ބޮލީވުޑްގެ ތަރިން ކަމަށްވާ ވިދްޔާ ބާލަން އާއި މަދޫރީ ދިކްޝިތު.
16 އެޕްރީލް 2024 - 07:25
ބޮލީވުޑްގެ ހޮރޯ ކޮމެޑީ ފިލްމު ސީރީޒް "ބޫލް ބުލައްޔާ"ގެ ތިންވަނަ ފިލްމުގައި، އެ ފިލްމުގެ މަޝްހޫރު ލަވަ "އަމި ޖޭ ތޮމާރް"އަށް ވިދްޔާ ބާލަން އާއި މަދޫރީ ދިކްޝިތު ވެސް ނަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
"ބޫލް ބުލައްޔާ"ގެ ފުރަތަމަ ދެ ފިލްމަށް ލިބުނު ތަރުހީބު ބޮޑުވުމާ އެކު އެ ފިލްމުގެ އުފެއްދުންތެރިން ކަމަށްވާ އަނީސް ބަޒްމީ އާއި ބުޝަން ކުމާރް ވަނީ ތިންވަނަ ފިލްމެއް އިއުލާންކޮށްފަ އެވެ.
ވިދްޔާ އަކީ "ބޫލް ބުލައްޔާ"ގެ ފުރަތަމަ ފިލްމުގައި މި ފިލްމުގައި ފެންނަ ޖިންނި، މޮންޖުލިކާގެ ރޯލު ކުޅުނު އެކްޓްރެސް އެވެ. އަދި ތިންވަނަ ފިލްމުގައި ވެސް އޭނާ އެ ރޯލު ކުޅޭ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
ދެވަނަ ފިލްމުގައި ލީޑު އެކްޓަރުގެ ރޯލު ކުޅުނު ކާތިކް އަރްޔަން ތިންވަނަ ފިލްމުގައި ވެސް އުޅޭނެއިރު، ހާއްސަ ރޯލަކުން މަދޫރީ ވެސް ފެންނާނެ އެވެ. އަދި މުހިންމު ރޯލަކުން ތުރިޕްތީ ދިމްރީ ވެސް ފެންނާނެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމުގައި މަދޫރީ އާއި ވިދްޔާގެ ހާއްސަ ނެށުމެއް ގެނެސްދޭނެ އެވެ.
އެ ފިލްމަކީ މަދޫރީ އާއި ވިއްޔާ އެކުގައި މަސައްކަތް ކުރާ ތިންވަނަ ފިލްމެވެ. އަދި ކޯ-ސްޓާރުންގެ ގޮތުގައި ފެންނާނެ ފުރަތަމަ ފިލްމެވެ.
މިހާރު ޝޫޓިން ފަށާފައިވާ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ ނޮވެމްބަރު މަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy