ކުރީގެ ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރި ދުވަހު ސަޕޯޓަރުންނަށް ހަނާއަޅުއްވަނީ: ޔާމީން ބޭނުންވީ ރިވިއުއަށް ފުރުސަތު ހޯދަން ކަމަށް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ / މިހާރު
01 އެޕްރީލް 2024 - 12:39
މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމާ މެދު ހިޔާލެއް ހޯދުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕަށް ހުށަހެޅުއްވީ އެ މަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން އެ ކޯޓުގައި ރިވިއު ކުރަން ހުށަހަޅަން ފުރުސަތު ހޯދުމުގެ ގޮތުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރައްވާ ޕީއެންއެފް އިން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވަނީ ޕީޕީއެމް/ޕީއެންސީ މަގުމަތިކޮށްލަން އުޅުއްވި ކަމަށް ބުނެ އެ ދެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން އަމާޒުކުރި ފާޑުކިޔުންތަކަށް ރައްދު ދެއްވައިފަ އެވެ.
ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ ކެންޑިޑެސީއާ މެދު ސުޕްރީމް ކޯޓުން ނިންމުމުގެ ކުރިން ޕީއެންސީގެ ކެންޑިޑޭޓެއް ހުންނާނީ ދައްކާފައި ކަމަށާއި އެހެންކަމުން ޕާޓީ މަގުމަތިކުރަން އުޅުނު ކަމަށް ބުނާ ވާހަކައަކީ ދެކޮޅު ޖެހޭ ވާހަކައެއް ނޫން ކަމަށެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށް އެ ޕާޓީން ކުރިން އޮތީ ނިންމައިފަ އެވެ.
"އަޅުގަނޑަކީ ސިޔާސީ މީހެއް އަޅުގަނޑަކީ ކުރިއަށް އޮތް ކަންތައްތައް ވެދާނެ ގޮތަކާ މެދު ވިސްނާ މީހެއް. އަޅުގަނޑު ވިސްނީ އަޅުގަނޑުގެ މައްސަލަ ސުޕްރީމް ކޯޓުން ނިންމާއިރު، އަޅުގަނޑުމެންނަށް އެކަށީގެންވާ ވަގުތު ނެތިދާނެއޭ ދެ ޕާޓީން ކުރެ ޕާޓީއެއް ތެރޭގައި އިންތިހާބެއް ބާއްވައިގެން ބޭފުޅަކު ދައްކަން،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ޕީޕީއެމްގެ ބަދަލުގައި ޕީއެންސީ އިން ކެންޑިޑޭޓެއް ނެރެން ނިންމެވި ސަބަބަކީ ވެސް ޕީޕީއެމްގެ އެހެން ކެންޑިޑޭޓެއް ހުރެއްޖެ ނަމަ އެ މަނިކުފާނުގެ މައްސަލަ ނިންމާލަން ސުޕްރީމް ކޯޓަށް މާ ފަސޭހަވާނެތީ ކަމަށެވެ.
"އޭރަށް ބަހުސެއް ނެތި އަޅުގަނޑަކީ ރިޔާސީ ކެންޑިޑޭޓަކަށް ނުވޭ. އެހެންވެ އަޅުގަނޑު މި ބޭފުޅުންނަށް ނޯޓަކުން ދެންނެވީ މިހެން ވެދާނެއޭ، އެންމެ ދުވަހެއް ވެސް ނުލިބިދާނެއޭ. އެހެންވެ އެ އަށް ޖެހޭނެއޭ ތައްޔާރުވެ ތިބެން. އެހެންވީމާ ޕީއެންސީގެ ބޭފުޅުންނަށް ދަންނަވާށޭ، ޕީޕީއެމް އިން ބަދަލުވާން ބޭނުންވާ ލީޑަރަކު ޕީއެންސީ އަށް ބަދަލުވެފައި ޕީއެންސީގެ ތެރޭގައި އިންތިހާބެއް ބާއްވައި ކެންޑިޑޭޓަކު ދައްކާށޭ،" ޔާމީން ވިދާޅުވި އެވެ.
ޔާމީންގެ އެ ނޯޓާ އެކު، ޕީއެންސީ ސެނެޓްގެ މެދުގައި ބޭއްވި އިންތިހާބުގައި ކެންޑިޑޭޓެއް ކަމަށް ކަނޑައަޅަނީ ޕީޕީއެމްގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް ފަހު، އިންތިހާބަށް ޕީއެންސީއާ ގުޅިވަޑައިގެންނެވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒަކީ ކެންޑިޑޭޓް ކަމަށް ކަނޑައެޅުމާ އެކު ލަސްނުކޮށް ކެންޑިޑެސީ ފައިލް ކުރަން ވެސް އެންގެވި ކަމަށް ޔާމީން ވިދާޅުވި އެވެ.
"މިހާ ރަނގަޅަށް މިކަން އަޅުގަނޑު ނިންމިން. އެހެންވީމަ ކޮން ވާހަކައެއް މި ދައްކަނީ މަގުމަތިވެދާނެ ކަމަށް. ކޮން ވާހަކައެއް މި ދައްކަނީ ބޮއިކޮޓް ކުރާ ވާހަކަ،" ޔާމީން ވިދާޅުވި އެވެ.
ނަމަވެސް ރައީސް މުއިއްޒު ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން ނިންމަވައި އަދި އެ ބޭނުންފުޅުގައި ޕީއެންސީ އަށް ބަދަލުވެވަޑައިގަތީ އިންތިހާބު ބޮއިކޮޓް ކުރަން ޔާމީން އަންގަވާފައި ވަނިކޮށެވެ. ނަމަވެސް ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ސެނެޓުން ނިންމީ ޔާމީން ބޭނުންފުޅުވި ގޮތާ ހިލާފަށް އިންތިހާބޮ ބޮއިކޮޓް ނުކުރާށެވެ.
ރައީސް މުއިއްޒަށް ޔާމީންގެ ތާއީދު އޮތް ކަން ހާމަކުރެއްވީ އިންތިހާބަށް ކުރިމަތިލެއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވަން ދަރުބާރުގޭގައި ރައީސް މުއިއްޒާއި އެ މަނިކުފާނުގެ ޓީމުގެ ހަތަރު ވަރަކަށް ބޭފުޅުން ތިއްބަވަނިކޮށެވެ. ޔާމީން އެންމެ ފަހު ވަގުތު ގޮތް ދޫކުރައްވައި ރައީސް މުއިއްޒަށް ތާއީދު އޮތް ކަން ހާމަކުރެއްވީ އޭރު ޖަލުގައި ހުންނަވައިގެން އަނބިކަނބަލުން ފާތިމަތު އިބްރާހިމް ގުޅުއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ޔާމީން ވަނީ އެކަމާ ގުޅޭ ގޮތުން ވެސް ރޭ ވާހަކަފުޅު ދައްކަވައިފަ އެވެ. އެ މަނިކުފާނު އިންތިހާބު ބޮއިކޮޓް ކުރަން ހިޔާލު ހޯދަން ލީޑަޝިޕަށް ހުށަހެޅުއްވި ސަބަބު ވެސް ފުރަތަމަ ފަހަރަށް ވިދާޅުވެ ދެއްވި އެވެ.
ޔާމީން ވިދާޅުވީ އެ މަނިކުފާނަށް ވާދަ ނުކުރެއްވޭ އިންތިހާބެއް ބޮއިކޮޓް ކުރާނެ ކަމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ގޮވަމުން ދިޔައީ ޕީޕީއެމް ލީޑަޝިޕްގައި ތިއްބެވި ބޭފުޅުން ކަމަށާއި މަގުމައްޗަށް ނުކުމެގެން ވެސް ޔާމީނަށް ވާދަ ނުކުރެވޭ އިންތިހާބެއް ހުއްޓުވާނެ ކަމަށް ގޮވަމުން ދިޔައީ ހަމަ އެ ބޭފުޅުން ކަމަށެވެ. އެހެންވެ، އިންތިހާބު ބޮއިކޮޓް ކުރަން އެދި ނޯޓެއް ފޮނުއްވީ ހިޔާލަކަށް ކަމަށް ވިދާޅުވި އެވެ.
އިންތިހާބު ބޮއިކޮޓް ކުރުމާއި މަގުމަތީގެ ހަރަކާތްތައް ވަރުގަދަ ކޮށްގެން ސުޕްރީމް ކޯޓަށް މައްސަލަ ރިވިއުއަށް ހުށަހަޅަން ބޭނުންފުޅުވި ކަމަށް ޔާމީން ވިދާޅުވި އެވެ.
"..އެއީ ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން ރައީސް ޔާމީނަށް ވާދަ ނުކުރެވޭ އިންތިހާބެއް ބޮއިކޮޓް ކުރާނެ އެ ބޭފުޅުން ގޮވަމުންދާތީ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަދި މިއަދު ވެސް ގަބޫލު ކުރަނީ ސުޕްރީމް ކޯޓުން ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމީ ސިޔާސީ ނިންމުމެކޭ،" ޔާމީން ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެން މަސައްކަތް ކުރަން ބޭނުންވީ ލީޑަޝިޕްގެ ބޭފުޅުން އާންމުން ގާތުގައި ވިދާޅުވަމުން ގެންދެވި ގޮތަށް އެ ބޭފުޅުންގެ އެ ވަރުގެ ހިތްވަރެއް ހުރެގެން ބޮއިކޮޓްކޮށްފި ނަމަ ނުވަތަ ބޮއިކޮޓް ކުރާ މިންވަރަށް މަގުމަތީ ހަރަކާތް ކުރެވުނު ނަމަ އަޅުގަނޑުމެން ރިވިއުއަކަށް މިކަން ގެންދެވުނީސް."
ޔާމީން ވަނީ އެ މަނިކުފާނު ޖަލަށް ލާފައި ހުރި އިރު، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުންނަށް މަގުމަތީ ހަރަކާތްތައް ނުހިނގުނު ކަމަށާއި އެކަން ކުރެއްވީ ނަމަކަށް ކަމަށް ވެސް ވިދާޅުވެފަ އެވެ.
"މި ބޭފުޅުންގެ ހިތްވަރެއް ނެތޭ. އަޅުގަނޑަށް ފެނިގެން ދިޔަ ޖަލުގައި ހުރިއިރު ތި މުޒާހަރާތައް ދަނީ ކިހިނެއްކަން. އެ އަކު ނެތޭ އާރެއް. ތި މުޒާހަރާތަކަށް ނުނުކުންނަ ވެރިން ވެސް އެބަތިބި. އަނެއްކާ އެއް ރޭ އެކަކު ނުކުތިއްޔާ އަނެއް ރޭ އަނެއްކަކު ނުނުކުމޭ. މުޒާހަރާތަކަށް ނުކުންނަ ބައެއް މީހުން ގެނެސް ޕީޕީއެމްގެ ކޮންމެ ވެސް ލީޑަރަކު އެމީހަކު ބޭނުންވާ ކަމެއް ކޮށްދީފައި އެ މީހަކު މުޒާހަރާއަށް ނުނުކުންނަން ވެސް އެބަހުރި ބުނެފައި،" ޔާމީން ވިދާޅުވި އެވެ.
"އެހެންވީމަ ތި މުޒާހަރާތަކަކަށް ޕީޕީއެމް/ޕީއެންސީއަކަށް އެކަށީގެންވާ ވަރަކަށް މަސައްކަތެއް ނުކުރެވޭ."
ޔާމީން މިނިވަން ކުރަން ގޮވާލައި ބޭއްވި އެއްވުމެއްގައި ޕީޕީއެމް ލީޑަޝިޕްގެ ބޭފުޅުން: ޔާމީން ވިދާޅުވީ އެ މުޒާހަރާތަކުގައި އެއްވެސް އޮށްޓަރެއް ނެތް ކަމަށް - ފޮޓޯ: މިހާރު
ޔާމީން ވިދާޅުވި ގޮތުގައި، ޕީޕީއެމް/ޕީއެންސީގެ ތެރޭގައި ވެސް ވެރިކަން ބޭނުންވާ އަދި ސިޔާސީ ގޮތުން ކުރިއަށް ދާން ބޭނުންވާ ބޭފުޅުން ތިބޭނެ ކަމަށް ގަބޫލުފުޅު ކުރެއްވެ އެވެ. ނަމަވެސް، މައްސަލައަކަށްވީ އެ މަނިކުފާނު ޖަލުގައި ބާއްވައިގެން އެކަން ކުރަން އުޅުމުން ކަމަށް ވިދާޅުވި އެވެ.
