ވިޔަފާރި

ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކުގެ ދަފްތަރުގައި ހިމަނަން ހުޅުވާލައިފި

މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ބޭއްވި ޓްރޭޑް ޔޫނިއަން ކޮންފަރަންސް. --ފައިލް ފޮޓޯ

25 އެޕްރީލް 2024 - 10:12

2 comments

އިންޑަސްޓްރިއަލް ރިލޭޝަންސްއާ ގުޅޭ ގާނޫނުގެ ދަށުން މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކުގެ ވަގުތީ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ފަށައި، އެ ދަފްތަރުގައި ނަން ހިމެނުމުގެ ފުރުސަތު ލޭބާ މިނިސްޓްރީން ހުޅުވާލައިފި އެވެ.

މިދިޔަ ޖެނުއަރީ މަހު ތަސްދީގު ކޮށްފައިވާ އެ ގާނޫނުގެ ދަށުން މަސައްކަތްތެރިންގެ ޖަމިއްޔާތައް އުފެއްދުމާއި އެފަދަ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ ހައްގު ކުރިއަރުވައި އެ ހައްގުތައް ކަށަވަރު ކޮށްދިނުމުގެ ގޮތުން ކުރާނެ ކަންކަން ވަނީ ބަޔާންކޮށްފަ އެވެ.

އެ ހައްގުތައް ލިބިދެވޭނެ ދާއިރާ އެކަށައެޅުމާއި މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފެއްދުމާއި އެފަދަ ޔޫނިއަންތައް ހިންގުމާގުޅޭ އުސޫލުތައް އެ ގާނޫނުގައި ހިމެނެ އެވެ.

ލޭބާ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ، ޖަމިއްޔާތަކުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކޮށްގެން މިހާރު ހަރަކާތްތެރިވާ ޖަމިއްޔާތައް ޓްރޭޑް ޔޫނިއަންގެ ގޮތުގައި ހަރަކާތްތެރިވުމަށް ފުރުސަތު ދިނުމަށްޓަކައި ވަގުތީ ދަފުތަރެއް އެކުލަވައިލަން ބޭނުންވާ ކަމަށެވެ.

އެހެންކަމުން، ރާއްޖޭގައި މިހާރު ހަރަކާތްތެރިވާ އެފަދަ ޖަމިއްޔާ ޖަމާއަތްތައް، ވަގުތީ ދަފްތަރުގައި ހިމެނުމަށްޓަކައި ފޯމު ހުށަހެޅުމުގެ ފުރުސަތު އެ މިނިސްޓްރީން ވަނީ ހުޅުވާލައިފަ އެވެ.

ގާނޫނުގެ މުހިންމު ބައެއް ބައިތައް

މި ގާނޫނުގެ ދަށުން ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހަޅުތާލުކުރުމުގެ ހައްގާއި ހިޔާލުފާޅުކުރުމުގެ ހައްގާއި ޓްރޭޑް ޔޫނިއަން ހެދުމުގެ މިނިވަންކަން ވަނީ ލިއްބައިދީފައި އެވެ.

އެކަމަކު، ރަޖިސްޓަރީ ކޮށްގެން ހިންގާ ޔޫނިއަންއަކުން އިންޑަސްޓްރިއަލް ފިޔަވަޅެއް އެޅޭނީ ނުވަތަ ހަޅުތާލެއް ހިންގޭނީ، އެ ޔޫނިއަންގެ މެމްބަރުންގެ މެދުގައި ސިއްރު ވޯޓެއް ނަގައި، އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ. އެ ނޫން ގޮތަކަށް ޔޫނިއަންއަކުން އަޅާ ފިޔަވަޅަކަށް 5،000ރ. އާއި 50،000ރ. ދެމެދުގެ އަދަދުގެ ޖޫރިމަނާ ކުރުމުގެ އަދަބު ގާނޫނުގައި ވަނީ ކަނޑައަޅައިފަ އެވެ.

ގާނޫނުގައި ބަޔާންކުރާ ގޮތަށް ޔޫނިއަނަކުން ފާސްކޮށްގެން އަޅާ އިންޑަސްޓްރިއަލް ފިޔަވަޅެއް ނޫނީ ހިންގާ ހަޅުތާލެއް ފެށުމުގެ 48 ގަޑިއިރު ކުރިން، އެކަމުގެ ނޯޓިސް ވަޒީފާ ދޭ ފަރާތަށް ދޭން ވާނެ ކަމަށް ބުނެފައިވެ އެވެ.

ޔޫނިއަންތަކަށާއި މެމްބަރުންނަށް ލިބޭ ހައްގެއް ބޭނުންކޮށްގެން ނުވަތަ ބޭނުންނުކޮށްގެން މަދަނީ ދައުވާއެއް ނުކުރެވޭނެ ކަމަށް ވަނީ ބަޔާންކޮށްފައި އެވެ.

މަސައްކަތްތެރިންނާއި ވަޒީފާ ދޭ ފަރާތްތަކުގެ މެދުގައި ކަލެކްޓިވް ބާގެއިނިން އެއްބަސްވުންތަކަށް ވާސިލުވުމުގެ މެކޭނިޒަމް ގާއިމްކުރުމާއި ވަޒިފާގެ މާހައުލުގައި އުފެދޭ މައްސަލަތައް ހައްލުކުރުމުގައި ތަރައްގީ ވެފައިވާ މުޖުތަމައުތަކުގައި އަމަލުކުރަމުންދާ ގާނޫނީ އުސޫލުތަކާ އެއްހަމައެއްގައި އަމަލުކުރެވޭނެ އުސޫލުތަކާއި އިޖުރާއަތުތައް ގާނޫނުގައި ވަނީ ކަނޑައަޅައިފަ އެވެ.

ކަލެކްޓިވް ބާގެއިނިންއަކަށް ދިއުމަށް ޕްރޮޕޯޒަލް ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި އެކަމުގެ މަޝްވަރާތައް ފެށުމަށް ވަނީ ލާޒިމްކޮށްފަ އެވެ. އެ މަޝްވަރާތައް ކުރިއަށް ގެންދަނިކޮށް، އެ ޔޫނިއަންއަކުން އިންޑަސްޓްރިއަލް ފިޔަވަޅެއް ނޫނީ ހަޅުތާލެއް ކުރުން ވަނީ މަނާކޮށްފަ އެވެ.

ކަލެކްޓިވް ބާގެއިނިން އަށް ފަހުގައި، އެއްބަސްވެވުނު ކަންކަމުގެ މައްޗަށް އެއްބަސްވުމެއް އެކުލަވާލައި ސޮއި ކުރަން ވާނެ ކަމަށް ގާނޫނުގައި ވަނީ ބުނެފަ އެވެ. މި ގޮތަށް ސޮއިކުރެވޭ އެއްބަސްވުންތަކަކީ، ހުރިހާ ބައިވެރިންގެ މައްޗަށް ގާނޫނީ ގޮތުން ބަނދެވިގެންދާނެ ސައްހަ އެއްބަސްވުންތަކުގެ ގޮތުގައި ގާނޫނުގައި ވަނީ ކަނޑައަޅާފައި އެވެ.

ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް ރަޖިސްޓަރީކުރުމާއި ގާނޫނާ ހިލާފުވާ ޔޫނިއަންތަކާ މެދު ފިޔަވަޅު އެޅުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ރަޖިސްޓްރާ އޮފް ޔޫނިއަންސް އަށެވެ. މި ގާނޫނު ރެގިއުލޭޓްކޮށް ބެލެހެއްޓުމަށްޓަކައި، ޑިރެކްޓާ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭޝަންސްގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމާއި 8 މެންބަރުންގެ މައްޗަށް އެކުލެވޭ "ޓްރައިޕާޓައިޓް އެޑްވައިޒަރީ ބޯޑު"ގެ ނަމުގައި ބޯޑެއް އުފެއްދުމުގެ އިތުރުން، އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނެއް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި އުފެއްދުމަށްވެސް ގާނޫނުގައި ވަނީ ބަޔާންކޮށްފަ އެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބިން ލާދިން

25 April 2024

ދަފްތަރު އޮޅާލާ. ވަގަށްއުޅޭ ބަންގާޅީން ފޮނުވާލާ. ސުޕަމެޖޫރިޓީ ދިނީ އެކަންކުރާން.

The name is already taken The name is available. Register?

އަޅި އަލީ

25 April 2024

މިހާރު ސްޕާ މެޖޯރިތީ އޮތްފަރާތުން އެކަން ނުކުރެއްވީނޫންތޯ! އަލަށް ހުވާ ކުރާ މަޖްލީހުން ތިޔަ ހިތް އެދޭ ގޮތައް އޮޅާލަދޭނެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454