24 އެޕްރީލް 2024 - 07:19
ލިވަޕޫލް (އޭޕްރީލް 24) – މި ސީޒަނަށް ފަހު ލިވަޕޫލްގެ ދޫކޮށްލާ ޔާގަން ކްލޮޕްގެ މަގާމު ފޫބައްދާނެ ކޯޗަކު ހޯދުމުގެ މަސައްކަތުގައި އެ ކްލަބުން ފައިނޯޑްގެ އާން ސްލޮޓަށް ގުޅައިފި އެވެ.
މީޑީއާ ރިޕޯޓްތައް ބުނާ ގޮތުން، ލިވަޕޫލްގެ ރެކްރޫޓްމެންޓް ޓީމުން ވަނީ ސްލޮޓްގެ މަސައްކަތާ މެދު ހިތްހަމަޖެހި އޭނާގެ ނަން، ޝޯޓްލިސްޓްކޮށްފަ އެވެ.
އެކަމަކު، އުމުރުން 45 އަހަރުގެ ކޯޗުގެ ޓްރާންސްފާއާ ބެހޭގޮތުން ލިވަޕޫލުން ފައިނޯޑާ އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އޭނާގެ މަސައްކަތް އެ ފައިނޯޑުން ވަރަށް ބޮޑަށް ބަލައިގަނެ އެވެ.
މިދިޔަ ހަފުތާ އޭނާ ވަނީ، އެ ކްލަބަށް ޑަޗު ކަޕު ކާމިޔާބުކޮށްދީފަ އެވެ. މިދިޔަ ސީޒަނުގައި 20 އަހަރުތެރޭ ފުރަތަމަ ފަހަރަށް ޑަޗު ލީގު އެ ކްލަބަށް ކާމިޔާބުކޮށްދިނެވެ. އޭނާ އާއެކު އޮތް ކޮންޓްރެކްޓް ހަމަވާނީ ޖޫން 2026 ގަ އެވެ.
ސްލޮޓަށް، ލިވަޕޫލުން ޝައުގުވެރިވާ އެންމެ ބޮޑު ސަބަބަކީ އޭނާ ކުޅުވާ އެޓޭކިން ގޭމާއި ޒުވާން ކުޅުންތެރިން ކުރިއެރުވުމަށް އޭނާ ކުރާ މަސައްކަތް ރަނގަޅުވުމެވެ.
ކުޅުންތެރިންގެ ޓްރާންސްފާ އަށް ފައިނޯޑުން 10 މިލިއަން ޑޮލަރު ވެސް ހޭދަ ނުކުރެ އެވެ. ގިނަ ކުޅުންތެރިން އެ ޓީމުން ރެކްރޫޓް ކުރީ ޓީމުގެ ޒުވާން ޓީމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy