16 އެޕްރީލް 2024 - 10:46
ބެއިޖިން (އޭޕްރީލް 16) – ބެއިޖިން ހާފް މެރަތަންގައި ވާދަ ކުރި ޗައިނާގެ ދުވުންތެރިޔާ ހީ ޖީ ވިން އަށް، ކެންޔާގެ ދުވުންތެރިޔާ ފުރުސަތު ދިނީ އެކުވެރިޔަކަށް ވާތީ ކަމަށް ކެންޔާގެ ދުވުންތެރިޔާ ވިލީ މެންގަޓް ބުނެފި އެވެ.
އާދިއްތަ ދުވަހު ބޭއްވި، ހާފް މެރަތަން (21 ކިލޯމީޓަރު) ގެ ރޭސް ނިންމާ މަންޒަރުގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވި އިރު ފެނިގެންދަނީ މެންގަޓް އާއި އެހެން ދުވުންތެރިން ސްޕީޑް ދަށްކޮށް، ހީ ޖީ ވިން އަށް ފުރުސަތު ދިން ތަނެވެ.
މެންގަޓާއި ކެންޔާގެ ރޮބަޓް ކެޓާ އާއި އިތިއޯޕިއާގެ ޑެޖީން ހައިލޫ ބިކިލާ އެކުގައި ދުވާ މަންޒަރު ވީޑިއޯ ފުޓޭޖުން ފެނެ އެވެ. އަދި އޭޝިއަން ގޭމްސްގެ މެރެތަން އިން ރަން މެޑަލް ހޯދި ހީ ޖީ ވަން އޮންނަނީ ތިން ދުވުންތެރިންގެ ފަހަތުގަ އެވެ.
ފިނިޝިން ލައިނަށް އިޝާރާތް ކޮށްލަމުން މެންގަޓް ހީ ޖީން ވިންގެ މޫނަށް ބަލަހައްޓައިގެން އިނދެ ފަހަތަށް ޖެހިލަމުން އިޝާރާތްކުރަމުން ދިޔައެވެ. ހީ ޖީ ވިން އެ ތިން ދުވުންތެރިން ފަސްދީ ގޮސް ކުރިއަށް އެރުމުން ވެސް އެ މީހުން ކުރިއަށް އަރަން އެއްވެސް މަސައްކަތެއް ނުކުރެ އެވެ.
ހީ ޖީން ވިން އަށް ރޭސް ނިންމަން ފުރުސަތު ދިނިންތޯ ސުވާލު ކުރުމުން މެންގަޓް ވަނީ އެ ފުރުސަތު ދިން ކަމަށް ބުނެފަ އެވެ.
"އޭނާ ކެންޔާއަށް އައީ، ވޫޒީ މެރެތަންގައި އަހަރެން [އޭނާ އަށް ޕޭސިން] ކުރަމުން ދިޔައީ، އެހެންވީމަ އޭނާ އަކީ އަހަރެންގެ އެކުވެރިއެއް،" މެންގަޓް ބުންޏެވެ.
އެކަމަކު އޭގެ ހަ ގަޑިއރު ފަހުން އޭނާގެ ވާހަކަ ބަދަލު ކުރި އެވެ. މެންގަޓް އޭނާގެ ވާހަކަ ބަދަލުކުރީ އޭނާއަކީ ޕޭސްމޭކަރެއް ކަމަށް ބުނެ އެވެ. އެހެންނަމަވެސް އޭނާގެ ބިބް ވެސް ހުރީ ހީ ޖީ ވިންގެ ބިބާ ގޮތަށެވެ. ޕޭސްމޭކާއެއްކަން ހާމަކޮށް ދޭން ތަފާތުކޮށްފައެއް ނުވެ އެވެ.
މި މައްސަލަ ފެންމަތިވުމާ އެކު ރޭސް އިންތިޒާމު ކުރާ ފަރާތުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. ވޯލްޑް އެތުލެޓިކްސްއިން ބުނީ އެ ރޭހުގެ ވީޑިއޯ ފްޓޭޖްތަކުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އަދި ލޯކަލް އިދާރާތަކުން މައްސަލަ ތަހުގީގު ކުރިއަށްގެންދާކަން އަންގާފައިވާ ކަމަށެވެ.
"ވޯލްޑް އެތުލެޓިކްސްގައި އެންމެ ބޮޑު އިސްކަމެއް ދެނީ ކުޅިވަރުގެ ނަޒާހަތްތެރިކަމަށް. މި ތަހުގީގު ކުރިއަށްދާއިރު އިތުރު އެއްޗެއް ބުނެވެން ނެތް،" ވޯލްޑް އެތުލެޓިކްސްއިން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy