01 އެޕްރީލް 2024 - 08:55
ފިރިމީހާ މުހައްމަދު ހުސެއިނާއެކު މި ރަށުގެ ބަނދަރުމަތީގައި ތިބެގެން ބޭނި މަސްކޮޅު ހުދުކުލައިގެ ބާލިދީއަކަށް އަޅައިގެން، ފާތުމަތު އިސްމާއިލް ގެއަށް ވަނެވެ.
"ދިރިއުޅުން ކިހިނެއް؟" ގެއަށް ވަދެވުމާ އެކު އަހަރެމެން ސުވާލުކޮށްލީމެވެ.
އޭނާގެ ޖަވާބުގައި ވެސް އައީ ސުވާލެކެވެ.
"ދިރިއުޅުމެއް އެބައޮތްތަ؟"
"ދިރިއުޅުން ގެއްލިއްޖެ. ހަ ކުދިން ތިބޭއިރު، ހަ ކުދިންގެ އެއްވެސް ކަމެއް ނެތީމަ. ހަމަ އަޅުގަނޑު ދުވަސްވީ ވަރަކަށް މަސައްކަތް ކުރަން ޖެހޭނީ. އެހެންވީމަ، ދިރިއުޅުމެއް ނެތެންނު. ދައްތަ ލައިގެން ހަތް މީހުން ތިބޭނެ. ތިބޭއިރު، ހަ މީހުންގެ އެހީތެރިކަމެއް ނޯންނަންޏާ ދެން ދިރިއުޅުމެއް ނެތެއްނު. އެއީ ހާލަތަކީ." ނިދާ ގޮދަޑި މަތީގައި ހަމަޖެހިލައިގެން އިށީނދެ، ވާހަކަދައްކަމުން އޭނާ ބުންޏެވެ.
އުމުރުން 63 އަހަރުވެއްޖެ އެވެ. ދަރިންތައް ބޮޑެތިވެ، މީހުންނާ އިނދެގެން ދިޔައިރު ވެސް ފާތިމަތުގެ ހަޔާތުގައި ހަމަޖެހުމުގެ ނޭވާއެއް ލެވުނު ދުވަހެއް ހަނދާނެއް ނެތެވެ. ބޭކާރު ހިޔާލުތަކުން ބޭގަރާރުވެ، ފިކުރެއް ނެތި، އަރާމުގައި ނިދާލެވުނު އެންމެ ކައިރި ހަނދާނަކީ ވެސް، މީގެ 47 އަހަރު ކުރީގެ ދުވަސްތަކެވެ. އެއީ، އޭނާއަށް 16 އަހަރުގައި އަލަތު ދަރިފުޅު ލިބުމުގެ ވެސް މާ ކުރި އެވެ.
ފާތުމަތު ދިރިއުޅޭ ގޭގައި ހުންނަ ކާގެ އަދި ބަދިގެ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ކުރީގެ ކައިވެނީގައި ފިރިމީހާގެ ފަރާތުން ލިބުނު އަނިޔާތަކަށް ކެތްކޮށްގެން އުޅުނަސް، ބަދަލުގައި ފާތުމަތަށް ލިބުނު މޮޅެއް ނެތެވެ. ހަ ދަރިންގެ ތެރެއިން، ތިން ފިރިހެން ދަރިންގެ ދިރިއުޅުން އެނބުރެނީ މަސްތުވާތަކެތީގެ ތެރޭގަ އެވެ. ރިހެބްގެ ފަރުވާ ނިންމުމަށްފަހު ދެ މީހަކު މި ފަހުން ރަށަށް އަތުވެއްޖެ އެވެ. ބާކީ ހުރި މީހާ ވީ ޖަލުގަ އެވެ. ދެން ތިބި ތިން އަންހެން ދަރިންގެ ފަރާތުން ވެސް އެހީތެރިކަމެއް ނުލިބޭ ކަމަށް ފާތުމަތު ބުނެ އެވެ.
"ދައްތަގެ ކުދިންގެ ހިތެއް، ލޮލެއް ނެތް." އިތުރަށް ތަފްސީލެއް ނުދީ، އެ ވާހަކަ ނިންމާލަމުން ފާތިމަތު ބުންޏެވެ.
ބޯ ބާއްވާލާނެ އަމިއްލަ ތަންކޮޅެއް ވެސް ނެތެވެ. ބައްޕަގެ ގޭގައި އުޅެމުން ދަނިކޮށް، އެ ތަނުން ފޮނުވާލުމުން ރަށުގެ އެކި މީހުންގެ ގޭގޭގައި އުޅުނެވެ. އެކަމަކު، އިތުރު ގޮތެއް ނެތުމުން މީގެ 10 ވަރަކަށް އަހަރު ކުރިން އަނބުރާ އައީ، ތ. ކިނބިދޫގައި ހުންނަ ބައްޕަގެ ގެއަށެވެ. ނަމަވެސް، އެ ގެއަކީ، ފާތުމަތުގެ އެއްބަނޑުއެއްބަފާ ހަ މީހުންގެ ތެރެއިން އެކަކަށް ލިބުނު ތަންކޮޅަކަށް ވާތީ، އެ ގެއިން ނުކުންނަން އޭނާއަށް އޮތީ އަންގައިފަ އެވެ.
ފާތުމަތާއި އޭނާގެ ފިރިމީހާ މުހައްމަދު، މި ރަށުގެ ބަނދަރުމަތީގައި ތިބެގެން މަސް ބާނަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
މި ގޭގައި ވެސް އުޅެން ޖެހެނީ ދޭހާ އަތްވަކާއި ވެހޭ ވާރޭއެއްގަ އެވެ. ގެ ހިޔާކޮށްފައި ހުރި ޓިނު ބާވުމުން، ތަންތަންކޮޅު ފޫގޮސް، ފާތުމަތުގެ ދެމަފިރިން ނިދާ "ކޮޓަރި"އަށް ފެން ފައިބާތީ ހުންނަނީ ބާލިދީ ބަހައްޓައިފަ އެވެ. ދެމަފިރިން ނިދަން ބަހައްޓާފައި ހުރި ދެ އެނދު ފިޔަވައި އިތުރު އެއްޗެއް ބަހައްޓާނެ ޖާގައެއް ނެތެވެ. އަންނައުނުތައް ހުރީ ހާމައަށް، ދަނޑިއެއްގައި އެލުވައިފަ އެވެ. ކޮޓަރިއަކަސް، ސިޓިން ރޫމަކަސް، ބޭނުންކުރަން ހުރީ މި ކުޑަ ތަންކޮޅެވެ. ދެން ހުރީ، ކިރިޔާ ކުޑަ ގޮދަޑިއެއް ބާވާލެވޭ ވަރުގެ ޖާގަ ހުރި ކޮޓަރިއެކެވެ. އެ ތަންކޮޅުގައި، ބިންމަތީގައި ގޮދަޑި އަޅައިގެން އަޅައިގެން ނިދަނީ ފާތުމަތުގެ ދެ ފިރިހެން ދަރިންނެވެ.
"މިތާ ހުންނާނެތަ މީހަކު. މިއީ ތަނެއްތަ؟ ކުރީ ޒަމާނު ދައްކަމުން އަންނަ ވާހަކައެއްނުން މިއީ ވެސް، ފިނދަންކަލޯ ވައްދަން ފަންބޮނޑިއެއް ބަހައްޓައޭ ބޭރު މަގުމަތީގައި. ހަމައެކަނި އެއްޗެއްނު މިއީ. މިތާ ކިހިނެއް އުޅޭނީ." ފާތުމަތު ބުންޏެވެ.
ކައްކަނީ، ފާހަނާއާ ދިމާލަށް ހުރި ކުޑަ ތަންކޮޅުގަ އެވެ. އެ ތަނުގައި މޭޒު ނޫން އެހެން އެއްޗެއް ނެތެވެ. ފެންވަރާނެ ގިފިއްޔެއް ހުއްޓަސް، އެ ތަނުގައި ދޮރެއް ނެތެވެ. ފެން ވަރަން ވީމަ ފިލާގަނޑަކުން ބައްދާލަނީ އެވެ. ފާތުމަތުމެން ފާހަނާ ކުރަން ދަނީ އަތިރިމައްޗަށެވެ.
ފާތުމަތު ދިރިއުޅޭ ގޭގެ ގިފިލި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އޭނާ ބުނީ މީގެ ދެތިން އަހަރެއްވަރު ކުރިން ކަނާތު ފަޅިގެ ވާގިނެތުމުން، ހިނގެނީ އެއް ފައި ކޮރުޖަހަމުން ކަމަށެވެ. އެހެންވެ، މަސައްކަތްކުރަން ވަރަށް ދައްޗެވެ. އެކަމަކު، ކޮންމެ ދުވަހަކު، އަރާ އިރާއެކު ވަލުން ކާށި ހޮވައިގެން، އެ ކޮށައިގެން ތެލަށް ހަދައިގެން ވިއްކަ އެވެ. ކުރިމަތީގައި އޮތް ހުސް ގޯތީ ތެރޭގައި ވެސް ފަންގިވިދެ އުޅެ އެވެ.
އެހާ ބުރަ މަސައްކަތްކޮށްގެން ވެސް އެހާ ވަރަކަށް ލާރިއެއް ނުލިބެ އެވެ. ލިބޭ އެތިއެތިކޮޅު ވެސް ގިނައިން ހަރަދުކުރަން ޖެހެނީ، އޭނާގެ ދަރިންނަށެވެ.
ފާތުމަތު ބުނާގޮތުން ގައިގައި ކިތަންމެ ވޭން އެޅިއަސް މަސައްކަތެއް ނުކުރަންޏާ ކާނެ އެއްޗެއް ނުލިބެ އެވެ. މީގެ 30 އަހަރު ކުރިން ކައިވެނިކުރި މުހައްމަދު، 63، އަކީ ވެސް ހިތުގެ މައްސަލަ ހުންނަ މީހެކެވެ، އޭނާގެ އުފަން ރަށް، ނ. ލަންދޫގައި ހުރި ގެ ވެސް ވީރާނާވެއްޖެ އެވެ. އެހެންވެ، ދިރިއުޅޭނެ އިތުރު ތަނެއް ނެތި، ކާންބޯން ދެމަފިރިން މަސައްކަތްކުރަން މި ވަނީ މަޖުބޫރުވެފަ އެވެ.
ފާތުމަތު ވާހަކަދައްކާއިރު، އޭނާގެ ފިރިމީހާ ފަހަތުގައި ހުރެގެން އަޑުއަހަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
"އެންމެ މަހެއް ވެސް ހިނގައިދާނެ އެއްވެސް އެއްޗެއް ނުލިބި ވެސް. އަބަދު ވެސް މަސައްކަތެއް ނުކުރެވޭނެތާ. ބަލިވޭ، ވަރަށް ބަލިވޭ. ބަލިވެގެން މަސައްކަތެއް ނުކުރެވޭ ދުވަސްކޮޅެއް ވިއްޔާ، އެ ދުވަސް އެއްޗެއް ލިބުނިއްޔާ ކާނީ، ނުލިބުނިއްޔާ ނުކާނީ. ކިތައްމެ ދުވަހެއް ހުންނާނެ އެއްޗެއް ނުކައި... މީހަކު އެއްޗެއް ދީފިއްޔާ ކާލަނީ. މީހުން ދޭ އެގޮތަށް ވަރަށް އެތިއެތިކޮޅުން،" ފާތިމަތު ބުންޏެވެ.
"ވަރަށް ދަތިކޮށް އުޅެނީ."
އޭނާ ބުނީ ދިރިއުޅުމުގެ ހުރިހާ ކަމެއް ތަކްލީފަކަށް ވެފައި ވަނީ ދަރިންގެ އެއްވެސް ލޯތްބާއި ކުލުނަކާއި އެހީތެރިކަމެއް ނުލިބޭތީ އެވެ. އެހެން ނޫންނަމަ، މީގެ ވިއްސަކަށް އަހަރު ކުރިން ފާތުމަތުގެ ގޯތީގެ އިމާރާތްކުރަން ފެށި ގެ އެއްކޮށް ރާނައި، ދިރިއުޅެވޭ ވަރަށް އެތަން ފައްކާކުރެވުނީސް ކަމަށް އޭނާ ގަބޫލުކުރެ އެވެ.
