ޚިޔާލު / ދީން

ހަދީސެއްގެ އަލީގައި: ދަރިން ވިހެއުމުން ބަންގި ގޮވުމަކީ ތަރުބިއްޔަތުގެ ބައެއް

އީދު ނަމާދު ކުރުމަށް ކުޑަކުދިންތަކެއް ގޮވައިގެން އެ ކުދިންގެ ބެލެނިވެރިން ދަނީ:

ޢުބައިދުﷲ ބުނު އަބީ ރާފިޢު އެކަލޭގެފާނުގެ ބައްޕާފުޅުގެ ކިބައިން ރިވާކުރެއްވި ހަދީސެއްގައި ވެ އެވެ. "ޢަލީގެފާނުގެ ދަރިކަލުން ޙަސަނުގެފާނާއިގެން ފާޠިމަތުގެފާނު ރައްކައުވެވަޑައިގަތް ހިނދު ކީރިތި ރަސޫލާ ﷺ ނަމާދަށް ބަންގި ގޮވާ ފަދައިން ޙަސަނުގެފާނުގެ ކަންފަތްޕުޅު ކައިރީ ބަންގި ގޮވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ." (އައްތިރުމިޛީ)

މި ހަދީސްގައި ބަޔާން ކުރެވިފައި އެ ވަނީ ކީރިތި ރަސޫލާ ﷺ ގެ ކާފަދަރިކަލުން ޙަސަނުގެފާނު އުފަންވެ ވަޑައިގަތް ވަގުތު އެކަލޭގެފާނު ވަޑައިގެން ޙަސަނުގެފާނުގެ ކަންފަތްޕުޅު ކައިރީ ބަންގި ވިދާޅުވި ވާހަކަ އެވެ. އެއީ ހަމަ ނަމާދަށް ވެސް ބަންގި ގޮވާ ފަދައިން ބަންގީގެ ހުރިހާ ކަލިމަތަކެއް ހިމަނައިގެންނެވެ. އިބްނު ޢައްބާސްގެ ކިބައިން މި ހަދީސް ރިވާވެގެންވާ ގޮތުގައި ކީރިތި ރަސޫލާ ﷺ ޙަސަނުގެފާނުގެ ކަނާތު ކަންފަތްޕުޅުގައި ބަންގި ވިދާޅުވެ ވައަތު ކަންފަތްޕުޅުގައި ޤަމަތް ވިދާޅުވި ކަމަށް އޮވެ އެވެ. (އަލްބައިހަޤީ)

ހަމަ އަލްބައިހަޤީ، ޙަސަން ބުނު ޢަލީގެ ކިބައިން ރިވާކުރައްވާފައިވާ ގޮތުގައި "މީހަކަށް ދަރިޔަކު ލިބުމުން އެ ދަރިފުޅުގެ ކަނާތު ކަންފަތުގައި ބަންގި ގޮވައި ވާތު ކަންފަތުގައި ގަމަތް ދީފި ނަމަ ކުދިންނާ އަވަލައިގެން އުޅޭ ޖިންނިންގެ ކިބައިން ރައްކާތެރިވެވޭނެ" ކަމަށް ކީރިތި ރަސޫލާ ﷺ ހަދީސް ކުރެއްވި ކަމަށް އޮވެ އެވެ. މި ރިވާޔަތްތައް މައިގަނޑު ހަދީސެއްގެ ގޮތުގައި ގެނެސްފައި ނުވަނީ މި ރިވާޔަތްތަކުގެ ސަނަދުގައި ނިކަމެތި ކަމެއް އުޅޭތީ އެވެ. އޭގެ ތަފްސީލަކަށް މި ތަނުގައި ނުދާނަމެވެ. ނަމަވެސް މިފަދަ ނިކަމެތި ކަމެއް ރިވާޔަތްތަކުގައި ހުއްޓަސް އެއް ރިވާޔަތުން އަނެއް ރިވާޔަތަށް ބާރު ލިބޭތީވެ، އިލްމުވެރިން ވިދާޅުވެފައިވަނީ މި ބާވަތުގެ ހެޔޮކަންކަން ކުރުމުގައި މިފަދަ ހަދީސްތަކުގެ ބޭނުން ހިފޭނެ ކަމަށެވެ. ނަމަވެސް ޢަޤީދާއެއްގެ ގޮތުގައި މިފަދަ ނިކަމެތި ހަދީސްތައް ބަލައި ނުގަނެވޭނެ އެވެ.

ދަރިން ވިހެއުމުން ކަންފަތް ކައިރީ ބަންގި ގޮވުމުގެ މުހިންމުކަން

ޢައްލާމާ އިބްނުލްޤައްޔިމް ވިދާޅުވާ ގޮތުގައި ދަރިޔަކު ދުނިޔެއަށް އުފަންވާ އިރު، ބަންގި ގޮވަން ކީރިތި ރަސޫލާ ﷺ އިރުޝާދު ދެއްވާފައިވާ އިރު މިކަން ކުރުމުގެ ހިކުމަތެއް އޮންނާނެ އެވެ. އެ ހިކުމަތް އެންމެ މޮޅަށް ދެނެވޮޑީގެންވާނީ ﷲ އެވެ. އެކަމަކު، ފާޅުވެ ފެންނަ ހަގީގަތަކީ ދަރިއަކު ދުނިޔެ އަށް ނޭވާލުމަށް ފަހު، އެންމެ ފުރަތަމަ އިވޭ އަޑެއްގެ ގޮތުގައި ބަންގި ގޮވައިފި ނަމަ ހަމަ ޔަގީނުން ވެސް ތައުޙީދުގެ ކަލިމައިގެ އަޑު އެ ދަރިފުޅަށް އިވިގެންދާ ކަމެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި ބަންގީގެ ކަލިމަތަކުން ﷲ ގެ ކިބުރިޔާއުވަންތަކަމާއި މަތިވެރިކަން ހާމަ ކުރެވެ އެވެ. އިންސާނަކު މުސްލިމަކަށް ވުމަށްޓަކައި ކިޔަންޖެހޭ ޝަހާދަތުގެ ދެ ކަލިމަ އަޑުއިއްވާލެވިގެން އެބަދެ އެވެ. އެހެންކަމުން ﷲ ގެ އެއްކައުވަންތަކަމަށް އީމާންވުމާއި މުސްލިމަކަށް ވުން އެ ދަރިފުޅަށް އެބަ ލައި ދެވެ އެވެ. ނުވަތަ ތަލްޤީނު ކޮށްދެވެ އެވެ.

ބަންގި އާއި ގަމަތް މުހިންމުވާ ތިން ވަނަ ސަބަބަކީ ތައުހީދުގެ ކަލިމަ އާއި ޝަހާދަތުގެ ދެކަލިމައަކީ ޝައިތާނާ އަށް އަޑުއަހަން ފަސޭހަވާނެ އެއްޗަކަށް ނުވާނެތީ އެ ސޮރުގެ އުނދަގުލުން ސަލާމަތްވާން މަގެއް ކޮށުނީ އެވެ.

އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭނެ ފަދައިން މި މަރުހަލާގައި މި ކުޑަކުޑަ ދަރިފުޅަށް މި ކަލިމަތައް ދޭހަވެ އަގީދާއެއްގެ ގޮތުގައި ގަބޫލެއް ނުކުރެވޭނެ އެވެ. އަދި އެ ކަލިމަތަކުން އުފައްދައިދޭން ޖެހޭ ޖަޒުބާތެއް ވެސް އިހުސާސެއް ނުކުރެވޭނެ އެވެ. ނަމަވެސް މި ދެކަންތައް ވަރަށް ބޮޑަށް އެބަ ރަމްޒު ކުރެވެ އެވެ. އަހަރެމެންނަށް ނޭނގުނު ކަމުގައި ވިއަސް އެކަމުގެ މުހިންމު ތާސީރެއް އެ ދަރިފުޅަށް ކުރާނެ އެވެ.