"އޭގެ ބަދަލުގައި އަޅުގަނޑު މިނިވަންކޮށް ބައްޓާފައި އަޅުގަނޑާ ވާހަކަ ދައްކާފައި ވާދަވެރި އިންތިހާބަކުން އެ ބޭފުޅުން ވެސް ހޮވެންވީ ނޫންތޯ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ތެރޭގައި އެ މަނިކުފާނު މިނިވަންވުމަށް އެދޭ އެއްވެސް ބޭފުޅަކު ނެތް ކަމަށެވެ. މިނިވަން ކުރަން އެދޭ ނަމަ މުޒާހަރާތައް އެހާ ފަނޑުކޮށް، އާދައިގެ ގޮތަކަށް ނުދާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންނަކީ ކޮން ބައެއް ކަމާއި އެ ބޭފުޅުން ކުރައްވާފައިވާ ކަންތައްތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި އެ ވާހަކަތައް އެއްކޮށް މިނިވަންވުމާ އެކު ދައްކަވާނެ ކަމަށް ވެސް ޔާމީން ރޭ ވިދާޅުވި އެވެ.
"އަޅުގަނޑު ދައްކާ ވާހަކައަށް ފެކްޓުން ޖަވާބު ދެއްވާ. އަޅުގަނޑަކީ ޕީޕީއެމް މީހަކަށް މިހާރު ނުވާތީ ޕީޕީއެމްގެ ކަންތައްތަކެއް ނޭނގޭނެއޭ އެ ބީދައިން ވާހަކަ ނުދައްކާ. އަޅުގަނޑަށް ތި ހުރިހާ މީހުންގެ މިޒާޖާއި ކޮށްފައި ހުރި ކަންތައްތައް އެނގޭ. އަޅުގަނޑުގެ އަނގައިގަ އަޅާފައި މި ހުރި މަލަންގަނޑުތައް ނައްޓާލީމަ މި ހުރިހާ ވާހަކައެއް ދެއްކޭނެ،" ޔާމީން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ ކުރުސީ
01 April 2024
އިންތިޚާބެއް ބޮއިކޮޓް ކުރާއިރަށް ސްޕްރީމްކޯޓުން ރިވިއު ކުރަނިއްޔޭ؟ ތިމާ މިނިވަން ކޮށްފަ އަލުން އިންތިޚާބެއް ބަައްވާފަ ތިމަންނަޔާ ވާދަކޮށްލާށޭ؟ ބަޔަކު މޮޔަވެދާނެ!!
5678
01 April 2024
ޔާމީން ގަބޫލުކުރަންވީ ހަގީގަތަކީ، މިހާރު ތިއީ ލީޑަރެއްނޫންކަން. 150 ހާސް މީހުން ފަހަތުގަ ނެތްކަން. މިހާރު 5 މަސްވީއިރު ޕާޓީ ރަޖިސްޓްރީކޮށްލަން ބޭނުންވާ 3 ހާސް މީހުންވެސް ހަމަނުވިކަން. ހަގީގަތް ގަބޫލުކޮށްގެން ދެންވެސް ކުރީގެ ޕާޓީއާއެކު އުޅެފިނަމަ ކުރިއަށްއޮތްތަނުގައި ސިޔާސީ މައިދާނުގައި ނަމެއްހުރި މީހަކަށް ވެދާނެ. މިހާރު ތިއީ ހަމަކެނައެއް. ނޯބޮޑީ. ނަތިންގ. ސޯ ބީވައިސް. ތި ބަހުރުވަ ހުއްޓާލާ. ތިކަމުން ހައްތަހާވެސް ލިބެމުންދާނީ ގެއްލުން.
