވެސް އެ މީހުންގެ ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ.

ޔާމީންގެ މައްސަލާގައި ކްރިމިނަލް ކޯޓުން ކުރިން އުމުރަށް ޖަލަށްލި ދެ މީހުން
ޔާމީންގެ މައްސަލާގައި ކްރިމިނަލް ކޯޓުން ކުރިން އުމުރަށް ޖަލަށްލި ދެ މީހުން

އެ މައްސަލަ ހައި ކޯޓުން ބެލުމަށް ފަހު ތިން ފަނޑިޔާރުންގެ ބެންޗުން އިއްތިފާގުން ހުކުމް ކުރެއްވީ ހައިޝަމާއި ޒިހާންގެ ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ފޮނުވުމަށެވެ. އަދި އިސްމާއިލް ރަޝީދާއި ދިފްރާންގެ ބައި ވެސް އަލުން ބަލަން ހައި ކޯޓުން އެންގި އެވެ.

އެ މައްސަލަ ދަށު ކޯޓުން ބަލާއިރު ސިއްރު ހެކިވެރިއެއްގެ ހެކިބަހާ މެދު އަލުން ގޮތެއް ނިންމުމަށް ހުކުމުގައި އަންގާފައިވެ އެވެ.

ހައިޝަމާއި ޒިހާންގެ ޖަލު ހުކުމް ބާތިލް ކުރުމުން އެ މީހުން ބަންދުން މިނިވަން ވާނެތީ، އެ މައްސަލަ ނިމެންދެން އެ މީހުން ބަންދުކުރަން ދައުލަތުން މިއަދުގެ އަޑުއެހުމުގައި އެދުނެވެ. ނަމަވެސް ފަނޑިޔާރުން މަޝްވަރާ ކުރުމަށް ފަހު ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ.