ޚިޔާލު / ދީން

ހަދީސެއްގެ އަލީގައި: ތަރުބިއްޔަތުގައި ލުއިފަސޭހަކަމާއި ތަފާތުތަކަށް ރިއާޔަތްކުރުން

އިސްލާމީ މަރުކަޒުގައި ބަޔަކު މެންދުރު ނަމާދު ކުރަނީ: ރަސޫލާ އިރުޝާދު ދެއްވީ ނަމާދުކުރާއިރު އިމާމުން ކުރާ ކަންކަމުގެ ސަބަބުން މައުމޫން ފޫހިވިޔަ ނުދިނުމަށްޓަކައި އެހާ ދިގުކޮށް ނަމާދުގައި ކިޔެވުން ކުރިއަށް ނުގެންދިއުމަށް.--- ފޮޓޯ: ނިޝާން އަލީ | މިހާރު

އަބޫ މަސްޢޫދުގެ ކިބައިން ރިވާކުރެވިގެންވާ ހަދީސެއްގައި ވެ އެވެ. "ރަސޫލު ﷺ ގެ އަރިހަށް މީހަކު އައިސް ދެންނެވި އެވެ. ތިމަންމެންނާ އެކުގައި މި ވެނި މީހަކު ނަމާދު ވަރަށް ދިގުކޮށް ކުރާތީ ފަތިސް ނަމާދަށް ދިއުން ތިމަން ލަސްކުރަމެވެ. (އަބީ މަސްޢޫދު ވިދާޅުވިއެވެ.) އެ ދުވަހު ކީރިތި ރަސޫލާ ކޯފާވެ ވަޑައިގަތް ވަރަށް ވަޢުޡެއްގައި އެހެން ދުވަހަކު ކޯފާވެ ވަޑައިގަތް ތަން ތިމަންކަލޭގެފާނު ދެކެވަޑައިނުގަންނަވަމެވެ. ފަހެ ކީރިތި ރަސޫލާ ﷺ ހަދީސް ކުރެއްވި އެވެ. އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރޭގައި މީހުން ފޫހި ކުރުވާ މީހުން ވެ އެވެ. ފަހެ ތިޔަބައިމީހުން ކުރެ މީހަކު އިމާމުވެ ނަމާދު ކުރާ ނަމަ ކުރުކޮށްކުރާށެވެ! ފަހެ އެއީ އެ މީހެއްގެ ފަހަތުގައި މުސްކުޅިންނާއި ކުޑަކުދިންނާއި އެކިއެކި ބޭނުންތަކަށް (އަވަހަށް ދާން) ޖެހިފައިވާ މީހުން ތިބޭނެތީ އެވެ." (ބުޚާރީ)

މި ހަދީސްގައި ބަޔާންކުރެވިފައި އެ ވަނީ ފަތިސްނަމާދު އިމާމުވެ ކުރައްވާ ބޭކަލެއް ޤުރްއާން ކިޔެވުން މާދިގުކޮށް ގެންދަވާތީ އެ ނަމާދު ނިމެންދެން މަޑުކުރުމަށް ފަހު ނަމާދަށް ދާ މީހެއްގެ ވާހަކަ އެވެ. މިގޮތަށް އޭނާ ޢަމަލު ކުރަމުން ގެންދިޔައީ ކޮންމެވެސް ސަބަބަކާ ހުރެ އޭނާ އަށް އެހާ ގިނަ ވަގުތު އެ ނަމާދުގައި ހޭދަކުރަން އުނދަގޫވާތީ އެވެ.

މި ވާހަކަ ރަސޫލާ ﷺ ގެ އަރިހުގައި ދެންނެވުމުން އެކަލޭގެފާނު ވަރަށް ބޮޑަށް ކޯފާވެ ވަޑައިގަތެވެ. އަދި އެންމެހާ މީސްތަކުންނަށް މުޚާތަބު ކުރައްވައި ހަދީސް ކުރެއްވީ ތިޔަބައިމީހުންގެ ތެރޭގައި މީހުން (ހެޔޮކަންކަމަށް) ފޫހިކުރުވާ މީހުންވާ ކަމަށެވެ. އެހެންވީމާ އެއްވެސް ބޭކަލަކު އިމާމުވެ ނަމާދު ކުރައްވާ ނަމަ އެހާ ދިގުކޮށް ނުކުރައްވައި އާދައިގެ މިންވަރަށް ކުރުކޮށް ނަމާދު ކުރުމަށް އެކަލޭގެފާނު އިރުޝަދު ދެއްވި އެވެ. އަދި އެއީ ކީއްވެގެންކަން ވެސް ބަޔާންކޮށްދެއްވި އެވެ. އެއީ މުސްކުޅިންނާއި ކުޑަކުދިންނާއި އެކިއެކި ބޭނުންތަކަށް ވަގުތު ދޭން ޖެހޭ މީހުން ޖަމާއަތުގައި ބައިވެރިވާނެތީ އެވެ. މިފަދަ މީހުންނަށް ޖަމާއަތުގައި ބައިވެރިވުން އެހާ ފަސޭހަ ކަމަކަށް ނުވާނެތީ އެވެ.

އަޅުކަމުގައި ވިޔަސް މީހުން ފޫހިނުކުރުވުން

އިންސާނުންނާ މުއާމަލާތު ކުރުމުގައި ނުވަތަ ކަންކަން ހަވާލުކުރުމުގައި ފޫހިވިޔަ ނުދީ އެ ކަންކަން ކުރާ ހިތުން ކުރާނެ ފަދަ ގޮތަކަށް އޮތުމަކީ އިންސާނުންނަށް މުހިންމު ކަމެކެވެ. އެހެން ނޫނީ ކަންކަމުން ފެޔަށް ޖެހޭ ގޮތް ވާނެ އެވެ. މާތް ނަބިއްޔާ ﷺ އަކީ ކޮންމެ ކަމެއްގައި ވެސް ނަމޫނާ ކަމަށް ވާތީ މީސްތަކުންނާ މުއާމަލާތު ކުރެއްވުމުގައި މަޑުމައިތިރިކަމާއި ފަސޭހަކަމާއި އޯގާވެރިވެވަޑައިގަތުން އެކަލޭގެފާނު ގެންގުޅުއްވަ އެވެ. އެކަންކަމަށް އިރުޝާދު ދެއްވަ އެވެ. ﷲގެ ހަޒްރަތުން ލިބުނު ރަހުމަތެއްގެ ސަބަބުން އެކަލޭގެފާނުގެ އަރިހުގައި އުޅުއްވާ ބޭކަލުންނާ މެދު އޯގާތެރިވެ ވަޑައިގަތުން ކީރިތި ޤުރްއާނުގައި ތައުރީފު ކުރެވިފައި ވެ އެވެ. އެކަލޭގެފާނަކީ ހިތްޕުޅު ހަރުކަށި ޚުލްގު ނުބައި ބޭކަލަކު ކަމުގައިވި ނަމަ މީސްތަކުން އެކަލޭގެފާނުގެ އަރިހުން ވަކިވެގެން ހިގައްޖައީސްކަން ބަޔާން ކުރައްވާފައި ވެ އެވެ. (އާލް ޢިމްރާން 159).

ވީމާ އަޅުކަމުގައި ވިޔަސް އަދި ތަރުބިޔަތު ކުރުމުގެ އެހެން ކަންކަމުގައި ވިޔަސް ނުވަތަ ދީނަށް ދައުވަތު ދިނުމުގައި ވިޔަސް މީހުން ފޫހިވާނެ ފަދަ ކަންކަމުން ދުރުހެލިވުން މުހިންމެވެ. ޖަމާއަތުގެ ނަމާދަކީ ނުހަނު މުހިންމު ކަމެއްކަމުގައި ވާއިރު ވެސް ޖަމާއަތުގެ ނަމާދުގައި މީހަކު ބައިވެރި ނުވާކަން ހާމަކުރުމުން ވެސް އެ ކަމަށް ވުރެ އެކަލޭގެފާނު ސަމާލުކަން ދެއްވީ އެބައިވެރި ނުވުމަށް މެދުވެރި ކުރުވި ސަބަބަށެވެ. އެހެންވެ އެކަލޭގެފާނު އާންމު އިރުޝާދެއް ދެއްވީ ނަމާދުކުރާއިރު އިމާމުން ކުރާ ކަންކަމުގެ ސަބަބުން މައުމޫން ފޫހިވިޔަ ނުދިނުމަށްޓަކައި އެހާ ދިގުކޮށް ނަމާދުގައި ކިޔެވުން ކުރިއަށް ނުގެންދިއުމަށެވެ. ސަބަބަކީ މުސްކުޅިވުމުގެ ސަބަބުން ތަހައްމަލުކުރަން އުނދަގޫވާ މީހުންނާއި ޅައުމުރުގެ ސަބަބުން ވަރުބަލިވެ ފޫހިކަން އިހުސާސްކުރަންޖެހޭ ކުދިންނާއި އަވަހަށް އެނބުރި ދާންޖެހޭ މުހިންމުކަންކަން ހުރުމާ އެކު، އެ ކަންކަމުގައި ފިކުރު މަޝްޣޫލުވެ ޚުޝޫޢަތްތެރި ނުވެވޭނެ މީހުން ވެސް ޖަމާއަތުގައި ބައިވެރިވާނެތީ އެވެ.

އެހެންވެ ކީރިތި ރަސޫލާ ވެސް މަދުފަހަރަކު ދިގު ސޫރަތެއް ކިޔަވާ ވިދާޅުވިޔަސް އާންމުކޮށް ކިޔަވާ ވިދާޅުވަނީ މެދު މިންވަރަކަށެވެ. އެހެނީ މާ ކުރުކޮށް ކިޔެވުމަކީ ވެސް ނަމާދު ކުރުމަށް އެންމެ އެކަށީގެންވާ ގޮތެއް ނޫނެވެ. މެންދުރު ނަމާދުގައި އެކަލޭގެފާނު ކިޔަވާ ވިދާޅުވާ މިންވަރަކީ ނަމާދު ފެއްޓެވީމާ މީހަކު ކުޑަކަމު ގޮސް ތާހިރުވެ ވުޟޫކޮށްގެން އައިސް ފުރަތަމަ ރަކުއަތް ލިބޭ މިންވަރު ކަމަށް ރިވާވެގެންވެ އެވެ. އެކަމަކު ކަމެއް ދިމާވެއްޖެ ނަމަ އެކަލެގެފާނު ނަމާދު ވަރަށް ކުރުކޮށްލައްވަ އެވެ. އެކަލޭގެފާނު ނަމާދުފުޅު ކުރައްވަނިކޮށް ކުޑަކުއްޖެއްގެ ރުއިމުގެ އަޑު އިވުމުން ކިޔަވާ ވިދާޅުވުން ކުރުކޮށްލެއްވި އެވެ. އެއީ އެކުއްޖާގެ މަންމަގެ ފިކުރު ނަމާދުން ބޭރުގައި މަޝްޣުލުވާނެތީވެ އެވެ.

މި ހަދީސުން ލިބޭ ތަރުބަވީ އިރުޝާދުތައް

މި ހަދީސުން މުރައްބީންނަށް ވަރަށް ގިނަ ފިލާވަޅުތަކެއް ލިބެ އެވެ. ފުރަތަމަ ކަމަކީ، ބެލެނިވެރިއެއް ކަމަށް ވިޔަސް މުދައްރިސެއް ކަމަށް ވިޔަސް ނުވަތަ ހަމައެކަނި އިމާމެއްގެ ދައުރު އަދާކުރިޔަސް ކުދިންނާއި މުސްކުޅިންނާއި ބޭނުންތަކަށްޓަކައި ނަމާދު އަވަސްކޮށް ނިންމަން ބޭނުންވާނެ މީހުން ވެސް ނަމާދަށް އަދި ޖަމާއަތަށް ދާހިތްވާނެ ފަދަ ގޮތަކަށް ނަމާދު ކުރުމާއި ނަމާދުގައި ކިޔެވުމެވެ. އެއްވެސް މީހަކު އެކަމަށް ފޫހިކުރުވާ ފަދަ އެއްވެސް ކަމެއް ނުކުރުމެވެ.

ދެވަނަ ފިލާވަޅަކީ، ނަމާދު ނޫނަސް އެހެން އަޅުކަންތަކާއި ރިވެތި އަޚްލާގަށް ކުދިން އާދަކުރުވުމުގައި އަދި އުނގަންނައިދިނުމުގައި ވެސް އެ ކަންކަމަށް ނަފުރަތު އުފެދިދާނެ އެންމެހާ ކަންކަމުން ދުރުހެލިވުމެވެ.

ތިން ވަނަ ފިލާވަޅަކީ، އުނގެނުމަށް ނުވަތަ ނަފްސު ތަހުޒީބު ކުރުމަށް ކުދިން ލައްވާ ކުރުވާ ކަމެއްގައި މުރައްބީގެ ފަރާތުން ނުވަތަ އެހެން މީހެއްގެ ފަރާތުން ވިއަސް ކުރި ކަމަކުން ކުއްޖާއަށް ފޫހިކަން ލިބިއްޖެ ނަމަ އެކަމުގައި ކުއްޖާ ކުށްވެރި ނުކުރުމެވެ. އެގެ ބަދަލުގައި އެ ފޫހިކަން ގެނުވި ކަމެއް އިސްލާހުކުރަން މަސައްކަތް ކުރުމެވެ.

ހަތަރު ވަނަ ފިލާވަޅަކީ، ތަރުބިޔަތުކުރުމުގައި ފަރުދީ ތަފާތުތަކަށް ރިއާޔަތް ކުރުމެވެ. ކުޑަކުދިންނަކީ ވަރަށް އަވަހަށް ކަންކަމުގައި ފޫހިވާނެ ކުދިންނެވެ. ޚާއްޞަކޮށް އެ ކުދިންގެ އަމިއްލަ ނަފްސުގެ ތެރެއިން އެކަމަކަށް ޝައުގު ނުއުފެއްދޭ ކަންކަމުގަ އެވެ. ކުދިންގެ ތެރޭގައި އެކި ހާލަތްތައް މެދުވެރިވާ ކުދިން ތިބޭނެ އެވެ. ވީމާ އެ ހުރިހާ ހާލަތްތަކަށް ރިއާޔަތް ކުރަން ވާނެ އެވެ.

ފަސް ވަނަ ފިލާވަޅަކީ، ތަރުބިޔަތު ކުރުމުގައި އޯގާތެރިކަމާއި ލުއިފަސޭހަކަން ގެންގުޅުމެވެ. އުފުލަންޖެހޭ ވަރަށް ވުރެ ބުރަކުރުމާއި ކަންކަން އުނދަގޫ ކުރުމުން އެއްކިބާވުމެވެ. އުފާވެރި ޚަބަރަށް އިސްކަން ދިނުމެވެ.

ނަމަވެސް މީގެ މާނައަކީ އުނގެނުމާއި ނަފްސު ތަހުޒީބުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން އިހުމާލު ކުރުމެއް ނޫނެވެ. އަދި ކިއެއްތަ، އެ ކަންކަމަކީ ބުރަ ކަމެއްކަން ކުދިންނަށް ދަސްވާން ޖެހޭނެ އެވެ. ހަމަ އެފަދައިން އުފާވެރި ޚަބަރު ދިނުމަށް އިސްކަން ދިނުމަކީ ވެސް ބިރުވެރި ޚަބަރު ނުދިނުން ކަމަށް މާނަކޮށްގެން ނުވާނެ އެވެ. ނަމަވެސް މި ދެބައި ވަޒަން ހަމަ ކުރުން ވަރަށް މުހިންމު ވާނެ އެވެ.

8 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒަކީ ތުއްތު

30 March 2024

މިސްކިއްތަކުގައި ރީތިކޮށް ޤުރުއާން ކިޔަވާ އިމާމުން ތިބޭނަމަ މިސްކިއްތަކަށް ދާ ޒުވާނުން ގިނަވާނެ. ސަރުކާރުން މިކަމާ ވިސްނުން ވަރަށް މުހިއްމު!

The name is already taken The name is available. Register?

އާދަންސް

30 March 2024

މިހެންވެ މަވެސް ތަރާވީހަށް ނުދާން ހުންނަނީ

The name is already taken The name is available. Register?

ހަސްނާ

30 March 2024

24 ގަޑި އިރު ތެރެއިން އެންމެ 1.5 ގަޑި އިރު އަޅުކަމަށް(ތަރާވީސް ނަމާދު) އަށް ހޭދަކުރަން ޖެހުނީމަ ޝަކުވާ ކުރާމީން އުޅޭ. އެވެސް ރޯދަމަހު. ރޯދަމަހަކީ ގިނައިން އަޅުކަމުގަ އުޅެންވީމަސް. 1.5ގަޑި އިރު ވާނީ ހަމަ އެކަނި 20 ރަކުއައި ކުރާނަމަ. ވިހި ރަކުއައި ކުރާކަށް މަޖުބޫރެއްނޫން. 2 ރަކުއަތްވެސް ކޮއްފަ ދާންވީ. 8 ރަކުއަތްވެސް ކޮއްފަ ދާންވީ. ދުވަހަކުވެސް ތަރާވީސް އަށް ދާ މީހަކު ދިގުވެގެން ށަކުވާ ކުރި އަޑެއް ނާހަން. ނުދާ މީހުން އަންގަ ތަޅާ އަޑު އިވެނީ.