ދަރިން ވިހާއިރު ބަންގި ނުވަތަ ބަންގި އާއި ގަމަތް ދިނުން މުހިންމު ވާ ދެ ވަނަ ސަބަބަކީ ކޮންމެ އިންސާނަކާ އެކު ޤަރީނެއްގެ ގޮތުގައި (ވަސްވާސް ދޭން ކައިރީގައި) ޝައިތާނެއް ހުންނަ އިރު ކުއްޖާ ދުނިޔެ އަށް އުފަންވާ ތަނުން ވެސް އެ ސޮރުގެ ވަސްވާހުގެ ދައުވަތު ދޭން ބޭނުންވާނެ އެވެ. އެކަމަކު ބަންގި ގޮވުމުން އެ ސޮރަށް ވުރެ ކުރިން އީމާންކަމާއި އިސްލާމްކަމުގެ ދައުވަތު ދަރިފުޅަށް ފޯރާ ގޮތް އެބަ މެދުވެރިވެ އެވެ. މި ހިސާބުން އެ ސޮރުގެ މަސައްކަތަށް ހުރަހެއް އެޅުނީ އެވެ.

ބަންގި އާއި ގަމަތް މުހިންމުވާ ތިން ވަނަ ސަބަބަކީ ތައުހީދުގެ ކަލިމަ އާއި ޝަހާދަތުގެ ދެކަލިމައަކީ ޝައިތާނާ އަށް އަޑުއަހަން ފަސޭހަވާނެ އެއްޗަކަށް ނުވާނެތީ އެ ސޮރުގެ އުނދަގުލުން ސަލާމަތްވާން މަގެއް ކޮށުނީ އެވެ. އެ ސޮރަށް ކުއްޖާއާ ގާތް ވާން އުނދަގޫވާނެ އެވެ. ކުރިން ފާހަގަކުރި ފަދައިން މި ހަދީސްގެ އެހެން ރިވާޔަތެއްގައި ސީދާކޮށް އެ ވާހަކަ ވެސް ބަޔާން ކުރެވިފައި އެބަވެ އެވެ. އާދެ، "އުންމުއްޞިބްޔާން" ގެ ކިބައިން ދުރުހެލި ކުރެވިގެން ވާނެކަން އެ ރިވާޔަތުގައި ވެ އެވެ. އުންމުއްޞިބްޔާން އަކީ ކުދިންނާ އަވަލާ ޝައިތާނެވެ.

ހަދީސުން ލިބޭ ތަރުބަވީ ފައިދާތައް

މި ހަދީސުން ލިބޭ ފައިދާތަކުގެ ތެރެއިން މުރައްބީންނަށް ޚާއްޞަ ފައިދާތަކެއް ވެ އެވެ. އެއް ފައިދާއަކީ، ދަރިން ތަރުބިޔަތު ކުރުމުގައި އެންމެ އިސްކަންދޭން ޖެހޭ ތަރުބަވީ އަރިމައްޗަކީ އެ ދަރިން ރޫހާނީ ގޮތުން ތަރުބިޔަތުކުރުން ކަމުގައި ހެދުމެވެ. މި ތަރުބިޔަތުގެ ދަށުން ދަރިފުޅު ވިހާތަނުން ބަންގި ނުވަތަ ބަންގި އާއި ގަމަތް ދިނުން ހަނދާން ނައްތާލައިގެން ނުވާނެ އެވެ.

ދެ ވަނަ ފިލާވަޅަކީ، ކޮންމެ އިންސާނަކަށް ވެސް ވަސްވާސް ދޭން ޝައިތާނަކު ހުންނައިރު އެ ސޮރުގެ ކިބައިން ދަރިން ސަލާމަތް ކުރަން އަބަދުވެސް މަސައްކަތް ކުރަން ޖެހޭނެ ކަމެވެ. މި ހަދީސްގެ އަލީގައި ބަލާއިރު ދަރިފުޅު ހަމަ ވިހާތަނުން މި މަސައްކަތް މި ޖެހެނީ ކުރާށެވެ. އެހެންކަމުން މިކަން މި ހިސާބުން ފެށިގެން އަބަދުވެސް ދަމަހައްޓަން ޖެހޭނެ އެވެ. ޝައިޠާނާގެ ކިބައިން ރައްކާތެރިކަން ހޯދަން ދުއާ ކުރަން ޖެހޭނެ އެވެ.

މި ދުއާ އަކީ އެއްދާން ކުރާއިރު ވެސް ވަރަށް މުހިންމު ދުއާ އެކެވެ. ހަމަ އެއާ އެކު، ދަރިން ކުރާ އެއްވެސް ކަމެއް އެއީ ޝައިތާނާ އަށް އެކަމެއްގެ ތެރެއިން ވަދެގަންނަން ފަސޭހަވާ ގޮތަށް ކުރެވޭ ކަމެއް ކަމުގައި ހަދައިގެން ނުވާނެ އެވެ. އޭގެ ބަދަލުގައި ޝައިތާނާ ރުޅި އަންނަ ނުވަތަ ފޫހިވާ ޒާތުގެ ކަންކަމަށް (އެބަހީ އަޅުކަންތައްތަކާއި ދުއާކު ރުމާއި އެހެނިހެން ހެޔޮޢަމަލުތަކަށް) ކުދިން ހާނުވަން ޖެހޭނެ އެވެ.

ތިން ވަނަ ފިލާވަޅަކީ، ދަރިން ތަރުބިޔަތު ކުރުމުގެ ނާރެހަކީ ތައުހީދުގެ ޢަޤީދާ ކަމުގައި ބަލަން ޖެހޭނެ ކަމެވެ. އެބަހީ އިންސާނާ ހުރިހާ އަރިމަތިތަކުން ތަރުބިޔަތު ކުރާއިރު ވެސް އޭގައި އީމާންކަމާއި އިސްލާމްކަމާއި އިހުސާންކަން ހިމެނެން ވާނެ ކަމެވެ. މިސާލަކަށް ދިރިއުޅުމުގެ ހުނަރެއް ދަސްކޮށްދިން ކަމުގައި ވިޔަސް އެކަމުގައި އިސްލާމްދީނާ ފުށުއަރާ އެއްވެސް ކަމެއް ހިމަނައިގެން ނުވާނެ އެވެ.

9 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮޑުރިޔާ

10 April 2024

100 ޕަސެންޓް މުސްލިމުން ކަމާ ދައުވާ ކުރާ ދިވެހިރާއްޖޭގައި ކިތަށް ހޮސްޕިޓަލްގައި ކުއްޖާ އުފަންވުމާ އެކު ތިޔަބުނާ ބަންގީގެ އަޑު އިއްވާތޯ

The name is already taken The name is available. Register?

ވި.ސް.ނާ

08 April 2024

މިޙަދީޘް ބަލިކަށި ކަމަށް އިވިފައިވަނީ. އެކަމަކު ނިކަން ވިސްނާލަބަލަ އުފަންވާއިރު އެއްކަންފަތުގަ ބަންގި އަނެއްކަންފަތުގަ ގަމަތް މި ދެވެނީ! އެކަމަކު ނަމާދެއް ކުރުމެއް ނޯވޭ! މީހާގެ ޙަޔާތް ނިމި ކަށުނަމާދު ކުރެވޭއިރު ބަންގިއެއް ގަމަތެއް ނޯވޭ، އިންނަނީ ހަމަ އެކަނި ނަމާދު! އެހެންވީމަ އުފަންވާއިރު މިއިންނަނީ ކަށުނަމާދަށް ބަންގިގޮވާ ގަމަތްވެސް ދީފަ!!! ހަޔާތް ކިތައްމެހާވެސް ކުރު ދެއްތޯ!!

The name is already taken The name is available. Register?

އެމް.ނިޔާޒާ

08 April 2024

ހަދީޘް ވެސް ލިޔެލަދިންނަމަ

The name is already taken The name is available. Register?

ޝަހީދާ ޝަހީމް

08 April 2024

ތީ އަރަބި ބައެއް ގައުމުތަކުގަ މާކުރީ ޒަމާނެއްގަ ކޮށްއުޅުނު ކަމެއް، ދީނީކަމަކަށް ހަދައިގެން ކުރާ ސަގާފީ ކަމެއް. ތިކަން ކުރުމަކުން ގޯހެއް ނެތް، ނުކުރިޔަސް އޯކޭ.

The name is already taken The name is available. Register?

ނަމަކަށް ކުރާ ކަމެއް، އެއްކޮށް ކިޔާލާތި

08 April 2024

ހޮސްޕިޓަލުން ވިހައިގެން ދަރި ފެނުނީމަ އެހީ ބަންގި ގޮވިންހޭ. ބުނީ އާއެކޭ، ދެން ހުރެފަ އަހާލެވުނީ ކާކުހޭ ގޮވީ، އެއްޗެކޭ ނުބުނީމަ އެނބުރި ހަތަރުކަޅި ހަމަކޮށްލީމަ ބުނީ ފޯނުން ބަންގި ޖެހީއޭ. ބުނިން އެހެންވިއްޔާ ކަނޑައެޅިގެން ދޮގު ނުހަދަ ފުރަތަމާނުންވެސް ބަންގި ޖެހީމޭ ބުނާށޭ، ދެން އަމިއްލައަށް ދަރިއަށް ބަންގި ގޮވާދިނީ. މީ ހޮސްޕިޓަލްތަކުން ކަންކުރާގޮތަކީ، މިއީ ކަންތައްތައް ރާވައިގެން މި ތިބޭ ގޮތަކީ

The name is already taken The name is available. Register?

ގވހ

08 April 2024

ސިޒޭރިއަން ހެދީ ހުޅުމާލޭ ހޮސްޕިޓަލުގައި.އެތާ އެތެރޭގައި ތިބީ އިންޑިޔާގެ ފިރިހެން ނަރުހުން.ތިއޭޓަރ ތެރޭގައި ހުރީ ވަރަށް އަޑުގަދަ ކޮށް ހިންދީ ލަވަ ޖަހާފައި.ދަރިފުޅަށް އެންމެ ފުރަތަަމަ އިވުނު އަޑަކީ އެ.ވަރަށް ދެރަވި.މަގޭ ހާލު ދެރަ ކަމުން އެއްޗެއް ބުނެވޭ ވަރެއް ނުވި

The name is already taken The name is available. Register?

ހަސަނަނާ

07 April 2024

ތި ހަދީސްގެ ސައްޙަ މިންވަރުގެ ވެސް ބަޔާންކޮށް ދިނުމަށް އެދެން! އަޅުގަނޑު އަޑުއެހިން މީވަރަަށް ބަލިކަށި ހަދީސެއްކަމަށް!

The name is already taken The name is available. Register?

އައްބެ

07 April 2024

އަންހެނުން ވިހަނީ ހޮސްޕިޓަލުގައި ފިރިމީހާއަށް ކުއްޖާ ފެންނަނީ އެތައް އިރެއްފަހުން. ބަންގި ގޮވޭއިރު އެކުއްޖާއަށް އެތަކެއް އަޑެއް އިވިފައި ހުންނަނީ. މުޅި ގައުމުގެ ހުރިހާކަމެއް ރޭވިފައިމިވަނީ ދީނަށް އުޅެން އުނދަގޫވާގޮތަށް. މިދިޔަ 15 ވަރަކަށް އަހަރު މިގައުމުގައި ކުރިއެރުވީ ލާދީނީ ކޮރަޕްޓް ޑިމޮކްރަސީ.

The name is already taken The name is available. Register?

މިހާލު

07 April 2024

މިހާރު ކުރީގެ ރަނގަޅު ހުރިހާކަމެއް ގޮއްސި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454