މިހާރު އެންމެ އިންތިޒާރުކުރަނީ އެ ދިރިއުޅޭ ތަނުން ނުކުމެ، އަމިއްލަ، ދާއިމީ ހިޔާވަހިކަމެއް ލިބޭނެ ދުވަހަކަށެވެ. އަދި، އޭނާގެ ދަރިން ރަނގަޅުވެ، ޒިންމާދާރުވާ ދުވަހަކުން، ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވޭނެ ކަމަށް ފާތުމަތު ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިރިއުޅުން
02 April 2024
ދިވެހިންގެ ވިސްނުން ބަދަލުވާން އެބަ ޖެހޭ. ދަރީން ބޮޑެތިވެގެން އަމިއްލަ ދިރިއުޅުމެއް ފެށީމައި މައިންބަފައިން ބަލަން ޖެހުމުން ވަރަށް ގިނަ ދިރިއުޅުންތައް ހަލާކުވެގެންދޭ. އެކުދީންނަށް ބުރައަކަށް ނުވެ މުސްކުޅިވާ ދުވަހު އަމިއްލައަށް އުޅެވޭނެގޮތެއް ހޯދުމަށް އެންމެންވެސް މަސައްކަތްކުރޭ! ދަރީން ހިތުން ރުހުމުން ބަލާދިނުން މައްސަލައެެއް ނޫން ނަމަވެސް ބަލަންޖެހޭ ކަމަށް ދެކުން އެއީ ރަނގަޅު ގޮތެއް ނޫން
އައިޝޫ
02 April 2024
މައިންބަފައިން މުސްޅިވާދުވަހު ބަލަންޖެހޭނީ ދަރިން ދަރިންނަށްޓަކާ މައިންބަފައިން ޤުރްބާންވަނީ އެމީހުންގެ ޒުވާންއުމުރުގަ ދެންދަރިން ބޮޑެތިވެ އެހީނުވިއްޔާ އެދެމީހުންނަށް އެހީވާނީ ކާކު! މައިންބަފައިންވެސް ވިސްނަންޖެހޭނެ ދަރިންނާމެދު ދަރިންގެ ޒަވާޖީ ޙަޔާތަށް ބުރޫނާނެފަދަ ގޮތަކަށް މައިންބަފައިންވެސް ވިސްނަންޖެހޭނެ
قران
02 April 2024
އެދެމީހުން މުސްކުޅި އުމުރުގާ ބައްދަލުކޮށްފިނަމަ އުފް ވެސް. . ނުބުނަން ޤުރްއާނުގައި ވަނީ.... ކޮންފަދަ ޖާހިލު ކޮމެންޓެއް.... ޔަގީން.. އެ ނިކަމެތި އަންހެނާގެ ނުބައި ދަރިއެއް މީ
ހަމަ ހަމަ
03 April 2024
އެއީ އެކަން އޮންނަން ޖެހޭނެ ގޮތެއް ނޫން. ދަރިންގެ ޒިންމާ އެއް އެއީ އުމުރު ދުވަހު މައިން ބަފައިންނަށް ހިދުމަތް ކުރުމަކީ. ދިވެހިންގެ ވިސްނުމެއް ނޫން ބަދަލު ކުރަންވީ. ތި ލިޔުނު މީހާގެ ވިސްނުން ބަދަލް ކުރަންވީ..
ސާޝާ
03 April 2024
މައިންބަފައިން ބަލަން ޖެހޭނީ ދަރިންނަށް، އެއީ އެކަން އަންގަވާފައިވާގޮތް
ލާހޫރޭ
03 April 2024
ތިޔަ ޔޫރަޕް ފިކުރު މިތަނަށް ވިއްކާންއުޅޭނެ ކަމެއްނެތް. މައިންބަފައިން ބެލުމަކީ ދަރިންނަށް އަމުރުކުރެވިގެންކަމެއް. އިތުރު ބަހަނާ.ދައްކާކަށް ނުޖެހޭނެ.
