ސިފައިންގެ ހިދުމަތުން ރިޓަޔާކުރުމަށް މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި އޭރު ހުންނެވި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ: އޭނާ ދެން ހަވާލުވެވަޑައިގަންނަވާނީ ތުރުކީގައި ހުންނަވާ ދިވެހި ސަފީރުކަމުގެ މަގާމާ.--- ފޮޓޯ: އެމްއެންޑީއެފް
07 މެއި 2024 - 09:09
ރާއްޖެ އިން ތުރުކީ އަށް ކަނޑައަޅާ ފުރަތަމަ ސަފީރަކަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފު ހަމަޖައްސަން ސަރުކާރުން ނިންމައިފި އެވެ.
ސިފައިންގެ ހިދުމަތުގައި 39 އަހަރު ވަންދެން އުޅުއްވުމަށް ފަހު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވޭ އުމުރު ގާނޫނީ ގޮތުން ހަމަވާތީ އަބްދުއްރަހީމް ރިޓަޔާ ކުރެއްވީ މިދިޔަ މަހުގެ 17 ގަ އެވެ.
ސިފައިންގެ ގާނޫނު ބުނާގޮތުން، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވޭނެ އެންމެ ދޮށީ އުމުރަކީ 60 އަހަރެވެ.
އަބްދުއްރަހީމަކީ އަސްކަރީ ދާއިރާގެ ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ އެމްއެންޑީއެފަށް ވަރަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އިސް އޮފިސަރަކެވެ. ރާއްޖޭގެ އަސްކަރީ ދާއިރާގެ ވަރަށް ގިނަ ކަންކަން ނިންމުމުގައި އެންމެ އިސްކޮށް މިދިޔަ ދުވަސްތަކުގައި އުޅުއްވި އެއްބޭފުޅަކީ ވެސް އެއީ އެވެ.
ވޯލްޑް ގަވަމަންޓްސް ފޯރަމްގެ ހަވާސާގައި ރައީސް މުއިއްޒާއި ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާންއާ ވަރަށް އެކުވެރި މާހައުލެއްގައި ވާހަކަފުޅު ދައްކާލައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ރާއްޖެ އާއި ތުރުކީއާ ދެމެދު މި ސަރުކާރު އައި ފަހުން އަންނަނީ ވަރަށް ބޮޑަށް ގުޅުން ބަދަހިކުރަމުންނެވެ. އެ ގުޅުމުގެ ތެރެއިން ތުރުކީގައި ފުރަތަމަ ފަހަރަށް ވަނީ ރާއްޖޭގެ އެމްބަސީއެއް މި އަހަރުގެ ފެބްރުއަރީ 13 ވަަނަ ދުވަހު ގާއިމްކޮށްފަ އެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ ވެސް ތުރުކީ އަށެވެ.
ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބާއި ރައީސް މުއިއްޒާ ދެމެދު ވެސް ވަރަށް ގާތް ގުޅުމެއް މިހާރު ވަނީ ބަދަހި ކުރައްވައިފަ އެވެ.