ފދފފފ3
01 April 2024
ޔާމީން މޮޔަފުޅުވީތޯ؟ 5 އަހަރު ޖަލުގަ ބެހެއްޓި ބަޔަކު މީސްކޮޅެއް މަގުމައްޗަށް ނުކުތުމުން އިންތިހާބު ބޭއްވުން ލަސްކޮށް ސުޕްރީމް ކޯޓުން ޔާމީން ދޫކޮށްލަން މަޖުބޫރު ކުރުވާނެތަ؟ ޔާމީން ހެޔަށް ގޮތްވެ މިހާރު ހަނދާން ބަލިވެފަ ހުއްޓަސް އެދުވަސްވަރު ދިވެހިރާއްޖޭގެ ވެރިކަމަށް ބާރުފޯރުވަމުންދިޔައީ އާރްއެސްއެސް ޖަމާއަތުގެ ޕޮލިޓިކަލް ގޮފިން. ޔާމީން ދޫކޮށްލާނެތަ؟ އެހެންނުވާނެކަން ޔާމީނަށްވެސް އެނގޭނެ. އެވަގުތު ބޮއިކޮޓްކުރަން ބުނީ ޔާމީން އިމޯޝަނަލްވެގެން.
ޖޖޖޖ
01 April 2024
ޔާމީނޫ ކަލޭ ތިހުރީ ވެރިކަމައި ގޮސް ބޮލަށް ތެޔޮ އަރާފަތަ؟ ސުޕްރީމް ކޯޓުން ނޫނތަ ކަލޭގެ ޝަރުތު ހަމަ ނުވާކަމަށް ނިންމީ!
ބސ877
01 April 2024
ވައްކަން ނުކުރާށޭ. ވައްކަންކުރީމަ ބަންދުވެސް ވާނޭ ޖަލައްވެސް ލާނޭ
އެދުރު1
01 April 2024
ބޮއިކޮޓް ކުރިނަމަ ސްޕްރީމް ކޯޓުން ރިވިޔު ކުރަންޖެހޭނެ އެއްވެސް ސަބަބެއް ނެތް. ޑރ މުއިއްޒުމެން އެވަރު ނިވިސްނިނަމަ ވެރިކަމުގައި އޮންނާނީ ބޖޕގެ މޑޕ ޔާމިން އަދިވެސް އޮންނާނީ ޖަލުގައި
1828
01 April 2024
އަދިވެސް ޔާމީން މިނިވަނެއް ނުވޭ.
ދޮން ހަސީނާ
01 April 2024
ރައީސް ޔާމީން އިންތިޚާބު ބޮއިކޮޓް ކުރަން ނިންމީ ސިޔާސީ ބާރު ގެއްލުމަށްވުރެ އިންތިޚާބުން އެމްޑީޕީ ހޮވުންވެސް މާރަނގަޅުކަން އެނގޭތީވެ. ބޮއިކޮޓް ނުކުރުމުގެ ނަތީޖާ މިހާރު ޔާމީން ތަހައްމަލު ކުރަމުން ގެންދަވަނީ. މުޅި ސިޔާސީ ހަޔާތް ބަރުބާދުވެއްޖެ. ކުރީގައި ރައީސް ޔާމީނަށް ސަޕޯރޓް ކުރި 90 ޕަސެންޓް މީހުން ގެއްލިއްޖެ. އެމީހުނަށް މިހާރު ރައީސް ޔާމީން ކަމަކުނުދިޔަ...
ނީނާރީ
01 April 2024
އެމްއްންޕީ ފައީސާގަމީނަޔައް ބައިއެޅި އެހެންވެ ވަރައްފޫހިވެއްޖެ މީނަދެކެ ...ރައީސް މުއިޒު އަކީ ވަރަށް ހެޔޮ ރަގަޅު ބޭފުޅެއް
ހުމާމުސް
01 April 2024
މަލަނަން އަޅާފަ ހުއްޓަވެސް ހާދަ އެއްޗެއް ކިޔެއޭ ދޯ.
1828
01 April 2024
ކިޔާނެ ދޯ ދުލުގައި ހިފާ ދަމާކަށް ވަނީ ނަމަ
ހޮޅިބެ ޔާގުންޑާ
01 April 2024
ތިމަންނާ އެކައުންޓުގައި ހުރީ ޕޕމ ކެމްޕޭނު ފައިސާއޭ ބުނި. އެފައިސާ މިހާރުން މިހާރަށް ޕޕމ އާއި ހަވާލޭކަރުދޯ. އަންނި އާއި ޔާމީނަކީ މާޒީ ކަމަށް ދެކޭ މީހުން މަދު ހެއްޔެވެ؟