The name is already taken The name is available. Register?

އަފްރާސިޔާބު

29 March 2024

ރަސޫލާގެ ހަދީސް އެގޮތަށް އޮތްއޮރުވެސް މި ރޯދަ މަހުގެ ތަރާވިސް ނަމާދުގައި ދޮޅު ފޮތް ކިޔަވާ މީހުން އެބަތިބި. ދެ ގަޑިއިރު ވާންދެން މީހުން ކޮޅަށް އެބަބައިތިއްބާ. މި މީހުންނަށް އެހަދީސް ނުފެންނަނީބާ؟

The name is already taken The name is available. Register?

‫ތުއްތޮންބެ

29 March 2024

ވ‫ަރަށްރަނގަޅު ލިއުމެއް. މިސާލަކައް ތަރާވީހުނަމާދު ބައެއް މިސްކިތްތަކުގަ އެންމެރަކުއަތެއްގައެބަ ހޭދަވޭ އަށެއްކަމިނެޓް ތަރާވީހައް އެބަދޭކުޑަކުދިންނާ މުސްކުޅިންނާ ބަލިމީހުންނާ ނުކުޅެދޭމީހުންނާ ވަކިގަޑިތަކައް ވަޒީފާއައް ޑިއުޓީއައްދާމީހުން އަދި މިހުރިހާކަމަކައް ރިޔާޔަތްކޮއް ތަރާވީހުނަމާދަކީ އެބައިމީހިންނައް ތަކުލީފަކައްވެ އެކަމާފޫހިވުމުގެބަދަލުގައި އެނޫން އެހެންގޮތަކަށް މިސްކިއްތަކުގެއިމާމުން ވިސްނާލުން ރަނގަޅުކަމަށްފެނޭ ސަބަބަކީ ދީނުގާވެސްއޮންނަނީ ބުރައަކައްނުވާގޮތައް އެމީހަކައް ކެރިކުޅަދާނަމިންވަރަކަށެވެ.

The name is already taken The name is available. Register?

ދޮން ހަސީނާ

29 March 2024

ތަރާވީސް ދިގުކުރުމަކީވެސް ތިޔަފަދަ ކަމެއް. މިއީ ރަސޫލާގެ ސުންނަތެއް ނޫން. މިގޮތަށް ދިގުކޮށް ތަރާވީސް ކުރަންފެށުނީ އަލީގެފާނުންގެ ޚަލީފާ ކަމުގައި ކަމަށްވަނީ. ރަނގަޅުގޮތަކީ ތަރާވީސް ކުރުކޮށް، ޒިކުރު ކުރުމާއި ދުއާ ކުރުމުގައި ގިނަވަގުތު ހޭދަކުރުން.

The name is already taken The name is available. Register?

ސަލީމު އިދުރީސް

29 March 2024

ނަމާދުނޫނަސް ދިނީކަތައް މީހުން ދީންމަތިން ފޫހިނުވާގޮތަކައް މިފަހުން އުފެދުނު ދީނީ އިލުމުވެރިންނޭ ކިއައިގެން އޫޅެމީހުން ނުކުރޭ! ތިމާގަބޫލުކުރާ ގޮތް ގަބޫލު ނުކުރާ އެންމެންނަކީ ކަފަރުން ކަމުގަ ބަލައި މީހަކާ ހަތަރުކަޅި ހަމަނުކޮއް މުޖުތަމާ ފިތުނަ ކޮއްފި

The name is already taken The name is available. Register?

އަލީބެ

29 March 2024

ހިފްޘުކޮށް ތަރާވީސް ކުރާއިރު މިންވަރަށްވުރެ ގިނައިން ކުށް ކިޔުމަކީ ވެސް ވިސްނާލަންޖެހޭ ކަމެއް. ނަމާދަށް ތައްޔާރުނުވެ އަބަދު އަޅައިގަންނަ އިމާމުންނާވެސް ދިމާވޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454