އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި "ފްލައި އޯވާ" ބްރިޖެއްގެ ހިޔަލުގައި ބަޔަކު އޮށޯވެގެން: އުތުރު އިންޑިއާގައި އާދަޔާ ހިލާފަށް ހޫނު ގަދަ. -- ފޮޓޯ: އޭއެފްޕީ
04 ޖޫން 2024 - 05:38
ގަސް ނުކެނޑުމަށާއި ދަނޑު ހެއްދުމަށް ފަހު ގޮވާ ކަނޑާފައި ދަނޑުތައް އެންދުން ފަދަ ކަންކަން ނުކުރުމަށް، އިންޑިއާގެ އެންމެ ނުފޫޒު ގަދަ އެއް އިސްލާމީ މަރުކަޒުން ފަތުވާއެއް ނެރެފި އެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި ދުނިޔެ ހޫނުވުމާ ދެކޮޅަށް މަސައްކަތްކުރުމަށް އިސްލާމީ މިފަދަ އިރުޝާދުތަކަށް ތަބާވާންޖެހޭނެކަން ހަނދާންކޮށްދީ މި ފަތުވާ ނެރެފައި މި ވަނީ އިންޑިއާގެ އުތުރުގެ ވަރަށް ބޮޑު ސަރަހައްދަކަށް 45 ޑިގްރީ ސެލްސިއަސް އަށްވުރެ ވުރެ ހޫނު ގަދަވެ އެތައް ބަޔަކު މަރުވެފައި ވަނިކޮށެވެ.
"އެންމެ ގަހެއް ވެސް ނުކެނޑުމަށާއި ދަނޑުބިންތަކުގައި ހުޅު ނުޖެހުމަކީ ކޮންމެ މުސްލިމަކު ވެސް ޔަގީންކުރަން ޖެހޭނެ ކަމެއް،" އިސްލާމިކް ސެންޓަ އޮފް އިންޑިއާގެ ޗެއާމަން ޚާލިދު ރަޝީދު ފަރަންގީ އޭއެްޕީ އަށް ވިދާޅުވި އެވެ.
ލަކްނޯ ސިޓީގެ އިސްލާމީ އިލްމުވެރިންގެ ތެރެއިން އިސް ބޭފުޅެއް ކަމަށްވާ މަހަލް، އަމަލުކުރުން ލާޒިމް ނުވާ ގޮތަށް އާދީއްތަ ދުވަހު ނެރުއްވި ފަތުވާގައި ވަނީ ފެހިކަން ދެމެހެއްޓުމާއި ފެނަށް ރައްކާތެރިވުމުގެ ވާހަކަ ކީރިތި ގުރުއާނުގައި ވެސް އައިސްފައިވާ ކަމަށެވެ.
"ގަސްގަހާގެއްސާއި ދަނޑުބިންތައް އެންދުމަކީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް މަނާކުރައްވާފައި ކަމެއް،" ފަތުވާގައިވެ އެވެ.
އޭނާ ވަނީ ދީނީ ދަރުސްތަކާއި ހުތުބާތަކުގައި ވެސް މިކަމަށް ބާރުއަޅަން އިލްމުވެރިންނަށް ގޮވާލައްވައިފަ އެވެ.
"މާނައެއް ނެތް ގޮތެއްގައި ގަހެއް އިންދުމަށްވުރެ، މިހާރު ހުރި ގަސްތައް ހިމާޔަތްކުރުމުގެ ފައިދާ މާ ބޮޑު،" ފެން ކޯރުތަކާއި ކަނޑުތައް ތަޣައްޔަރުވާނެ ފަދަ ކަންކަން ނުކުރުމަށް ނަސޭހަތް ދީފައިވާ ފަތުވާގައިވެ އެވެ.
މިދިޔަ ހަފްތާގައި އިންޑިއާގެ ކޯޓަކުން ވަނީ ގަދަ ހޫނުގެ ސަބަބުން މީހުން މަރުވަމުންދާ މައްސަލައާ ގުޅިގެން ސަރުކާރުން މުޅި ގައުމުގައި އިމަޖެންސީ އިއުލާނުކޮށް ކަމާ ގުޅުން ހުރި ފިޔަވަޅުތައް އެޅުމަށް އަމުރެއް ވެސް ނެރެފަ އެވެ.
އިންޑިއާ އަކީ އަބަދުވެސް ހޫނުގެ މައްސަލަ ބޮޑު ގައުމަކަށް ވިޔަސް މޫސުމަށް އަންނަމުންދާ ބަދަލުތަކާ އެކު ހޫނު އިތުރަށް ގަދަވުމާއި ހޫނު ގަދަ ދުވަސްތައް ގިނަވުން ފަދަ ކަންކަން މެދުވެރިވާކަން ސައިންޓިފިކް ދިރާސާތަކުން ވަނީ ހާމަވެފަ އެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު ޝިޔާމް
04 June 2024
ރާއްޖޭގެ ފަތުވާ މަޖިލީހުންވެސް އެބަޖެހޭ މިކަހަލަ ފަތުވާއެއް ނެރެން...ކޮންމެ ރަށެއްގެ މަގުތައް ހަދާއިރު މަގުމަތީގައި އިންދާފައި ހުންނަ ބޮޑެތި ގަސްތައް ކަނޑާތީ.