ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ލަންކާގެ ފޮރިން މިނިސްޓަރު އަލީ ސަބްރީއާއެކު ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުން: އެ ބައްދަލުވުމުގައި ވަނީ ދެ ގައުމުގެ ދެމެދު ގިނަ ކަންކަމާ މަޝްވަރާ ކުރައްވާފައި-- ފޮޓޯ: ފޮރިން މިނިސްޓްރީ
05 ޖޫން 2024 - 20:32
ގިނަ ދާއިރާތަކުން ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ސްރީލަންކާގެ ފޮރިން މިނިސްޓަރު އެމްޔޫއެމް އަލީ ސަބްރީ މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
އެ މަޝްވަރާ ބައްދަލުވުމަކީ ތިން ދުވަހުގެ މުއްދަތަށް ޒަމީރު ލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރޭގައި ސަބްރީ އާ ބައްދަލުކުރައްވައި ދެ ގައުމުގެ މެދުގައި ބޭއްވުނު ރަސްމީ ވާހަކަތަކެވެ.
އެ ބައްދަލުވުމަށްފަހު ޒަމީރު އިއްވެވި ބަޔާނުގައި ވިދާޅުވީ ދެ ގައުމުގެ އިގްތިސާދު ކުރިއެރުވުމާއި ތައުލީމާއި ވިޔަފާރި އަދި ސިއްހީ ދާއިރާ ކުރިއެރުވުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ ބައްދަލުވުމުގައި މަސްވެރިކަމަށް ދެ ގައުމުން ވެސް ބަރޯސާވެފައިވާ އިރު، ދެ ގައުމުގެ ހާއްސަ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް މަޝްވަރާތަކުގައި އަލިއަޅުވައިލެވުނު ކަމަށެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ލަންކާގެ ފޮރިން މިނިސްޓަރު އަލީ ސަބްރީއާއެކު ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުން-- ފޮޓޯ: ފޮރިން މިނިސްޓްރީ
- ސަލާމަތާއި ދިފާއީ ދާއިރާގައި ރާއްޖެ އާއި ލަންކާ އިން މިހާރު ވެސް ފުޅާ ދާއިރާއެއްގައި އެއްބާރުލުން ދެމުންދާއިރު، ދެ ގައުމުގެ ކަމާގުޅޭ އިދާރާތަކަށް ތަމްރީނުގެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުން.
- މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ގައުމުތަކުގެ ތެރޭގައި ރާއްޖެ އާއި ލަންކާ ހިމެނޭއިރު، މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމުގައި މިހާރަށް ވުރެ ހަލުވި އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ދެ ބޭފުޅުން ވެސް މަޝްވަރާ ކުރެއްވި.
ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ލަންކާގެ ފޮރިން މިނިސްޓަރު އަލީ ސަބްރީއާއެކު ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ބޭފުޅުން-- ފޮޓޯ: ފޮރިން މިނިސްޓްރީ
- ޓެރަރިޒަމާއި ހަރުކަށި ފިކުރާއި، މަސްތުވާތަކެއްޗާއި، އިންސާނީ ވަގުފާރި ހުއްޓުވުމާއި، އިންސާނީ ހައްގުތައް ކުރިއެރުވުމާއި ހިމާޔަތްކުރުމަށް މަޝްވަރާ ކުރެއްވި.
އޭގެ އިތުރުން އިޒްރޭލުން ފަލަސްތީނުގެ ޣާއްޒާގައި ދެ ގައުމުން ވެސް ނަގާފައިވާ ސްޓޭންޑު ތަކުރާރުކޮށް، ވީއެންމެ އަވަހަކަށް ދާއިމީކޮށް ހަނގުރާމަ ހުއްޓާލައި، ޣާއްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ލިބޭނެ ކަމަށް ދެ ގައުމުން ވެސް އުއްމީދުކުރާ ކަމަށް ޒަމީރު ހާމަކުރެއްވި އެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ލަންކާގެ ފޮރިން މިނިސްޓަރު އަލީ ސަބްރީއާއެކު ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުން ނިންމަވާލައްވައި ވާހަކަ ދައްކަވަނީ-- ފޮޓޯ: ފޮރިން މިނިސްޓްރީ
ޒަމީރުގެ މި ދަތުރުފުޅުގައި ސަބްރީގެ އިތުރުން ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އާ ވެސް މިއަދު ވަނީ ބައްދަލުކުރައްވައިފަ އެވެ. މިނިސްޓަރު އިއްޔެ ވަނީ ލަންކާގެ ބައެއް ވިޔަފާރިވެރިންނާއި، ސިޔާސީ ލީޑަރުންގެ އިތުރުން ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ. ލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިނިސްޓަރު ރާއްޖެ ވަޑައިގަންނަވާނީ މާދަމާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުޒުކީ
06 June 2024
ހުސް އަގަ. ޢެމް އޯޔޫއެއްގަ ސޮއިކޮއްގެން ދެން ހަބަރެއް ނުވާނެ. މިހެން ހަމަ ފޮޑިއެއް ޖަހާއިރައް ސިޔާސަތު މޮޅޭ ކިޔޭކައްނެއް. ބޭނުމީ ރިސަލްޓްސް.
މިޒްނާާ
06 June 2024
މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ވަރަށް ހަބޭސް.
މާހިލްް
06 June 2024
އިންޑީޔާއެކޭ އެއްފަދައިން ލަންކާއަކީވެސް ރާއްޖޭގެ އަވައްޓަރި ގައުމެއް. ދެ ގައުމް އެކު ކުރިމަގު ކޮށާ ދެގައުމުގެ ރައްޔިތުންނަށް މަންފާވާ ގިނަ ކަންކަން ކުރެވޭނެ.
އަފްނާންް
06 June 2024
ލަންކާއާ ރާއްޖެއާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވޭނެކަމަށް ގަބޫލުކުރެވޭ.