ރައީސް ޑރ. މުހައްމަދު މުއިއްޒު ތިން ގައުމަކަށް މިއަދު ސަފީރުން އައްޔަން ކުރައްވައިފި އެވެ. ރައީސް އޮފީހުން ބުނީ، އެންމެ ފަހުން ސަފީރުން އައްޔަންކުރެއްވީ ބަންގްލަދޭޝް އާއި ތުރުކީ އަދި ޕާކިސްތާނަށް ކަމަށެވެ.
ރާއްޖެ އިން ބަންގްލަދޭޝް އަށް އައްޔަންކުރެއްވީ ސ. ހުޅުދޫ، އަސަރީގެ ޝިއުނީން ރަޝީދެވެ. ތުރުކީ އަށް ހަމަޖެއްސެވި ފުރަތަމަ ސަފީރަކީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނަންޓް ޖެނެރަލް އަބްދުއްރަހީން އަބްދުއްލަތީފެވެ. ޕާކިސްތާނުގައި ހުންނަވާ ދިވެހި ސަފީރަކަށް ރައީސް އައްޔަން ކުރެއްވީ ނ. ހޮޅުދޫ އުފަންވެލި މުހައްމަދު ތޯހާ އެވެ.
މި ތިން ބޭފުޅުންވެސް ސަފީރުކަމަށް އައްޔަންކުރެއްވީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގަ އެވެ.
ފޮރިން ސާވިސްގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ޝިއުނީން، ބަންގްލަދޭޝްގެ ސަފީރުކަމަށް އައްޔަންކުރުމާ ހަމައަށް ހުންނެވީ ޖޮއިންޓް ސެކްރެޓަރީއަކަށެވެ.
ސިފައިންގެ ހިދުމަތުން މިދިޔަ އޭޕްރީލް މަހު އަބްދުއްރަހީމް ރިޓަޔާކުރެއްވިއިރު ހުންނެވީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގަ އެވެ.
ތޯހާއަކީ ގާނޫނީ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ނ. ހޮޅުދޫ ދާއިރާ އަށް ޕީއެންސީގެ ޓިކެޓު ހޯދަން ޕްރައިމަރީގައި އޭނާ ވާދަކުރެއްވި އެވެ. ނަމަވެސް، އެ އިންތިހާބުން ނާކާމިޔާބުވި އެވެ.