ދެ ގައުމުގެ ދެމެދުގައި އަސްކަރީ ގުޅުން ވަރަށް ބޮޑަށް ބަދަހިކޮށް އަދި ފުރަތަމަ ފަހަރަށް ރާއްޖެ އަށް އަސްކަރީ ޑްރޯން ވެސް ގެނައީ ތުރުކީ އިންނެވެ. އޭގެ ތެރެއިން ގިނަ އާލާތްތަކަކީ ތުރުކީގެ ހިލޭ އެހީ ކަމަށް ރައީސް ވިދާޅުވެފައި ވެ އެވެ. އޭގެ އިތުރުން ވެސް ރާއްޖެ އާއި ތުރުކީއާ ދެމެދު ވިޔަފާރީގެ އެކި އެއްބަސްވުންތައް ވަނީ ހަދައިފަ އެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިތާ ފަސް މަސް ދުވަސް ފަހުން، މިހާރު ވަނީ އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލިހުން ގިނަ ސަފީރުންތަކަކަށް ރުހުން ދީފަ އެވެ. އެކަމަކު، އޭގެ ތެރެއިން ގިނަ ބޭފުޅުންގެ ނަންތައް ރައީސް މުއިއްޒު ވަނީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ވަރަށް ކުރީ ކޮޅު ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯއްދަވަން ފޮނުއްވައިފަ އެވެ. ނަމަވެސް އެ ނަންތަކާ މެދު ވަކި ގޮތެއް ނުނިންމައި މިދިޔަ ހަފުތާއާ ހަމައަށް މަޖިލިހުން ހިފެހެއްޓީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝައްމާހް އަލީ
08 May 2024
މިހާރު ޓުރުކީގަ ވަރަށް ގިނަ ދިވެހީން ދިރިއުޅޭ. ރައީސް މުއިއްޒް އެތާގަ އެމްބަސީއެއް ހުޅުވުމަކީ ވަރަށް ރަނގަޅަށް ކުރި ކަމެއް. މި ބޭފުޅާއާއެކު އަހަރުމެންނަށް ދިމާވާ އެކި މައްސަލަތައް ދެން ހައްލު އަވަހަށް ލިބިގެންދާނެ. މިހާރު ވަރަށް ދަތި
ސިފަތުﷲ ހަސީބް
08 May 2024
ޕާސަނަލީވެސް އައްދުއްރަހީމް ދަންނަން. ގާބިލަ އަދި ވަރަށް ކަމާވެގެން އުޅޭނެ. ހައްލު ނުލިބެނީސް ދޫކޮށްނުލާނެ.
އަފްރާހް މުހައްމަދު
08 May 2024
އެމްއެންޑީއެފްގަވެސް އެހާ ހިންގުންތެރި ހައި ރޭންކިން ބޭފުޅެއް. ފުރިހަމަ ޔަގީންކަން އެބައޮތް.
އާނިގާ
08 May 2024
39 އަހަރު ޗީފް އޮފް ޑިފެންސްގަ އަބްދުއްރަހީމް އަބްދުއްލަތީފު އުޅުނިއްޔާ ތި އެމްބަސީ ވަރަށް ފުރިހަމަކޮށް ކުރިޔަށް ދާނެ
މަލްސާ
08 May 2024
މި ނިންމުމުން އެތަށް ބަޔަކަށް ފައިދާ ވާނެ ކަން ޔަގީން ރައީސް ކަން ކުރާނީ އެންމެނަށްވެސް އެންމެ ރނގަޅަށް
ނޮއްނު
08 May 2024
ކުރީގެ ޗީފް އޮފް ޑިފެންސް ވިއްޔާ އެއީ އެންމެ ރަނގަޅު ޗޮއިސް
ރާއިލް
08 May 2024
ތަޖުރިބާކާރު މީހެއް ކަމުގަ ހުނަރު ހުއްނާނެ
ރިޓަޔަމެންޓް
07 May 2024
ތި ކަމަކު ނުދޭ. ވަރަށް ގިނަ ޤާބިލު ޒުވާނުން ކިޔަވާނިމުމުން އެމީހުންނަށްވެސް ޑިޕްލޮމެޓިކް ދާއިރާއަށް ވަނުމުގެ ފުރުސަތު ފަހިވާން ޖެހޭނެ. ތީ ވަޒީފާތައްވެސް އޭގެ ހައްޤުވެރީންގެ މެދުގައި ބެހިގެންދާންވާނީ. ދިވެހި ދަޢުލަތުގެ ވާޒީފާއިން ރިޓަޔަރ ކުރުމުން އެމީހަކަށް ދަޢުލަތުން އަނެއްކާ ވަޒީފާ ދިނުމަކީ ކޮށްގެންވާނެ ކަމެއްނޫން. އަބްދުއްރަހީމުގެ ރިޓްޔަރމެންޓް ބެނިފިޓްސް ޖެހޭނީ ކަނޑާލަން.
ޓިނޭ
07 May 2024
މަށަށް ދެން ލިބޭ ފިރިހެންދަރިޔަކަށް ކިޔާނީ އަބްދުއްރަހީމް.
ކެނެޑީ
07 May 2024
އަބްދުއްރަހީމް ކިޔައިފިޔާ ހަމަ ނަސީބު ގަދައިދޯ