ފަތިފުށް
03 April 2024
އެންމެ ސުވާލެއް އޮތީ އިސްލާމް ދީނުގައި މައިންބަފައިންގެ ދަރަޖައަކީ ކޮބައިތޯ؟
ރަށު މޮހޮނާ
03 April 2024
ދިވެހިންގެ ވިސްނުން ބަދަލުކުރަން ޖެހޭ، މަސްތުވާ ތަކެތި ބޭނުން ކުރުން އެއީ އާދައިގެ "ބަލި"މަޑު ކަމެއް ކަމައް ދެކޭ ދެކުން ދޫކޮއްލަން ވެއްޖެ. ޢެއީ މުޅި މުޖުތަމައައް ހުރި ބޮޑު ނުރައްކާ ތެރި މުޖުރިމުން ކަމައް ވިސްނުމައް ގެއްނަން މާލަސް ވެސް ވެއްޖެ.
ދިވެއްސެއް
03 April 2024
އެކޮއެ ތިއުޅޭ ޔޫރަޕް ދިރިއުޅުން ގޮސް ކިޔައިދީ އެހެން ބައިގަނޑަކައް. ކަލޭ ތިވަރު ވެފަ ތިހުރީ އެކަނިތަ؟
ާވިޔަާ
04 April 2024
ތިކަހަލަ ނުވިސްނެ މީހުންނަ ވިސްނޭނި މާދަމާ މުސްކުޅިވެ ގާގަ ވަރުނެތި އެހެން މީހުންގެ އެހިތެރިކަމައް ބެޭނުންވާ ދުވަހު.
މަބުނީ
04 April 2024
އެހެންވީމަ ދަރިންވެސް ޅައިރު އެއްވެސް ލޯތްބަކާއި އަޅާލުމެއް ނުދީ އެއްލާލަންވީތޯ؟ ދަރިންނަށްޓަކާ މައިންބަފައިންވާ ގުރުބާނީއަކީ އެއްވެސް އަގެއް ނެތް އެއްޗެކޭތޯ ތޯ ތިބުނަނީ؟
ދަރިން
04 April 2024
ތިބާ ދަރިން ނުހޯދާނަންތަ؟ ތިބާ މުސްކުޅި ވެ ގައިބާރު ދާ ދުވަހު އެކަނި ހުރިހާ ކަމެއް ކޮށްލައިގެން އުޅެލާނަމޭ ހީކުރަނީތަ؟
އިންސާފް
04 April 2024
މައިބަފައިން ބެލުމަކީ ދަރިންނަށް ކުރަން ޖެހޭނެ ކަމެއް
ފެންދުލި
02 April 2024
ކޮބޭތޭ??? އައިއޭ ސީ އެލް މިނިކަމެތިންނަށް އެހީގެ އަތެއް ދިއްކޮލަބަލަ ތިމީހުންނަށް މިކަން ވާނީ
ހަސަންބޭ
02 April 2024
ދަރިންގެ ކުރިމަތީގައި ދައްކަން ޖެހޭ ނަމޫނާ ނުދެއްކުމުގެ ސަބަބުން ދަރިން ހަލާކުގެ ތެރެއަށް ދިޔުމުގެ ނަމޫނާ އެއް މީ. ކައިރީ ހިސާބުތަކުގެ އެންމެންނަށް އައުގުރާނު ގޮވާ ޒުވާބުކޮށް ހަދާނީ ދަރިން ކުރިމަތީގައި އެކުދިން އެންމެ ތުއްތު އިރުގަ ވެސް.
ާަަމި މީހާ
02 April 2024
އެދައްތަ ކުދިން ރަނގަޅަށް ތަރުބިއްޔަތު ނުކުރީއެއް ނޫން. އެދައްތަގެ ކުދިން ސްކޫލަށް ފޮނުވޭނެވަރު ތަނަވަސް ކަމެއް އެދައްތަގެނެތީ. ބުރަމަސައްކަތް ކޮށްގެން އެކުދިންނަށް ކާންދެވޭވަރުވެސް އެދައްތައަށް ނުވީ. އެދައްތަގެ ކުދިން ކުޑައިރު ސްކޫލް ފޮތްބައި މިހާރު ލިބޭގޮތައް ހިލޭ އެއް ނުލިބޭ. އެކުދިން ހަމަގޯހީ.ނިކަމެތި ގޮތުގަ ބޮޑުވީމަ ގޯސްމަގުން ދިއުމަކީ އުޒުރެއްނޫން.ނިކަމެތި އާއިލާތަކުން ވެސް ހެޔޮލަފާ ރަނގަޅު ދަރިން އުފެދޭ.އެކުދިންނަށް ހެޔޮ ވިސްނުން ދެއްވާށި.
ސަލީމު އިދުރީސް
01 April 2024
އަޅުގަނޑު ބުނާނީ އަމިއްލަޔައް ހެދޭގޯސްތަކުގަ އެހެންމީހުން ގޯސްކުރާނެ ކަމެއްނެތޭ! އެމިހަކު ދިރިއުޅުން ފުލޭނު ކުރާނީ އެމިހެކޭ! މިބުނަނީ ވަކި ދައްތާގެ ވާހަކަޔެއްނޫން! ތިމާޔައް ލީބޭ އާންމުދަނީން ތިންކުދީން ބަލާފަ ގެދޮރު ނެދޭކަން އެގޭއިރު ނުވަތަ ކުލިއްދާއްކާފަ އުފާވެރި ދިރިއުޅުން ނުހޯދޭނެ ކަން އެނގޭއިރު އެވަރައް ކުދިން ހޯދާމީހުންގިނަ! އަދި ކުދިކުދި ރައްތަކުގަ ފަހައްރައްކާ ކުރުމެއްނެތި ދެމަފިރިން ދަރަންޏައް ސައިކަލު ނަގައިގެން އުޅެނީ މަދަކުންނޫން!
ކަމަނަ ދަލޭކަ
02 April 2024
ކިތަންމެ ގިނައިން ދަރިން ހޯދިޔަސް އުޅެވޭނެ ކުއްޖާ އުފަންވުމުގެ ކުރިން އެކުއްޖާގެ ރިޒުޤު އެކަލާނގެ ވަނީ ކަނޑައަޅުއްވާފައެވެ. ދިރިއުޅުމަކީ އިމްތިހާނެއް
ވޯލް
02 April 2024
ތީވަރަށް ރަގަޅު ވާހަކައެއް. ފެމިލީ ޕްލޭނިން ހަދަންޖެހޭ. ދަރިން ހޯދަންވާނީ އެކުދިން ބެލަެނެ އާމްދަނީ ލިބެންުޔާ. އަދި ވަގުތު ދެވެންޔާ.
ސަލީމު އިދުރީސް
03 April 2024
އޯކޭ ކަމަނަ ދަލޭކާ! ތިގޮތައް ގަބޫލު ކުރާނަމަ މިކަލަ ކަންތައް ބޮޑު ކަމަކައް ހަދައިގެން ނޫހުގަ ޖެހުމުގެ ޖެހުމުގެ ބޭނުމެއްނެއް
ފާތިމަތު ބިންތު
01 April 2024
މިތާނގައި ގިނަ ބަޔަކު މައިންބަފައިން ކުށްވެރިކޮށްފައި އޮތްއޮތުމަށް ރައްދޭން ބޭނުންވެއްޖެ. މައިންބަފައިން ކިތަންމެ ނުބަޔަސް އެއީ ތިމާގެ ބަނޑުއަޅައިވިހޭ މައިމީހާކަމުން، ތިބާގެ ފަހުނޭވަޔާ ހަމައަށް އެމައިމީހާއަށް ކިޔަމަންތެރިން އަދާކޮށްދެންޖެހޭ. އެއީ އަހަރެމެން އެންމެންގެ ވާޖިބެއް. ދައްތަގެ ކުދިންނަށް ހެޔޮވިސްނުން ދެއްވާށި!
ފާތިމާ ބިންތި
02 April 2024
އަޖައިބު ނުވާނެތަ ރައްދުދޭ ބިންތު، ބުނަން ދަރިން މަސްތުގެ ހާލުގަ 5 ހިއްސު ހަމަޔަށް ނެތި ކިހިނެއް ބަލާނީ ވާޖިބުވިޔަސް. 3 ފިރިހެން ދަރިން ތިބީ އެހާލުގަ އަނެއް 3އަންހެންދަރިންގެ ވާހަކަ ނެތް އިގެންވެސް. މިކަހަލަ ކިތަންމެ ސްޓޯރީއެއް އަދި އަންނާނެ، ޑްރަގަށްގޮސްހުސްވެފަ ތިބި މައިންނާ ބަފައިންވެސް އެބަތިބި.
ހަސަންބޭ
02 April 2024
ނުވިސްނޭނެ.. މިވަގުތު އެއް ދަރި އޮތީ ޖަލުގަ, އަނެއް ދެދަރިން ޖަލުން ސަލާމަތް ވެގެން އައިސް ހަކުރު ވިއްކަނީ. ހެއްދެވި ފާރާތައް ސަޖިދަ އެއް ޖަހާނުލާ އެ ހިފަހައްޓާލަނީ..
ޢައިމިނަތު
01 April 2024
ފާތުމަތުގެ ދޮށީ 3 ކުދިން ކުޑައިރު ދަންނަން. ޢެކިމީހުންގެ ފަޅުގެތަކުގަ އުޅުނީ. ކުދިން ލައްވަނީ އެކިމީހުންދޭ ބޭނުން ކޮށްފަ ހުންނަ އަންނައުނު. ސުކޫލް ޔުނިފޯމްވެސް. ކާއެއްޗެއްނެތީގެން އެކިގޭގެއިން ހަޑޫކޮޅެއް ގަރުދިޔަ ފަދަ ތަކެތި ހޯދައިގެން ކާންދީޢުޅުނީ. ވަރައް ބުރަކޮށް މަސައްކަތް ކުރާނެ. ފަރުހިލާ މަސްބާނާ ނުކުރާ މަސައްކަތެއް ނޯންނާނެ. އަބަދުވެސް ވީވަރަކުން އެހީވާނެ އަވައްޓެރިން.
މޫނިމާ
01 April 2024
މަސްތުވާތަކެތީގަ ދަރީން ޖެހެނީ ހަމައެކަނި މައިންބަފައިންގެ ފަރުވާ ކުޑަ ކަމަކުން ނޫން! ބަޔަކުނިކަމެތި ވުމަކީ އެބަޔަކު ކުރީގައިވިސްނައިގެން މުއްސަނދި ނުވީމަ ވާކަމެއެވެސް ނޫން! ބަލަ ﷲ މީސްތަކުން އިމްތިހާނު ކުރައްވަނީ އެކިގޮތަށް! ކޮންމެ ކަމަކަށްވެސް އިދިކޮޅު އެއްޗެއް ނޫނީ ބައެއްމީހުނަށް ނުބުނެވޭ!
އަމީނު
02 April 2024
އެއީ ކޮން ކަަމަކާްށް ކުރައްވާ އިމްތިހާނެއްބާ. ފަލަސްތީނު މީހުން އިމްތިހާނު ކުރެއްވާތާހާދަ ދުވަހެކޭ
ދަލޭކަ ދައިތަ
01 April 2024
ހާދަހާ ހިއްވަރަކުންނޭ ރަނގަޅު ދަރިންތަކެއްް ތަރުބިއްޔަތު ކުރެވޭނީ. ދަރިންކޮޅުގެ މުހިންމުކަން އިހްސާސްކުރެވިފަ މިއޮތީ މާލަހުން. އިބުރަތް ހާސިލްކުރޭ އެންމެން!! ދަރިންކޮޅަށް އެހީއާ އޯގާތެރިކަމާ އަޅާލުން ނުދީ މިހާރުވެސް ކިތައްމެބަޔަކު އުޅެމުންދޭ. ދަރިންނަށް މައިންބަފައިން ބެލެހެއްްޓޭނީ އެމީހުންނަށް އެމީހުން ބެލެހެއްޓިގެނެއްނު. ދަތިހާލުގައިވެސް ހެޔޮލަފާ ދަރިން ތަރުބިއްޔަތުކޮށް މުސްކުޅިއުމުރުގައި ވ.އުފަލުގައި އުޅޭ މީހުން މަދެއްނޫން.
ތ. އޮމަދޫ މީހާ
01 April 2024
ތ. ކިބިދޫ އަކީ މަސްތުވާތަކެތީގެ ބޮޑު ކާރުހާނާއެއް. އެ ބޭނުން ކުރުމާ ވިއްކުމުގެ ނަމޫނާ ރަށެއް