ރަފަލްސް މޯލްޑިވްސް ރިސޯޓް: މޫދަށް ފޭބި އެ ރިސޯޓްގެ ދޯންޏެއްގެ ފަޅުވެރިއަކު ގެއްލިގެން ދަނީ ހޯދަމުން
19 މެއި 2024 - 18:27
ގދ. އަތޮޅުގައި އޮންނަ ރަފެލްސް މޯލްޑިވްސް ރިސޯޓުން މިއަދު ހެނދުނު ކަޔަކެއްގައި މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަނީ އެ ރިސޯޓުގެ ދޯނީގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހެކެވެ.
ފުލުހުން ބުނީ އެ މީހާ ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 3:30 ހާއިރު ކަމަށެވެ.
އެމީހާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަމުން ދާއިރު، ރާއްޖޭގެ ދެކުނަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، އިއްޔެ ވަނީ ފުވައްމުލަކުން ފެށިގެން އައްޑުއާ ހަމައަށް ނެރުނު އޮރެންޖް އެލާޓް ވެސް ގިނައިރުތަކެއް ވަންދެން ދަންމާލައިފަ އެވެ.
މިއަދު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކޮށް ވިއްސާރަކޮށް، ވައިގަދަވެ އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކޮށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ. އަދި ބޮޑުދިޔައިގައި ބައެއް ރަށްތަކަށް އުދައެރުން ވެސް އެކަށީގެންވާތީ އެކަމަށް ސަމާލުވާން މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy